އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލިބޭ އާމްދަނީ އެކުގަ އަނބިދަރިންނަށް ޚަރަދުކުރަމުން އަތްމަތި ދަތިޙާލުގަވެސް ތަނަވަސް ދިރިއުޅުމަކަށް އުންމީދުކުރި މީހަކަށް ލެއްވެވި ރަހްމަތުގެ ވާހަކަ-

ލިބޭ އާމްދަނީ އެކުގަ އަނބިދަރިންނަށް ޚަރަދުކުރަމުން އަތްމަތި ދަތިޙާލުގަވެސް ތަނަވަސް ދިރިއުޅުމަކަށް އުންމީދުކުރި މީހަކަށް ލެއްވެވި ރަހްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 34 ސިކުންތު

އަހަރެންނަކީ ލިބޭ މުސާރައިން ކިރިޔާ ދެކޮޅުޖެހޭ މީހެކެވެ. 2 ދަރިންނާއި އަނބިމީހާ ބެލެހެއްޓެނީ ހަމަކިރިޔާއެވެ. ނަމަވެސް އަހަރެން ފަޚުރުވެރިވަމެވެ. އެއީ ލިބޭ މުސާރައިން އެއްވެސް މިންވަރެއް އިސްރާފްނުކޮށް އަނބިދަރިންނަށް ޚަރަދުކޮށްގެން ދިރިއުޅޭތީއެވެ. އަހަރެން އަބަދުވެސް އުންމީދުކުރަމުން އައީ އަތްމަތި ތަނަވަސް އުފާވެރި ދިރިއުޅުމެއް އުޅެވޭނެ ދުވަހަކަށެވެ. 

އެއިރު ދޮށީ ދަރިފުޅަށް 4 އަހަރެވެ. ދެވަނަ ދަރިފުޅަށް 2 އަހަރެވެ. އެއްދުވަހު ގެއަށް އައިއިރު އަނބިމީހާ ގެއަކު ނެތެވެ. ގޭގައި ތިބީ 2 ދަރިން އެކަންޏެވެ. ބަލައިލިއިރު މޭޒުމަތީގައި އޮތީ ނޯޓެކެވެ. އެ ނޯޓުގައިވަނީ "ދަތިޙާލުގައި އަބަދު އުޅެއުޅެ ދިރިއުޅުންމަތިން ފޫހިވެއްޖެއެވެ. ދެން އިތުރަށް ކެތެއް ނުކުރެވޭނެއެވެ. އަހަރެން މިދަނީއެވެ." 

ވަރަށް ދެރަވިއެވެ. 2 ދަރިން ބަލަމުން ވަޒީފާއަދާކުރާނެ ގޮތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ކުޑަދަރިފުޅު ދޫކޮށްލާފައި މަސައްކަތު ދާނެގޮތަކާއިމެދު ވަރަށް ބޮޑަށް ކަންބޮޑުވިއެވެ. ނަމަވެސް ނުގޮސްވެސް ކުރާނީ ކީއްހެއްޔެވެ؟ ފައިސާ ލިބިގެން ނޫނީ ދަރިންވެސް ނުބުބެލެހެއްޓޭނެތީއެވެ.

އެކަމާއި ވަރަށް ބޮޑަށް ކަންބޮޑުވެފައި ހުއްޓައި އެކުވެރިއަކު މަގެއް ދައްކައިފިއެވެ. އެއީ ދުއްވާނެ ޓެކްސީއެއް ދިނުމެވެ. ބޮޑު ދަރިފުޅު ސްކޫލަށްލާފައި ޓެކްސީ ކުރަނީ ކުޑަދަރިފުޅު ގޮވައިގެންނެވެ. އެފަދަ ގޮތަކަށް އުޅެމުންދަނިކޮށް ކޮންމެ ދުވަހަކު ދަތުރުކުރާ އަންހެނެއްގެ ހިތުގައި ކުޑަދަރިފުޅަށް ލޯބިއުފެދުނެވެ. އަދި އަހަރެން ކޮންމެ ދުވަހަކު ދަރިފުޅުގޮވައިގެން ޓެކްސީކުރާ ސަބަބާއިމެދު ސުވާލުކުރުމުން ކަންކަން މެދުވެރިވި ގޮތް ކިޔައިދިނީމެވެ. 

އެއްދުވަހު އޭނާ ބުނީ އަހަރެންގެ ގެއަށް ގޮސް ދޮށީ ދަރިފުޅާއި ބައްދަލުކުރަން ބޭނުން ކަމަށެވެ. އެހެން ބުނުމުން އޭނާ ގެއަށް ގެއަށް ގެނައިމެވެ. ދެދަރިން ފެނުމުން އޭނާގެ ހިތަށް ރަޙުމްވަދެ ދެކުދިން ބަލައިދޭން ފަށައިފިއެވެ. 

ކޮންމެ ދުވަހަކު ހަވީރު ގެއަށް އައިސް ކުދިން ނިދަންދެން ގޭގައި އުޅެ ދެކުދިން ބަލައިދޭން ފަށައިފިއެވެ. ގޭތެރޭގެ ކަންކަން ކޮށްދީ ބަލަހައްޓައިދޭން ފަށައިފިއެވެ. ދުވަސްކޮޅަކު އެގޮތަށް އުޅުނުތަނާ ދެމީހުންވެސް އެކަކު އަނެކަކަސް ބޭނުންވެގެން ކައިވެނިކުރީއެވެ. 

އޭނާވީ އަތުގައި ފައިސާކޮޅެއްހުރި އަންހެނަކަށެވެ. އޭނާ ބުނީ އަމިއްލައަށް މަސައްކަތެއް ފަށާވަރަށް އޭނާގެ އަތުގައި ފައިސާއެބަހުރިކަމަށާއި ފައިސާދީފާނެ ކަމަށެވެ. އޭނާ ފައިސާ ދިނުމުން ގޭގައި ކާރު ގަރާޖެއް ހުޅުވައި ހިންގަން ފެށީއެވެ. އަހަރެންނަކީ އިންޖިނޭރެކެވެ. ވީމާ މަސައްކަތް ފެށުމަކީ އުނދަގޫކަމަށް ނުވިއެވެ. އެންމެ މީހަކު ގޮވައިގެން ކުރަންފެށި މަސައްކަތްފުޅައުވެ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އެތަނަކީ 10 ވަރަކަށް މުވައްޒިފުން މަސައްކަތްކުރާ ރަނގަޅު ފެންވަރުގެ ވޯކްޝޮޕަކަށް ބަދަލުކޮށްލެވިއްޖެއެވެ.

ދެވަނަ ކައިވެންޏަށް 7 ވަނަ އަހަރު ދަރިންގެ މަންމަ ގެއަށް އައިސް ބުނީ ދަރިންނަށް މަންމަގެ ލޯބި ބޭނުންވާނެތީ ދަރިން ބަލަން ގޭގައި އިންނަން ބޭނުންވާ ކަމަށެވެ. އަދި ދެއަންތބަށް ނަމަވެސް ކައިވެނިވެސް ކުރަން ބޭނުން ކަމަށެވެ. ޖަވާބުގައި އަހަރެން ބުނީ ދަރިންނަށް މަންމަގެ ލޯބި އެންމެ ބޮޑަށް ބޭނުންވި ލޯބިނުދީ ދެ ދަރިން އެއްލާލާފައި ދާންކެރުނު މަންމައެއްގެ ހިތުގައި ދަރިންނަށް އެއްވެސް ކުލުނެއް ހަމްދަރުދީއެއް އޮންނާނެ ކަމަށް ޤަބޫލުކުރާކަމަށެވެ.

ދެން އެދުނީ ނޯކަރަކަށް ނަމަވެސް ގޭގައި ބައިންދައިދިނުމަށެވެ. އެކަމަށްވެސް އަހަރެން ދެކޮޅުހެދީމެވެ. އެއީ ގޭގައި ބައިންދައިފިނަމަ އުފައްދާ ފިތުނައަކުން އަހަރެމެންގެ ދިރިއުޅުމަށް ނުރަނގަޅު އަސަރެއް ކޮށްފާނެތީއެވެ. އެހެންވެ އޭނާ ބޭނުންވި އެއްވެސް ގޮތަކަށް އަހަރެން ނުރުހި ފޮނުވައިލީއެވެ. 

ކުރުގޮތަކަށް މިކިޔައިދިނީ އަހަރެންގެ ޙަޔާތުގެ ވާހަކައެވެ. އެކަކީ ކުޑަކުޑަ ދެދަރިން އެއްލާލާފައި ތަނަވަސްކަން ފަހަތުން ދާންކެރުނު އަންހެނެކެވެ. އަނެކަކީ ހަމައެދެކުދިންގެ މައްޗަށް ހިތުގައި ރަޙުމް އުފެދި ދެކުދިންގެ ބުރަ އުފުލަން އަމިއްލައަށް އިސްނެގި އަންހެނެކެވެ. އަންހެނުންނަކީ ގޯސްބައެއް ކަމަށް ބުނާކަށް ނެތީމެވެ. އަންހެނުންގެ ތެރޭގައި ވެސް ފިރިހެނުންގެ ތެރޭގައިވެސް ނުބައި ނުބައި މީހުން ތިބޭނެއެވެ. 

ދެން އަހަރެން ފާހަގަކުރާނެ ކަމަކީ އަހަރެންނަށް ލިބުނު އާމްދަނީން އިސްރާފްނުކޮށް އަނބިދަރިންނަށް ޚަރަދުކުރިކުރުމެވެ. އެގޮތަށް ކަންކަން ކުރަމުން ދަތިޙާލުގައި އުޅުނުއިރުވެސް ތަނަވަސް ދިރިއުޅުމަކަށް އުންމީދުކުރީމެވެ. އެ އުންމީދުގައި ޙަޤީޤީ ކުލަ ޖެހިގެންދިއަގޮތް ނިކަން ދެކިބަލާށެވެ! އަނބިދަރިންނަށް ހޭދަކުރާނަމަ ލައްވަވާނެ ރަޙްމަތް ބޮޑުވާނެކަމަށް ޢިލްމުވެރިން ވިދާޅުވާ ބަސްފުޅުގެ ތެދުކަން ނިކަން ދެކިބަލާށެވެ! 

އަހަރެންގެ މިވާހަކަކޮޅުން އަނބިންނަށްވެސް ފިރިންނަށްވެސް ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ! 

- ޢަބްދުލްޤާދިރު ޚާން / ފައިސަލް އާބާދު، ޕާކިސްތާން

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް