އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ލޯބިވެރިޔާ ނިޔާވުމުންވެސް އޭނާދެކެ ލޯބިވާވަރުން އޭނާގެ ދަރިފުޅު ކުޑައިރު ޙާލުގަ ޖެހުމުން ދަރިއެއްފަދައިން އެހީތެރިވެ އަމިއްލަ ދަރިއަކަށް ހެދި މީހެއްގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ލޯބިވެރިޔާ ނިޔާވުމުންވެސް އޭނާދެކެ ލޯބިވާވަރުން އޭނާގެ ދަރިފުޅު ކުޑައިރު ޙާލުގަ ޖެހުމުން ދަރިއެއްފަދައިން އެހީތެރިވެ އަމިއްލަ ދަރިއަކަށް ހެދި މީހެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 18 ސިކުންތު

އަޅުގަނޑުގެ މަންމަ ވަނީ އަޅުގަނޑު ވަރަށް ކުޑައިރު ނިޔާވެފައެވެ. މަންމަ ނިޔާވިތަނާ ބައްޕަ ދޮންމަންމައަކު ގެއަށް ގެނެސްފިއެވެ. އެދެމީހުން އުޅެނީ ވަރަށް އުފަލުގައެވެ. ނަމަވެސް ދެމީހުންކުރެ އެކަކުވެސް އަޅުގަނޑަކަށް އެއްވެސް ވަރަކަށް ސަމާލުކަމެއް ނެތެވެ. ކާއެތިކޮޅު ދެއެވެ. އަންނައުނު ބައުވެ ވީދުމުން ހޯދައިދެއެވެ. 

ވިސްނާށެވެ! އުމުރުން 8 އަހަރުގައި ސްކޫލަށް ގޮސް އައިސް ހަދަންޖެހެނީ އެކަންޏެވެ. ބެލެނިވެރިންގެ ބައްދަލުވުމަކަށްވެސް މީހަކު ނުދާނެއެވެ. އެހެންވެ ވަރަށް ދެރަވެއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތުމުން މަޑުން ހުރީއެވެ. އުމުރުން 10 އަހަރުވީއިރު ޤަބޫލުކުރެވެނީ މަންމަ ފަދައިން ބައްޕަވެސް ނިޔާވެފައިވާ ކަމަށެވެ.

އުމުރުން 12 އަހަރުގައި އެއް ދުވަހު ސްކޫލުން ގެއަށް ދަމުން ފިހާރަކައަށް ވަނީމެވެ. ވަރަށް ރީތި ޓީޝާޓް ތަކެއް ހުއްޓާ ފެނުމުން ބަލާލަން ބޭނުންވީއެވެ. އަގު އަހައިލުމުން ބުނީ 100 ރުފިޔާ ކަމަށެވެ. އިންޓޯލް ގަންނަންދޭ ރުފިޔާއިން ބާކީކުރެވިފައި އޮތީ އެންމެ 19 ރުފިޔާއެވެ. ވީމާ ނުގަނެވޭނެތީ ކަރުއެލުވާލައިގެން ނުކުތީއެވެ.  

ނުކުންނަން ދަނިކޮށް ސޭޓު އަޅުގަނޑަށް ގޮވާލައި ގާތަށް ގެންދިއައެވެ. އަދި އަތްލައި ބެލި ޓީޝާޓް އޭނާގެ އަތުން ނަގާފައި ކޮތަޅަކަށްލާފައި ދީފައި ބުންޏެވެ. "މިހެން ހިނގާއިރު ދޭތެރެއަކުން ވަދެ ބައްދަލުކޮށްލާށެވެ! ދެން މިރައްޓެހިވީއެވެ."  

އެއީ ވަރަށް ހިތްހެޔޮ މީހެކެވެ. ބައެއް ދުވަސް ދުވަހު ފެނުނީމާ ގޮވައިގެންފައިވެސް ކޮންމެވެސް އެއްޗެއް ދެނެއެވެ. ދެމީހުންގެ މެދުގައި ވަރަށް ބޮޑަށް ގާތްކަން އުފެދުނުފަހުން އެއް ދުވަހަކު އަޅުގަނޑުގެ ޙާލަތާއިބެހޭ ގޮތުން ސުވާލުކުރީމާ ދޮގުނުހަދައި ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ.  

އަޅުގަނޑު އޯލެވެލް ނިންމިތަނުން އަޅުގަނޑަށް ފިހާރައިން ވަޒީފާއެއް ދީފިއެވެ. ވަޒީފާ ދީފައި ބުނީ ކިޔަވަން މަސައްކަތްކުރާށެވެ. ކުރަންޖެހޭ ޚަރަދެއް އޭނާ ކޮށްދޭނެ ކަމަށެވެ. އަޅުގަނޑު ކިޔަވަން ފެށީމެވެ. ފައުންޑޭޝަން ހަދައި ވިޔަފާރީގެ ދާއިރާއިން ކިޔަވައި މާސްޓަރސްވެސް ހެދީމެވެ. ހަަމަ އެނާގެ ވަޒީފާގައި އުޅެމުންނެވެ.  

އުމުރުން 22 އަހަރުގައި އެނާގެ ގެއަށް ފިހާރައިގެ ކަމަކު ދިއަތަނާ އާދައިގެމަތިން ކޮފީބޯން މަޑުކުރަން ބުނެފިއެވެ. އެދުވަހު ކޮފީ ގެނެސްދިނީ އޭނާގެ ދަރިއެކެވެ. ކޮފީ ގެނައިމާ ދަރިފުޅުވެސް ކޮފީތަށްޓެއް ހިފައިގެން އައިސް ބައިވެރިވާން ބުންޏެވެ. އެގޮތަށް ތިބެ ވާހަކަދައްކަމުން ގޮސް އޭނާ ބުންނެވެ. "ދެކުދިން މިހަފްތާ ނިމެންދެން ރަނގަޅަށް ވިސްނާފައި ޖަވާބުދޭށެވެ. ތިއަ ދެކުދިން ކައިވެރިކުރަން ބައްޕައަށް ވަރަށް ފެނެއެވެ."  

އަޅުގަނޑު ވަގުތުން ބުނީމެވެ. "ވިސްނާނެ އެއްޗެއް ނެތެވެ. ތިއަ ބައްޕަ ބުނި ކޮންމެ ކަމެއް އުފަލުން ކުރާނަމެވެ." އޭނާގެ ދަރިފުޅުވެސް ވަރަށް ލަދުން އިނދެމެ ދިނީ އެފަދަ ޖަވާބެކެވެ. ޖެހިގެން އައި ހުކުރު ދުވަހަކީ ކައިވެނިކުރި ދުވަހެވެ. ކައިވެނިކޮށްގެން އެގެއަށް ބަދަލުވީއެވެ.  

އެ ބައްޕަ އަޅުގަނޑާއިމެދު އެހައި ހެޔޮކޮށް ކަންކަން ކުރި ސަބަބު އެނގުނީ އަހަރެމެންގެ ކައިވެނީގައި 3 ދަރިންވެސް ލިބުނުފަހުންނެވެ. އެ ސަބަބަކީ އަޅުގަނޑަކީ ކާކުގެ ދަރިއެއްކަން އެނާއަށް އެނގޭތީއެވެ. އަޅުގަނޑުގެ މަންމަ އަކީ އޭނާގެ ފުރަތަމަ ލޯބިވެރިޔާކަމަށްވީތީ މަންމަ ނެތް ދުނިޔޭގައި މަންމައަށްޓަކައެވެ. އެއިރު އެބައްޕަ ވަނީ މަންމައަށް ޙައްޖެއްވެސް ހޯދައިދީފިއެވެ. ބައްޕަ ބުނީ މަންމަ ޢާއި ކައިވެނި ނުކުރެވުނީ ބައްޕަގެ މައިންބަފައިން ނުރުހުމުން ކަމަށެވެ. އަދި އެވާހަކަތައް ބައްޕަ ދުނިޔޭގައި ހުއްޓައި ނުދެއްކުމަށެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ އަޅުގަނޑު އެބައްޕަ ފަދައިން އަޅުގަނޑުމެންވެސް ވިސްނައި ލޯބީގެ އަގު ވަޒަންކުރާނަމަ އަޅުގަނޑު ފަދައިން ނިކަމެތި ހާލުގައި ޖެހޭ ހާދަހާ ގިނަ ކުދިންނަކަށް އުފާވެރިކަން ލިބޭނެތާއެވެ! ނަމަވެސް އެކަން ކުރެވެނީ އަމިއްލަ އެދުމެއް ނެތި ހެޔޮ ހިތުން އެކަކު އަނެކަކު ދެކެ ލޯބިވެވިގެން ނޫންތޯއެވެ؟

ނިކަން ބުނެބަލާށެވެ! ޙަޤީޤީ ލޯބިވުމަކީ އެއީ ނޫންތޯއެވެ؟  

- މުޙައްމަދު / މިއަދުނޫހުގެ ކިޔުންތެރިއެއް  

 

 

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް