އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދަރިން ހޯދަން 7 ކައިވެނިކުރުމުންވެސް އެންމެ ދަރިއަކު ލިބުނު މީހެއްގެ ވާހަކަ- ދަރިން ލިބުން ލަސްވެގެން ހިތުގައި ޖައްސުވާ މީހުންނަށް އަގުހުރި ފިލާވަޅެއް-

ޢިބްރަތްތެރި ވާހަކަ: ދަރިން ހޯދަން 7 ކައިވެނިކުރުމުންވެސް އެންމެ ދަރިއަކު ލިބުނު މީހެއްގެ ވާހަކަ- ދަރިން ލިބުން ލަސްވެގެން ހިތުގައި ޖައްސުވާ މީހުންނަށް އަގުހުރި ފިލާވަޅެއް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 25 ސިކުންތު

ކަންދިމާވިގޮތުން އަޅުގަނޑަށް ކައިވެނިކުރެވުނީ ދެމަފިރިއެއްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅާއިއެވެ. އެދެމަފިރިން ތިބީކާފަ،މާމަ ކިޔާނެ ދަރިއަކަށް ކެތްމަދުވެފައެވެ. އިންތިހާއަށް ކެތްތެރިކަން ކުޑަވެފައެވެ. އެހެންކަމުން ދަރިއަކަށް ބަލިވެއިނުން ލަސްވާ ކޮންމެ ދުވަހެއްވީ ބޮޑު މައްސަލައަކަށެވެ. އިތރުވާ ކޮންމެ ދުވަހެއް ވެގެންދިއައީ މައްސަލަތައް އިތުރުވާ ދުވަހަކަށެވެ. 

ކައިވެންޏަށް އަހަރުފުރުނުއިރު ދަރިއަކު ލިބިފައިނުވުމުން ފިރިމީހާ ގާތުގައި ބުނަން ފަށައިފިއެވެ. "އެހެން އަންތބަކު ހޯދާށެވެ. އަނބިމީހާ ވަރިނުކުރާނެ ނަމަ ދެއަންތބަށް ނަމަވެސް ކައިވެންޏެއްކުރާށެވެ.!" 

މިފަދަ އަޑުތައް އަޅުގަނޑުގެ ކަންފަތަށް އިވުނަސް ޖަވާބެއް ނުދެމެވެ. ކެތްތެރިވެލައިގެންހުރީއެވެ. އެއީ ފިރިމީހާގެ ކަމަށްވީނަމަވެސް މައިންބަފައިންނަށް އިޙްތިރާމްކުރުމުގެ ގޮތުންނެވެ. އެހެން ހުއްޓައި މައިންބަފައިންގެ ޕްރެޝަރަށް ފިރިމީހާއަށް ކެތްނުކުރެވިގެން ފިރިމީހާ 2 ވަނަ ކައިވެނިކުރުމުންވެސް އަޅައެއް ނުލަމެވެ. އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ކޮންމެކަމެއްވެސް މެދުވެރިވާނީ ﷲ މިންވަރުކުރައްވަވާ ގޮތަށްކަން އަބަދުވެސް ޔަޤީންކުރެވޭތީއެވެ. 

ދެވަނަ ކައިވެންޏަށް އަހަރުވީއިރުވެސް ދަރިއަކު ނުލިބުމުން ހަމަ އެމައްސަލަތައް ކުރިމަތިވާން ފެށިއެވެ. ދެވަނަ ކައިވެންޏަށް 2 ވަނަ އަހަރު ދަރިފުޅަށް މަޖުބޫރުކުރުވައިގެން 3 ވަނަ ކައިވެނިވެސް ކުރުވިއެވެ. މައިންބަފައިންނަކީ ތަނަވަސްބައެކެވެ. ފައިސާ ލިބެއެވެ. އެހެންވެ ޚަރަދަކީ އެމީހުން ވިސްނާ ކަމެއް ނޫނެވެ. 

ތިންވަނަ ކައިވެނިކުރުމުންވެސް އަޅައެއް ނުލަމެވެ. ކެތްތެރިވެގެން އިނީއެވެ. މާޔޫސްއެއް ނުވަމެވެ. އެހެންވެ ދުޢާކުރަމުން ގެންދިއައީއެވެ. 3 ވަނަ ކައިވެންޏަށްވެސް ދަރިއަކު ނުލިބި 2 އަހަރުވީތަނާ އެދެމަފިރިން ވަރަށް ސިއްރުން ދެއްކި ވާހަކައެއްގައި އެމީހުންގެ ދަރިފުޅަށް ދަރިއަކު ނުލިބިގެން އުޅެނީ އަޅުގަނޑުގެ ސުންޕާކަމުން ކަމަށް ބުނިއަޑު އިވުމުން ވަރަށް ދެރަވިއެވެ. 

މަޞްލަޙަތަށްޓަކައި އެހިސާބުން އެގެއިންދާށެވެ. ވަރިވާށެވެ. ނޫންނަމަ ނަފްސާނީ ބަލިމަޑުކަމެއްގެ ތެރެއަށް ވެއްޓެންޖެހިދާނެ ކަމުގެ ބިރަށެވެ. އެހެންވެ ފިރިމީހާ ގާތުގައި ބުނެ ރީތި ގޮތުގައި ވަރިވެގެން ގެއަށް ދިއައިމެވެ. 

ގެއަށް ގޮސް ޢިއްދައިގައި އިންދައި މިއިނީ ބަލިވެކަން އެނގިއްޖެއެވެ. ޑޮކްޓަރަށް ދެއްކުމުން ބުނީ ބަނޑަށް 2 މަސްފުރިފައިވާ ކަމަށެވެ. ފިރިމީހާޢަކަށް ނުއަންގަމެވެ. އެއީ އެނގިއްޖެނަމަ އެގެއަށް ގެންދާނެތީއެވެ. 

ބަނޑަށް 5 މަހުގައި ޑޮކްޓަރަށް ދައްކަން ގޮސް އިންދައި ފިރިމީހާއާއި ބައްދަލުވިއެވެ. ފިރިމީހާ ގޮސްއުޅުނީ 2 އަނބިން ގޮވައިގެންނެވެ. ދަރިއަކު ލިބޭތޯ ފަރުވާކުރުމަށެވެ. ފިރިމީހާއަށް އަޅުގަނޑު ފެނުމާއިއެކު ދުވެފައި އައިސް އޮޅުލައިގަތެވެ. ޑޮކްޓަރަށް ދައްކާފައި ދާންޖެހޭނީ ގެއަށް ކަމަށްވެސް ބުންޏެވެ. 

އަޅުގަނޑު ބުނީ އެގެއަށް ނުދާނެ ކަމަށެވެ. މިދަރިފުޅުމަތިން ހަނދާން ނައްތައިލުމަށެވެ. އެއްވެސް ޚަރަދެއްވެސް ބޭނުން ނޫން ކަމަށެވެ. ވިހައި ގަދަވެ ވަޒީފާ އަދާކުރަންފެށުމުން ފައިސާ ލިބޭނެ ކަމަށެވެ. ނަމަވެސް ފިރިމީހާ ޤަބޫލެއް ނުކުރިއެވެ. ބުނީ އެގޮތަށް ދޫނުކުރާނެ ކަމަށެވެ. ބަލިވެއިނީތީ އިންނާނީ އޭނާގެ ޢިއްދައިގައިކަމަށާއި އޭނާއަށް އަމުރުކުރެވޭނެ ކަމަށެވެ. އޭނާއަށް އަމުރުކުރެވޭނެކަން ޤަބޫލުކުރީމެވެ. ނަމަވެސް އެ އަމުރަށް ކިޔަމަންވާން ބޭނުން ނޫންކަމަށް ބުނެފައި ޑޮކްޓަރަށްވެސް ނުދައްކައި ގެއަށް ދިއައީއެވެ. 

އެރޭ އޭނާގެ މަންމަ އާއި ބައްޕައައިސް އެގެއަށްދާން ބުނުމުންވެސް ދެކޮޅު ހެދީމެވެ. ބުނީމެވެ. "ދެން ތިއަ ގެއަށް ދިއަނަމަވެސް ހިތްހަމަޖެހުމެއް ނުލިބޭނެއެވެ. ހިތްހަމަ ނުޖެހި އިނުމަކީ ބަނޑުގައި އޮތް ދަރިފުޅަށް ގެއްލުން ލިބޭނެ ކަމެކެވެ. ވީމާ ކަލޭމެންވެސް މިދަރިފުޅުދެކެ ލޯބިވާނަމަ ތިއަ ގެއަށް ގެންދަން މަސައްކަތް ނުކުރާށެވެ." 

ފިރިމީހާވެސް އޭނާގެ މައިންބަފައިންވެސް އެހިސާބުން ވަރަށް ރަނގަޅަށް ކަންކަންކުރިއެވެ. ވަރަށް ހެޔޮކޮށް ހިތިއެވެ. ހުރިހާ ކަންކަން ވަރަށް ގާތުން ބަލަހައްޓައިދިނެވެ. 

ވިހައިގެން ހޮސްޕިޓަލުން ދޫކޮށްލުމުން ފިރިމީހާ ބޭނުންވީ އެގެއަށް ގެންދާށެވެ. އެދުވަހުވެސް ދެކޮޅު ހަދާފައި ދިއައީ އަޅުގަނޑުގެ ގެއަށެވެ. ގެއަށް ދެވި ހަށި ޠޯހިރުވުމުން ދެވަނަ މީހަކާއި ކައިވެނިކުރީމެވެ. ދަރިފުޅާއި އެމީހުންނާއި އޮންނަންޖެހޭނެ ގުޅުންތައް ބާއްވާކަށް ދެކޮޅެއް ނުހަދަމެވެ. 

ދަރިފުޅު ލިބުނުފަހުންވެސް ފިރިމީހާ އިތުރު 4 އަންހެނުންނާއި ކައިވެނިކުރިއެވެ. ޖުމުލަ 7 ކައިވެނި ކުރުމުންވެސް އިތުރު ދަރިއަކު ނުލިބެއެވެ. އަޅުގަނޑުގެ 2 ވަނަ ކައިވެނީގައި މިހާރުވަނީ އިތުރު 3 ދަރިން ލިބިފައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންގެ ގާތުގައި ބުނެލަން ބޭނުންވަނީ ޢިބްރަތް ޙާޞިލުކުރާށެވެ! ދަރިން ދެއްވެވުމާއި ނުދެއްވެވުން ވަނީ ﷲ ގެ ޙަޟްރަތުގައެވެ. ދަރިން ނުލިބުމުން އެއްވެސް މީހަކު ކުށްވެރިކޮށް އަނިޔާވެރިވެ ހިތުގައި ނުޖައްސާށެވެ. 

އެމީހުންގެ ތަނަވަސްކަން ހުރުމުން ދަރިފުޅު އެގެއަށް ގެންދެވޭތޯ އިންތިހާއަށް މަސައްކަތްކުރިއެވެ. އެކަމަކުވެސް އެކަން ކާމިޔާބެއް ނުކުރެވުނެވެ. އެދެމަފިރިން މަރުވެ ދިއައިރު އެހެން ހުރިހާ ބޭނުންތަކެއް ފުދިފައިވީނަމަވެސް ހަމަ ޔަޤީނުންވެސް އެކަން ޙާޞިލެއް ނުކުރެވުނެވެ. 

މިއީ ދަރިން ނުލިބިގެން ނުވަތަ ދަރިން ލިބުން ލަސްވެގެން އަނިޔާކުރާ، ހިތުގައި ޖައްސުވާ އެންމެންނަށް އަގުހުރި ފިލާވަޅަކަށްވެގެންދާނެ ކަމަށް އުންމީދުކުރަމެވެ. 

- ސަމިއްޔާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް