އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 7 ސިކުންތު
އަހަރެންނަކީ އޮފީހުގައި ވަރަށް ބުރަކޮށް މަސައްކަތްކުރަމުން ދިއަ މުވައްޒިފަކީމެވެ. އެހެންކަމުން އެންމެންގެ ސަމާލުކަންވެސް އަހަރެންނަށް ލިބެއެވެ. އެފަދަ ގޮތަކަށް ދުވަސްތައް ފާއިތުވަމުން ގޮސް ބޮސްގެ ސަމާލުކަން އިތުރުވާން ފެށިއެވެ.
ބޮސްއަކީވެސް ޒުވާނެކެވެ. ކައިވެންޏެއްވެސް ނުކުރެއެވެ. އެހެންކަމުން އޭނާ ދެއްކި ވާހަކަތައް އަހަރެންނަށް ޤަބޫލުކުރެވި އޭނާގެ މަޅީގައި ރަނގަޅަށް ޖެހި ތާށިވިއެވެ. މިހެދުނީ ވަރަށް ބޮޑު ގޯހެއްކަން އެނގުނީ ބަލިވެ އިނުމުން އެވާހަކަ ބޮސް ގާތު ބުނި ދުވަހުއެވެ.
ނުގޮވާ ނުބައި އެއްޗެއް ނެތެވެ. އޭނާ ބްލެކްމޭލްކުރަން އުޅޭކަމުގެ ތުހުމަތު އެލުވިއެވެ. ކުރިމައްޗަށް ފައިސާ ބޮނޑިއެއް އެއްލާލާފައި ދަރިވައްޓާލަން ބުންނެވެ. ވަޒީފާއިން ވަކިކުރިއެވެ. އަހަރެންނަށް އެހެން ވަޒީފާއެއް ލިބެން ހުރަސްއަޅާނެ ކަމަށްވެސް ބުންޏެވެ.
ޖަވާބުގައި ބުނީމެވެ. "ތަނަވަސްކަން ލިބުނަސް އެއީ އިންސާނުންގެ ދަރަޖައިން ަމއްޗަށް ދެވޭނެ ކަމެއް ނޫނެވެ. ތިއައީވެސް ހަމަ އަހަރެމެން ފަޤީރުން ފަދަ އިންސާނެކެވެ. ތިއަ ފައިސާ ބޭނުމެއް ނޫނެވެ. ދަރިފުޅުވެސް ވައްތައެއް ނުލާނަމެވެ. ފާފަ މައްޗަށް ފާފައެއް ނުކުރާނަމެވެ. އަހަރެން މިހާރުވެސް މިހުރީ ތައުބާވެގެންނެވެ. ﷲ އަށް ވަކީލްކޮށްގެންނެވެ."
އެރަށުގައި އުޅުމަކީވެސް ފަސޭހަކަމަކަށް ނުވާނެތީ ފުރައިގެން ދުރު ރަށަކަށް ދިއައިމެވެ. ފަޤީރުން ބައިތިއްބާ ހޮސްޓެލެއްގައި ހުރެގެން ވަޒީފާއެއްވެސް ހޯދީމެވެ. ދުވަސް ފުރައި ދަރިފުޅުވެސް ވިހެއީމެވެ. އަދި ވަރަށް ފަޤީރު، އެހެނަސް ޢާއިލީ ގޮތުން ވަރުގަދަ، ބާރުހުރި މީހަކާ ކައިވެނިވެސް ކުރީމެވެ.
ފިރިމީހާގެ އެއްބާރުލުން ލިބިގެން ނޫސްތަކަށް ހާމަކުރީމެވެ. ދަރިފުޅުގެ ބައްޕައަކީ ކާކުކަމާއި އޭނާ ކަންތައްކުރި ގޮތް ކިޔައިދިނީމެވެ. ނޫސްތަކުގައި އެވާހަކަ ޝާއިޢުކުރިއެވެ. ބޮސް އާއި ހަމައަށް މައްސަލަ ދިއައެވެ. ބޮސް ފުއްޕާފައި އެރަށަށް އަހަރެން ހޯދަން އައެވެ. އެއިރު ފިރިމީހާ ވަނީ ކަންކަން އިންތިޒާމުކޮށްފައެވެ. ފުލުހުންނާއި އޮތީ ގުޅިފައެވެ.
ފުލުހުން ތަހްޤީޤް ފެށިއެވެ. ޑީއެންއޭ ޓެސްޓްކުރާ ޙާލަތަށް ދިއުމުން ބޮސް އުޅުނީ ފިލާށެވެ. ނަމަވެސް ފުލުހުން އޭނާއަށް އެ ފުރުޞަތު ނުދީ ޓެސްޓްކުރިއެވެ. ޑީއެންއޭ ދިމާވުމުން ބަދަލު ހޯދަން ކޯޓަށް ދާން ތައްޔާރުވާކަން އެނގުމުން ވަރަށް ދެރަވެ ހުރެ ބޮސް ބައްދަލުކުރިއެވެ. މާފަށް އެދުނެވެ. ބަދަލެއްގެ ގޮތުން ދަރިފުޅު ގޮވައިގެން އުޅޭނެ އަގުބޮޑު ވިލާއަކާއި 20 މިލިއަން ޑޮލަރު ހުށަހެޅިއެވެ. އެހުށަހެޅުން ފިރިމީހާ ޤަބޫލުކުރިއެވެ.
ދުނިޔޭގެ ހުރިހާ އަންހެނުންނަށްވެސް ބުނެލަން އޮތީ މިފަދަ ސާރިދޯޅުންގެ ޝިކާރައަކަށްވެ ކޮންމެ އަހަރަކު އެތައް މިލިއަން އަންހެނުން ހަލާކުގެ ތެރެއަށް ވެއްތެމުންދާއިރު މިހެން މަޑުން ތިބެގެން މިކަން ޙައްލެއް ނުކުރެވޭނެއެވެ. އޮތީ ކެރިގެން ކުރިމަތިލުމެވެ. އަނިޔާވެރިން އިންޞާފުގެ ކުރިމައްޗަށް ގެންދިއުމެވެ. ފަޟީޙަތްކުރުމެވެ. އަހަރެން މުޅި ދުނިޔެއަށް މިދެއްކީ އެކަން ކުރެވޭނެ ކަމެވެ.
- ޝެއިލީ / ދުބާއީ
Advertisement
22 މާޗް 2022