އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 11 ސިކުންތު
އަޅުގަނޑުމެންނަކީ ކައިވެންޏަށްފަހު ވެސް ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. މައްސަލަ ޖެހެން ފެށީ 3 ދަތިން ލިބުނު ފަހުންނެވެ. އަނބިމީހާ އަޅުގަނޑަށް ސަމލުކަން ދެނީ ވަރަށް ކުޑަކޮށެވެ. ހިނިތުންވަނީވެސް ވަރަށް މަދުންނެވެ. ނަމަވެސް އަލުގަނޑަށް ކށްދޭންޖެހޭ ކަންކަން ވަރަށް ފުރިހަމައަށް ކޮށްދެއެވެ. އެކަމުގައި އެއްވެސް ތަފާތެއް ނުގެނއެވެ.
އެހެންވެ އަނބިމީހާ އާއިމެދު ކަންބޮޑުވާން ފަށައި އެކަންބޮޑުވުންތައް ފޫހިކަމަށް ބަދަލުވާން ފެށިއެވެ. އަދި ޙައްލަކީ ވަރިކުރުން ކަމަށްވެސް ޤަބޫލުކުރެވުނެވެ. އެހެންވެ ގޮސް އަޅުގަނޑުގެ ބައްޕަ އާއި މަންމަ ގާތު އެވާހަކަދައްކައި ވަރިކުރުމާއިމެދު މަޝްވަރާކޮށްލީމެވެ.
ބައްޕަ ޖެއްސީ ބޮޑު މަސައްކަތެކެވެ. ބައްޕަ ބުނީ ކުދިން ލިބުނު ފަހުން އަޅުގަނޑުގެ ދިރިއުޅުމަށް ގެނެވުނު ބަދަލުތަކާއި އަނބިމީހާ ގެނައި ބަދަލުތަކާއި ލިޔެގެން ދެ ކަރުދާސް ހުށަހެޅުމަށެވެ. ގޮތެއް ނިންމޭނީ އެއިރުން ކަމަށެވެ.
އަނެއް ހަފްތާގައި ރިޕޯޓް ތައްޔާރުކޮށްގެން ގޮސް ބައްޕަ އާއި ބައްދަލުކުރުމުން ބުނީ ރިޕޯޓް ދިރާސާކުރަން ޖެހޭނެ ކަމަށާއި އެކަމަށް ވަގުތު ބޭނުންވާތީ މާދަމާރޭ ބައްދަލުކުރުމަށެވެ. އަނެއް ރޭ ބައްދަލުކުރުމުން ބުންޏެވެ.
"މި ރިޕޯޓަށްބަލާއިރު އަނބިމީހާ ދަރިފުޅާއި ގުޅުން ކަނޑާލަން މާބޮޑަށް ލަސްވެސްވެއްޖެ! ދަރިފުޅަށް އެންމެ ގިނައިން މާކްސް ލިބެންޖެހޭ ހުރިހާ ކަމަކުން މިވަނީ ފޭލްވެފަ. ގޭގަ ވަގުތު ހޭދަކުރުން މަދުވެއްޖެ. ލޯބިވަމޭ ބުނުން ހުއްޓާލެވިއްޖެ. ދުވަސްތައް ފާހަގަކޮށް ޢާއިލާ އެކުގަ ބޭރަށް ގޮސް އުޅުން ހުއްޓާލައިފިމު. ޗުއްޓީއެއް ޢަމުދުން ހޭދައެއްވެސް ނުކުރޭ!"
އަޅުގަނޑު ބުނީމެވެ! "ބައްޕާއެވެ! އެކަމަކު އޭނާއަށް ބޭނުންވާނެ ހުރިހާ ކަމެއް ކޮށްދެމެވެ. އަގު ބޮޑު ހަދިޔާ ދެމެވެ. ބޭނުންވާނެ ކަމަށް ހީވާތަކެތިވެސް ގެންގޮސްދެމެވެ."
ބައްޕަ ބުންނެވެ! "އަގުބޮޑު ހަދިޔާދޭތީ ނޫނީ ބޭނުންހާވަރަކަށް ފައިސާދޭތީ ފުދިގެން ތިބޭނީ އެއްޗެތީގެ ދަހިވެތިކަމުގަ އެކުގަ ދިރިއުޅޭ އަނބިންނެވެ! އެމީހުން ލޯބިވާކަމަށް ހެދިގެން ތިބިނަމަވެސް އެމީހުންނަކީ ލޯބިވާނެ ބައެއް ޏޫނެވެ. އެގޮތަށް ފުދިގެން އެތިބެނީ ލޯބިނުވާތީއެވެ. ލޯބީގެ ދަހިވެތިކަމުގަ ދިރިއުޅޭ އަނބިންނަށް ބޭނުންވާނީ އަގުބޮޑު އެއްޗެއްސެއް ނޫނެވެ. ދެންމެ މިބުނި ކަންކަމެވެ. ލޯތްބާއި އަޅައިލުމެވެ. އެމީހުން ދެކެ ލޯބިވާކަން އަމަލުން ދައްކަން ޖެހޭނެއެވެ! އެނބުރި ގޮސް އަވަހަށް ކަންކަން ބަދަލުކުރާށެވެ! މަސްދުވަސްވަންދެން ބަލާފައި އައި ބަދަލުބުނާށެވެ!"
މަސްދުވަސްފަހުން ބައްޕަ ޢާއި މަންމައަށް ދައުވަތުދީގެން ގެންދިއައީ ގެއަށެވެ. ބޮޑު ކެއުން ގަނޑަކަށްފަހު ބުނީ ބައްޕަގެ ވިސްނުން ހަމަ މުޅިން ބަރާބަރު ކަމަށެވެ! ކަންކަން ބައްޕަބުނިމަގުން ކުރަން ފެށުމުން އަނެއްކާވެސް މިވަނީ ރަންޒަމާން އައިސްފައި ކަމަށެވެ.
ބައްޕަ ބުނީ ބައްޕަ އެފިލާވަޅު ދަސްކުރީ މަންމަގެ ގާތުން ކަމަށެވެ. ބައްޕަމެންގެ ކައިވެނީގެ ކުރީކޮޅުގައި ބައްޕައަސްވެސް ހަމަ އެކުށްތައް ކުރެވުނު ކަމަށާއި ލޯބިން ދިރިއުޅުން ކާމިޔާބުކުރެވުނީ މަންމަ ނަގައިދިން ފިލާވަޅުތައް ދަސްކޮށް ޢަމަލުކުރުމުން ކަމަށެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. އަޅުގަނޑުގެ ފިރިމީހާއަކީ މިލިއަނަރެއް ނޫނެވެ. ނަމަވެސް މިވާހަކަ ފިރިމީހާ ޢާއި ޝެއާކުރުމުން އޭނާވެސް ވަރަށް ގިނަ ކަންކަން އިޞްލާޙްކުރިއެވެ. އަޅުގަނޑު އުންމީދުކުރަނީ މިއަދުނޫހުގެ ކިޔުންތެރިންވެސް މިވާހަކަ ފިރިންނާ ޝެޢާކުރީމާ ދިރިއުޅުމަށް ފައިދާކުރާނެ ކަމަށެވެ.
މިލިއަނަރަކަސް ކިތަންމެ ބޮޑު ފަޤީެަކަސް ދޭ ނަޞޭޙަތުގައި ހިފުމަކީ ކަންކަން އިޞްލާޙްކުރަން އޮތް މަގެވެ! ކޮންމެ ގޮތެއްވިޔަސް އަޅުގަނޑުވެސް އެމީހާގެ ބަހަށް އެއްބަހެވެ! ދޭ އަގުބޮޑު ހަދިޔާ އާ ފައިސާގެ ބަދަލުގައި ލޯތްބެއް ނުދެވޭނެއެވެ. ޖެހޭނީ ލޯބިވާކަމަށް ހެދިގެން އެކްޓް ޖައްސާށެވެ!
- ޝާމިލާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
20 މާޗް 2022