އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 19 ސިކުންތު
މައިދައިތައަށް ބޭރުން އައިސް ގެއަށް ވަދެވުނުއިރު ސިޓިންގ ރޫމްގައި ތިބެގެން ދަރިފުޅުގެ ފިރިމީހާއާއި ހިލޭ އަންހެނަކާއި ދެމީހުން ބައްދައި ދޮންދީ ލޯބިކުރަނީއެވެ. ކެތް ނުކުރެވިގެން ވަރަށް ބާރަށް އަޑުގަދަކުރަން ފެށުނެވެ. ދަރިފުޅަށް ބޭރުން އައުދެވުނުއިރު މަންމަ ހުރި ވަރަށް ރުޅިގަދަވެފައެވެ. ފިރިމީހާ ހުރީ ވަރަށް ބޮޑަށް ހާސްވެ ގައިން އޮއްދައު ހިއްލައިފައެވެ.
ވެގެން އުޅޭ ގޮތަކާއިމެދު ސުވާލުކުރުމުން ލޮލަށް ފެނުނު މަންޒަރު ކަންމަ ކިޔައިދިނެވެ. ފިރިމީހާ ބުނީ މަންމައަށް އެފަދަ މަންޒަރެއް ފެނުނު ނަމަ އެފެނުނީ ޖިންނިއެއް ކަމަށެވެ. އިތުރު އެއްވެސް އަންހެނަކު އެގެއަށް ނުވަންނަ ކަމަށެވެ.
އަނބިމީހާ ގޭތެރެ ހޯދައިލިއެވެ. އެއްވެސް އިތުރު މީހަކު ނުފެނުމުން ބުއްދީގެ ބޭނުންކުރަން މަސައްކަތްކުރިއެވެ. ވިސްނުންތެރިކަމާއިއެކު ގޭތެރެއަށް ބަލައިލުމުން ފިރިމީހާގެ ފޯނު މޭޒެއްގެ މަތީގައި އޮއްވައި ފެނުމުން ނަގާފައި ފޯނުން އެންމެފަހުން ގުޅާފައި އޮތް ނަންބަރަށް ގުޅައިލިއެވެ. އެއިރުވެސް މަންމައާއި ފިރިމީހާ ތިބީ ޒުވާބުކުރާށެވެ. މަންމަ ބުނަމުން ދިއައީ ފެނުނީ ޖިންނިއެއް ނޫންކަމަށާއި އެއީ އަންހެނެއް ކަމަށެވެ.
ފޯނުން ގުޅައިލިއިރަށް އަންހެނަކު ފޯނު ނެގިއެވެ. ފޯނު ނެގުމާއިއެކު ބުންޏެވެ. "ކަލޭގެ ބަސް ޤަބޫލުކުރަން ހަދައިގެން ބިރުން ހަލާކުވެއްޖެއެވެ. ސަލާމަތުން ގެއިން ނުކުމެވުނީވެސް ކިރިޔާއެވެ. ދެން ދުވަހަކުވެސް ތިއަ ގެއަކަށް ނުދާނަމެވެ. ބޭނުންނަމަ ކޮންމެ ވަޤުތަކުވެސް މިގެއަށް އަންނާށެވެ."
އެހިސާބުން ފޯނު ކަނޑާލާފައި ގޮސް މަންމަގެ ގާތުގައި ހުއްޓުމުން ފިރިމީހާ ބުނީ މަންމައަށް ނަފްސާނީ ފަރުވާއަށް ބޭނުންވެފައިވާ ކަމަށާއި ފަރުވާދޭން ހޮސްޕިޓަލެއްގައި އެޑްމިޓްކުރަން ފެންނަ ކަމަށެވެ. އަނބިމީހާ އެކަން ޤަބޫލުކުރިއެވެ. މަންމަ ގެންގޮސް ހޮސްޕިޓަލަކަށް އެޑްމިޓްކުރިއެވެ.
އެހިސާބުން ފިރިމީހާ ހުރި ވަރަށް އުފަލުންނެވެ. އަނބިމީހާގެ ކިބައިން ފެންނަނީ ހިތްދަތިކަމެވެ. ހަފްތާއެއްހައި ދުވަސްވީތަނާ ހޮސްޕިޓަލުން ފިރިމީހާއަށް ގުޅާފައި ބުނީ ރޭ ދަންވަރު މައިދައިތަގެ ބަނޑު ވަރަށް އާދައާއި ޚިލާފަށް ފުފިފައި ބަނޑުފަޅައިގެންގޮސް މަރުވެއްޖެކަމަށެވެ. ފެނުނު ކަންކަމަށް ބިރުން ދަންވަރު މައިދައިގެ ޖަނާޒާގެ ކަންކަންވެސް ފުރިހަމަކޮށް ނިމިފައިވާ ކަމަށެވެ.
މިވާހަކަ އަޑު އިވުމުން ދަރިފުޅު ވަރަށް ދެރަވިއެވެ. ނަމަވެސް އެއްވެސް އެއްޗެއް ނުބުނެއެވެ. ދެތިން ދުވަސްފަހުން އެއްރޭ ދެމަފިރިން ކާން ތިއްބައި ފެނުނީ މައިދައިތަ އައިސް ގެއަށް ވަންތަނެވެ. ފިރިމީހާ ބިރުން ތުރުއަޅަން ފަށައިފިއެވެ. ވެގެން އުޅޭ ގޮތަކާއިމެދު ސުވާލުކުރުމުން ފިރިމީހާ ބުނީ ދެންމެ މަންމަ އައިސް ގެއަށް ވަދެގެން ކޮޓަރިއާއި ދިމާއަށް ހިނގައްޖެ ކަމަށެވެ. އަނބިމީހާ ބުނީ އޭނާއަށް ނުފެންނަ ކަމަށާއި ފެނިގެން ތިއައުޅެނީ ޖިންނިއެއް ކަމަށް ވެދާނެ ކަމަށެވެ.
އެއިގެ ފަހުން ދޭތެރެދޭޓެރެއިން މަންމަ ފެނެއެވެ. އަބަދުވެސް ކޮޓަރި ހުންނަނީ ތަޅުލާފައެވެ. ޓަކިޖެހިނަމަވެސް ނުވެސް ހުޅުވައެވެ. އެހެންވެ ފިރިމީހާ ވަރަށް ބިރުން އުޅެމުން ދަނިކޮށް އެއްރޭ ފެނުނީ ދެމަފިރިންގެ އެނދުގައި މަންމަ އޮއްވައެވެ. ފެނުނީ ފިރިމީހާއަށެވެ. އަނބިމީހާއަށް ފެންނަ ކަމަކަށް ނުވެއެވެ.
އެހިސާބުން ފިރިމީހާ ބިރުންގޮސް ގޮތް ހުސްވިއެވެ. އަދި ގެ ކުއްޔަށްދީފައި އެހެން ގެއަކަށް ބަދަލުވާން އަނބިމީހާގެ ގާތުގައި އެދުނެވެ. އަނބިމީހާ ހަމަޖެހިލައިގެން އެތެރެއަށް ވަދެ ނެރުނީ ލަގެޖެކެވެ. ފިރިމީހާގެ ގާތުގައި ބުނީ ތިއައީ ވަރަށް ރަނގަޅު ގޮތެއް ކަމަށާއި "އަވަހަށް ދަމާ ހިނގާށެވެ."
ނުކުންނަން ހިނގައި ގަތުމުން ވެސް ފަހަތުން ޖިންނި އަންނާތީ ފިރިމީހާ ހުރީ ވަރަށް ބިރުންނެވެ. ގެއިން ބޭރަށް ނުކުމެވުނީ 3 މީހުންނަށް އެކުގައެވެ. ނުކުމެވުނީމައި ފިރިމީހާގެ ގާތުން ކާރުގެ ތަޅިދަނޑިއަށް އެދުނެވެ. ޖަވާބުގައި އަނބިމީހާ ބުންޏެވެ. "ދެން އަހަރެންގެ ކާރު ދުއްވަން އުޅޭނެ ކަމެއް ނެތެވެ. އަދި އަހަރެންގެ ގެއަށްވެސް އަންނާނެ ކަމެއް ނެތެވެ. ޖިންނި ކަލޭ ކައިލައިފާނެއެވެ. އެކަމަކު އަހަރެން އުޅޭނީ އަހުރެންގެ ގޭގައެވެ. ޖިންނިއާއިއެކުގައެވެ."
ފިރިމީހާ ބުނީ އޭނާ ގޮސް ވަންނާނެ ގެއެއް ނެތް ކަމަށެވެ. އަދި އެގޭގައި އުޅުމަކީ އަނބިމީހާއަށް ވެސް ބޮޑު ދެރައެއް ލިބިދާނެ ކަމެއް ކަމަށެވެ. އަނބިމީހާ ބުނީ އެދުވަހު މިގެއަށް ކަލޭ ވެއްދި ޖިންނީގެ ގެ ހުންނާނެ ކަމަށާއި އެގޭގައި ޖިންނިއާއިއެކު އުޅުނީމާ މާބޮޑަށް ފައިދާކުރާނެ ކަމަށެވެ.
އަނބިމީހާއަށް ޙަޤީޤަތް އެނގިއްޖެކަމާއި މައިދައިތަ އެޑްމިޓްކުރުމާއި މަރުވެގެން ވަޅުލުމަކީ ދެމައިން ރާވައިގެން ކުޅުނު ޑްރާމާއެއްކަން ވިސްނުނެވެ. މާފަށް އެދި އާދޭސްކުރުމުންވެސް އަނބިމީހާ ދިނީ ހަމަ އެޖަވާބެވެ. އެޖިންނި އާއިއެކުގައި އުޅެން ދިއުމަށެވެ. ފޮށްޓާއި ފިރިމީހާ ބޭރަށް ދޫކޮށްލާފައި ދެމައިން ގެއަށްވަދެ ތަޅުލީއެވެ.
މިއީ އަޅުގަނޑު ބަލާފައިވާ ފިލްމެއްގެ ޚަލާޞާއެވެ. މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ މިބާވަތުގެ ޖިންނިތައް ގޭގެއިން ފެނުން ގިނަވެއްޖެއެވެ. އަންހެން ޖިންނި އެކަންޏެއް ނޫނެވެ. ފިރިހެން ޖިންނިތައްވެސް މެއެވެ. ޚުދު އަޅުގަނޑުގެ ފުރަތަމަ ކައިވެނި ރޫޅައިލަން ޖެހުނީވެސް ގެއަށް ވެއްދި ޖިންނިއެއްގެ ސަބަބުންނެވެ. ވީމާ މިބާވަތުގެ ޖިންނިއެއް ގެއިން ފެނިއްޖެނަމަ އަވަހަށް ސަލާމަތްވާށެވެ!
- ވަޙީދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
16 ޖެނުއަރީ 2023