އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 12 ސިކުންތު
ލޯބިވެގެން އެކުގައި އުޅުނުއިރު އޭނާގެ ކިބައިން ފެނުނީ މަޑުމަތިރިކަމާއި އޯގާތެރިކަމެވެ. ދައްކާ ވާހަކަތަކުން ޤަބޫލުކުރެވުނީ އޭނާއަކީ ހުރިހާ ކަމުގައިވެސް އިންޞާފަށް ލޯބިކުރާ ވަރަށް ތެދުވެރި މީހެއް ކަމެވެ. ކައިވެނިކުރީ އެއީ ހަމަ ޙަޤީޤަތްކަމަށް ޤަބޫލުކޮށްގެންނެވެ.
ކައިވެނިކޮށް އެކުގައި އުޅެމުން އައިސް 2 ދަރިން ލިބުމާއިއެކު މުޅިން އެހެން މީހަކަށް އޭނާ ބަދަލުވެއްޖެއެވެ. ހަޑިހުތުރު ބަހުރުވައިން އެއްޗެތިގޮވުމާއި ތަޅައި އަނިޔާކުރުމަކީ ޢާންމުކަމަކަށް ވެއްޖެއެވެ. ރޭގަނޑު ނިދަން އަންނަ ގަޑި ލަސްވަމުން އައިސް ބައެއް ރޭރޭ ނިދަން ނުވެސް އަންނަން ފަށައިފިއެވެ.
އެއިން ކަމަކާއި ގުޅިގެން ކިތަންމެ ކުޑަ ބަހެއް ބުނެވުނު ނަމަވެސް ސުވާލެއްކޮށްލެވުނު ނަމަވެސް ބާރުގަދަހަމަލާއެއް ދޭތީ ޖެހުނީ ކެތްތެރިވެގެން ހުންނާށެވެ. އަޅުގަނޑަކީ ރާއްޖެތެރެއަށް ނިޞްބަތްވާ ނިކަމެތި އަންހެނަކަށްވެފައި ގާތް އެކުވެރިއަކުވެސް ނެތުމުން ޝަކުވާ ކުރަން ކުރެވޭނެ ކަމެއްވެސް ނެތެވެ.
ބޭނުން ނެތްނަމަ ވަރިކޮށްފައި ނުވަތަ ވަރިނުކޮށް ނަމަވެސް ރަށަށް ފޮނުވައިދޭން އެދުނީމާ ބުނަނީ މަރާލާފައި ވަޅުލާނީ އާސަހަރާގައި ކަމަށެވެ. އެއްވެސް ކަމެއް އެއްވެސް ފަރާތަކަށް ރިޕޯޓްކޮށްފިނަމަ ނޭވާހާސްކޮށް މަރާލާނެ ކަމަށެވެ. އެހެންކަމުން އޮތް ހަމައެކަނި އުންމީދަކީ އެޙާލަތުން ﷲ ތަޢާލާ ސަލާމަތްކޮށްދެއްވެވުމެވެ.
ކޮންމެ ރެއަކުހެން ހޭލައި އިނދެ ދަމުނަމާދުކޮށް ދުޢާކުރަމުން ގެންދިއައިމެވެ. ފިރިމީހާގެ ހިތުގައި އަޅުގަނޑާއި 2 ދަރިންގެ މައްޗަށް ލޯތްބާއި ކުލުނު ޖެއްސެވުން އެދިގެންނެވެ. ކުރަމުންދާ އަނިޔާތަކުން ސަލާމަތްކަން ދެއްވެވުން އެދިގެންނެވެ.
އެފަދަ ޙާލުގައި އުޅެނިކޮށް 3 ވަނަ ދަރިފުޅަށް ބަލިވެ އިނދެއްޖެއެވެ. ބަނޑަށް 5 މަހުގައި އެއްރޭ 9 ޖަހާއެހާކަންހާއިރު ގެއިން ނުކުންނަން އުޅެނިކޮށް ދޮށިދަރިފުޅު ގޮސް ބައްޕާއޭ ކޮއްކޮއާއެކު ކުޅެލަން އައިސްބަލާށޭ ބުނާއިރަށް އޭނާ އުފުލާލާފައި ސޯފާމައްޗަށް ވައްޓާލާފައި ބުނީ މިހާރު ދަރިން ފޮނުވައިގެންވެސް އޭނާގެ އުފާތަކަށް ހުރަސްއަޅަނީ ކަމަށެވެ. އަދި ޅ ތިއިނީ ވަރިކޮށްފައި ކަމަށާއި އޭނާކުރާ އެއްވެސް ކަމަކާއި ނުބެހުމަށެވެ.
ވަރިކުރީތީ ވަރަށް ދެރަވެސްވިއެވެ. ނަމަވެސް އެނބުރި ރަށަށް ދިއުމުން ފިރިމީހާގެ ކިބައިން ލިބެމުން އަންނަ އަނިޔާތަކުން ސަލާމަތްވެވޭނެކަމާއި ރަށަށް ދިއުމަށް ހުރަހެއް ނެތްކަން ވިސްނުމުން ވަރަށް އުފާވެސްވިއެވެ.
އެރޭ ވެސް 2 ޖަހާއެހައިކަންހާއިރު އާދައިގެ މަތިން ހޭލެވުމުން ތެދުވެ ވުޟޫކޮށްލައިގެން އައިސް ނަމާދުކޮށްގެން ކިޔަވަން އިންދާ ނުދަންނަ ނަންބަރަކުން ގުޅަންފެށުމުން ވަރަށް ބިރުން ހުރެފައި ފޯނުނެގީމެވެ. އެކޮޅުން ވާހަކަދެއްކި މީހާ ބުނީ ފިރިމީހާ ވަރަށް ބޮޑު އެކްސިޑެންޓެއްވެގެން އައިޖީއެމްއެޗްގައި ކަމަށާއި އެއްވެސް އެހީތެރިއަކުވެސް ނެތް ކަމަށެވެ.
ވަރަށް ދެރަވިއެވެ. ނަމަވެސް 2 ދަރިން އެކަނިކޮށްލާފައި ދިއުން އުނދަގޫކަމަށްބުނެ އޭނާގެ ބޭބެގެ ނަންބަރުދިނީމެވެ. ގެތަޅުލާފައިވެސް ނުދެވުނީ އެދުވަހު ބޮލުގައި ޖެހުމުން ބޮލުގައި ރިއްސާވަރުން ކެތްނުކުރެވޭތީއެވެ.
ހޮސްޕިޓަލަށް ދެވޭވަރުވީ 3 ދުވަސްފަހުންނެވެ. 2 ދަރިން ގޮވައިގެން ދިއުމުން އެނގުނީ އެކްސިޑެންޓްވެ ކަނައަތް 3 ތަނުން ބިނދިފައިވާ ކަމެވެ. އަދި ސައިކަލުގެ ހުންގާނުންޖެހި މޭގެ ކަށިތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން 2 ކަށިގަނޑެއް އޮޕަރޭޝަންވެސް ކުރަންޖެހިފައިވާ ކަމެވެ.
ބަނޑުގައި އޮތް ދަރިފުޅާއިއެކު 3 ދަރިންގެ ބައްޕަ ކަމަށްވުމުން ވަރަށް ދެރަވިއެވެ. ރޮވުނެވެ. ރޮމުން ބޭރަށް ނުކުތްތަނާ އޭނާގެ ޢާއިލާގެ މީހުން އަޅުގަނޑާއި ބައްދަލުކޮށް އަޅުގަނޑުގެ މޫނުމަތީގައި އެއިރުވެސް ދުޅަވެފައި ހުރި ތަންތަނާއިބެހޭ ގޮތުން ސުވާލުކުރުމުން ސުވާލުކުރުމުން އަޅުގަނޑާއި ދަރިން ދިރިއުޅެމުން އައި ޙާލުކިޔައިދިނީމެވެ. އެމީހުން ސުވާލުކުރީ ކުރިން ތިއަވާހަކަތައް ނުބުނީ ކީއްވެގެންތޯއެވެ؟ ޖަވާބުގައި ބުނީމެވެ. ބުނެފިނަމަ ވަގުތުން މަރާލާނެ ކަމުގެ އިންޒާރު ދީފައި އޮތުމުންނެވެ.
ފިރިމީހާ ގެއަށް ގެނައީ މަހެއްހައި ދުވަހު ހޮސްޕިޓަލުގައި ބާއްވައިފައެވެ. އުނަގަނޑަށް ލިބިފައި ހުރި އަނިޔާގެ ސަބަބުން އިންނަން ޖެހެނީ ފުރޮޅުލީ ގޮނޑިއެއްގައެވެ. މީހާ އިނީ މައިތިރިވެފައެވެ. ފުރަތަމަވެސް ބުނީ ކުރެވުނު އަނިޔާތަކަށާއި އުޅެވުނު ގޮތަށާއި ގޮވުނު އެއްޗެއްސަށް މާފަށް އެދޭކަމަށެވެ. އަދި ކައިވެނި ރުޖޫޢަކުރަން ބޭނުންވާ ކަމަށެވެ.
ޖަވާބުގައި އަޅުގަނޑުބުނީ މާފުކޮށްފިން ކަމަށާއި ނަމަވެސް ކައިވެނި ރުޖޫޢަ ނުކުރާނެ ކަމަށެވެ. ދާނީ ރަށަށް ކަމަށެވެ. ސަބަބަކީ އޭނާ ބަލާނެ ވަރު އަޅުގަނޑުގެ ގައިގައި ނެތުމުން ކަމަށެވެ. ތަޅާތަޅައި ޗިސްކޮށްލާފައި ހުރުމުން ކޮޅަށް ހުރެވެނީ ކިރިޔާކަމުން ފިރިމީހާއަށް އެއްވެސް ކަމެއް ކޮށްދެވެން ނެތުމުން ކަމަށެވެ.
އޭނާ ގެއަށްލާފައި ދިއަގޮތަށް ޢާއިލާގެ މީހަކު ގެއަކަށް ނައެވެ. އޭނާ ގުޅާގުޅައި ފޯނެއް ނުނެގިއެވެ. ނަމަވެސް އަޅުގަނޑު ގުޅުމުން މަންމަ ފޯނުނެގިއެވެ. ރަށަށް ދާން ބޭނުންވާ ކަމަށް ބުނުމުން ބުނީ ފިރިމީހާ ކޮންމެވެސް ރަށަކަށް ފޮނުވާލާފައި އަޅުގަނޑު ގޭގައި ހުރުމަށެވެ. އެއަޑު ފިރިމީހާއަށް އިވޭނެއެވެ. މަންމައަށް ވާހަކަތައް ކިޔައިދިނީތޯ ސުވާލުކުރުމުން އެދުވަހު ހޮސްޕިޓަލުގައި ކަންކަން ހިނގައިދިއަ ގޮތުގެ ވާހަކަތައް ކިޔައިދިނީމެވެ. އަދި އެވާހަކަތައް ކިޔައިދިނީ އެހާލަތުގައި މަޖުބޫރުވުމުން ކަމަށްވެސް ބުނީމެވެ.
އޭނާގެ ޢާއިލާއިން އޭނާއާއި އަޅައިނުލާނެކަން އެނގުނީމާ ބުނީ ރަށަށް ނުގޮސް ގޭގައި މަޑުކޮށްދިނުމަށާއި ކޮށްނުދެވޭވަރުގެ ކަމެއް ކޮށްނުދިނަސް އެންމެ ރަނގަޅު ކަމަށެވެ. އަދި ވިހައި ގަދަވުމުން އެހެން މީހަކާއި އިނދެގެން ގޭގައި އުޅުނަސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އެހެންބުނުމުން ދެހެކިން ބައިތިއްބައިގެން އެވާހަކަތައް ލިޔެ ސޮއިކޮށް އިނގިލީގެ ނިޝާން ޖަހައިޑޭން ބުނުމުން އެކަންވެސް ކުރިއެވެ. ގެއިން ކުއްޔަށްދީފައި ހުންނަބައިގެ ކުލިވެސް އަޅުގަނޑާއި ހަވާލުކުރަން ފަށައިފިއެވެ.
ވިހައި ގަދަވިތަނާ އަވަށްޓެރިންގެ ތެރެއިން އަނބިމީހާ ނިޔާވެފައިވާ ވަރަށް ހެޔޮލަފާ މީހަކު އަޅުގަނޑުގެ ކައިވެންޏަށް އެދުމުން ކައިވެނިކުރީމެވެ. އޭނާއަކީ އަޅުގަނޑު ކުރިން އުޅުނު ޙާލު ވަރަށް ރަނގަޅަށް އެނގޭނެ މީހެކެވެ. ކައިވެނިކުރުމާއިއެކު އޭނާ އަޅުގަނޑު ގޮވައިގެން ރަށަކަށް ގޮސް ރުއްގަލުބޭސްކޮށްދިނެވެ. ދިރިއުޅެލެވޭވަރުވީ އެތައް ބައިވަރު ފިލާތަކެއް ގައިގައި ބަނދެ އެތައް މަސައްކަތެއް ކުރި ފަހުންނެވެ.
ފުރައިގެންދިއައީ އެގެއިން ކުއްޔަށްދީފައި ހުންނަ ބައިން ލިބޭ ފައިސާއިން ޚަރަދުކޮށްގެން ބޭރުން މީހަކު ގެނެސް އޭނާ ބެލުމުގެ ކަންކަން ހަމަޖައްސައިފައެވެ. އެއީ 3 ދަރިންގެ ބައްޕަކަމަށްވުމުން ދަރިންނަށްޓަކައެވެ. ކޮވިޑުގައި އޭނާ ނިޔާވީ އެޙާލުގައި ގޮނޑީގައި އިންނަތާ 7 އަހަރުފަހުންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަތައް ކިޔައި މިދިނީ އަނިޔާވެރި ފިރިން ތިބޭކަމާއި އެއިގެ ތެރެއިން ބައެއް ފިރިންނަކީ އަނިޔާވެރިވުމުގައި ހައްދުފަހަނައަޅާފައި ތިބޭ ބައެއްކަން ހާމަކުރުމަށެވެ. އެފަދަ މީހުންގެ ކަންކަން ނިމިގެންދަނީވެސް މިފަދަ ހިތްދަތި ގޮތަކަށްކަން ބަޔާންކުރުމަށެވެ. އަޅުގަނޑަށް އެވަރަށް އަނިޔާކުރަމުން 5 އަހަރުގެ އަމިއްލަ ދަރިފުޅު އުފުލާލާފައި ގޮނޑިމައްޗަށް ނަމަވެސް ޖަހަން ޖެހިލުން ނުވާހިސާބަށް ކަންކަން ދިއުމުން އެހެރީ އަނިޔާވެރިވުމުގައި ހައްދުފަހަނައަޅާފައި ނޫންތޯއެވެ.
އެހުރިހާ ކަމެއްކޮށްފައި އަޅުގަނޑުމެން 4 މައިން ނިކަމެތިކޮށްލަން އުޅުނު މީހާއަށް ކަންކަން މެދުވެރިވި ގޮތް އޭނާފަދަ އަނިޔާވެރިންނަށް ޢިބްރަތަކަށް ފުދޭނެއެވެ. އިން ޝާ ﷲ
- ޒަޢީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
8 ސެޕްޓެމްބަރ 2022