އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޙަޤީޤީ ޙާދިސާ: ދެމައިން އެއްލާނުލައި ދެވަނަ އަންތބަކަށް ނަމަވެސް ބައިންދާދިނުން އެދި އާދޭސްކުރަނިކޮށް ވަރިކޮށް އެއްލައިލި ފިރިއެއްގެ ދިރިއުޅުން ބަނގުރޫޓުވީ ގޮތުގެ ވާހަކަ-

ޙަޤީޤީ ޙާދިސާ: ދެމައިން އެއްލާނުލައި ދެވަނަ އަންތބަކަށް ނަމަވެސް ބައިންދާދިނުން އެދި އާދޭސްކުރަނިކޮށް ވަރިކޮށް އެއްލައިލި ފިރިއެއްގެ ދިރިއުޅުން ބަނގުރޫޓުވީ ގޮތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 29 ސިކުންތު

އަޅުގަނޑުމެންނަށް ދަރިއަކު ލިބުނީ ކައިވެންޏަށް 5 ވަނަ އަހަރުއެވެ. ކައިވެނި ކުރީންސުރެ ފިރިމީހާ އުޅުނީ ދަރިއަކު ލިބުން ލަސްވެގެންނެވެ. ބަލިވެ އިނުމުން ފިރިމީހާ ހުރީ ވަރަށް އުފަލުންނެވެ. ބަލިވެ އިނުމުން ވަރަށް ހެޔޮކޮށް ކަންކަންވެސް ކޮށްދިނެވެ. ވިހެއުމާއި އެހުރިހާ ކަންކަންވެސް ވަރަށް ރަނގަޅަށް ބަލަހައްޓައިދިނެވެ. އެހެންވެ ހުރެވުނީ ވަރަށް އުފަލުންނެވެ.

ވިހައި ގަދަވެ އަލުން އެކުގައި ނިދޭވަރުވިއިރު ހުރިހާ ކަންކަން ވަނީ މުޅިން ބަދަލުވެފައެވެ. ފިރިމީހާ ވަނީ މުޅިން އެހެން މީހަކަށް ބަދަލުވެފައެވެ. ތެދަށް ބުނާނަމަ އަޅުގަނޑުވެސް ދަރިފުޅުވެސް އޭނާ ބޭނުމެއް ނޫނެވެ. އަޅުގަނޑުމެން ދެމައިންނާއިމެދު އޭނާ ދެކެނީ ބޮޑު ތަކްލީފެއްގެ ގޮތުގައެވެ.

ސަބަބު އޮޅުންފިލުވަން އެތައް ދުވަހެއް ވަންދެން ކުރި މަސައްކަތުން އެނގުނީ އޭނާގެ އަލަތު ލޯބިވެރިޔާދެކެ އަދިވެސް ވަރަށ ބޮޑަށް ލޯބިވާ ކަމާއި ވެގެން މިއުޅޭ ގޮތަކީ އޭނާގެ ފިރިމީހާ އޭނާ ވަރިކުރުމުން ކައިވެނިކުރަން ބޭނުންވީކަމެވެ. އެކަން އެނގުމާއިއެކު ކިތަންމެ ދެރަވީނަމަވެސް، ލޮލުން ކަރުނަ އޮހޮރަމުންވެސް ބުނީމެވެ. "އަހަރެމެން ދެމައިން ނިކަމެތިކޮށް އެއްލައި ނުލާށެވެ. ބޭނުންނަމަ ދެއަންތބަށް ކައިވެނިކުރާށެވެ. އަޅުގަނޑު މިހިރީ ދެމީހުންގެ ޚާދިމާއަކަށްވެގެންވެސް ދަރިފުޅަށްޓަކައި ދަރިފުޅުގެ ބައްޕަ އާއިއެކު ދިރިއުޅޭށެވެ."

އެމިންވަރަށް ތިރިވުމުންވެސް ޤަބޫލެއް ނުކުރިއެވެ. ލޯބިވެރިޔާ އެގޮތް ޤަބޫލެއް ނުކުރިއެވެ. ބޭނުންވީ އަޅުގަނޑު ވަރިކުރުވާށެވެ. ފިރިމީހާ ޤަބޫލުކުރީ އޭނާގެ ބަހެވެ. ރޮއި އާދޭސްކުރަމުން ދަނިކޮށް ވަރިކޮށް ގެއިން ނެރެލީއެވެ. 

ކައިވެނިކުރީ އަޅުގަނޑުގެ މައިންބަފައިންނާއި ދެކޮޅަށެވެ. އެއިރުވެސް އެމީހުން ބުނަމުން ދިއައީ ތިއައީ ރަނގަލު މީހެއް ނޫންކަމަށާއި ނިކަމެތިކޮށްލާނެ ކަމަށެވެ. އެއިރު ލޯބީގެ އަވާގައި ޖެހިފައިހުރިވަރުން އެކަން ޤަބޫލުނުކުރެވުނީއެވެ. ވަރިކޮށްލީމާ އެންމެ ދެރަވީ އެނބުރި މައިންބަފައިންގެ ގާތަށް ދާންޖެހުނީތީއެވެ. 

އެނބުރި ދިއުމުން މަންމަމެން އަޅުގަނޑު ޤަބޫލުކުރިއެވެ. ދަރިއަކުވީމާ އެއްލައިލަން ނުކެރުނީއެވެ. ނަމަވެސް މަންމަގެވެސް ބައްޕަގެވެސް ލޯތްބެއް ނުލިބުނެވެ. ކުރިން ލޯބިވީ މިންވަރާއި ގާތަކަށްވެސް އަޅުގަނޑުދެކެ ލޯތްބެއް ނުވެއެވެ. ޝުކުރުކުރީމެވެ. އެއީ އެކަންވާނެ ގޮތްކަމަށް ޤަބޫލުކޮށް ހިތްހަމަޖައްސާލައިގެން އިނީއެވެ. 

އެހިތްދަތިކަމުގައި އިންދައި ﷲ މަގެއް ދެއްކެވިއެވެ. ދެވަނަ ކައިވެނިކުރެވޭނެ ގޮތްވެ ކައިވެނިކުރީމެވެ. އޭނާއަކީ ވަރަށް ރަނގަޅު މީހެކެވެ. ދެމައިންނަށްވެސް ކަންތައްތައް ކޮށްދެނީ ވަރަށް ރަނގަޅަށެވެ. އެެހންވެ އޭނާ ބަލަމުން ގެންދާ އޭނާގެ ދެދަރިންނަށްވެސް ވީހައި ރަނގަޅަކަށް ކަންކަން ކުރަމެވެ. 

ކައިވެންޏަށް ދެވަނަ އަހަރު ދަރިއަކުވެސް ލިބިއްޖެއެވެ. ދަރިފުޅު ލިބުމުން ފިރިމީހާގެ ލޯބިލިބުން އިތުރުވިއެވެ. ކުރިއަށްވުރެ ބޮޑަށް އަޅައިލުންދިނެވެ. މަސައްކަތްލުއިކޮށްދިނެވެ. ގޭގައި ގެންގުޅޭނެ އަންހެނަކުވެސް ހޯދިއެވެ. 

ކައިވެންޏަށް 3 ވަނަ އަހަރު ފިރިމީހާ ބުނީ ގެ ކުޑަކަމުން ދިރިއުޅުން އެހެން ގެއަކަށް ބަދަލުކުރާ ކަމަށާއި ހުކުރު ދުވަހު ބަދަލުވާން ތައްޔާރުވުމަށެވެ. ބަދަލުވާން ކުރަންޖެހޭ ކަންކަން ކުރާނެ މީހުންވެސް ގެނައެވެ. އަޅުގަނޑަކަށް އެއްވެސް މަސައްކަތެއް ކުރާކަށް ނުޖެހުނެވެ. 

ފަތިސްނަމާދުން ފައިބައިގެން އައިސް ބުނީ ކުދިން ގޮވައިގެން ގެއިން ނުކުތުމަށެވެ. ނުކުތްއިރު އޮފީހުގެ ވޭނެއް އޮތެވެ. އަރައިގެން ދިއައީއެވެ. އެއިރުވެސް ދަނީ ކޮން ގެއަކަށް ކަމެއް ނުބުނެއެވެ. އަޅުގަނޑުވެސް ސުވާލެއް ނުކުރަމެވެ. 

ވޭން ދުއްވަމުން ގޮސް މަޑުކޮށްލީ ކުރީގެ ފިރިމީހާގެ ގެއަށެވެ. އެންމެން ވޭނުން ފައިބައިގެންގޮސް ގެއަށް ވަންއިރު ކުރީގެ ފިރިމީހާ ކޮތަޅެއް ހިފައިގެން ނުކުންނަނީއެވެ. އޭނާގެ ދަރިފުޅު ފެނުމުން ބަލަހައްޓައިގެން އިރުކޮޅަކު ހުރެފައި އައިސް އަޅުގަނޑު ގާތުގައި މަޑުމަޑުން ބުންޏެވެ. "މާފުކުރާށެވެ! މިއީވެސް ލިބުނު ފިލާވަޅެކެވެ." އަޅުގަނޑު ބުނީމެވެ. "ތިއަހާ ދެރަވަނީ ކީއްވެގެން ހެއްޔެވެ؟ ކުލި ލިބޭނެ ނޫން ހެއްޔެވެ؟ ލޯބިވާ އަނބިމީހާ އާއިއެކު އުފަލުގައި އުޅެވޭނެ ނޫންހެއްޔެވެ؟" 

ޖަވާބުގައި ބުންޏެވެ! "ނުއެނގޭ ހެއްޔެވެ؟ އަހަރެން ބަނގުރޫޓުކޮށްލާފައި ވަރިވެގެން ދިއަތާ ކިތަންމެ ދުވަހެކެވެ. ފިހާރަ ވިއްކައިލީމަވެސް ދަރަނި އަދާނުކުރެވިގެން ގެވެސް ވިއްކާލަން މަޖުބޫރުވީއެވެ. ކަލެއާއި އިނދެގެންހުރެ ރަށުގައި ގެގަނޑެއް އެޅުނުކަން ނަޞީބެވެ. އަހަރެން މިއަދު މިފުރަނީ ރަށަށްދާށެވެ. އެހެން ގޮތެއް ނެތެވެ. ދަރިފުޅުވެސް ދެން ފެންނާނެ ކަމެއް ނުއެނގެއެވެ. ކަލޭގެ ފިރިމީހާއަކީ ވަރަށް ރަނގަޅު މީހެކެވެ. ދަރަނި އަދާކޮށްލެވުނީވެސް އޭނާގެ ހެޔޮކަމުން ގޭގެ އަގަށްވުރެ އިތުރަށް ފައިސާކޮޅެއް ދިނީތީއެވެ." 

އެހެން ބުނެފައި ދެލޯ ފުހެމުން ނުކުމެގެންދިއަފަހަކުން ނުދެކެމެވެ. ހޯދާކަށްވެސް ނުއުޅެމެވެ. އުޅޭކަށް ނުވެސް ޖެހެއެވެ. ދެވަނަ ކައިވެންޏަށް މިހާރު 12 އަހަރުވެއްޖެއެވެ. ދެމީހުންގެ ގުޅުމަކަށް ބަދަލެއް ނައުދެއެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަންބޭނުމީ ކައިވެނިކޮށް ދަރިން ލިބުނީމާ އެމީހުންނަށްވުރެ ބޮޑަށް އެހެން މީހަކު ނުވަތަ މީހުން ދެކެ ލޯބިވެ އަނބިމީހާއަށާއި ދަރިންނަށް އަނިޔާވެރިވާ ގިނަ މީހުންނަށް އޮންނަނީ އަޅުގަނޑުގެ ފުރަތަމަ ފިރިމީހާއަށް ކުރިމަތިވިފަދަ  ކޮންމެވެސް މުޞިބާތެއް ކުރިމަތިވެފައެވެ. އެކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް އަމިއްލަ އެދުން ބޮޑުވުމުން އެެހންމީހުންގެ ހިތުގައި ޖައްސުވަން ފަސް ނުޖެހެނީއެވެ. 

އަޅުގަނޑު އުންމީދުކުރަނީ އަޅުގަނޑުގެ މިވާހަކައިން އެފަދަ އަނިޔާވެރިންނަށް ރަނގަޅު ފިލާވަޅެއް ލިބޭނެ ކަމަށެވެ.

 

- ޝިފްޒާ / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް