އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 24 ސިކުންތު
ކައިވެނިކޮށްގެން ދިރިއުޅެމުން ދިއައީ ބައްޕަގެ ގެއިން ލިބިފައިހުރި ކޮޓަރިއެއްގައެވެ. ކޮންމެ ކުއްޖަކަށް ފްލޯއެއް ލިބޭ ގޮތަށް ގެއަޅާފައި ހުރިނަމަވެސް ލޯނަށް ފައިސާދައްކަން ޖެހޭތީ ކޮންމެ ކުއްޖަކަށްވެސް އެއިރު ދީފައިވަނީ ކޮޓަރިއެކެވެ.
އަޅުގަނޑުމެންގެ ކައިވެންޏަށް އަހަރުވެސް ނުވެއެވެ. އެއްރޭ ކައިނިމިގެން ސިޓިންގރޫމްގައި ފިލްމެއް ބަލަން ތިއްބައި ފިރިމީހާގެ ފޯނަށް ކޯލެއް އައުމުން މޫނުމައްޗަށް ރޫތައް އަރުވަމުން ފޯނު ހިފައިގެން ގޮސް ކޮޓަރިއަށްވަދެއްޖެއެވެ.
ފިރިންނަށް ފާރަލުމަކީ ރަނގަޅުކަމެއް ނޫންނަމަވެސް ފާރަލެވުނެވެ. ސިއްރުންގޮސް ކޮޓަރީގެ ދޮރުން ބޭރުގައި ހުރެ ފިރިމީހާ ދައްކާ ވާހަކަ އަޑުއެހީމެވެ. އޭނާ ވާހަކަދެއްކީ ލޯބިވެރިޔާއާއިކަން އެނގުމުން މަޑުނުކޮށް އައިސް ބަދިގޭގައި ކުރަންހުރި ކަންކަން ކުރަން ހުރީމެވެ.
އިރުކޮޅަކުން ފިރިމީހާ އައިސްބުނީ ރައްޓެއްސަކާއިއެކު ކޮފީއަކަށް ގޮސްލަންވެގެން ބޭރަށްދަނީ ކަމަށާއި ވަރަށް އަވަހަށް އެނބުރި އަންނާނެ ކަމަށެވެ. އެހެންބުނެފައި އަޅުގަނޑުގެ ކޮލަށް ދޮނެއްދީފައި ނުކުމެގެންދިއައީއެވެ.
އެކަންވީ ވަރަށް ބޮޑު މައްސަލައަކަށެވެ. އެދޮނަކީ ފޭކް ދޮނެއްކަން ވިސްނުމުން އެތަންކޮޅުން ދިލަނަގާހެން ހީވަން ފެށިއެވެ. ހަމަ ޙަޤީޤަތުގައިވެސް އަޅުގަނޑަށް އިޙްޞާބްކުރެވުނީ މޫނުގެ އެތަންކޮޅުން ދިލަނަގާކަމަށެވެ. އެހެންވެ އަވަސްއަވަހަށް ސައިބޯނިލައި މޫނު ދޮވުނީމެވެ. މޫނު ދޮވުމުންވެސް ހަމައެގޮތަށް އިޙްޞާޞްކުރެވޭތީ އައިސްބޭގްވެސް ޖެއްސީމެވެ.
ފިރިމީހާ އެނބުރި އައިއިރު އަޅުގަނޑު އޮތީ އެނދުގައެވެ. އެކަމަކު އަޅައިވެސް ނުލައި ފުރަގަހަށް އެނބުރި އޮވެ ނިދީއެވެ. އެގޮތަށް ކަންތައް ކުރުމުން ނަގާދިލަ އިތުރަށް ބޮޑުވާހެންވެސް ހީވިއެވެ. ހިތަށް އެރިއެވެ. "އިންސާނުންނަކީ ހާދަ އެހެންކަހަލަ ބައެކެވެ. ތެދުވެރިކަން މިކިޔާސިފަ ހަމަނެތިގެންދަނީއެވެ. އެހެން ނޫންނަމަ އަޅުގަނޑުގެ ފިރިމީހާ އަޅުގަނޑާއިމެދު މިގޮތަށް ކަންތައްކުރަންވީ ކީއްވެގެން ހެއްޔެވެ؟ އަޅުގަނޑު ވަޒީފާއަކަށް ނުގޮސްވެން މިހުންނަނީ ހަމަ ފިރިމީހާއަށް ޚިދުމަތްކުރަންވެގެންނެވެ. އެއްވެސް ކަމެއް އުނިވެގެން ނުވަތަ ހިތްހަމަނުޖެހިގެން ދުވަހަކުވެސް އެއްވެސް ޝަކުވާއެއްވެސް ނުކޮށްހުރެ މިގޮތަށް ކަންތައްކުރަންވީ ކީއްވެގެން ހެއްޔެވެ؟"
އެހިސާބުން ވިސްނުން ބަދަލުކުރީމެވެ. ވަރިކުރާނެ ވަގުތައް ތައްޔާރުވާން ފެށީމެވެ. ފިރިމީހާގެ އިޒުނައާއިއެކު ވަޒީފާއެއްވެސް ހޯދީމެވެ. އެއީ ކޮންމެ ވަގުތަކުނަމަވެސް ވަރިކޮށްލައިފިނަމަ މީހަކަށް އާދޭސްނުކޮށް ސަލާން ނުޖަހައި އުޅެން ބޭނުންވާތީއެވެ.
ދުވަސްކޮޅަކުން ފުރަތަމަ ދަރިފުޅަށް ބަލިވެއިނދެއްޖެއެވެ. އުންމީދުކުރީ އެހިސާބުން ފިރިމީހާގެ އުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށެވެ. ލިބެންއުޅޭ ދަރިފުޅަށްޓަކައި ޢަމަލުތައް އިޞްލާޙްކުރާނެ ކަމަށެވެ.
ނަމަވެސް ކަންކަން މެދުވެރިވީ އެގޮތަކަށް ނޫނެވެ. ބަނޑަށް ހަމަހުގައި ވަރިކޮށްލާފައި ގެއިން ނުކުމެގެންދިއައީއެވެ. އެއީ ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ ކަމެއްކަމަށް ބަލައިގެން ހުރުމުން އެކަމާއި ދެރަވި ނަމަވެސް ކޮންޓްރޯލްކުރެވުނެވެ.
ވިހައި ގަދަވުމުން ވަރަށް ދެރަވާން ފެށިއެވެ. އެއީ ދަރިފުޅަށް ބައްޕަގެ ލޯބި ނުލިބޭނެތީއެވެ. އޮތީ އެންމެ ގޮތެކެވެ. އެއީ ހެޔޮލަފާ ފިރިއަކު ލިބި އޭނާގެ ލޯބި ދަރިފުޅަށް ލިބުމެވެ. ބައްޕައަކު ނެތްކަން އިޙްޞާޞްކުރަން ދަރިފުޅަށް ނުޖެހުމެވެ. އެހެންވެ އެކަމަށް ދުޢާކުރަމުން ދަނިކޮށް އިރާދަފުޅުން އެފަދަ ފިރިއަކު ލިބުނެވެ.
ހެޔޮލަފާ މީހެއްގެ އިތުރުން އޭނާއަކީ ތަނަވަސްވެސް މީހެކެވެ. ކައިވެނިކުރުމަށްފަހު ލޯނުން ނުދެއްކި އޮތްވަރު ދަރިންނަށް ބަހާލައި އަޅުގަނޑަށް ދައްކަންޖެހޭވަރު އެކުގައި ދައްކައި އަޅުގަނޑަށް ލިބެންވާ ފްލޯ އަޅުގަނޑަށް ހޯދައިދިނެވެ. ފްލޯގައި ހުންނަނީ 2 އެޕާޓްމަންޓެވެ. އެއް އެޕާޓްމަންޓް ކުއްޔަށް ހިފީވެސް ފިރިމީހާއެވެ. އެއީ އޭނާގެ ޢާއިލާގެ މީހުން ބެއިތިއްބުމަށެވެ. ލޯނު ދައްކައިދިންނަމަވެސް އެފައިސާ އަޅުގަނޑުގެ އަތުން އަނބުރާ ހޯދުމުގެ ވިސްނުމެއް އޭނާގެ ނެތެވެ. އެހެންވެ އެޕާޓްމަންޓްގެ ކުލި ދެނީ އަޅުގަނޑަށެވެ. ބުނީ އެފައިސާގެ ބޭނުންނުކޮށް އަތުގައި ރައްކާކޮށްފައި ބެހެއްޓުމަށެވެ. ބޭނުމެއް ޖެހޭ ދުވަހަކުން ބޭނުންކުރުމަށެވެ.
ދަރިފުޅުގެ ބައްޕަ ދަރިފުޅު ދެކެލަން އައީ ދަރިފުޅުގެ އުމުރުން 6 އަހަރުގައެވެ. އެއިރު 2 ވަނަ ކައިވެންޏަށް ވަނީ 2 ދަރިން ލިބިފައެވެ. އޭނާ އައީ 3 ކުދިން ގޮވައިގެން ކުޅެން އިންދައެވެ. އައިސް ބުނީ މިއައީ ދަރިފުޅު ހަނދާންވާވަރުންކަމަށެވެ. ދަރިފުޅަށް އޭނާ ދައްކާފައި މިހިރީ ދަރިފުޅުގެ ބައްޕަ ކަމަށް ބުނުމުން ދަރިފުޅު ބުނީ މަންމަ ދޮގުހަދަނީ ކަމަށާއި ކޮއްކޮގެ ބައްޕަ ކޮޓަރީގައި އެބައުޅޭ ކަމަށެވެ.
އެހިސާބުން ދެން ކިޔައިދޭން ފެށީ ލޯބިވެރިއަކު ހޯދައިގެން ކުރި ކައިވެނީގައި ލިބުނު ދެރަތަކުގެ ވާހަކަތަކެވެ. އަޅުގަނޑު ބުނީ ތިއަވާހަކަތައް އަޑުއަހަން އެއްވެސް ޝައުޤުވެރިކަމެއްވެސް ނެތް ކަމަށެވެ. އަދި މިއަދުނޫހުގެ ޙަޤީޤީ ޙާދިސާ ސިލްސިލާއަށް ފޮނުވީމާ ވަރަށް ގިނަ ބައަކު ކިޔާނެ ކަމަށްވެސް ބުނީމެވެ.
ފުރުޞަތުގެ ބޭނުން ހިފައި ބުނީމެވެ. "ކަލޭގެ މަކަރުވެރިކަން ފަޅާއެރިރޭ ކަލޭ ގެއިން ނުކުންނަމުން ލޯބިންކަމަށް ހެދިގެން ދިން ހީލަތްތެރި ދޮން ދިނުމުން އެތަނުން ނަގަންފެށި ދިލައިގެ އަސަރު މިއުޅެނީ 6 އަހަރުވީއިރުވެސް ނުކެނޑިގެންނެވެ. ކަލޭ ފެނުނީމާވެސް ދިލަނެގުން އިތުރުވެއްޖެއެވެ. އަވަހަށް މިގެއިން ނުކުމެގެންދާށެވެ. ދަރިފުޅު ދިން ޖަވާބުވެސް އަޑުއިވިއްޖެ ނޫން ހެއްޔެވެ؟ އެދުނު ފަދައިން މާފުކޮށްފީމެވެ. ނަމަވެސް މޫނުން މިނަގާދިލަ ދުވަހަކުވެސް ކެނޑޭނެ ހެނެއް ހިއެއް ނުވެއެވެ."
މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވިގޮތެވެ. މަކަރުވެރި ފިރިއެއްގެ ކިބައިން ލިބުނު ހިތްދަތިކަމާއި ހެޔޮލަފާ ރަނގަޅު ފިރިއެއްގެ ކިބައިން ލިބުނު އުފާވެރިކަމެވެ. ކައިވެންޏަށް 5 އަހަރުވީއިރުވެސް އަޅުގަނޑުގެ ހިތުގައި ޖެހޭނެ އެއްވެސްކަމެއް މިހާރުގެ ފިރިމީހާ ނުކުރެއެވެ. ފިރިއެއްގެ ކިބައިން ލިބެންޖެހޭ ލޯތްބާއި އަޅައިލުން އެންމެ ފުރިހަމައަށް ލިބެއެވެ.
މިވާހަކަ މިއަދުނޫހުގެ ކިޔުންތެރިންނަށް ކިޔައިދިނުމުގެ ބޭނުމަކީ އަޅުގަނޑު ފަދައިން ފިރިމީހާގެ ކިބައިން އަނިޔާ ލިބޭ އަންހެނުންނަށް ހިތްވަރުދިނުމެވެ. މާޔޫސްނުވެ ހިތްވަރުކުރަން ބުނުމެވެ. އަނިޔާވެރިން އަބަދުވެސް އުޅޭނެއެވެ. ޔަޤީންކުރަންވީ ﷲ ގެ ރަޙްމަތަށް އެދިގެން ސާބިތުވީމާ ﷲ ތަޢާލާ ހެޔޮ ރަޙްމަތް ލައްވަވާނެ ކަމެވެ.
--ޝިފޫ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
11 ސެޕްޓެމްބަރ 2022