އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 8 މިނެޓް, 23 ސިކުންތު
އެއިރު އަޅުގަނޑުގެ އުމުރަކީ 23 އަހަރެވެ. ކިޔަވައި ނިމިގެން ވަޒީފާއަކަށްވަންތާ ފުރަތަމަ އަހަރެވެ. އަޅުގަނޑަކީ އަބަދުވެސް އަޅުގަނޑު އެފަހަރަކު ކުރަންޖެހޭ މަސައްކަތަކަށް ސަމާލުކަންދީގެން އުޅެމުން އަންނަ މީހެކެވެ. ގޭތެރޭގެ މަސައްކަތުގައިވެސް އަދި އޮފީހުގެ މަސައްކަތުގައިވެސް ޢަމަލުކުރަނީ އެގޮތަށެވެ.
މިގޮތް އޮފީހުގެ އެހެން މުވައްޒިފުންނަކަށް ކަމަކު ނުދިއައެވެ. އެމީހުން ބޭނުންވަނީ ކުޑަކޮށް މަސައްކަތްކޮށްލާފައި އެންމެން އެކުގައި ކޮފީބޮއިލާފަ އަނގަތަޅައިލާފަ ހީނމަޖާކޮށްލާފަ އުޅޭށެވެ. އެކަންކަމުގައި ބައިވެރިނުވާތީ ހުރިހާކުދިންހެން ތިބެނީ ރުޅިގަދަވެފައެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި އޮފީހުން މުސާރަދެނީ ވަކި ވަގުތަކު މަސައްކަތްކުރުމަށެވެ. އެވަގުތުގައި މަސައްކަތްކުރަންޖެހޭނެއެވެ. ނޫންނަމަ މުސާރަ ޙަލާލެއް ނުވާނެއެވެ.
ކޮންމެއަކަސް އޮފީހުގައި އަހަރުވީތަނާ އޮފީސް ހުރިހާ ކުދިން ރިޒޯޓަކަށް ދަތުރދާން ރޭވީމާ ދަތުރުގައި ބައިވެރިނުވަން ވަަރށް މަސައްކަތްކުރީމެވެ. ނަމަވެސް ހުރިހާ ކުދިން އެދުނީމަ ބައިވެރިވެގެން ގޮސް އުޅުނުއިރު އަޅުގަނޑާ އެހެން ދެކުއްޖަކު ތިބި ކޮޓަރީގައި ގިނައިން ފެންވަރައި އުޅުނީ އޯޕަން އޭރިއާގެ ޝަވަރުން އެކުއެކުގައެވެ. 3 އަންހެނުންވީމާ ވަރަށް ސަމާސަވެސް ކުރެވެއެވެ. އެއް ކުއްޖަކު އަވަސްއަރުވާލައިގެން ދާންއުޅޭނަމަ ދެން ތިބޭ ކުދިންގޮސް އޭނާގެ ގައިގައި ޝޭމްޕޫ، ޝަވަރޖެލް އުނގުޅުން ފަދަ ކަންކަން ވެސްކުރެއެވެ.
2 ދުވަހުގެ ދަތުރު ނިމިގެން މާލެއައިތަނާ ވެރިމީހާ އަޅުގަނޑު ގެންގޮސްފައި ދެއްކީ ދަތުރުގަ ފެންވަރަންހުރި ވީޑިއޯއެކެވެ. އަޅުގަނޑު ގޮސް އެކުވެރިއެއްގެ ގައިގައި ސައިބޯނި އުނގުޅައިދޭތަނެވެ. އަޅުވާފައިވަނީ މުޅިން ތަފާތު ތުހުމަތެކެވެ.
އެއާއިއެކު އަޅުގަނޑަށް ބާރަށް ރޮއިގަނެވުނެވެ. ބުނެވުނެވެ. "ދަތުރުނުދާން ހުއްޓާ އެތައްވަރަކަށް ކިޔައިގެން ދަތުރުގެންދިއައީ މިހައި ނުބައި ރޭވުމެއްގެތެރެއިންކަން ވިސްނާލަންވެސް ނުއެނގެއެވެ! ބޮސްއެވެ! އެމީހުން އަޅުގަނޑުދެކެ ހިތުގެ އަޑިން ވަރަށް ރުޅިއާދެއެވެ. އެއީ އެމީހުންނާއެކު ކޮފީބޯން، ހީނ ސަމާސާކުރަން ބައިވެރިނުވާތީއެވެ! އޮފީހުގެ މަސައްކަތް ނުކޮށް ވަގުތު ބޭކާރުކުރަން ދެކޮޅުހަދާތީއެވެ! މިކަންކަން ބޮސް ކެމެރާއިން ބެލީމާ ފެންނާނެއެވެ!"
އެހެން ބުނުމުން ރިޒޯޓުގެ ކޮޓަރީގައި އެކލުގައިތިބި އަނެއް ދެކުދިން ވެސް ގެނުވާފައި ބޮސް ބުންޏެވެ. "މިކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން މިބަލަނީއެވެ. ބަލައި ނުނިމެނީސް ނުބައި ވާހަކައެއްވެސް މިކްލިޕްވެސް ލީކްވެއްޖެނަމަ ކަލޭމެން ދެ އަންހެނުން ވަޒީފާއިން ވަކިކުރާނަމެވެ."
ޖެހިގެން އައި ހަފްތާގައި އަޅުގަނޑު ގެންގޮސްފައި ބޮސްބުނީ މުވައްޒިފުން މަސައްކަތްކުރާ ގޮތް ވަރަށް ރަނގަޅަށް ބަލައިފިން ކަމަށާއި އަޅުގަނޑަށް ބުނެވުނީ ހަމަ ތެދެއް ކަމަށެވެ. އަދި އެދަތުރު ރޭވި އެންމެ ބޮޑުބޭނުމަކީވެސް އަޅުގަނޑު ބަދުނާމުކޮށްލައި ވަޒީފާ ގެއްލުވައިލުންކަމަށް އެދެއަންހެނުން އަމިއްލައަށް އެހެން މުވައްޒިފަކަށް މިހާރު ކިޔައިދީފައިވާ ކަމަށެވެ!
ސަމާސާ މިޒާޖެއްގައި ބޮސްބުންޏެވެ! "އެއީ ތެދެއްތޯ ބަލައިލަން ނިކަން ބަނޑު ދައްކަބަލަ. އެކުދިން އެބަބުނޭ ޒުލްފާގެ ބަނޑުކޮޅުގަ މާވަރުގަދަ ތަވީދެއް އަޅައިގެން އުޅޭތީއޭ އެމީހުން ރާވާ މަޅީގަ ނުޖެހި ސަލާމަތްވަނީ. 3 ރެއަކު ކެއުމަށް ގެންގޮސްގެންވެސް ކޮންމެވެސް ކަންތައް ގަނޑެއް ހިންގަން އުޅެ ފޭލްވި ވާހަކަވެސް މިހާރު އެދައްކާ!"
އަޅުގަނޑު ބުނީމެވެ. "އަޅުގަނޑުގެ ތަވީދަކީވެސް ރުޤްޔާއަކީވެސް ކުރާ ނަމާދުތަކާ 2 އިރުގެ ޛިކުރެވެ. އެހެން ތަވީދެއް ބޭނުމެއްވެސް ނޫނެވެ."
ޖެހިގެން އައި މަހުގެ 1 ވަނަ ދުވަހުން ފެށިގެން އަޅުގަނޑަށް ވަޒީފާގެކުރިއެރުން ލިބި މުސާރަވެސް ބޮޑުވިއެވެ. ނަމަވެސް ވަގުތުބޭކާރުކުރާ މުވައްޒިފުން އިޞްލާޙްވަންދެން ކަމަށްބުނެ މުސާރައިން 20 އިންސައްތަ ކުޑަކުރިއެވެ. އެކަމާއި ރުޅިއައިވަރުން އަޅުގަނޑާއި ދިމާއަށް ނުގޮވާ އެއްޗެއް ނެތެވެ.
އަޅުގަނޑު ބުނީމެވެ. "އެކުވެރިންކަމުގައި ހެދިގެން އެތައް އާދޭހެއްކޮށްގެން ދަތުރު ގެންގޮސްފަ އަހަރެން ކަތިލަން ތޫނުކުރި ވަޅިން އަހަރެން ކަތިލެވޭނެ ގޮތް ނުވެ އަމިއްލައަށް ކަތިލެވުނީމާ އަހަރެންގެ ކުށަކީ ކޮބައިހެއްޔެވެ؟ ކަލޭމެން އަހަރެންގެ ބޮލުގައި އެޅުވީ ކޮންފަދަ ނުބައި ދޮގުތުހުމަތެއް ހެއްޔެވެ؟ އެއީ އަހަރެންގެ މުޅި ދިރިއުޅުމަށް އަދި ކެރިއަރއަށް އެޅި އެޓޮމިކް ބޮމެއް ނޫންހެއްޔެވެ؟ އެކަމަކުވެސް ގޯސްމިވަނީ އަހަރެންނެވެ!
އަދިވެސް އެއްވާހަކަ ބުނެލާނަމެވެ. ދެންވެސް އެއްވެސް މީހަކަށް ދެރައެއް ދޭން މަސައްކަތްނުކުރާށެވެ. ފަހަރެއްގައި އެކަމެއް ކާމިޔާބުވި ނަމަވެސް ކާމިޔާބުވީތީ ގަދައަޅައި ހިތާމަކުރަން ޖެހުން އޮންނާނީ ދާދިގާތުގައެވެ. އެއިރުން މާބޮޑަށް ދެރަވެ ހިތާމަކުރންޖެހޭނެއެވެ. މިނަޞޭޙަތްކޮޅު ތިއަ އެކުވެރިންގެ ހަނދާނުގައި ބެހެއްޓިއްޔާ ތިއައެކުވެރިންނަށް ފައިދާކުރާނެއެވެ!
އަހަރެންގެ ހިތަކު އެއްވެސް ރުޅިވެރިކަމެއް އަދި ޙަސަދަވެރިކަމެއް ނެތެވެ. އަހަރެން ބޭނުންނަމަ ފިތުނަ އުފެއްދި އެންމެން ވަޒީފާއިން ވަކިކުރަންވެސް ފުރުޞަތު ލިބުނެވެ. އަހަރެން އެގޮތް ބޭނުންނުވީއެވެ. އަދިވެސް ބޭނުންވަނީ ހަމަ އެކުވެރިކަމާއިއެކު އުޚުތުންގެ ގޮތުގައި މަސައްކަތްކުރާށެވެ."
ކޮންމެއަކަސް ކަންކަން ނިމިގެންދިއައީ ވަރަށް ރަނގަޅަށެވެ. އެމީހުންނަށް ދިން ނަޞޭޙަތް ޤަބޫލުކުރިއެވެ. މަސައްކަރްކުރަމުން އައި ގޮތްވެސް ބަދަލުކުރިއެވެ. އަދި ހުރިހާ މުވައްޒިފުންވެސް އެކުވެރިކަމާއިއެކު މަސައްކަތުގައި ގިނަވަގުތުތައް ހޭދަކުރަން ފެށިއެވެ.
އަޅުގަނޑު މިވާހަކަކޮޅު މިއަދުނޫހުގެ ކިޔުންތެރިންނަށް ޙިއްޞާކޮށްލި އެންމެ ބޮޑު ބޭނުމަކީ އފީހުގެ ވިޔަސް އަދި އެހެން ގޮތަކުންވިޔަސް އެކުވެރިންނާއިއެކު ތަންތަނަށްގޮސްއުޅޭއިރު ސަމާލުކަންދޭން ބުނެލުމެވެ. އިތުބާރު ކުރެވެންނެތީ ވަކިމީހަކަށް ނޫނެވެ. ހަމަ އެކަކަށްވެސް ފުރިހަމަ އިތުބާރުކުރެވެން މިހާރު ނެތީއެވެ.
އަޅުގަނޑު އޮފީހުގައި މަސައްކަތްކުރަމުން އައިގޮތުން މާތް ﷲ ގެ ވާގިފުލާއިއެކު ވެރިމީހާ އަޅުގަނޑަށް އިތުބާރުކުރާތީ އަޅުގަނޑަށް ދެރަގޮތެއް މެދުވެރިނުވީއެވެ. އެކަމުގެ ސަބަބުކަމަށް އަޅުގަނޑު ދެކެނީ އެންމެ ކުޑައިރުންސުރެ ﷲ ގެ މަގުގަ ހުރުމާއި ހެނދުނާ ހަވީރުގެ ޛިކުރުތައް ކިޔައި ޙަސަދަވެރިންގެ ކިބައިން ރައްކައުތެރިކަން ލިބިގަންނަން މަސައްކަތްކުރުމެވެ. ނޫންނަމަ އަޅުގަނޑަށް ކުރިމަތިވީހީ ކޮންފަދަ ދެރަގޮތެއްތޯއެވެ؟ އެބާވަތުގެ ތުހުމަތެއްގައި ވަޒީފާއިން ވަކިކުރިނަމަ ދެން އަޅުގަނޑަށް ވަޒީފާއެއް ދޭނީވެސް ކާކުތޮއެވެ؟
މިހިރީ މިއަދު ހަމަ ކޮންމެ މީހަކުވެސް ވިސްނައި ސަމާލުކަންދޭންޖެހިފައިވާ ކަންކަން ކަމުގައި ދެކެމެވެ.
- ފައުޒިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
8 އޮގަސްޓް 2022