އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 29 ސިކުންތު
އަޅުގަނޑުގެ ފިރިމީހާ އާއި އަޅުގަނޑާއި ދެމީހުންނަކީވެސް އެއްކުންފުންޏެއްގައި ވަޒީފާއަދާކުރާ ދެމީހުންނެވެ. ފިރިމީހާއަކީ ޑިޕާޓްމަންޓެއްގެ ވެރިއެކެވެ. އޭނާގެ ދަށުންވެސް 10 ވަރަކަށް މުވައްޒިފުން މަސައްކަތްކުރެއެވެ. އަޅުގަނޑަކީ ވެރިމީހާގެ 2 ސެކެޓްރީންކުރެ އެކެކެވެ.
ކައިވެންޏަށް ދެވަނަ އަހަރު ފިރިމީހާ އޭނާގެ ސެކެޓްރީ އާއި ލޯބީގެ ގޮތުން ގުޅުނެވެ. ހިތުން އަޅުގަނދަކަށް ނުއެނގޭނެއެވެ. ބައްދަލުކުރަމުން ދިއައީ ސިއްރިޔާތުގައެވެ. ކުންފުނީގެ ރަސްމީ ދަތުރުތަކުގައި ދަނީ ދެމީހުން އެކުގައެވެ. އެފުރުޞަތު ހޯދަންވެގެން ކުރާ ރަސްމީދަތުރުތައް ގިނަވާންފެށިއެވެ.
ދުވަސްކޮޅަކުން ކުރަނީ ބޭކާރު ދަތުރުތައްކަމަށް ބުނެ ފިނޭންސް ޑިޕާޓްމަންޓުން ވެރިމީހާއަށް ރިޕޯޓެއް ހުށަހެޅުމުން އެކަމުގެ އިތުރު ތަފްޞީލްހޯދަން ވެރިމީހާ ޙަވާލުކުރީ އަޅުގަނޑަށެވެ. ހަމަ ޙަވާލުކުރާއިރަށް ކޮމެންޓެއް ލިޔެ ރިޕޯޓާއިއެކު ވެރިމީހާއަށް ދިނީމެވެ. ލިޔުނީމެވެ. "އެއީ ދެލޯބިވެރިންނެވެ. ލޯބިވެގެން އުޅޭތާ އަހަރަކަށްވުރެ ގިނަވެއްޖެއެވެ."
ކިޔާލާފައި ވެރިމީހާ ނޯޓެއް ލިޔެފަ އަނެއްކާވެސް ރިޕޯޓާއިއެކު އަޅުގަނޑުގެ އަތަށް ދިނެވެ. "1. އަވަހަށް ވަރިވާށެވެ! ދެން އޮތް ބައި މަށަށް ދޫކޮށްލާށެވެ! 2. ތިއަވާހަކަ ރަސްމީ ރިޕޯޓަކަށް ހަދައި ބޯޑް މީޓިންގއަށް ހުށަހަޅަން ތައްޔާރުކުރާށެވެ." އިތުރު އެއްޗެއް ނުބުނެއެވެ.
ވެރިމީހާގެ ކިބައިން ހިތްވަރުލިބިގެން ވަރިވީމެވެ. ވެރިމީހާއަކީ އަޅުގަނޑުގެ ބައްޕައާއި އެއް ޢުމުރުގެ މީހަކަށްވެފައި އަޅުގަނޑު ކުންފުނީގައި ތެދުވެރިކަމާއިއެކު މަސައްކަތްކުރާތާ 12 އަހަރުވެފައިވުމުން ވެރިމީހާގެ ކިބައިން އަޅުގަނޑަށް ދެރަވާނެ ނުވަތަ ކަންބޮޑުވާންޖެހޭނެ އެއްވެސް ކަމެއް ކުރިމަތިނުވާނެ ކަމުގެ ޔަޤީންކަން އޮތެވެ. އޭނާއަކީ ވަރަށް އަޚްލާޤް ރަނގަޅު މީހެކެވެ. ސަމާސައަކަށްވެސް ދުވަހަކުވެސް ހަޑިބަހެއްވެސް ބުނިމީހެއްވެސް ނޫނެވެ. ނޭނގެނީ ވެރިމީހާ ކަންތައްކުރާނެ ގޮތެވެ.
ކުންފުނީގެ އަހަރީ ދުވަހަށް ތައްޔާރުވަމުން ދިއަދުވަސްވަރެވެ. ހުރިހާ މުވައްޒިފުންވެސް އަވަދިނެތި މަސައްކަތްކުރަމުން ދިއައީ އެކަމުގެ ތެރޭގައެވެ. އެބުރަކަމުގެ ތެރޭގައި އުޅެމުންވެސް ވަރިވާން ކޯޓަށް ފޯމްލީމެވެ. ފިރިމީހާ ގާތަކު ނުވެސް ބުނަމެވެ. ޗިޓް އައިމަ އެނގެން އެކަންދޫކޮށްލީއެވެ.
އަހަރީ ޙަފްލާގައި ވާހަކަދައްކަމުން ވެރިމީހާ ބުނީ ކުންފުނީގެ ކަންކަމަށް ބަދަލުތަކެއް ގެންނަކަމަށެވެ. އެބަދަލުތަކުގެ ތެރޭގައި ކުންފުނީގެ ޑިރެކްޓަރުންގެ ތެރޭގައި އަޅުގަނޑު ހމަޖައްސަން ނިންމާފައިވާ ކަމަށެވެ. އަދި ފިރިމީހާ ހިންގަމުން އައި ޑިޕާޓްމަންޓް ހިންގުން އަޅުގަނޑާއި ޙަވާލުކުރަންވެސް ނިންމާފައިވާ ކަމަށެވެ. ފިރިމީހާ އާއި ބެހޭގޮތުން އެއްވެސް ވާހަކައެއް ނުދައްކައެވެ.
ޙަފްލާގެ ރަސްމީބައި ނިމި ކެއުމުގެ ގަޑީގައި ފިރިމީހާ އަޅުގަނޑު ގާތަށް އައިސް މަރުޙަބާކިޔާފައި އަނބިމީހާއަށް އެހައިބޮޑު ކުރިއެރުމެއް ލިބުނީތީ އުފާކުރާކަމަށް ބުނުމުން ޖަވާބެއް ނުދެމެވެ. އޭނާ އާއި ދުރަށް އެކުވެރިންގެ ތެރެއަށް ޖެހިލީމެވެ.
ޙަފްލާ ނިމުނުތަނާ ވެރިމީހާގެ އެންމެ ހަގު އަންހެން ދަރިފުޅު އައިސް ބުނީ އަޅުގަނޑު ގޮވައިގެން އޭނާގެ ފްލެޓަށް ދާން ބުނެފައި އޮތްކަމަށާއި އަޅުގަނޑުގެ އަމިއްލަ ކަންކަން ހަމަޖައްސަންދެން އެފްލެޓުގައި އަޅުގަނޑު ބަހައްޓަން ބުނެފައިވާ ކަމަށެވެ. އިތުރު ސުވާލެއް ނުކޮށް އަޅުގަނޑު އޭނާބުނި ގޮތަށް ކަންކަން ކުރީމެވެ.
އެރޭ ނިދަން އޮށޯވެފައި ފިރިމީހާއަށް މެސެޖެއްކުރީމެވެ. "ތިއައީ އަހަރެންގެ މައިންބަފައިން އަހަރެންނަށް ދީފައިވާ ފްލެޓެކެވެ. މާދަމާ ފްލެޓުން ނުކުންނާށެވެ. ރަނގަޅީ މިރޭވެސް ނުކުތިއްޔާއެވެ. އަހަރެން ތިއަ ފްލެޓަށް ދާނީ ކަލޭ ފްލެޓުން ނުކުތީމައެވެ."
ޖަވާބުގައި ފިރިމީހާ ފޮނުވި މެސެޖްތަކެއް ނުކިޔަމެވެ. ފޯނުވެސް އެހިސާބުން ނިއްވައިލީއެވެ.
އަނެއް ދުވަހު އޮފީހަށް ނުކުތުމުން އެނގުނީ ފިރިމީހާ އާއި އޭނާގެ ސެކެޓްރީ އެހެން ޑިޕާޓްމަންޓެއްގެ އާދައިގެ މަޤާމަކަށް ބަދަލުކޮށްފައިވާ ކަމެވެ. އެކަމަކަށް އެއްވެސް އެއްޗެއް ނުބުނަމެވެ. މަޤާމުގެ މަސްއޫލިއްޔަތުއަދާކުރަންފެށީއެވެ.
ފިރިމީހާ އައިސް އޭނާގެ ކުށަކީ ކޮބައިތޯ ސުވާލުކޮށް ވާހަކަދައްކަން ފެށީމައި ބުނީމެވެ. "ކުންފުނިން ފިޔަވަޅު އެޅި ސަބަބު އެނގޭނީވެރިންނަށެވެ. އަހަރެން ފިޔަވަޅުއެޅީ އަހަރެންގެ އެއްވެސް ކުށެއް ނެތި ބޭވަފާތެރިވީމައެވެ. ވަރިވާން އޮންނާނީ ފޯމްލައިފައެވެ. ދައްކަންހުރި ވާހަކައެއް ކޯޓުގައި ދައްކާށެވެ. އެއްވެސް ވާހަކައެއް އަޑުއަހާކަށް އަހަރެން ނެތީމެވެ. މިއަދު ފްލެޓުން ނުކުތީމާ ހުރިހާކަމެއް ނިމުނީއެވެ." އެހެންބުނުމުން ރޮއި ޑްރާމާ ޖައްސަން ފެށީމާ މަސައްކަތަށް އުނދަގޫނުކޮށް ކެބިނުން ނުކުންނަން ބުނީމެވެ.
ފިރިމީހާ އާއިއެކު އިތުރަށް ދިރިއުޅެން އެއްގޮތަކަށްވެސް ބޭނުންނުވާކަމަށް ކޯޓުގައި ބުނުމުން އޭނާއަށް ޖެހުނީ އަޅުގަނޑު ވަރިކުރާށެވެ. އޭނާގެ ވަޒީފާ ދަށްވާއިރަށް އޭނާގެ ލޯބިވެރިޔާ އޭނާ އާއި ވަކިވެއްޖެއެވެ. ވަރިކުރިތާ 4 ވަނަ މަހު އަޅުގަނޑު ދެވަނަ ކައިވެނިކޮށްފީމެވެ. އެކައިވެނީގައި މިހާރު 2 އަހަރުވީއެވެ. ކަންކަން އަދި ކުރިއަށްދަނީ ވަރަށް ރަނގަޅަށެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ ޚިޔާނާތްތެރިވާ ފިރިންގެ އަނިޔާ ލިބެން މަޑުނުކުރާށެވެ! ފޭލްވިކަމެއް އެހިސާބުން ދޫކޮށްލާފައި އަލުން ހަޔާތަކަށް ވިސްނާށެވެ. މަކަރުވެރިންނާއިމެދު ވިސްނައި އިޞްލާޙްކުރަން އުޅުނަސް އިޞްލާޙްވާނީ ސަތޭކައަކުން މީހެކެވެ. ވީމާ ޗާންސް ނަގަން މަޑުކޮށް ކެތެރިވެ އަނިޔާގައި ދުވަސްތައް ނަގައިލުމަކީ ޙަޔާތުން ގެއްލިގެންދާ އަގުހުރި ދުވަސްތަކެކެކެވެ. މަސައްކަތްކުރީމާ އާމްދަނީވެސް ލިބޭނެއެވެ. ތިމާ ތެދުވެރިކަމުގަ ހުރިނަމަ ރަނގަޅު މަގުތައްވެސް ފެންނާނެއެވެ. އިން ޝާ ﷲ
- ޒަރީނާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
27 ސެޕްޓެމްބަރ 2022