އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 59 ސިކުންތު
އަހަރެމެންވެސް ކައިވެނިކުރީ ވަރަށް ލޯބިން ދުވަސްތަކެއްވަންދެން އެކުގައި އުޅެފައެވެ. ވަރަށް ގިނަ ވައުދުތައް ވުމަށްފަހުގައެވެ. ޢުމުރަށް ލޯބިން އެކުގައި ދިރިއުޅޭނެ ކަމުގެ އެތައް ބައިވަރު ވައުދުތަކެއްވުމަށްފަހުގައެވެ.
ކައިވެނިކޮށް މަހެއްހައި ދުވަސްވެސް ނުވަނީސް ފިރިމީހާގެ ކިބައިން ބަދަލުތައް ފެންނަން ފަށައިފިއެވެ. އަހަރެންނަށްދޭ ސަމާލުކަން ކުޑަވާން ފަށައިފިއެވެ. އެކުގައި ބާޒާރަށް ގޮސްއުޅޭއިރު ފެންނަ އަންހެން ކުދިންނަށް ކަޅިއަޅަން ފަށައިފިއެވެ. ކުރިން އަތުގައި ހިފައިގެން ނޫނީ ހިނގައި ނޫޅެވުނު މީހާ އަތުގައި ހިފައިގެން އެކުގައި ހިނގުން ހުއްޓާލައިފިއެވެ.
އެވަރުންވެސް ބަހެއް ނުބުނަމެވެ. އެއީ އެފަދަ މީހަކާއި ވާހަކަ ދައްކައިގެން ލިބޭނެ މޮޅެއް އޮންނާނެ ކަމަށް ޤަބޫލުނުކުރެވޭތީއެވެ. އަހަރެން އެޅި ފިޔަވަޅަކީ އަހަރެންނަށް ލިބޭ މުސާރައިން ގޭގެ ކަންކަމަށް ޚަރަދުކުރުން ހުއްޓާލުމެވެ. އެކުގައި ބޭރަށް ދިއުންވެސް ހުއްޓައިލުމެވެ. އެއީ އެކުގައި ބޭރަށް ގޮސް ކަންކަންކުރާ ގޮތުން ހިތަށް ލިބޭ އަނިޔާ ބޭރަށް ނުދިއުމުން ނުލިބޭނެތީއެވެ. ގޭގެ ކަންކަމަށް ޚަރަދުކުރުން ހުއްޓައިލީ ވަރިކުރާ ދުވަހު ސަލާން ޖަހަން ބޭނުންނުވާތީއެވެ.
އެއްވެސް އެއްޗެއް ގަންނާކަށް ނުބުނަމެވެ. ކައްކަންވެސް ހަދާގޮތަކީ ގެނެސްފައި ހުންނަ އެއްޗެއް ކައްކަނީއެވެ. ނެތަނަމަ ނުކައްކަނީއެވެ. ބައެއް ދުވަސްދުވަހު ހަމައެކަނި ބަތްކޮޅެއް އެކަނިވެސް ކައްކަމެވެ.
އެގޮތަށް ކަންކަން ކުރަން ފެށުމުން އޭނާއަކަށް ކެތެއް ނުކުރެވުނެވެ. ޗުކްޗުކް ލައްވަން ފަށައިފިއެވެ. އެއްޗެތި ގަންނަން ޚަރަދުނުކުރާތީ ޝަކުވާކުރަން ފަށައިފިއެވެ. އެހެންވެ ބުނީމެވެ. "އިސްލާމް ދީނުގައި އަނބިމީހާގެ ކަންކަން ބެލެހެއްޓުން އޮތީ ފިރިމީހާއަށެވެ. އަނބިމީހާ ޚަރަދުކުރަންއޮތީ ބޭނުންނަމައެވެ. އެއީ މަޖުބޫރުކަމެއް ނޫނެވެ. ވީމާ އަހަރެން ނުބެލެހެއްޓޭނެ ނަމަ ވަރިކުރީމާ އެނިމުނީއެވެ. ހެޔޮކޮށް ނުހިތާ ފިރިއަކަށް ލުއިކޮށްދޭން އަހަރެންގެ ފައިސާ ޚަރަދުކުރާކަށް ބޭނުމެއް ނޫނެވެ."
އެދުވަހުން ފެށިގެން އޭނާ ހުންނަނީ ވަރިކުރާނެ ފުރުޞަތަކަށް ބަލަބަލައެވެ. ދުވަސްކޮޅެއް ފަހުން ސައިކަލުން ވެއްޓި އަހަރެންގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޑަކޮށް ކޮރުޖަހަން ޖެހުނެވެ. ފުރުޞަތުގެ ބޭނުން ހިފައި ބުނީ ފަޔަށް ބޭސްކޮށްލަން އަހަރެންގެ ރަށަށް މައިންބަފައިންގެ ގާތަށް ދިއުން ރަނގަޅުވާނެ ކަމަށެވެ. އޭނާ ހީކުރީ އަހަރެންނަށް ދެން ކޮރުމުޖހައި ނުހިނގޭނެ ކަމަށެވެ. އަހަރެން ބުނީމެވެ. "ކޮންމެހެން ރަށަށް ފޮނުވާފައި ވަރިކުރުމުގެ ބަދަލުގައި މިހާރުވެސް ވަރިކުރެވިދާނެއެވެ. ވަރިކުރީމާ މިގެއިން ހިނގައިދާނަމެވެ."
އެއިގެ މަހެއްހައި ދުވަސްފަހުން ވަރިކޮށްފިއެވެ. ވަރިކުރުމުގެ 2 ދުވަސް ކުރިން ފޯނުން ކޮންމެވެސް މީހަކު ގާތު ބުނާއަޑު އިވުނެވެ. "ކޮރުޖަހާ އަންތބަކާއެކު ދިރިއުޅެން ހަދައިގެން ދިރިއުޅުންވެސް ވާނީ ކޮރުޖަހާ ދިރިއުޅުމަކަށެވެ."
ވަރިކުރާއިރަށް ގެއިން ނުކުމެއްޖައީމެވެ. ރައްޓެހި އަންހެން ކުއްޖެއްގެ ގެއިން ކުއްްޔަށް ކޮޓަރިއެއް ހިފައިގެން ބަދަލުވީއެވެ. އެއީ ވަރަށް ކުޑަކުޑަ ކޮޓަރިއެކެވެ. ހަމައެކަނި އެނދަކާއި ކުޑަ މޭޒެއް ބަހައްޓައިލެވޭނެވަރުގެ ޖާގަކޮޅެކެވެ. ކަންބޮޑެއް ނުވަމެވެ. ބޭނުންވަނީ ހަމައެކަނި ނިދަލުމެވެ. ގިނަ ވަގުތު އުޅެނީ އޮފީހުގައެވެ. ވީމާ މާބޮޑު ޖާގައެއް ބޭނުމެއް ނުވެއެވެ. އެގޭ ދައްތަ އަހަރެން އަތުން ކުއްޔަށާ ކަރްނަޓާ ފެނަށާ އަދި ކާންދިނުމަށާއެކު އަހަރެންގެ އަތުން ނެގީވެސް މަހަކު އެންމެ 5000 ރުފިޔާއެވެ. އެއީ ހަމަ ވަރަށް ކުޑަކުޑަ ޢަދަދެކެވެ. އެހައި ކުޑަ އަގަކަށް އަހަރެން ބަހައްޓައިދިނީތީ ވަރަށް ބޮޑަށް ޝުކުރުވެރިވީމެވެ.
ވަރިކޮށް ޢިއްދަ ހަމަވިތަނާހެން ބައްދަލުވި މީހަކު އަޅުގަނޑާއި ކައިވެނިކުރަން ބޭނުންކަމަށް ބުނުމުން އޭނާގެ ޙަޤީޤަތް އެނގެނު ވަރަށް ބެލުމަށްފަހު ދެން އޮތްބައި ﷲ އަށް ވަކީލުކޮށް ކައިވެނިކުރީމެވެ. އޭނާވީ ވަރަށް ހެޔޮލަފާ މީހެކެވެ. އަޅުގަނޑަށް ވަރަށް ހެޔޮކޮށް ކަންކަންކޮށްދިނެވެ. އަދި އަޅުގަނޑު ގޮވައިގެން ރަށަކަށް ގޮސް ފަޔަށް ފަރުވާކޮށްދޭން ފެށިތަނާހެން ކްރުޖެހުންވެސް ރަނގަޅުވެއްޖެއެވެ. އެމީހާ ކުރިކަމެއް ކުރީ ނާރުގައި ތެޔޮދަމައިގެންނެވެ. ކޮންމެއަކަސް އެފަރުވާ ވަރަށް ބަރާބަރެވެ.
އެރަށުން އެނބުރި މާލެއައިތަނާހެން ފިރިމީހާއަށް މެލޭސިޔާއިން ލިބުނު ކޯހެއްގައި ދިއައީ އަޅުގަނޑުވެސް ގޮވައިގެންނެވެ. ފިރިމީހާގެ އެހީގައި އަޅުގަނޑަށްވެސް ކިޔަވައިދިނެވެ. 2 އަހަރަށްފަހު އެނބުރި ރާއްޖެއައިސް އުޅެން ފެށިތަނާހެން ފިރިމީހާގެ މެޑިކަލް ޗެކަޕެއް ހަދަން ބޭނުންވެގެން އޭޑީކޭ ހޮސްޕިޓަލަށް ދިއަ ދުވަހަކު ކުރީގެ ފިރިމީހާ ފެނުނީ ފުރޮޅުލީ ގޮނޑިއެއްގައި އިންދައެވެ. ވރަށް ދެރަވިއެވެ. ފިރިމީހާ އާއި ދެމީހުން އެކުގައި ގާތަށްގޮސް ޙާލު އަހައިލުމުން ބުނީ އޮފީހުގެ ސިޑިން ފައިބަނިކޮށް ވެއްޓި މައިބަދައަށް ލިބުނު ގެއްލުމެއްގެ ސަބަބުން މުހިނގެނީ ކަމަށެވެ. އަވަސް ޝިފާއަކަށް އެދި ދުޢާކޮށްފައި ދުރަށް ދިއައީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންގެ ތެރެއިން ފިރިހެނުންނަށް ބުނެލަން ބޭނުންވަނީ ކައިވެނިކުރުމަށްފަހު ސަބަބެއް ނެތި އަނބިމީހާދެކެ ފޫހިވެ ނިކަމެތިކުރުން ހުއްޓައިލާށެވެ. އަދި ބައްޔެއްވެ ނުކުޅެދުންތެރިކަމެއް ލިބުނުނަމަވެސް އެއްލައިނުލާށެވެ! އަހަރެމެން އެއްވެސް މީހަކީ އަބަދު އެއް ޙާލެއްގައި ހުރެވޭނެ މީހަކު ކަމަށް ހީނުކުރާށެވެ!
އަންހެނުންނަށް ބުނެލަން އޮތީ ކިތަންމެ ބޮޑަށް ލޯބިވީނަމަވެސް މާދަންވެސް ވަރިކޮށްނުލާނެ ކަމަށް ނުބަލާށެވެ. އެންމެ ބާރަށް (އާމްދަނީ ލިބޭ އަންހެނުންނަށް) ބުނަން ބޭނުންވަނީ އެކަނިވާ ދުވަހަށް ފައިސާ ރައްކާކުރާށެވެ. އަތުގައި ފައިސާ ނެތްނަމަ ޖެހޭނީ ނިކަމެތިވާށެވެ. ގިނަ ފަހަރު އަމިއްލަ ޢާއިލާއިންވެސް މިއޮންނަނީ ބޭނުންވާ އެހީތެރިކަން ނުލިބިފައެވެ.
- މަދީޙާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
26 މާޗް 2022