އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތެރި ވާހަކަ: 2 ދަރިންނަށް ކާންނުދެވޭތާ 2 ދުވަސްފަހުން ފައިސާ ހިފައިގެން ޙަރާމް ކަމަކަށް އެދިގެން އައި ފިރިހެނަކު ބޭރުކޮށްލި އަންހެނެކަށް ވަޤުތުން ލެއްވެވި ރަޙްމަތުގެ ވާހަކަ-

ޢިބްރަތެރި ވާހަކަ: 2 ދަރިންނަށް ކާންނުދެވޭތާ 2 ދުވަސްފަހުން ފައިސާ ހިފައިގެން ޙަރާމް ކަމަކަށް އެދިގެން އައި ފިރިހެނަކު ބޭރުކޮށްލި އަންހެނެކަށް ވަޤުތުން ލެއްވެވި ރަޙްމަތުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

އަޅުގަނޑުގެ ޙަޔާތުގެ ވާހަކަ މިފަށަނީ އެ ކަޅުއަނދިރި ރެއިންނެވެ. އެރެއަކީ ކަޅުކަން ގަދަވެގެންގޮސް އަޅުގަނޑުގެ އަތުގެ އިނގިލިތައް އަޅުގަނޑަށް ނެފެންނަވަރަށް އަނދިރިވި ރެއެކެވެ. އެހެނަސް އަޅުގަނޑުގެ ޙަޔާތަށް އުޖާލާ ނޫރެއް ދިއްލިގެން ދިއަ ރެއެކެވެ.  

އަޅުގަނޑަކީ އެކަނިވެރިމައެކެވެ. 3 އަހަރާއި 5 އަހަރުގެ 2 ދަރިން އަޅުގަނޑުގެ ގާތުގައި ތިއްބެވެ. އަޅުގަނޑު ދިރިއުޅެމުން ދިއަ ދަތިޙާލު ޢާއިލާގެ މީހުންނަށްވެސް އަދި އެކުވެރިންނަށްވެސް ރަނގަޅަށް އެނގޭނެއެވެ. އެހެންކަމާއިއެކުވެސް 3 މައިން ހަމައެކަނި ފެންބޮއިގެން ތިބޭތާ ދެވަނަ ދުވަސް ނިމި 3 ވަނަ ރެއެވެ. މިހެން މިބުނީ އެ ދެ ދުވަހުވެސް ދެ ކުދިންނަށް ކޮންމެ ދުވަހަކު ހެނދުނާއި ރޭގަނޑު ދިނީ ފާރޮށިކިބައެކެވެ. ދެން ބޯންދިނީ ފެންކަމަސްވާތީއެވެ. އަޅުގަނޑުހުރީ އެއްވެސް އެއްޗެއް ނުކައި ފެންބޮއިގެންނެވެ.  

ނުނިދިގެން ފުރޮޅިފުރޮޅި ފުރޮޅި އޮއްވައި މީހަކު އައިސް ދޮރުގައި ޓަކި ޖެހުމުން ހުޅުވިއިރު އަވަށްޓެރި ފިރިހެނެކެވެ. ހެޔޮ ނިޔަތެއްގައި އައި މީހަކު ކަމަށް ހީކޮށް ގެއަށް ވެއްދުމުން ބުނީ ފައިސާ ދޭނެ ކަމަށާއި ނަމަވެސް ބަދަލެއްގެ ގޮތުން އޭނާ އެދޭ ކަންކަން ކޮށްދޭންޖެހޭނެ ކަމަށެވެ.  

ފަށަމުން އެއީ އަނދިރިކަން ގަދަ ރެއެއްކަމަށް މިބުނީ އެހެންވެގެންނެވެ. އެހިސާބުން އަޅުގަނޑަށް ހީވީ ބޮޑު ކަލޫ އަނދިރިގަނޑެއް އަޅުގަނޑު ވަށައިލިހެންނެވެ. ގަތް ބިރެއްގެ ބޮޑުކަމުން ބުނެދޭކަށްވެސް ނުއެނގޭނެއެވެ. އަޅުގަނޑު ބުނީމެވެ. "ކާނެ އެއްޗެއް ނެތި 3 މައިން އެކުގައި ބަނޑަށް މަރުވިނަމަވެސް އަލިފާން ކާކަށް ބޭނުމެއް ނޫނެވެ. އަވަހަށް ނުކުންނާށެވެ." އެހެން ބުނުމުން ވޮލެޓުން ރުފިޔާ ނަގައި ދިއްކުރިއެވެ. ގަދަކަމުން މުށުތެރެއަށް ލައްވަންވެސް އުޅުނެވެ. ނަމަވެސް ޤަބޫލުނުކޮށް ގެއިން ނެރެލީމެވެ. ނެރެލަމުން ބުނީމެވެ. "ދެންވެސް ތިއަ ބާވަތުގެ ކަމަކު މިގެއަށް ނުއަންނާށެވެ."  

ނެރެލާފައި ގެއަށް ވަންނަ ހިތެއް ނުވިއެވެ. ދޮރުމަތީގައި ހުރި ކޯލިފަތީގައި އޮށޯވެ މެދުއުޑުޖހެހެން ދާދި ގާތްވެފައި ހުރި ހަނދަށް ބަލަން އޮތީމެވެ. އެހެން އޮއްވައި މީހަކު އައިސް ގޮވާލުމުން ބަލައިލިއިރު ހަމަ އަވަށްޓެރިއެކެވެ. "ނުނިދައި ތިއޮތީ ކީއްވެގެންތޯ؟" ސުވާލުކުރުމުން ޖަވާބެއް ނުދީ މަޑުކޮށްލީމެވެ.  

އެވަޤުތު އަޅުގަނޑަށް ރޮވުނެވެ. ލޮލުން ކަރުނަތައް ފައިބައިގަތެވެ. އެހިސާބުން އޭނާގެ ހިތަށް ކޮންމެވެސް އެއްޝެތިތަކެއް އެރިއެވެ. ބުންޏެވެ. "ކައިފިންހެއްޔެވެ؟ ކުދިންނަށް ކާންދީފިން ހެއްޔެވެ؟" އެސުވާލަކަށްވެސް ޖަވާބެއް ނުދިނުމުން އޭނާ ހިނގައްޖެއެވެ.  

އިރުކޮޅަކުން އައީ ހަނޑު ކޮތަޅަކާއި ފުށްކޮތަޅަކާއި ހަކުރުކޮޅަކާއި ކިރިމިކޭކަރު ބިސްކޯދު ބޮނޑިއެއް ހިފައިގެންނެވެ. އައިސް ޖެހިގެން ހުރި ޖޯލީގައި ބަހައްޓާފައި ބުންޏެވެ. "މިދަނީ މަހަށްދާން ފުރާށެވެ. އާދެވޭނީ 2 ދުވަސްފަހުންނެވެ. އައިސް ބައްދަލުކުރާނަމެވެ. ކައްކާ ކައިގެން ތިބޭށެވެ. ކަންބޮޑުނުވާށެވެ. ޝަމީމާ ގާތަށް ފޮނުވަން ހިތަށް އަރާތާ ކިތަންމެ ދުވަހެކެވެ. ހިތްވަރު ނުލިބިފައި ހުރެވުނީއެވެ. އެކަމަކު މިރޭ ހިތްވަރު ލިބުނީއެވެ. މަހުން އައިސް ފޮނުވާނަމެވެ. ބޭނުމިއްޔާ ރަންކިޔާށެވެ. ބޭނުން ނެތިއްޔާ ނުދައްކާ ވާހަކައަކަށް ހަދައި ސިއްރުކޮށްލައިދޭށެވެ." އެހެންބުނެފައި އޭނާ ދިއައީއެވެ.

އޭނާގެ ނިޔަތް އެނގުމުން އެއިގެ ބޭނުންކުރީމެވެ. އޭނާ ބުނިގޮތަށް އޭނާ ކަންކުރިއެވެ. މަހުން އައިސް ރަންކިޔުއްވަންފޮނުވުމުން ރަންކީމެވެ. ޖެހިގެން އައި ހުކުރުވިލޭރޭ ކައިވެނިވެސް ކުރެވުނެވެ. އެކައިވެނިމަތީގައި 20 އަހަރުވީއެވެ.  

އެއިރު އޭނާއަކީ މީހެއްގެ ދޯންޏެއްގެ ކެޔޮޅެކެވެ. މިއަދު ފިރިމީހާގެ އަތުގައި ފައިބަރު ދެ ދޯނި އެބައޮތެވެ. ކުރަނީ ކަންނެލި މަސްވެރިކަމެވެ. ފިރިމީހާ މަހަކަށްވެސް ނުދެއެވެ. ހުންނަނީ ރަށުގައެވެ. ދެމީހުން އުޅެނީ ވަރަށް އެކުވެރިކަމުގައެވެ. ލޯބިންނެވެ.  

މިއަދުނޫހުގައި ލިޔާ ޙަޤީޤީ ޙާދިސާތައް ކިޔަމެވެ. ބޭނުންވީ އަޅުގަނޑުގެ ވާހަކަވެސް ކިޔުންތެރިންނަށް ކިޔައިދޭށެވެ. ޢިބްރަތަކަށްވާނެ ކަމަށް އުންމީދުކުރަމެވެ.  

- ޝަމީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް