އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 29 ސިކުންތު
އަހަރެންގެ ފިރިމީހާއަކީ ދަރިއަކު ބޭނުންވާ މީހެއް ނޫނެވެ. އެހެންކަމާއިއެކުގައިވެސް ކައިވެންޏަށް ދެވަނަ އަހަރު ބަލިވެއިނދެއްޖެއެވެ. އެކަން އެނގުމާއިއެކު ފިރިމީހާ ބޭނުންވީ ދަރިފުޅު ވައްޓައިލުމަށެވެ. އެކަމަށް ދެކޮޅު ހެދުމުން ބުނީ ވަރިކުރާނެ ކަމަށާއި އެއްވެސް ޚަރަދެއްވެސް ނުކުރާނެ ކަމަށެވެ. އަދި ވިހޭނަމަވެސް ދަރިފުޅަށްވެސް އެއްވެސް ޚަރަދެއް ނުކުރާނެ ކަމަށެވެ.
އަޅުގަނޑު ހަމަ ޙައިރާންވިއެވެ. އޭނާއަކީ މާބޮޑު ފައިސާވެރިއެއް ނޫން ނަމަވެސް ފުދިގެން އުޅޭ މީހެކެވެ. އެހެންކަމާއިއެކުވެސް އެބުނާ ބަސްތައް އެބުނަނީ ކީއްވެގެންބާވައެވެ؟ ދަރިއަކު ބޭނުން ނުވަނީ ކީއްވެގެންބާވައެވެ؟
އޭނާގެ ވާހަކަތަކަށް ކެތްނުކުރެވިގެން ބުނީމެވެ. "ވަރިކޮށްލާށެވެ! އެއްވެސް ޚަރަދެއް ބޭނުމެއް ނޫނެވެ! އެއްވެސް އުނދަގުލެއް ނުކުރާނަމަވެ. ދަރިފުޅު އުފަންވާނީ އޭނާގެ ރިޒުޤާއިއެކުގައެވެ."
އެހިސާބުން ފިރިމީހާ އަޅުގަނޑު ދޫކޮށްލާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. ދުވަސް ފުރައި ދަރިފުޅު އުފަންވިއެވެ. ދަރިފުޅު ނެގީ ސިޒޭރިއަން ހަދައިގެންނެވެ. ހޭއެރުމުން ބުނީ ކުއްޖާގެ ހަށިގަނޑުގައި ވަރަށް ބޮޑެތި އައިބުތައް ހުރިކަމަށާއި ވިހޭއިރު މަރުވެފައި އޮތުމުން ކުއްޖާ ވަޅުލައިފި ކަމަށެވެ.
އެވާހަކަތައް ޤަބޫލެއް ނުކުރެވެއެވެ. އެއީ ސިޒޭރިއަން ހަދަން ވައްދަމުންވެސް ބުނީ ދަރިފުޅުގެ ޙާލު ހަމަ ރަނގަޅު ކަމަށެވެ. އަދި އެތައްބައިވަރު ސްކޭންތަކެއް ހެދިއިރުވެސް ދަރިފުޅުގެ އެއްވެސް މައްސަލައެއް ހުރިކަމަށް ބުނެފައި ނުވާތީއެވެ. ނަމަވެސް ބޮޑު ހޮސްޕިޓަލަކުން އެގޮތަށް ބުނުމުން ކުރެވޭނެ ކަމެއް ނެތީމާ ﷲ އަށް ވަކީލްކޮށް ކެތްތެރިވީއެވެ.
އެއިގެ އަހަރެއްހައި ދުވަސް ފަހުން ދެވަނަ ކައިވެނިކޮށްފީމެވެ. ކައިވެންޏަށް 3 ވަނަ އަހަރު ދަރިފުޅު ހުވަފެނުން ފެންނަން ފަށައިފިއެވެ. ބުނަނީ މަންމަ އަވަހަށް އޭނާގެ ގާތަށް ދިއުމަށެވެ. އެކަމާ ވަރަށް ފިކުރުބޮޑުވެފައި ހުއްޓައި ދެވަނަ ދަރިފުޅަށް ބަލިވެ އިނދެ ބަނޑަށް 7 މަހުގައި އަނެއްކާވެސް ހަމަ އެހުވަފެން ފެންނަން ފަށައިފިއެވެ. އަދި ބަލައިދާންވީތަންވެސް ހުވަފެނުން ފެނިއްޖެއެވެ. އެއީ ޔަތީމް ޚާނާއެކެވެ.
ފިރިމީހާ އާއި ދެމީހުން މަޝްވަރާކޮށްފައި އެތަނަށް ދިއައިމެވެ. އަޅުގަނޑު ވިހޭތާރީޚާއި ވިހެއި ހޮސްޕިޓަލާއި އަދި ކުރީގެ ފިރިމީހާ އާއިމެދު ކަންކަން ހިނގިގޮތް ކިޔައިދިނުމުން ލިޔުންބަލާފައި ބުނީ އެދުވަހު ފިރިމީހާ ގެންގޮސް ކުއްޖަކު އެތަނާއި ޙަވާލުކޮށްފައިވާ ކަމަށެވެ. އަދި އެކުއްޖާ އަޅުގަނޑުމެންނަށް ދެއްކިއެވެ. ފެނުމާއިއެކު އެއީ އަޅުގަނޑުގެ ދަރިފުޅުކަން ހިތަށް ޔަޤީންކުރެވިއްޖެއެވެ.
ވަގުތުން ޤާނޫނީ ފޯމް ފުރައި ދަރިފުޅުގެ ބެލެނިވެރިކަމާއި ވަގުތީ ގޮތުން ޙަވާލުވެއްޖައީމެވެ. ދާއިމީކޮށް ދަރިފުޅުގެ ކަންކަން ހަމަޖެހުނީ 3 މަސްފަހުންނެވެ. ހުރިހާ ކަމެއް ނިމި ދަރިފުޅު ލިބިއްޖެކަން ޔަޤީންކުރެވުމުން އެނާގެ ބައްޕަ އާއި ބައްދަލުކޮށް ސުވާލުކުރުމުން ދެކޮޅެއްވެސް ނުހެދިއެވެ. ބުނީ އެކަންކުރީ އަމިއްލައަށް ކަމަށެވެ. ހޮސްޕިޓަލުގެ މުވައްޒިފުންނަށް ރިޝްވަތުދީގެން ދޮގުހެއްދުވީ ކަމަށެވެ. "އަހަރެން އެމީހުންނަށް އޮޅުވައިލީ. ބުނީ މަންމައަށް ނުބެލޭނެތީ ބަލަން ގެންދަނީ ކަމަށް. އެކަން އެހެން ކުރީ ކަލޭ ދެރަކުރަން. އަދި ފަހުން ކަލޭ ދަރިފުޅުގެ ޚަރަދު ހޯދަން އުޅެފާނެތީ. ކަލޭ އަހަރެންނާ ދެކޮޅަށް ވިހޭމަ އަހަރެންގެ މުދަލުންވެސް ނުދޭންވެގެން" ކަމަށެވެ.
އަޅުގަނޑު ފުލުހުންނަށް މައްސަލަ ހުށަހެޅީމެވެ. ދަރިފުޅަށް ދިން އަނިޔާއަށް ބަދަލު ލެއްވިއެވެ. އަދި 10 އަހަރުގެ ޖަލު ޙުކުމެއް ވެސް އިއްވިއެވެ.
އަޅުގަނޑުގެ ފިރިމީހާއަކީ ވަރަށް ހެޔޮލަފާ މީހަކަށްވާތީ އަމިއްލަ ދަރިއެއް ފަދައިން ދަރިފުޅު ބަލައިގަތެވެ. ކިޔަވައިދިނެވެ. މިއަދު އެދަރިފުޅަކީ އިސްލާމް ދީން ފަތުރަން ގަދައަޅައި މަސައްކަތްކުރާ ދީނީ ޢިލްމުވެރިއެކެވެ. ދެން ފާހަގަކޮށްލަން ބޭނުންވަނީ ދަރިފުޅު ގެންގުޅެން ފެށިފަހުން ފިރިމީހާގެ އަތްމަތި ތަނަވަސްވިކަމެވެ. ޢާއިލާއަށް އުފާވެރިކަން އިތުރުވި ކަމެވެ.
މިއީ ހަމަ ހިނގާފައިވާކަމެއް ކަމަށް ބުނެ ޔޫއޭއީގައި ދިރިއުޅޭ އަޅުގަނޑުގެ ކޮއްކޮއަކު އަޅުގަނޑާއި ހިއްޞާކޮށްފައިވާ ވާހަކައެކެވެ. ރާއްޖެ ކުޑަވެފައި ޔަތީމް ޚާނާއަށް ކުދިން އެއްލައިލެވޭނެ ގޮތެއް ނެތުމުން އެގޮތަށް އެކަން ނުކުރިނަމަވެސް ދަރިން ލިބުމުން އެދަރިން ބޭނުން ނުވެގެން އެކުދިންނަށް ދެރަ ނިކަމެތި ގޮތްގޮތަށް ކަންކަން ކުރެއެވެ. އެފަދައިން ކަންކަންކުރާ މީހުންނަށް މިއީ ވަރަށް ޢިބްރަތްތެރިވާހަކައެކެވެ. ޚަރަދުކުރަންޖެހޭނެތީ ދޮންދަރިން ބަލަން ފަސްޖެހޭ މީހުންނަށްވެސްމެއެވެ.
މިވާހަކަ ކިޔާފައި ހިތަށްކުރި އަސަރު ބޮޑުކަމުން މިއަދުނޫހުގެ ކިޔުންތެރިންނާ ޙިއްޞާކޮށްލަން ބޭނުންވީއެވެ!
- އާމިނަތު / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
5 އޭޕްރީލް 2022