އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: އަމިއްލަ ބޭނުންތައް ފުއްދައިނުދިނުމުން އަންހެނަކު ވަޒީފާއިން ވަކިކުރި ވެރިމީހާ ބަނގުރޫޓުވެ ކުންފުނި ވިއްކާލަންޖެހުނު ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: އަމިއްލަ ބޭނުންތައް ފުއްދައިނުދިނުމުން އަންހެނަކު ވަޒީފާއިން ވަކިކުރި ވެރިމީހާ ބަނގުރޫޓުވެ ކުންފުނި ވިއްކާލަންޖެހުނު ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 14 ސިކުންތު

ޒީބާއަކީ އޭނާގެ ފިރިމީހާ ދެކެ ވަރަށް ލޯބިވާ އަންތބެކެވެ. ޒީބާ އަކީ އޮފީހަށް ގޮސް ވަޒީފާއަދާކުރަން ބޭނުންވާ އަނހެނެއް ނޫނެވެ. އޭނާ އޮފީހެއްގައި ވަޒީފާއަދާކުރަނީ ފިރިމީހާއަށް ލިބޭ މުސާރައިން ގޭގެ ޚަރަދުތަކާއި ދަރިންގެ ޚަރަދުތައް ދެކޮޅު ނުޖެއްސޭތީއެވެ. އެއިގެ އިތުރުން މުސްކުޅި މަންމައަކާއި ބައްޕައަކު ބަލަހައްޓަންޖެހޭތީއެވެ. 

ވަޒީފާގައި 3 އަހަރު ފާއިތުވީތަނާ ވެރިމީހާ ޒީބާއާއި އަޅައިގެންފިއެވެ. ލޯބިވާކަމަށް ބުނަންފަށައިފިއެވެ. ދުވަސްކޮޅަކުން ގައިގަ އަތްލަން ފަށައިފިއެވެ. ޒީބާ ވަރަށް އާދޭހާއިއެކު އެދެމުން ދިއައީ އެފަދަ ކަންކަން ނުކުރުމަށެވެ. އޭނާގެ ފިރިމީހާއަށް ވަފާތެރި އަންތބެއްގެ ގޮތުގައި ހުރުމުގެ ޙައްޤު އޭނާއަށް ދިނުމަށެވެ. 

އެއްދުވަހަކު ވެރިމީހާ ބުންޏެވެ. "ކަލޭގެ ފިރިމީހާއަކީ އެއްވެސް ހައިޞިއްޔަތެއްހުރި މީހެއް ނޫނެވެ. ތަނަވަސްކަމެއް ނެތެވެ. ކަލެއަށް ބޭނުންވާ ކަންކަންވެސް ކޮށެއް ނުދެވެއެވެ. އަހަރެންގެ އަތުގައި ތަނަވަސްކަން އެބަހުއްޓެވެ. ކަލޭ ބޭނުންވާ ހުރިހާ ކަންކަން ކޮށްދޭނަމެވެ. އުފަލުގައި ގެންގުޅޭނަމެވެ." 

ޒީބާ ބުންޏެވެ. "އަޅުގަނޑަކީ ތަނަވަސްކަން ބޭނުންވެގެން އުޅޭ އަންހެނެއް ނޫނެވެ. ފިރިމީހާއަށާއި އަޅުގަނޑަށް ލިބޭ މުސާރައިން ފުދި އިތުރުވެއެވެ. އަޅުގަނޑުގެ ފިރިމީހާގެ އަތުގައި މިލިއަނުން ފައިސާނެތަސް އޭނާއަކީ ތެދުވެރިވަފާތެރިއެކެވެ. ލޯބިވަނީ އަޅުގަނޑުދެކެ އެކަންޏެވެ. މިއީ އެއްވެސް ކަމަކީ ތިބާއަށް ކޮށްދެވޭނެ ކަންކަމެއް ނޫނެވެ. ކޮށްދެވޭނެ ނަމަ ތިބާގެ އަނބިމީހާއަށް، ތިބާގެ 4 ދަރިންގެ މަންމައަށް އެކަންކަން ތިބާއަށް ކޮށްދެވުނީހެވެ. އަމިއްލަ އަނބިމީހާއަށް ކޮށްނުދެވުނު ކަންކަން އެހެން އަންހެނަކަށް ކޮށްދެވޭނީ ކިހިނަކުން ހެއްޔެވެ؟ 

އަދިވެސް ބުނަން ހެއްޔެވެ؟ ތިބާގެ ނޯކަރަކަށް ހުއްޓާ އަޅުގަނޑުގެ ރުހުމާއި ނުލައި، އެކަމަށް ދެކޮޅުހަދަމުން ދަނިކޮށް ގައިގަ އަތްލުން އެއީ ތިބާގެ ދަރަޖަ ސުމަކަށް ތިރިވި ސަބަބެވެ. ތިބާ ކިތަންމެ ތަނަވަސް ނަމަވެސް އަޅުގަނޑުގެ ކުރިމަތީގައި ތިބާއަކީ ހަމަސުމެކެވެ. އަމިއްލަ ނޯކަރުންގެ ގައަށް ބޮލަށް އެރުމަކީ އެމީހެއްގެ ކިބައިގައި އެއްވެސް ރަނގަޅު ސިފައެއް ހުރި މީހަކު ކުރާނެ ކަމެއް ނޫނެވެ. 

އަދިވެސް ބުނަން ހެއްޔެވެ؟ މިވާހަކަ މިދެއްކީ ވަރަށް ގިނަ ކަންކަމަށް ވަރަށް ގިނަ ދުވަހު ކެތްކުރުމަށްފަހުގައެވެ. ވަޒީފާ ގެއްލިއްޖެނަމަ ދިރިއުޅެންޖެހޭނެ ދަތިޙާލުވެސް އެނގެއެވެ. އެކަން ﷲ އަށް ވަކީލެވެ. މިވަގުތު ވަކިކުރި ނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. ﷲ އަށް އުރެދޭ ކިތަންމެ ކުޑަ ޢަމަލެއް ވިޔަސް ނުކުރާނަމެވެ. ފިރިމީހާ ހިތުގަ ޖެހޭނެ ކިތަންމެ ކުޑަކަމެއްވެސް ނުކުރާނަމެވެ. އެކަންކަން ޤަބޫލުނުކުރާނެ ނަމަ މިވަގުތު ވަޒީފާއިން ވަކިކުރިނަމަވެސް އެއްވެސް މައްސަލައެއް ނެތެވެ. 

އަދިވެސް ބުނަން ހެއްޔެވެ؟ އަހަރެމެން ދެމަފިރިންނަކީ ކައިވެނިކުރީންސުރެ އެކުގައި ދަމުނަމާދުކުރާ ދެމަފިރިންނެވެ. ދެރަގޮތެއް އިރާދައެއް ނުކުރައްވަވާނެއެވެ. އިން ޝާ ﷲ" 

ޒީބާގެ ވާހަކަތައް އަޑުއަހާފައި އިރުކޮޅަކު ހުރުމަށްފަހު ޒީބާއަށް ބުނީ ތިއަހާ ކަޓު އަންހެނުން ވަޒީފާގައި ގެންގުޅެން ބޭނުން ނޫން ކަމަށެވެ. އޭނާގެ އަމިއްލަ ބޭނުންތަކަށް އެއްބާރުލުން ނުދޭނެ ނަމަ ހަމަ މިހާރު ގެއަށް ދިއުމަށެވެ. ޒީބާ އިޚްތިޔާރުކުރީ ވަޒީފާ ދޫކޮށްލާފައި ގެއަށް ދިއުމަށެވެ. 

ޒީބާ ގެއަށް ގޮސް  އޮފީހުގައި ކަންކަން މެދުވެރިވި ގޮތް ފިރިމީހާއަށް ކިޔައިދިނެވެ. ފިރިމީހާ ބުނީ އެޙާލަތުގަ ވަޒީފާދޫކޮށްލުމަކީ އެއްވެސް މައްސަލައެއް ނޫން ކަމަށެވެ. މާރަނގަޅު ގޮތް ﷲ މިންވަރުކުރައްވަވާނެ ކަމަށެވެ. 

ޖެހިގެން އައި ދުވަހު ޒީބާ ވަޒިފާއެއް ހޯދަން މަސައްކަތްފެށިއެވެ. 10 ވަރަކަށް ދުވަހުގެ ތެރޭގައި ވަޒިފާއެއް ލިބުނެވެ. މުސާރަވެސް ކުރިއަށްވުރެ ބޮޑު ވަޒީފާއެކެވެ. ވަޒީފާގައި ކުރަންޖެހުނު މަސައްކަތަކީ އެކުންފުންޏަށް އެކިއެކި ފަރާތްތަކުން ދައްކަންހުރި ފައިސާ ހޯދުމުގެ މަސައްކަތެވެ. 

ކަންކަން ރަނގަޅަށް ބަލައިލިއިރު އެންމެ ގިނަ ފައިސާލިބެން އޮތީ އޭނާ ކުރިން މަސައްކަތްކުރި ކުންފުނިންނެވެ. އެހެންވެ ވެރިމީހާއާއި ބައްދަލުކޮށްފައި ބުންޏެވެ. "އެންމެ ގިނަ ފައިސާ ލިބެން މިއޮތީ އަޅުގަނޑު ކުރިން މަސައްކަތްކުރި ކުންފުނިންނެވެ. އެފައިސާ ހޯދަން އުޅޭއިރަށް އަޅުގަނޑާއި ބެހޭގޮތުން ކިތަންމެ ބޮޑު ދޮގެއްވެސް ހަދައިފާނެއެވެ. އެހެންވެ މިކިޔައިދެނީ އަޅުގަނޑު އެތަނުން ވަކިވާންޖެހުނު ސަބަބެވެ." 

އެހެންބުނެފައި ހުރިހާ ވާހަކަތަކެއް ކިޔައިދިނުމުން ވެރިމީހާ ބުންޏެވެ. "އޭނާއަށް ފައިސާ ނުދެއްކޭ ސަބަބު ތިއަ އެނގުނީއެވެ. ތިއަގޮތެއް އުޅޭ މީހުން އަބަދުވެސް ތިބޭނީ ދަރަނިވެރިވެފައެވެ. ހިލޭ އަނހެނުންނަށް ޚަރަދުކުރާ މީހަކަށް ކުރިއަކަށް ނުދެވޭނެއެވެ. އެމީހެއްގެ މަސައްކަތުގައި ބަރަކާތް ނުލައްވަވާނެތެވެ. އެހައިގިނަ ޢިމާރާތްތައް އަޅަންލިބޭއިރުވެސް ކުރިނާރައި ފިތިފައި އެހުންނަނީ އެހެންވެގެންކަމަށްވެދާނެއެވެ. އެކަން ބާއްވާށެވެ. އެއީ އޭނާގެ އަމިއްލަ ކަމެކެވެ. މިހާރުވެސް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައްކަން އޮތުމުން ހޯދަން އަވަހަށް މަސައްކަތްފަށާށެވެ!" 

ޒީބާ އޭނާގެ މަސައްކަތުގައި ކުރިއަށްދާންފެށިއެވެ. އަދި ވެރިމީހާގެ ހުއްދައާއިއެކު ބިލް ދައްކަން ދީފައިވާ މުއްދަތުހަމަވުމުން ބިލް ނުދައްކާ ފަރާތްތަކަށް އިތުރަށް މުދައު ނުދޫކުރަން ނިންމިއެވެ. 

އެކަމުގެ ގެއްލުން އެންމެ ބޮޑަށް ލިބުނު އެއްފަރާތަކީ ޒިބާ ކުރިން މަސައްކަތްކުރި ކުންފުންޏެވެ. އާދޭސްކުރުމުންވެސް ޒީބާ ލުޔެއް ނުދިނެވެ. ބުނީ ވެރިމީހާ އާއި ވާހަކަ ދައްކައިގެން ހަމަޖެއްސުމަށެވެ. ވެރިމީހާ އާއި ގުޅުމުން ބުނީ އެކިފަރާތްތަކުން 15 ވަރަކަށް މިލިއަން ރުފިޔާ ނުލިބި އޮތުމުން ވަރަށް ދަތިވާ ކަމަށާއި އެފައިސާ ހޯދަން ޒީބާ ކުރާ މަސައްކަތާއި ނުބެހޭނެ ކަމަށެވެ.

އެހިސާބުން މަސައްކަތަށް ބޭނުންވާ ތަކެތި ލިބޭނެ ގޮތް ނުވުމުން މަސައްކަތް ހުއްޓޭހިސާބަށް ގޮސްގެންވެސް ޒީބާއަށް ވަރަށް އާދޭސްކުރިއެވެ. ނަމަވެސް ޒީބާ ހަމަ އޭނާހެދި ޤަވާއިދުގައި ހިފެހެއްޓީއެވެ. އެކަމުގެ ނަތީޖާއަކަށްވީ ކުރިން އުޅުނު ކުންފުނި މިހާރު މަސައްކަތްކުރާ ކުންފުންޏަށް ވިއްކާލަން ޖެހުމެވެ. ދެމީހުންނަކީ ދެ އެކުވެރިކަމުގައިވާތީ މިހާރުގެ ވެރިމީހާ އޭނާގެ އެކުވެރިޔާގެ ކުންފުނިގަތީއެވެ. 

ޒީބާ ވަޒީފާގައި މަސައްކަތކުރާތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުންފުންޏަށް ލިބުނު ކުރިއަރައި ވަރަށް އަވަހަށް މުސާރަވެސް ބޮޑުކޮށްދިނެވެ. އަދި ގަތްކުންފުނީގެ އިސް މަޤާމެއް ޒީބާގެ ފިރިމީހާއަށް ލިބި ރަނގަޅު މުސާރައެއްވެސް ލިބެންފެށިއެވެ. ޒީބާމެން ދެމަފިރިންނަށް ހަމަޖެހިލައިގެން އުފަލުގައި ދިރިއުޅެލެވޭވަރުވިއެވެ. 

ޒީބާ އަކީ އަޅުގަނޑުގެ އެންމެ ގާތް އެކުވެރިޔާއެވެ. މިކިޔައިދިނީ ޒީބާގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. މިއަދުނޫސް މެދުވެރިކޮށް އަޅުގަނޑު ބުނެލަން ބޭނުންވާ ހަމައެކަނިވާހަކައަކީ ދެމަފިރިން ނުވަތަ އެމީހަކު ﷲ އެންގެވިގޮތަށް އުޅެމުން ދަމުނަމާދުކުރަމުން ގެންދާނަމަ ކުރިމަތިވާ ހުރިހާ ކަމެއްވެސް ހަމަ ޙައްލުކުރެވޭނެއެވެ. މާރަނގަޅު ގޮތްތައް މިންވަރު ކުރައްވަވާނެތެވެ. ޚާއްޞަކޮށް ޢިއްފަތްތެރިކަމަށް ރައްކައުތެރިވާ އަންހެނުންނަށް ކާމިޔާބު މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ

 

--ވަސީމާ / މިއަދުނޫހުގެ ކިޔުންތެރިއަކަށް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް