އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 47 ސިކުންތު
އަޅުގަނޑުގެ މަންމަ އާއި ބައްޕައަކީ ވަރަށް ލޯބިން އެކުގައި ދިރިއުޅެމުން އައި ދެމަފިރިންނެވެ. ކަންކަން ދިމާވިގޮތުން އަޅުގަނޑުގެ އުމުރުން 12 އަހަރުން ފެށިގެން މަންމަ އުޅުނީ ބަލިވެއެވެ. 13 ވަނަ އަހަރު މަންމަ ނިޔާވެއްޖެއެވެ.
މަންމަ ނިޔާވުމުން އެކަމުގެ ހިތާމައިގައި އޮފީހަށް ވެސް ނުގޮސް 10 ވަރަކަށް ދުވަހު ބައްޕަ ގޭގައި ހުންނެވިއެވެ. އެހައިވެސް ބޮޑަށް އެކަމުގެ ހިތާމަ ބައްޕަ ކުރެއްވިއެވެ.
މަންމަ ނިޔާވިތާ މަހެއްހައި ދުވަސްވީތަނާ އަންހެނަކު އަޅުގަނޑާއި ދާދި އުމުރުގެ ފިރިހެން ކުއްޖަކު ގޮވައިގެން ގެއަށް އައެވެ. ބައްޕައާއި ވާހަކަތަކެއް ދައްކާފައި ދިއުމުން ބައްޕަ ބުނުއްވިއެވެ. "ދަރިފުޅާއެވެ. އެއީ މަންމަގެ ކުރިން ބައްޕަ ލޯބިވެގެން އުޅުނު އަންހެނެކެވެ. މަންމަ ނިޔާވުމުން އޭނާ ބޭނުންވަނީ ބައްޕަ އާއި އަލުން ގުޅޭށެވެ. އޭނާ ބުނަނީ އެދަރިފުޅަކީވެސް ބައްޕަގެ ދަރިއެއް ކަމަށެވެ. ނަމަވެސް އެކަން ޤަބޫލުކުރަން ބައްޕައަށް ވަރަށް އުނދަގުލެވެ. އޭނާ ބުނަނީ ދަރިފުޅަށް މަންމައެއްގެ ލޯބި ދޭނެކަމަށެވެ. ދެރަގޮތެއް ނުހަދާނެ ކަމަށެވެ."
އެގޮތުންވެސް ބައްޕައަށް ހިތްހަމަޖެހުމެއް ލިބިދާނެ ކަމުގެ އުންމީދުގައި ބަހެއް ނުބުނަމެވެ. ނަމަވެސް އޭނާގެ މޫހުމަތިން ފެނުނު ގޮތާއި އަޅުގަނޑަށް ބެލިބެލުމުން އަޅުގަނޑުގެ ހިތުގައި ޝައްކުތަކެއް އުފެދުނެވެ.
ބައްޕަވެސް ވަރަށް ބުއްދިވެރިއެވެ. ކައިވެނިކުރައްވާކަށް އަވަސްވެއެއް ނުލައްވައެވެ. އެހެންވެ އެއަންހެން މީހާ ކޮންމެ ދުވަހަކު ގެއަށް އައިސް ގޭގެ މަސައްކަތްކޮށްދީފައި ދަނީއެވެ. އެދުވަސްވަރުގެ ކަންކަމަށް ބަލައި ކައިވެނިކުރަން ބައްޕަ ގެންދެވީ ވިސްނަވަމުންނެވެ.
އެއީ ހުކުރު ދުވަހެކެވެ. އަޅުގަނޑު ލައިގެން ހުރި ހެދުން ރީތިކަމުން އޭނާ ސުވާލުކުރުމުން ބުނީމެވެ. "މިއީ މަންމަ ފަހައިދިން ހެދުމެކެވެ. މަންމަ އަކީ ވަރަށް ރީތިކޮށް ފަހަން ދަންނަ އަންހެނެކެވެ. އަޅުގަނޑުގެ ހުރިހާ ހެދުމެއްވެސް ފަހައިދިނީ މަންމައެވެ."
ދުވަސްކޮޅެއްފަހުން ކައިވެނިކޮށްފިއެވެ. އޭނާގެ އަޞްލުކުލަތައް ފެންނަން ފެށީ އެހިސާބުންނެވެ. ފުރަތަމަވެސް ކުރިކަމަކީ އަޅުގަނޑު ސްކޫލުގައި އުޅެނިކޮށް އަޅުގަނޑުގެ ހުރިހާ ހެދުންތައް އަންދައިލުމެވެ." އެދުވަހު ވަރަށް ދެރަވިއެވެ. އޭނާއަކީ އަޅުގަނޑަށް ހެޔޮ އެދޭނެ އަންހެނެއް ނޫންކަން އެނގުނެވެ. އޭނާގެ ހިތުގައި މަންމައަށް އޮތް ނަފްރަތު ވިސްނުނެވެ. އެވާހަކަ ބައްޕަ ގާތުގައި ބުނުމުން ބައްޕަވެސް ހުރީ ވަރަށް ދެރަވެފައެވެ.
އެއިގެ ފަހުން ކޮންމެ ދުވަހަކުވެސް އަޅުގަނޑުގެ ހިތުގައި ޖައްސުވައެވެ. ރޮއްވައެވެ. ނަމަވެސް އަޅައެއް ނުލަމެވެ. ޝުކުރުކޮށްލައިގެން ހުރީއެވެ. ދުވަސްކޮޅަކުން ބައްޕަގެ ގާތު އަޅުގަނޑުގެ ޝަކުވާކުރަމުން ގޮސް ބައްޕަވެސް އަޅުގަނޑަށް ފަރުވާކުޑަކުރައްވަން ފެށްޓެވިއެވެ. އަޅުގަނޑުގެ ކަންކަމަށްވުރެ ބޮޑަށް އޭނާގެނައި ދަރިފުޅުގެ ކަންކަމަށް ސަމާލުކަން ދެއްވާތަން ފެންނަން ފެށުމުން ވަރަށް އަސަރުކުރިއެވެ. ނަމަވެސް މަންމަ ދުނިޔޭގައި ނެތުމަކީ މިފަދަ ކަންކަން ދިމާވާނެ ސަބަބެއް ކަމަށް ބަލައި ކެތްތެރިވީއެވެ.
އެއްދުވަހަކެވެ. އެކުއްޖާއަށް މީހަކު ފޯނުކުރުމުން ބައްޕާއޭ ކިޔައިގެން ވާހަކަދެއްކި އަޑު އިވުނެވެ. މަންމަ މަސައްކަތްކުރަނީ ތަނަވަސްކަން ހޯދައިގެން އެނބުރި ބައްޕަގެ ގާތަށްދާންކަމަށްވެސް ބުންޏެވެ. އެއަޑު އަޅުގަނޑަށް އިވުނު ކަމެއް އެ ކުއްޖާއަކަށް ނުއެނގޭނެއެވެ.
އެރޭ ބައްޕަ އެކަނި އިންދައި ގާތަށް ގޮސް ރޮއިފަ ބުނީމެވެ. "ވަރަށް ކެތްކޮށްފީމެވެ. ބައްޕަގާތަކު އެއްވެސް ޝަކުވާއެއްވެސް ނުކުރަމެވެ. ނަމަވެސް މިއަދު މިއިވުނު އަޑަކީ ބައްޕަ ވިސްނަން ޖެހޭނެ ކަމެކެވެ." އެހެން ބުނެފައި އެކުއްޖާ ފޯނުން ދެއްކި ވާހަކަތައް ކިޔައިދިނީމެވެ. އަދި ޑީއެންއޭ ހަދައި ބަލައިލުން ރަނގަޅުކަމަށް ބުނީމެވެ. އަޅުގަނޑު ބުނީމެވެ. "ޑިއެންއޭ ހަދައި ބަލަން ޖެހޭ އެންމެ ބޮޑު ސަބަބަކީ ދޮންމަންމަ ބައްޕައަށް އެހަދަނީ ދޮގުނަމަ އޭނާއަކީ މަކަރުވެރިއެއްކަން އެނގޭނެއެވެ. އޭނާ މިގެއަށް އައީ ބައްޕަގެ ތަނަވަސްކަމުން ބައެއް ހޯދަންކަމާއި ބައްޕައަށް ބޮޑު ލަނޑެއް ދީފައި ފިލާނެކަންވެސް އެނގުނީއެވެ."
ބައްޕަ އިންނެވީ ސަމާލުކަން ދެއްވައިގެން ވިސްނަވާށެވެ. އަޅުގަނޑު ދެއްކި ވާހަކަތައް ބައްޕަ ޤަބޫލުކުރެއްވިއެވެ. ޑީއެންއޭ ޓެސްޓްކުރާ ވާހަކަ ބައްޕަ ދައްކަވާއިރަށް ތިއައީ ކަލޭގެ ދަރިފުޅު އުފައްދާ ފިތުނަ ކަމަށްބުނެފައި ދުލުން ނުބައި އެއްޗެތިތައް ކިޔަމުން ދަރިފުޅު ގޮވައިގެން ނުކުމެގެން ހިނގައްޖެއެވެ.
ހަފްތާއެއްހައި ދުވަސްފަހުން އެއްދުވަހަކު އަޅުގަނޑު ގާތުގައި އިށީންނަވާފައި ބައްޕައަށް އަޅުގަނޑާއިމެދު އެއިރު ކަންކަން ކުރެއްވުނު ގޮތަށް މާފަށް އެދިލެއްވިއެވެ. އަދި ދަރިފުޅުގެ ވިސްނުން އެހައި ކުރިއަށް ނެރެވުނީ ކާކުދިން ނަޞޭޙަތަކުންތޯ ސުވާލުކުރެއްވިއެވެ. ޖަވާބުގައި ނަންގަތީމެވެ. "އެއްވެސް މީހަކު އެއްވެސް ނަޞޭހަތެއް ނުދެއެވެ. ނަމަވެސް އަޅުގަނޑަކީވެސް ކޮންމެވެސް ދުވަހަކުން ޢާއިލީ ދިރިއުޅުމެއް އަމިއްލައަށް އުޅެންޖެހޭނެ އަންހެނަކަށްވާތީ ވަރަށް ގިނަ ވާހަކަތައް ކިޔައިއުޅެމެވެ."
މިއީ ސޯޝަލް މީޑިއާއިން އަޅުގަނޑު ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ މިގެނެސްދިނީ މިއީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި ކަންކަން ހިނގާގޮތްކަމަށްވާތީއެވެ.
އަޅުގަނޑު އެންމެ ބޮޑަށް ދެރަވަނީ އަނބިމީހާ ނިޔާވާފަހުން ކައިވެނިކުރީމާ ވެސް އަނބިމީހާއަށް ހަސަދަވެރިވާތީއެވެ. އޭނާއަށް ހަސަދަވެރިވުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ ހަމަގައިމުވެސް ކައްވަޅުންތެދުވެގެން ދެމަފިރިންގެ ދޭތެރެއަށް ވަންނާކަށް އޭނާއަކަށް ނައުދެވޭނެއެވެ. ނަމަވެސް މަދު އަންހެނަކަށް ނޫނީ އެކަން ޤަބޫލެއް ނުކުރެވެއެވެ.
ދެން އަޅުގަނޑު ބަހެއް ބުނެލަން ބޭނުންވަނީ ފިރިހެނުންނަށެވެ. އަންހެނަކު ދަރިއަކު ދައްކާފައި މިއީ ކަލޭގެ ދަރިއެއްކަމަށް ބުނާއިރަށް ޤަބޫލުކުރަން ތިއަ ޖެހެނީ ތިމާމެންނަށް ނުބައި ގޮތްގޮތަސް އުޅެވިފަހުންނާތީ ނޫން ހެއްޔެވެ؟ އަންހެނުންނަށް ލަނޑުދެމުން ދުވެވޭތީ ނޫން ހެއްޔެވެ؟
ޚުދު އަޅުގަނޑަކީވެސް އެފަދަ ދޮންމަންމައެއްގެ އަނިޔާގައި 11 އަހަރު ހޭދަކުރި އަންހެނަކީމެވެ. އެއަނިޔާތަކުން ކިރިޔާވެސް ސަލާމަތްކަމެއް ލިބުނީ ކައިވެނިކޮށް ރަށްދޫކޮށް އެހެން ރަށަކަށް ހިޖުރަކުރިފަހުންނެވެ.
Advertisement
27 މާޗް 2022