އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ލޯބިވުމުގަ ނަމޫނާ އަންހެނަކަށް ލެއްވެވި ރަހްމަތާ މީހެއްގެ ފިރިއަކު އަތުއަޅުވާލަން ޢިއްފަތްތެރިކަން ނަގާލި އަންހެނަކަށް ލިބުނު ދެރައިގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ލޯބިވުމުގަ ނަމޫނާ އަންހެނަކަށް ލެއްވެވި ރަހްމަތާ މީހެއްގެ ފިރިއަކު އަތުއަޅުވާލަން ޢިއްފަތްތެރިކަން ނަގާލި އަންހެނަކަށް ލިބުނު ދެރައިގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 23 ސިކުންތު

އަޅުގަނޑު މިކިޔައިދެނީ އަޅުގަނޑުގެ ވަރަށް އެކުވެރި ދެމަފިރިއެއްގެ ޙަޔާތުގައި ހިނގައިދިއަ ކަންތައްތަކެއްގެ ވާހަކައެވެ. އެދެމަފރިންނަކީ ލޯބިވެގެން އެކުގައި ދުވަސްތަކެއްވަންދެން އުޅެފައި ކައިވެނިކުރި ދެމަފިރިންނެވެ.

ކައިވެނީގެ ފުރަތަމަ 2 އަހަރު ވެސް ދެމީހުން އުޅުނީ ވަރަށް ލޯބިންނެވެ. 3 ވަނަ އަހަރު ފިރިމީހާ ލޯބިވެރިއަކު ހޯދައި އަނބިމީހާ އާއި ދުރުހެލިވާން ފަށައިފިއެވެ. ދުރުހެލިވަމުން ގޮސް މަހެއް ނިމިގެންދާއިރު އެންމެ ރެއަކު ރޭނުކޮށްވެސްދެއެވެ. ގެއަށް ނިދަން ނުއަންނަ ރޭތައްވެސް މަދެއް ނޫނެވެ. ކަންކަން ވަމުންއަންނަ ގޮތާއި ސަބަބު އަނބިމީހާއަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އެއްވެސް ސުވާލެއްވެސް ނުކުރެއެވެ. އެނގޭކަމަކަށްވެސް ނުހަދައެވެ. ހިނިތުންވެގެން ހުންނަން މަސައްކަތްކުރެއެވެ. 

އަނބިމީހާ އެގޮތަށް ކަންކަން ކުރުން ފިރިމީހާއަށްވީ ވަރަށް ބޮޑު މައްސަލައަކަށެވެ. އަނބިމީހާއަކީވެސް މާލެއަށް ނިޞްބަތްވާ އަންހެނަކަށްވެފައި މައިންބަފައިންގެ އަމިއްލަ ގެދޮރު ހުރުމުން ވަކިވެގެންގޮސް ވަންނާނެ ތަނެއް ނެތިގެން ފުދިގެން އިންނާކަށް ކޮންމެހެން ނުޖެހެއެވެ. އެހެންކަމާއިއެކުވެސް އަނބިމީހާ އަނގައިންވެސް ނުބުނެ އެއިންނަނީ ކީއްވެގެންބާވައެވެ! 

އެއިގެ އިތުރުން ލޯބިވެރިޔާއަށް ގަންނަ އަގުބޮޑު އަނގޮޓި ފަދަ ތަކެތި އަލަމާރީގައި އޮއްވައިވެސް އަނބިމީހާއަށް ވަނީ ފެނިފައެވެ. ސުވާލުކޮށް ޝަކުވާކުރުމުގެ ބަދަލުގައި އަނބިމީހާ ގޮތަކީ އެއީ އޭނާއަށް ގެނެސްދިން އެއްޗެއްކަމަށް ހަދައި ބޭނުންކޮށް ފިރިމީހާއަށް ޝުކުރު އަދާކުރަނީއެވެ. އެފަދަ ހަދިޔާދޭތީ ވަރަށް ލޯބިވާކަން އެނގޭކަމަށްވެސް ބުނެއެވެ. މިކަންކަމުގެ ސަބަބުން ފިރިމީހާގެ ބޮލަށް ދިއައީ އުނދަގޫތަކެއްވަމުންނެވެ. 

"މިހައި ރަނގަޅު އަންތބަކު ހަމަ ދޫކޮށްލަންވީހެއްޔެވެ؟ ކައިވެންޏަށްފަހު ލޯބިވެރިޔާވެސް ހަމަ މިހައި ރަނގަލުވާނެ ހެއްޔެވެ؟ މިހައި ލޯބިން އުޅޭނެ ހެއްޔެވެ؟ ކޮންމެ ގޮތަކަށް އުޅުނަސް އެއްވެސް ޝަކުވާއެއް ނުކޮށް ހަމަ އިންނާނެ ހެއްޔެވެ؟ މިފަދަ ރަނގަޅު އަންތބަކު ދޫކޮށްލަން ހެޔޮވެދާނެ ހެއްޔެވެ؟" މިފަދަ އެތައްބައިވަރު ސުވާލުތަކެއް ލޯބިވެރިޔާގެ ހިތުގައި އައީ އެނބުރެމުންނެވެ. 

އެހެން އުޅެނިކޮށް ލޯބިވެރިޔާއާއި ދެމީހުންގެ ގުޅުމަށް 2 އަހަރުވީއިރުވެސް ކައިވެނިނުކޮށްގެން ޝަކުވާކުރަން ފެށުމުން އިތުރަށް ބޯގޮވަންފަށައިފިއެވެ. ކެތްނުކުރެވިގެން އެންމެފަހުން ނިންމީ ލޯބިވެރިޔާ ދޫކޮށްލާށެވެ. ލޯބިވެރިޔާ ދޫކޮށްލިވާހަކަބުނީމާ އައި ރުޅީގައި އަނބިމީހާއަށް ގުޅައި ހުރިހާ ވާހަކަތަކެއް ކިޔައިދީފައި ފިރިމީހާއަކީ ވަރަށް ނުބައި މީހެއް ކަމަށާއި ބޮޑު މަކަރުވެރިއެއްކަމަށް ބުންޏެވެ. އަދި 2 އަހަރުވަންދެން އޭނާގެ ބޭނުންކޮށްފައި އެއްލައިލީކަމަށްވެސް ބުންޏެވެ. 

އަނބިމީހާ ބުނީ ގޯހީ ދެމީހުން އެއްވަރަށް ކަމަށާއި ކުރިކަމެއް ކުރެވޭނީ ދެމީހުންނަށް ކަމަށެވެ. އަދި ތިމާފަދަ އެހެން އަންހެނެއްގެ ދިރިއުޅުމުގެތެރެއަށް ވަދެގަތުމަކީވެސް ރަނގަޅު އަންހެނުން ކުރާނެ ކަމެއް ނޫން ކަމަށެވެ.

އެދުވަހު ފިރިމީހާ ގެއަށް އައިސް އަނބިމީހާ ގާތު އޭނާއަށް އުޅެވުނުގޮތާއި ކުރެވުނު ކަންކަން ވަރަށް ތެދުބަހުން އަނބިމީހާއަށް ކިޔައިދީފައި މާފަށް އެދުނެވެ. ދެން އެފަދަ ކަމެއް ނުކުރާނެކަމަށް އެތައް ވަޢުދެއްވެސްވިއެވެ. 

ޖަވާބުގައި އަނބިމީހާ ބުންޏެވެ. " އަހަރެންނަށް ނުއެނގޭ އެއްވެސް ކަމެއްގެ ވާހަކައެއް އަދި ނުބުނެވެއެވެ. ކެތްކޮށްގެން މިހުރީ އެއްވެސް ކަމެއް ނުއެނގޭތީއެއް ނޫނެވެ. ނަމަވެސް ކަލާދެކެ ލޯބިވާވަރުން އިޞްލާޙްވެދާނެ ކަމުގެ އުންމީދުގައެވެ. ހިތްވަރު ހޯދީ ދުޢާއާއި ތަޤްވާވެރިކަމުންނެވެ. މިހާރު މިވަގުތު ވަރިކުރިނަމަވެސް ޢިއްދަ ހަމަވުމުން ކައިވެނިކުރަން ކަލާއަށްވުރެ މާތަނަވަސް 2 މީހުން އެބަތިއްބެވެ. އެކަމަކުވެސް ހަމަލޯބިވާވަރުން އަނިޔާލިބިލިބިވެސް ހުރެވުނީއެވެ. 

ބުނަންހެއްޔެވެ؟ ތިއަ ބާވަތުގެ އަނިޔާތައް ދިނުމުން މާފުކުރުމަކީ ވަރަށް ލޯބިވާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫނެވެ. އަހަރެން ހަމަ ހިތުގެ އަޑިން މާފުކޮށްފީމެވެ. ނަމަވެސް ދެވަނަ ކަމެއް ކުރިކަމަށް ޝައްކުވިނަމަވެސް އެކުގައި އެންމެ ހިނދުކޮޅަކުވެސް ނުއުޅޭނެއެވެ. ވީމާ މިއީ މާފުކުރި ފުރަތަމަ ފަހަރުކަމާއި މާފުލިބޭނެ ފަހުފަހަރުކަން ރަނގަޅަށް ދަންނަންވާނެއެވެ." 

އެއިގެފަހުން މިހާރު 18 އަހަރުވެއްޖެއެވެ. ދެމަފިރިން ދިރިއުޅެމުން އެގެންދަނީ ވަރަށް ލޯބިންނެވެ. ދެމަފިރިންގެ މެދުގައި އެފަދަ އެއްވެސް ކަމެއް ނުހިނގައެވެ. ލިބިފައިވާ 3 ދަރިން ރަނގަޅަށް ތަރުބިއްޔަތުކުރުމުން ފޮނުވަނީވެސް ޢަރަބިއްޔާ ސްކޫލަށެވެ. 

ކުރިންވެސް ބުނިފަދައިން އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ ވަރަށް އެކުވެރި ދެމަފިރިއެއްގެ ޙަޔާތުގައި ކަންތައްތަކެއް ހިނގައިދިއަ ހިނގައިދިއަ ގޮތުގެ ވާހަކައެވެ. މިވާހަކައިން އަޅުގަނޑު އެންމެ ފުރަތަމަވެސް ފާހަގަކުރާނީ އެއަނބިމީހާގެ ކެތްތެރިކަމެވެ. ތަޤްވާވެރިވެ ދުޢާކުރަމުން ދިއުމުން އޭނާ އެންމެ ބޭނުންވި ގޮތަށް ކަންކަން ހިންމަވައިދެއްވެވިކަމެވެ. 

ދެން ބުނެލަން ބޭނުންވަނީ މީހެއްގެ ފިރިއަކު އަތުއަޅުވައިލުމުގެ ބޭނުމުގައި ޢިއްފަތްތެރިކަން ނަގައިލި އަނެހެން މީހާއަށް އޭނާ ބޭނުންވި ގޮތް ކާމިޔާބުނުވެ މާޔޫސްވާންޖެހުނު ކަމެވެ. މިއީ ހަމަ ކޮންމެ އަންހެނަކުވެސް ވިސްނައިލުން ވަރަށް ރަނގަޅު ކަމެކެވެ. 

ދެން ފާހަގަކޮށްލަން ބޭނުންވަނީ މާފުކުރަމުން އަނބިމީހާ އެނބުނި ބަސްތަކެވެ. ހިތުގެ އަޑިން މާފުކުރުމަކީ ވަރަށް ބޮޑަށް ލޯބިވާ މީހަކަށް ނޫނީ ކުރެވޭނެ ކަމެއް ނޫންކަމާއި މާފުކުރުމަކީ ކުޅޭކުޅިވަރަކަށް ހަދަން ފުރުޞަތުދީގެން ނުވާނެ ކަމެވެ. 

އަޅުގަނޑު މިކިޔައިދިން މިވާހަކައިން މިއަދުނޫހުގެ ކިޔުންތެރިންނަށް ޢިބްރަތްތެރި ފިލާވަޅެއް ލިބޭނެކަމަށް އުންމީދުކުރަމެވެ. 

- ޝަޒްނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް