އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 47 ސިކުންތު
ކައިވެންޏަށްފަހުގައިވެސް އަހަރެމެން ދެމަފިރިން ދިރިއުޅެމުން އައީ ވަރަށް ލޯބިންނެވެ! ދަރިއަކު ލިބުމުން ގިނަ ކައިވެނިތަކުގައި ލޯބި ދުރުހެލިވި ނަމަވެސް އަހަރެމެންގެ މެދުގައި އެކަންވެސްވީ އެގޮތަކަށް ނޫނެވެ. ދެމީހުންގެ މެދުގައި ލޯބި އިތުރުވީއެވެ.
އެފަދަ ގޮތަކަށް ދިރިއުޅެމުން އައިސް ދަރިފުޅުގެ އުމުރުން 6 އަހަރުގައި އެއްދުވަހު ފިރިމީހާ މަސައްކަތު ދިއަގޮތަކަށް އެނބުރި ނާދެއެވެ. ފޯނަކަށްވެސް ނުގުޅެއެވެ. އެންމެންވެސް ބުނީ ފިރިމީހާ ފިލީ ކަމަށެވެ. ނަމަވެސް އެކަން އަހަރެން ޤަބޫލެއް ނުކުރަމެވެ. އަހަރެންނަށް ހަމަ ޔަޤީންކުރެވުނީ ކޮންމެވެސް ކަމެއް ކުރިމަތިވީ ކަމަށާއި ދެމީހުން އަދި ބައްދަލުވާނެ ކަމަށެވެ.
ފިރިމީހާ ގެއްލުނުތާ ނުވަތަ ޚަބަރެއް ނުވާތާ އަހަރު ދެއަހަރުވެގެންދިއުމުން އަހަރެންގެ ކައިވެންޏަށް އެދިގެން އެތައް ބައަކު އައެވެ. ނަމަވެސް އަހަރެން ޤަބޫލެއް ނުކުރަމެވެ. އެއީ އެހެން ފިރިހެނެއްގެ ހަށިގަނޑު އަހަރެންގެ ގައިގައި ބީހިލަންވެސް ބޭނުން ނުވާތީއެވެ. އެހައިވެސް ބޮޑަސް ފިރިމީހާ ދެކެ ލޯބިވާތީއެވެ. އަދި އޭނާވެސް އަހަރެންދެކެ ހަމައެހައި ބޮޑަށް ލޯބިވާކަން އެނގޭތީއެވެ.
އަހަރުތައް ފާއިތުވަމުން ދެއެވެ. ދަރިފުޅު ޔުނިވަރސިޓީންވެސް ނިމިއްޖެއެވެ. ރަނގަޅު ވަޒީފާއެއް ލިބިއްޖެއެވެ. ވަޒީފާއަދާކުރާ ކުންފުނިން އޭނާ ދިރިއުޅޭނެ އެޕާޓްމަންޓެއްވެސް ދިނެވެ. އެހިސާބުން ދެމައިން ވަކިން އެކަނި ދިރިއުޅެން ފެށީއެވެ. އެއީ ކިތަންމެ ބޭނުން ނޫން ގޮތެއް ނަމަވެސް އޮފީހާއި ގެ ދުރުކަމުން އެކަން އެގޮތަށް ނުކޮށް ފަރުޖެއްސޭނެ ގޮތެއް ނެތެވެ.
އާދައިގެމަތިން ހޮނިހިރު ދުވަހެއްގައި ދަރިފުޅުގާތަށް ދިއައިމެވެ. އަޅުގަނޑުގެ އަތުގައިވެސް ތަޅުދަނޑިއެއް އޮންނަތީ ދަމަކުން ނުވެސް ގުޅަމެވެ. ގޮސް ދޮރުހުޅުވައިލުމުން ދިއައީ ސިއްސައިގެންނެވެ. ސޯފާގައި އެތިބީ ފިރިމީހާ އާއި ދެބަފައިންނެވެ. ލިބުނު އުފަލުގެ ބޮޑުކަމުން ދުއްވައިގަނެވުނެވެ. އޭނާވެސް އަހަރެންނާއި ދިމާއަށް އައެވެ. ދެމީހުންނަށް އޮޅުލައި ގަނެވިއްޖެއެވެ.
އިރުކޮޅަކުން ފިރިމީހާ އޭނާގެ ވާހަކަ ކިޔައިދިނެވެ. "އޮފީހުގައި އޭނާހުރި މަޤާމަސް ދަހިވެތިވެގެން އުޅުނު މީހަކު އޭނާ މަރާލަން ރާވާކަން އެނގުނީމާ ފިލަން މަޖުބޫރުވީއެވެ. ގޭގައި އުޅެނިކޮށް ގޭގައި ހުޅުޖަހައިފާނެކަމަށް ގެއަށްވެސް ނުދިއައީއެވެ.
ވަރަށް ދުރުރަށެއްގައި މަސައްކަތްކުރަން އުޅެނިކޮށް ބަލިވީމާ ވަޒީފާ ގެއްލި ސަލާން ޖަހަން މަޖުބޫރުވީއެވެ. ދެން ފަހަރެއްގައި ކަލޭ އެހެން ކައިވެންޏެއް ކޮށްގެން އުޅެފާނެތީ އެކަން ދެކެން ބޭނުންނުވާތީ ގެއަށް ނުދިއައީއެވެ. ދަރިފުޅާއި ބައްދަލުވީ މަގުމަތީގައި ސަލާންޖަހަމުން ހިނގަނިކޮށެވެ. ދަރިފުޅުކަން މިއެނގުނީ މިވަގުތުއެވެ. އޭނާ އަހަރެން މިގެއަށް ގެނެސް ގޭގައި ބެހެއްޓީ އަހަރެންނަކީ ކާކުކަން އެނގިގެނެއް ނޫނެވެ. ސަލާންޖަހާ މީހަކަށް އެހީތެރިވުމަށެވެ. އަހަރެންވެސް މިއުޅުނީ އެއީ ދަރިފުޅުކަން އެނގިގެނެއް ނޫނެވެ.
އެހައި ހިތްހެޔޮ ދަރިއެއްގެ ތަރުބިއްޔަތުކުރީތީ ވަރަށް ތަޢްރީފްކުރިއެވެ."
ކޮންމެއަކަސް 22 އަހަރުފަހުން އަޅުގަނޑަށް ފިރިމީހާ ލިބުނީއެވެ. ދަރިފުޅަށް ބައްޕަވެސް ލިބުނީއެވެ. އާއިލާ ގުޅުނީއެވެ. ނިންމާލަމުން އެއްކަންތައް ފާހަގަކުރާނަމެވެ. އަޅުގަނޑު ހަމައެކަނި ފިރިމީހާއަށް އިންތިޒާރުކުރީއެއް ނޫނެވެ. ފިރިމީހާ އަނބުރާ ދެއްވެވުން އެދި ދުޢާކުރުން ހުއްތައެއް ނުލަމެވެ. ތަސްބީޙް ގުނާހެން އަބަދުވެސް ހުރެވުނީ ދުޢާކުރުންމަތީގައެވެ.
މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްމިލީ ލޯބީގައި ތެދުވެރިންނަށް ހަދިޔާއެއްގެ ގޮތުންނެވެ. އަހަރެމެންނަސް މިވެވެނީ ހަމަ ލޯބިތޯ ސުވާލުކޮށްލަންވެސް ބޭނުމެވެ.
- ޝައުނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
30 މާޗް 2022