އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 29 ސިކުންތު
ވާހަކައަށް ފެށުމުގެ ކުރިން ނަޞީޙަތުގެ މިބަސްކޮޅު ލިޔެލާނަމެވެ!
ލޮބުވެތި އުޚުތުންނޭވެ! ލޯބިވެވިއްޖެނަމަ އެލޯބި ޙަލާލްކުރަން އަބަދުވެސް ބުނަމެވެ. ހުރިހާ ޢިލްމުވެރިންވެސް އެކަމަށް ބާރުއަޅުއްވައެވެ. އެހެނަސް ޢިޖާބަ ދެވެނީ މަދު އުޚުތަކަށެވެ. އެކަމުގެ ސަބަބުން ފާފަކުރެވި އެފާފަތަކުގެ މައްޗަށް މާބޮޑެތި ފާފަތައްވެސް އެބަ ކުރެވެއެވެ.
އެކަން އެހެންވިޔަނުދޭށެވެ! އިންސާނުންގެ ބަލިކަށިކަމުން ފާފަކުރެވިދާނެއެވެ. އެހިސާބުން އަވަހަށް ތައުބާވާށެވެ. ދުނިޔެއަށް ކަދަށް އެފާފަ ފޮރުވަން މަތިމައްޗަށް ފާފަނުކުރާށެވެ. ދުނިޔޭގެ އެންމެންނަށް ކަމެއް ފޮރުވުނަސް ﷲ ތަޢާލާއަށް ސިއްރެއް ނުކުރެވޭނެއެވެ. ވީމާ މީސްތަކުންގެ ކުރިމަތީގައި ގަންނަން ޖެހޭނެ ލަދަށްވުރެ ﷲ ތަޢާލާ ދެއްވަވާނެ ޢަޛާބަށް ބިރުވެތިވާށެވެ. އެއިރުން ﷲ ތަޢާލާ ލައްވަވާ ރަޙްމަތް މާބޮޑުވާނެއެވެ."
ވާހަކަ:
އަހަރެންގެ އުމުރުން އެންމެ 22 އަހަރުގައި ބައްދަލުވި ޒުވާން ވިޔަފާރިވެރިއަކާއި ލޯބީގެ ގޮތުން ގުޅުނީމެވެ. އެގުޅުން ކުރިއަރައި ހެދިބޮޑުވަމުން އައި ދުވަސްވަރު އަހަރެންގެ ހުރިހާ ކަންކަން ބަލަހައްޓަމުން އައީ އޭނާއެވެ. އަހަރެން އެދިގެނެއް ނޫނެވެ. އޭނާގެ އަމިއްލަ އިސްނެގުމަށެވެ. އޭނާގެ ހެޔޮކަން ބޮޑުކަމުން އޭނާގެ ޙަޤީޤަތް އޮޅުންފިލުވަންވެސް އަހަރެން އެއްވެސް މަސައްކަތެއް ނުކުރަމެވެ.
ލޯބީގެ ކަނޑަށް ޣަރަޤުވެވުނުލެއް ބޮޑުކަމުން ދެމެދުގައި ނުހިނގާ އެއްވެސް ގުޅުމެއް ނެތެވެ. ހުރިހާ ގުޅުންތަކެއްވެސް ހިނގިއެވެ. ނަތީޖާއަކަށްވީ އޭނާގެ ދަރިއަކަށް އަހަރެން ބަލިވެއިނުމެވެ. އެކަން އެނގުމުން ކައިވެނި އަވަސްކުރަން އެދުނީމެވެ. ވާންއުޅޭ ބޮޑު ފަޟީޙަތުން އަހަރެންނާއި ޢާއިލާ ސަލާމަތްކޮށްދިނުން އެދި ދެފައިގައި ހިފައި ސަލާންޖެހީމެވެ. ގިސްލާ ރުއީމެވެ.
އޭނާގެ ޙަޤީޤަތް އެނގުނީ އެހިސާބުންނެވެ. 20،000 ރުފިޔާ ދިފައި ބުނީ އަހަރެންނާއި ކައިވެނިކުރެވެން ނެތްކަމަށާއި އޭނާ ހުރީ މާކުރިން ކައިވެންޏެއް ކޮށްގެން ކަމަށެވެ. އަދި ފައިސާގެ ބޭނުންކޮށް ދަރިފުޅު ވައްޓައިލުމަށެވެ. ދަރިފުޅު ވައްޓައިލުމުން އަހަރެންނަށް އިތުރަށް އެހީތެރިވެސްވަމުން ގެންދާނެ ކަމަށެވެ.
އަހަރެމެންނަކީ ވަރަށް ފަޤީރުބައެކެވެ. 20،000 ރުފިޔާއަކީ ވަރަށް ބައިވަރު ފައިސާއެވެ. އެހެންނަމަވެސް އެ ފައިސާގައި އަހަރެން ނުހިފަމެވެ. އެއީ ކުރެވުނު ފާފައިގެ މައްޗަށް އެއަށްވުރެ ބޮޑު ފާފައެއް ނުކުރަންވެގެންނެވެ. އަދި އޭނާ އަހަރެންދެކެވީ ލޯބީގެ ބަރުދަނަކީ މަކަރާއި ޙީލަތްކަން ވިސްނުމުން ކޮންމެ ޙާލެއްގައި ޖެހުނު ނަމަވެސް އިތުރަށް އޭނާ އާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުންނުވީއެވެ.
ކޮންމެއަކަސް އެދުވަސްވަރު ޒުވާން ފިރިހެނަކު އަހަރެން ދެކެ ލޯބިވާކަމަށް ބުނެ އަހަރެންގެ ކައިވެންޏަށް އެދުނެވެ. އަހަރެން އޭނާއަށް އަހަރެން އިން ޙާލަތު ކިޔައިދިނީމެވެ. އަދި އަހަރެންދެކެ ލޯބިވާނަމަ ވިހައި ގަދަވަންދެން މަޑުކޮށްލައިދިނުމަށްވެސް އެދުނީމެވެ. އެކަން އޭނާ ޤަބޫލުކުރިއެވެ.
ވިހައި ގަދަވުމަށްފަހު އަހަރެމެންގެ ކައިވެނިކުރެވުނެވެ. އަހަރެންގެ ދަރިފުޅަކީ އޭނާގެވެސް ދަރިއެއް ކަމަށް ޤަބޫލުކޮށްގެން ދިރިއުޅެން ފެށިއެވެ.
އެއިގެ 5 އަހަރުފަހެވެ. އަހަރެމެންގެ ކައިވެނިކުރެވުނުއިރު އަހަރެންގެ ފިރިމީހާއަކީ ގޭގޭގައި ކުދިކުދި މަސައްކަތްކޮށްދީގެން ދިރިއުޅުނު މީހެއް ނަމަވެސް 5 އަހަރުވީއިރު އޭނާއަކީ އަމިއްލަ ކޮންސްޓްރަކްޝަން ކުންފުންޏެއް ހިންގާ މީހެކެވެ. 50 ވަރަކަށް މުވައްޒިފުންވެސް ގެންގުޅެއެވެ.
އެއްދުވަހަކު ހެނދުނު ދަރިފުޅު ސްކޫލް ނިމުނު ގަޑީގައި ގޮވައިގެން ފިރިމީހާގެ އޮފީހަށް ދިއައިމެވެ. އެއީ ފިރިމީހާ އާއިއެކު ކާރުގައި ގެއަށްދިއުމުގެ ބޭނުމުގައެވެ. އެއީ އެކަމަށް އަހަރެން ބޭނުންވާ ދުވަސްދުވަހު ކުރާ ކަމެކެވެ.
އެދުވަހު އޮފީހަށްދިއައިރު ލޫންޖުގައި ދަރިފުޅުގެ ބައްޕަ އިނެވެ. ބައްޕަ ދައްކަން ބޭނުންވިއެވެ. ނަމަވެސް އެއިރުން ދަރިފުޅުގެ ހިތުގައި މިހާރުގެ ބައްޕައަށް އޮތް މަޤާމްގެއްލިދާނެތީ އެކަމެއް ނުކުރަމެވެ. ނުވެސް ފެންނަކަމަށް ހަދާފައި ގޮސް ފިރިމީހާގެ ކެބިނަށްވަދެ އޭނާ އެތަނުގައި އިނީ ކީއްކުރަންތޯ ސުވާލުކުރީމެވެ.
ފިރިމީހާ ބުނީ އޭނާގެ ގޭގައި މަސައްކަތްކުރުވާފައި ދިން ޗެކްތަކަކަށް ފައިސާ ނުލިބުނު މައްސަލަ ކޯޓަށް ހުށަހަޅަން އުޅޭތީ އެކަން ހުއްޓުވަން މަޝްވަރާކުރަން އައިސް އިނީ ކަމަށެވެ. ކިހައި ފައިސާއެއްތޯ ސުވާލުކުރުމުން ބުނީ 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ކަމަށެވެ. އަހަރެން އިތުރަށް އެއްވެސް ސުވާލެއް ނުކުރަމެވެ. އެއީ ކާކުކަމެއްވެސް ނުބުނަމެވެ.
ކިޔުންތެރިންގެ ގާތު ބުނެލަން ބޭނުމީ ކިތަންމެ ލޯބިވީނަމަވެސް ޢިއްފަތްތެރިކަން ދޫކޮށްނުލާށެވެ! ދޫކޮށްލައިފިނަމަ ކުރިމަތިވާނީ އަހަރެންނަށް ވެސް ކުރިމަތިވި ފަދަ ޙާލަތެކެވެ. ފިރިހެނުންނަށް ބުނެލަން އޮތީ އަހަރެމެން ފަދަ ނިކަމެތި އަންހެންކުދިންނަށް މަކަރުހަދައި އޮޅުވައިނުލާށެވެ! ކައިވެނިނުކުރާނެ ޙާލަތުގައި ކައިވެނިކުރާނެކަމަށްބުނެ ދަލުގައި ޖައްސައި ޝިކާރަނުކުރާށެވެ! ލިބިފައިވާ ތަނަވަސްކަމަކީވެސް ހަމަ އަތުން ބީވެގެން ހިނގައިދާނެ އެއްޗެއްކަމަށް ބިރުވެތިވާށެވެ!
ދެން ބުނެލަން އޮތީ ފާފައެއް ކުރެވުނު ނަމަވެސް މަތިމައްޗަށް ބޮޑެތި ފާފަތައް ނުކުރާށެވެ! އަހަރެންނަށް ލިބުނު ނިޢްމަތް ލިބުނު ސަބަބުކަމަށް އަހަރެން ޤަބޫލުކުރަނީ ދުނިޔޭގެ ލަދުން ސަލާމަތްވާން، މީސްތަކުންގެ ކުރިމަތީގައި ފަޟީޙަތްވެދާނެކަމަށް ބިރުން އެބޮޑުފާފަނުކުރުން ކަމަށެވެ. ކައިވެންޏަށް މިހާރު މިއީ 12 އަހަރެވެ. އަހަރެމެންގެ ލޯބި އަދިވެސް އަންނަނީ ދިރި އިތުރުވަމުންނެވެ. ސަބަބުކަމަށް ޤަބޫލުކުރަނީ ﷲ ގެ ރަޙްމަތެވެ!
- މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
12 މެއި 2025