އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 9 ސިކުންތު
އަބަދުހެން މިފެންނަނީ އަންހެނުން އެމީހުންނަށް ލިބޭ އަނިޔާތައް ހާމަކުރާ ވާހަކަތަކެވެ. އެއީވެސް މައްސަލައެއް ނޫނެވެ. ނޫސްތަކުގައި ލިޔާނީ ލިބޭ މައުލޫމާތުވީމާ އެކަން އެހެންވަނީއެވެ. އަހަރެން ހިއްސާ މިކުރަނީ އަހަރެންނަށް ކުރިމަތިވި ކަންތަކުގެ ވާހަކައެވެ.
އަހަރެންނަކީ އެންމެ ބޮޑު މުސާރަ ލިބޭ އެއް ރިޒޯޓުގައި މަސައްކަތްކުރަމުން އަންނަ މީހެކެވެ. މިހާރު ރާއްޖޭގަ ފަތުރުވެރިކަން ދަށްވެފައިވުމުން ލިބޭ އާމްދަނީ މަދުވެފައިވީނަމަވެސް ފަތުރުވެރިކަމުގެ ރަން ޒަމާނުގަ މިނިސްޓަރުންނާ އެއްވަރުގެ މުސާރައެއް ލިބުނެވެ. އެހެންވީމާ ލިބޭ މުސާރައަށް ބަލައިފިނަމަ އަހަރެންނަކީވެސް މިނިސްޓަރެކެވެ. މިކިޔައިދެނީ މީގެ 3 އަަހރުވަރު ކުރީގެ ވާހަކައެކެވެ.
އަނބިމީހާ ގާތަށް ކޮންމެ 3 މަހަކުން ދަމެވެ. ގާތުގައި 10 ވަރަކަށް ދުވަސްވެސް ހޭދަކުރަމެވެ. 3 ދަރިންނާއި އަނބިމީހާއަށް އުފަލުގައި އުޅެވޭވަރަށް ފައިސާވެސް ކޮންމެ މަހަކު ޖަމާކޮށްދެމެވެ. އަދި ރަށަށް ގޮސްހުންނައިރު ވެސް ބޭނުންވާ ކަންކަން ކޮށްދެމެވެ.
މަޑުމަޑުން އަނބިމީހާގެ ޚަރަދުތައް ބޮޑުވާން ފެށިއެވެ. ދެބައިކުޅަ އެއްބައިވަރު އިތުރުވުމުން ކުޑަކޮށް ބޮލުގައި ރިއްސަން ފެށިއެވެ. މިވާގޮތެއް ބަލާނެ ގޮތެއް ވިސްނަމުންދަނިކޮށް ޚޔާލެއް ކުރެވުނެވެ. އަނބިމީހާގެ އަތުގައި އޮންނާނީ އަހަރެންގެ ކޭޝްކާޑެއްކަން ވިސްނުމަށް އައުމުންނެވެ.
ޙަޔާތުގައި ފުރަތަމަ ފަހަރަށް ބޭންކް އެކައުންޓް ޗެކްކޮށްލީމެވެ. ލިބުނީ ކުއްލި ޙައިރާންކަމެކެވެ. ހީވެސް ނުކުރާހައި ގިނަ އަދަދަކަށް 3 މީހަކަށް ފައިސާ ޓްރާންސްފަރކޮށްފައި ހުރުމުންނެވެ. އަނބިމީހާ ފައިސާ ޓްރާންސްފަރކުރަންޖެހޭނެ މީހަކު ނުހުންނާނެއެވެ. ޢާއިލާގެ މީހަކަށް ކަމެއް ޖެހިގެން ބުނެފިނަމަ އެކަމެއް ކޮށްދެނީ އަހަރެންކަމަށްވާތީއެވެ.
ކޮންމެއަކަސް 3 މީހުންގެ ޙަޤީޤަތް ބަލައިލިއިރު އަނބިމީހާއަށްވުރެ މާޒުވާން 3 ފިރިހެނުންނެވެ. ކުރެވުނު ޝައްކުގައި ވަރަށް ވިސްނުންތެރިކަމާއިއެކު 3 ފަހަރެއްގެ މަތިން އެ 3 މީހުންނާއި އެއްވެސް ގުޅުމެއް އޮވޭތޯ އާއި އޮންނަނީ ކޮން ގުޅުމެއްތޯ ސުވާލުކުރީމެވެ. އެއްވެސް ގުޅުމެއް އޮންނަކަމަށް އެއްބަހެއްވެސް ނުވިއެވެ. ބުނީ ފެނިދެނިވާ ރަށުމީހުން ކަމަށެވެ.
އިތުރު ސުވާލެއް ނުކޮށް ހުރެފައި ރަށަށް ދިއަ ފަހަރަކު އެތަނުން އެކަކު އެއްރޭ ދަންވަރު ގެއަށް ގެންގޮސް އަނބިމީހާ އާއި 3 މީހުން އެއްތަނުގައި ތިބެ ހަމަ އެސުވާލު އަނބިމީހާ އާއިކުރީމެވެ. ދިނީ ހަމައެ ޖަވާބެވެ! އޭނާވެސް ދިނީ ހަމަ އެޖަވާބެވެ.
އަހައިލީމެވެ. "ފާއިތުވި 3 މަސްތެރޭ މީނާގެ އެކައުންޓަށް 7000 ރުފިޔާ ޖަމާކޮށްދީފައިއެވަނީ ޞަދަޤާތަކަށްތޯ؟"އެވެ. އެހިސާބުން 2 މީހުންގެ ބަސް ހުއްޓިއްޖެއެވެ. ކަރުއެލިއްޖެއެވެ. އަހަރެން ބުނީމެވެ. ފުދިއްޖެއެވެ. "ދެން ކަލޭ ދާށެވެ! ކަލޭގެ އެއްވެސް މައްސަލައެއް ނެތެވެ. ހިތްހަމަޖެހުން ލިބިފައި ފައިސާވެސް ލިބޭނަމަ ﷲ އަށް ބިރުވެތިނުވާ މީހުން ކޮންމެ ކަމެއްވެސް ކުރާނެކަން އެނގެއެވެ."
ހަމައެރޭ ކޭޝްކާޑު އަތުލީމެވެ. އަނެއް 2 މީހުން ހޯދައި ތަޙްޤީޤުކުރާކަށްވެސް ނޫޅެމެވެ. 3 މީހުންނާއިއެކުވެސް ކުރާނީ ހަމަ އެއްކަމެއް ވީމައެވެ. ވަރިވެސް ކުރީމެވެ. އަދި ދަރިން ބަލަން ގޭގައި އިންނަހާ ދުވަހަކު ޚަރަދާއި އުޖޫރަ ދޭނެކަމަށްވެސް އެކަމުގެ އިންތިޒާމުވެސް ހަމަޖެއްސީމެވެ.
އަހަރެން ރަށަށް ދިއައީ މިހެން މިކަންކަން މެދުވެރިވާނެކަމަށް ވިސްނައިގެންނެވެ. ވީމާ އަހަރެން އެއްވެސް ވަރަކަށް ކަންބޮޑެއްނުވަމެވެ. ދެރައެއްވެސް ރަށުގައި ހުރެގެން ނުވަމެވެ. ދެރަވީ ހަޤީޤަތް އެނގުނު ދުވަހުއެވެ. އެހިސާބުން ދެރަވުން ނިންމައިލީމެވެ.
ދެ ރޭ ފަހުން އެހެން އަންހެނަކާއި ކައވެނިކުރީމެވެ. މިހާރުވެސް ދިރިއުޅެމުން މިގެންދަނީ އޭނާ އާއިއެކުގައެވެ. ދަރިން ބަލަހައްޓަމެވެ. ކުދިންގެ ކަންކަން ބަލަހައްޓައިދީ ގޭގައި އިންނާތީ އުޖޫރަވެސް ދެމެވެ. ކައިވެންޏެއްކުރަން ބޭނުންނަމަ ކޮށްގެން ގެއިން ނުކުތުމުގެ ފުރުޞަތު އަބަދުވެސް އޮންނާނެ ކަމަށް ވެސް ބުނީމެވެ. ނަމަވެސް އިތުރު ފިރިހެނަކު ގެއަށް ވައްދައިގެން ނުވާނެ ކަމަށް އޮންނާނީ ބުނެފައެވެ. އެއީ އަންހެން 2 ދަރިންގެ ސަލާމަތަކަށެވެ. އެކަން ނުކުރެވޭނެ ގޮތަށް ހުންނާނީ ފިޔަވަޅުތައްވެސް އަޅައިފައެވެ.
މިހާރު އެދެނީ ދެއަނބަށް ނަމަވެސް ކައިވެނިކުރުމަށެވެ. ނަމަވެސް އެކަން ޤަބޫލުކުރެވޭކަށް އަދި ނެތެވެ. ފަހަރެއްގައި ފަހުން އެކަން ނުކުރާނެ ކަމަކަށް ނުބުނާނަމެވެ. މިއަދު އޭނާއަށް އަދަބު ދީފައި އެހެރީ އޭނާ ކުރި ކުށަކަށް ނޫނެވެ. ހެދި ބޮޑު ދޮގުތަކަށެވެ. ކުށް އެންމެންނަށްވެސް ކުރެވޭނެއެވެ. ދޮގުހެދުން އެއީ ޤަބޫލުކުރެވޭނެ ކަމަކަށް ނުވާތީއެވެ.
މިކިޔައިދިން ވާހަކަތަކާއިމެދު އަނބިންވެސް ފިރިންވެސް ވިސްނާށެވެ! މުހިންމީ ކޮންކަމެއްކަމާއިމެދުވެސް ވިސްނާށެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް
--ޢިބްރަތްތެރި ވާހަކަ-
Advertisement
13 މެއި 2025