އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 35 ސިކުންތު
އަޅުގަނޑުމެންގެ ހުރީ އެންމެ އަންހެން ދަރިއެކެވެ. ނުބައި މީހަކާއި ގުޅުމުން ވިސްނައިދޭން މަސައްކަތްކުރީތީ އަޅުގަނޑުމެން ދޫކޮށްލާފައި ގެއިން ނުކުމެގެން ހިނގައްޖެއެވެ. 18 އަހަރު ފުރިފައި ހުރީތީ އަޅުގަނޑުމެންގެ ބާރެއް ހިންގޭނެ އެއްވެސް މަގެއް ނުފެނުނެވެ. މިޙާލަތުގައި ދަރިފުޅަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯ؟
ކިޔުންތެރިޔާގެ ސުވާލުގެ ޖަވާބުގައި ބުނެލަން އޮތީ ތިއަފަދަ ަކންކަން ކުރިމަތިވަމުން މިދަނީ އިސްލާމް ދީނުގެ ޙުކުމްތައް މުގުރާލައި ހަދާފައިވާ ޤާނޫނުތަކުގެ ސަބަބުންނެވެ. އެޤާނޫނުތައް އެގޮތަށް ހުރުމުން ޤާނޫނުގެ ވާހަކަ ދެއްކޭކަށް ނެތެވެ. ކިޔައިދެވެން އޮތީ މިފަދަ ވާހަކައެކެވެ.
އިންސާނުންގެ ދިރިއުޅުން ބަދަލުވެއްޖެއެވެ. ކުރަން ބޭނުންވާ ކަންކަން ގިނަވެއްޖެއެވެ. ކުރަންބޭނުންވާ ކޮންމެކަމެއް ކުރުމަކީ މިނިވަންކަން ކަމުގައިވެއްޖެއެވެ. ނުކުރެވިއްޖެނަމަ އެއީ އަޅުވެތިކަން ކަމުގައި ދެކެވެން ފަށައިފިއެވެ.
ނަމަވެސް ޙަޤީޤީ އަޅުވެތިކަމަކީ ކޮބައިކަން އެނގޭހެއްޔެވެ؟ ކުޑަ ވާހަކައެއް ކިޔައިދޭނަމެވެ.
ސާރާއަށް އަޙްމަދުފެނުނު ވަގުތު ފުރަތަމަވެސް ޤަބޫލުކުރެވުނީ އަޙްމަދަކީ އޭނާގެ ޙަޔާތުގެ ބައިވެރިޔާކަމަށް ހަދަން އެންމެ އެކަށީގެންވާ މީހާ ކަމަށެވެ. ފިރިމީހާގެ ކިބައިން ފެނުމަށް ސާރާ އެދޭ ހުރިހާ ސިފަތަކެއް އަޙްމަދުގެ ކިބައިގައި އެބަހުރި ކަމަށެވެ. ސާރާ ލިބުމަށް އުންމީދުކުރާ ހުރިހާ އުފާވެރިކަމެއް އަޙްމަދުގެ ކިބައިން ލިބޭނެ ކަމަށެވެ.
ސާރާ އަމިއްލައަށް އަޙްމަދަށް ލޯބިހުށަހެޅިއެވެ. އަޙްމަދަކީ ކޮންކަހަލަ މިޒާޖެއްގެ ކާކުކަންވެސް ބަލައިލުމެއް ނެތިއެވެ. އޭނާ ދިރިއުޅެން ކުރަނީ ކޮން މަސައްކަތެއްކަތާއި ނަމާދުކުރޭތޯ ވެސް ބަލައިލުމެއް ނެތިއެވެ.
ސާރާ އާއި އަޙްމަދުގެ ގުޅުން ސާރާގެ މައިންބަފައިންނަށް އެނގުމުން އެކަމާއިދެކޮޅުހެދިއެވެ. އަޙްމަދަކީ އަޚްލާޤީ ގޮތުން ވަރަށް ދަށުދަރަޖައިގެ މީހެއްކަމާއި މަސްތުވާތަކެތީގެ ވިޔާފާރިކުރުމާ ގުޅުންހުރި މީހެއްކަމަށް ބުންޏެވެ. ނަމަވެސް އެ އަޑުތައް އަހަން ސާރާ ބޭނުމެއް ނުވިއެވެ. މައިންބަފައިން ދޫކޮށްލާފައި ގެއިން ނުކުމެގެން ގޮސް އަޙްމަދާއިއެކު ދިރިއުޅެން ފެށީއެވެ. ހަފްތާއެއްހައި ދުވަސްތެރޭ ކައިވެނިކުރާނެކަމަށް އަޙްމަދު ބުނި ބަސް ޤަބޫލުކޮށްގެންނެވެ.
ކަންކަން މެދުވެރިވީ ވަރަށް ތަފާތުގޮތަކަށެވެ. ކައިވެނިކުރާ ދުވަހެއް ނައެވެ. އަޙްމަދު ސާރާ ބޭނުންކުރަނީ އަންތބެއްގެ ގޮތުގައެވެ. ނަތީޖާއަކަށްވީ ސާރާ ބަލިވެއިނުމެވެ. ބަނޑަށް 4 މަސްފުރުނުތަނާ މަސްތުވާތަކެތީގެ މައްސަލައެއްގައި އަޙްމަދު ބަންދުކޮށް 10 އަހަރުގެ ޖަލުޙުކުމެއް އިއްވައިފިއެވެ.
އަހްމަދު އެއްވެސް ފައިސާއެއް ސާރާ ޢާއި ޙަވާލެއް ނުކުރެއެވެ. ސާރާއަށް ކައިބޮއިހެދޭނެ ގޮތެއްވެސް ނެތެވެ. މައިންބަފައިންގެ މޫނުގައި ކޮޅުފައިންޖެހިފައިވުމުން މައިންބަފައިން ގާތަށް ދިއުންވެސް އެއީ ކުރެވޭވަރުގެ ކަމަކަށް ނުވިއެވެ. ޚާއްޞަކޮށް ކައިވެނީގެ ބޭރުން ލިބިފައިވާ އަޙްމަދުގެ ދަރިއެއް ބަނޑުގައި އޮއްވައި ގެއަށް ދިއުމަކީ ސާރާއަށް ކުރަން ކުޅަދާނަ ކަމަކަށް ނުވިއެވެ. ނަމަވެސް ގެއަށް ނުގޮސް ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނުވިސްނުނެވެ. ނަތީޖާއަކަށްވީ ކޮންމެފަދަ ޙާލަތެއް ކުރިމަތިވިނަމަވެސް ކެތްތެރިވާން ނިޔަތް ގަނެގެން ސާރާ އޭނާގެ މައިންބަފައިން ގާތަށް ދިއުމެވެ.
ގޭގެފެންޑާމައްޗަށް އަރައި ރަނގަބީލު ޖެހިތަނާ ސާރާގެ މޫނުމައްޗަށް އަނދިރިވެ ވެއްޓުނީއެވެ. ދޮރޮހުޅުވީ މަންމައެވެ. މަންމައަށް ށާރާ ފެނުމާއިއެކު ރޯންފެށިއެވެ. މައިމީހާގެ ރުއިމަށް ކެތްނުކުރެވިގެން ބައްޕަ ވެސް އެންމެފަހުން ސާރާ އެހާލަތުގައި ވެސް ދަރިއެއްގެ ގޮތުގައި ޤަބޫލުކުރިއެވެ. އަދި ތައުބާލައިދީ އިޞްލާޙުކުރުވައިގެން ކުރިންވެސް ގެންގުޅުނު ފަދައިން ގޭގައި ގެންގުޅެން ފެށިއެވެ.
ތެދެކެވެ. މިޒަމާނުގެ ޑިމޮކްރަސީގައި ބޮޑުވުމުން ބޭނުން ގޮތަކަށް އުޅުމުގެ މިނިވަންކަން ކުދިންނަށް ލިބެއެވެ. އެއީ އެކުއްޖެއްގެ އަމިއްލަ މިނިވަންކަމެވެ. ބެހެވިގެންވެސް ނުވާނެއެވެ! އަހަރެންގެ ސުވާލަކީ ސާރާއަށް ދިމާވިފަދަ ހާލަތު އެތައް މިލިއަން އަންހެން ކުދިންނަށް ދިމާވަމުން އަންނައިރު އެމީހުންނަށް ޙައްޤުތަކާއި މިނިވަންކަން ދިން ޑިމޮކްރސީކޮބައިހެއްޔެވެ؟ ޙައްޤުތަކަށް ވަކާލާތުކުރާ ޖަމިއްޔާތަކުން ފޯރުކޮށްދެނީ ކޮން އެހީތެރިކަމެއް ހެއްޔެވެ؟
އިބްނު ޘައިމިއްޔާ ވިދާޅުވެފައިވެއެވެ. ޙަޤީޤީ އަޅުވެތިކަމުގައި އުޅޭބައަކީ އެބައިމީހުންގެ ހިތްތައް ﷲ ތަޢާލާ އާއި ދުރުވެތިކޮށްގެން އުޅޭ މީހުންނެވެ. އަދި އެމީހާގެ ބޭނުންތައް އެމީހާ އަޅުވެތިކޮށްފައިވާ މީހުންނެވެ.
ސާރާގެ ވާހަކައިންވެސް އެނގިގެންދަނީ އެބަސްފުޅުގެ ތެދުކަމެވެ. ސާރާއަށް އޭނާގެ ހިތް ﷲ ތަޢާލާ އާއި ދުރުހެލިކުރެވުނީއެވެ. އޭނާގެ ހިތުގެ އެދުންތައް އޭނާ އަޅުވެތިކުރީއެވެ. ލޯބިވުން ފަދަ ކިތަންމެ ރީތި ނަމެއް ކީނަމަވެސް ޙަޤީޤަތަކީ އެއީއެވެ.
ލޮބުވެތިކަނބަލުންނޭވެ! ތިއަ ކަނބަލުންނަށް އިސްލާމް ދީނުގައި ދީފައިވާ ޙިމާޔަތާއި ރައްކައުތެރިކަން ދޫކޮށްނުލާށެވެ! ލޯބީގެ ނަމުގައި ތެޅިފޮޅި ނުގަންނާށެވެ! ﷲ ތަޢާލާ ދެކެ ލޯބިވާށެވެ! ﷲ ތަޢާލާ ދެއްވަވާފައިވާ މިނިވަންކަމާއި ޙައްޤުތަކަށްވުރެ އިތުރަށް ލިބިގަންނަން މަސއްކަތްނުކުރާށެވެ! މުސްލިމުން ﷲ ތަޢާލާއަށް ކިޔަމަންތެރިކަން އަދާކުރަންވީ ވަކި ޤައުމެއްގައި ދިރިއުޅޭތީއެއް ނޫނެވެ. އިނގިޜޭސިވިލާތުގައި ނަމަވެސް އެމެރިކާގައި ނަމަވެސް އަދި އެހެން ޤައުމެއްގައި ނަމަވެސް މުސްލިމުން އުޅެންވީ ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށެވެ!
ސާރާއަށް ކުރިމަތިވި ޙާލަތު ފަދަ ކަންކަމުން ޢިބްރަތް ޙާޞިލުކުރާށެވެ! ލޯބިވާންވީ ﷲ ތަޢާލާ ދެކެއެވެ. ޢަމަލުކުރަންވީ ﷲ ތަޢާލާ އެންގެވި ގޮތަށެވެ! ތިބާ ބޭނުންވާ ދުނިޔަވީ ލޯބި ލިބުންވެސް ވަނީ އެއިރުންނެވެ.
- ލަވް އިސްލާމްގެ ދަރުސަކުން
Advertisement
23 ނޮވެމްބަރ 2022