އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދެމަފިރިން ހެޔޮކަމުން މެޑަމް ނިޔާވުމުން މެޑަމްގެ 2 ދަރިންނަށްޓަކާ ނުކުޅެދޭ ފިރިމީހާ އާ ކައިވެނިކުރި ފަޤީރު އަންހެނަކަށް ލިބުނު އުފާވރި ދިރިއުޅުމުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދެމަފިރިން ހެޔޮކަމުން މެޑަމް ނިޔާވުމުން މެޑަމްގެ 2 ދަރިންނަށްޓަކާ ނުކުޅެދޭ ފިރިމީހާ އާ ކައިވެނިކުރި ފަޤީރު އަންހެނަކަށް ލިބުނު އުފާވރި ދިރިއުޅުމުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 16 ސިކުންތު

އަޅުގަނޑަކީ މައިންބަފައިން ނިޔާވެ، އަޅައިލާނެ އެއްވެސް މީހަކު ނެތި ވަރަށް ނިކަމެތި ޙާލުގައި ދިރިއުޅެމުން އައި އަންހެނަކީމެވެ. މައިންބަފައިންގެ އަމިއްލަ ގެދޮރު ނެތުމުން މަގުމަތިވެ ގޭގޭގައި ނޯކިރީކުރަމުން ހިނގީމެވެ. އެގޮތަށް އުޅުމުގެ ތެރޭގައި މަސައްކަތްކުރަން ދެވުނު ގެއެއްގެ ދެމަފިރިންވީ ވަރަށް ހިތްހެޔޮ ވަރަށް ރަނގަޅު ބައަކަށެވެ.  

އެގޭގެ ދައްތައަކީ އަޅުގަނޑުގެ މުޅި ޙަޔާތުގައިވެސް މިހައިތަނަށް އަޅުގަނޑާއި ބައްދަލުވި އެންމެ ހިތްހެޔޮ އަންހެންމީހާއެވެ. އޭނާގެ ފިރިމީހާޢަކީ ތަނަވަސް މީހެކެވެ. ނަމަވެސް ނުކުޅެދުންތެރިއެކެވެ. އެއީ އެއްފައިގެ ވާގިނެތުމުން ހިނގައި ނުޅެވޭތީއެވެ. ފުރޮޅުލީ ގޮނޑިއެއްގައި އިންނަން އިންނަން ޖެހޭތީއެވެ.  

އެހެންކަމާއިއެކުވެސް ދެމަފިރިންވެސް އުޅެނީ ވަރަށް ލޯބިންނެވެ. ދެމީހުންނަށް 2 ދަރިން ލިބިފައިވެއެވެ. އެއް ދަރިފުޅަށް 5 އަހަރެވެ. އަނެއް ދަރިފުޅަށް 3 އަހަރެވެ.  

އަޅުގަނޑު އެގޭގައި ނޯކިރީކުރާތާ 2 އަހަރުވީތަނާ ގަދަހުމެއް އައިސްފައި ދައްތަ ނިޔާވެއްޖެއެވެ. އެއީ ވަރަށް ދެރަވި ދުވަހެވެ. އަމިއްލަ މަންމަ ނިޔާވި ދުވަސްހައި ދެރަވި ދުވަހެކެވެ. އަޅުގަނޑަށް ލިބުނު ދެވަނަ މަންމަވެސް ނިޔާވީތީއެވެ. އަޅުގަނޑުގެ ނަޞީބާއިމެދު ސުވާލު އުފެދުނެވެ. އެހެންކަމާއިއެކުވެސް ﷲ އަށް ވަކީލްކޮށް ކެތްތެރިވެލީމެވެ.  

ދައްތަ ނިޔާވީމާ މަސައްކަތް ބުރަވެ ގެއިން ހިނގައިދާނެކަމަށް ހީކޮށް ބޭބެ އަޅުގަނޑުގެ މުސާރަބޮޑުކޮށްދޭން އުޅުމުން ބުނީމެވެ. "ދައްތަ ދިން ވަރަށްވުރެ އެންމެ ރުފިޔާއެއްވެސް އިތުރަކަށް ބޭނުމެއް ނޫނެވެ. ދަތަގެ ދެދަރިންނާއި ބޭބެ ދޫކޮށްލާފައި ދުވަހަކުވެސް ނުދާނަމެވެ. ހަމައެކަނި ދާނީ ބޭބެއަށް ރަނގަޅު ގޮތެއް ފެނިގެން ދާން ބުނެފިނަމައެވެ." އަޅުގަނޑު މާނަކުރީ ބޭބެ ދެވަނަ ކައިވެންޏެއްކޮށް އަޅުގަނޑުގެ ބޭނުމެއް ނެތިގެން ދާން ބުނުމަށެވެ.  

ކޮންމެއަކަސް ކަންކަންމެދުވެރިވީ އެގޮތަކަށް ނޫނެވެ. ބޭބެ އަޅުގަނޑަށްވުރެ 10 އަހަރު ދޮށްޓެވެ. ނުކުޅެދޭ މީހެކެވެ. އެހެންކަމާއިއެކުވެސް ބޭބެ އަޅުގަނޑަށް ހެޔޮކަމުންނާ 2 ކުދިން ދެކެ ވާލޯބި ބޮޑުކަމުން އަޅުގަނޑުގެ ހިތުގައި ބޭބެއަށް ލޯބި އުފެދުނެވެ. އެކަމަކު އެކަމެއް ނުއަންގަމެވެ. އެހެން ހުއްޓައި ބޭބެ އެއްދުވަހަކު ބުންޏެވެ. "މިވާހަކަ ދައްކަން ލަދުވެސް ގަނެއެވެ. ތިއައީ އަހަރެމެން ދެމަފިރިން އަމިއްލަ ދަރިއެއް ގޮތަށް ދެކެގެން ގެންގުޅެންފެށި ކުއްޖެކެވެ. އެކަމަކު ކަންކަން މިދިމާވިގޮތުން މިވާހަކަދައްކަން ޖެހުނީއެވެ. ބޭބެއަށް އަންތބަކު ބޭނުންވެއެވެ. މީހަކު ގެނެސްފިނަމަ 2 ދަރިންނަށް ހަދާނެ ގޮތެއް ނުއެނގެއެވެ. އަދި މިޒަމާނުގައި ގިނަވާނީ ފައިސާދެކެ ލޯބިވާނެ މީހުންނެވެ. އަހަރެންނާއި 2 ދަރިން ދެކެ ލޯތްބެއް ނުވާނެއެވެ. އެހެންވެ ވަރަށް ލަދުންހުރެ ބޭބެ މިއެދެނީ ކައިވެންޏަށެވެ. އިރާދަކުރެއްވިއްޔާ މާބޮޑު އެހެން އުފާތަކެއް ހޯދައި ނުދެވުނަސް ދިރިއުޅުމެއް ހޯދައިދޭނަމެވެ."  

އަޅުގަނޑުވެސް ވަރަށް ލަދުގަތެވެ. ނަމަވެސް އެކަން ޤަބޫލުކުރީމެވެ. ޤަބޫލުކުރި އެންމެ ބޮޑު ސަބަބަކީ ދައްތައަށްޓަކައެވެ. ދައްތަފެ 2 ދަރިންނަށްޓަކައެވެ. ދައްތަގެ ހެޔޮކަމަށްޓަކައެވެ. އެހެންވެ އެއްބަސްވެ ކައިވެނިކުރީމެވެ. ފިރިމީހާއަށާއި 2 ދަރިންނަށް ލޯބިދީގެން ގެންގުޅެމުން އައިމެވެ. ފިރިމީހާގެ ކިބައިންވެސް ހިތްހަމަޖެހުން ލިބެއެވެ. އޭނާގެ ރަނގަޅުކަމާއި ހިތްހެޔޮކަމުންނެވެ.  

ކައިވެންޏަސް ފަހަކު ނޫނެވެ. އެގެއަށް ދެވި އެމީހުންގެ ހެޔޮކަން އެނގުނީންސުރެ އޭނާގެ ނުކުޅެދުންތެރިކަން ފިލުއްވަވައި ދެއްވެވުން އެދި އައީ ދުޢާކުރަމުންނެވެ. ކައިވެނިކުރިތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭޑީކޭ ހޮސްޕިޓަލަށް މަޝްހޫރު ޑޮކްޓަރެއް އައިސްގެން އުޅޭކަން އެނގުމުން ދައްކަން ބުނީމެވެ.

ރާއްޖެއިން ބޭރުގެ އެތައް ޑޮކްޓަރަކަށް ދެއްކުމުންވެސް އުންމީދެއް ލިބިފައި ނުވާތީ ފިރިމީހާ ކުޑަކޮށް ދެކޮލު ހެދިއެވެ. އެކަމަކު އަޅުގަނޑު އާދޭސްކުރުމުން ދައްކާލަން އެއްބަސްވިއެވެ. ދެއްކުމުން ބަލައި އެމްއާރުއައި ހަދައި އެހެންވެސް ޓެސްޓްތައް ހެދުމަށްފަހު އޮޕަރޭޝަންކުރިއެވެ. އޮޕަރޭޝަން ކާމިޔާބުވެ ހިނގަން ފެށުނެވެ.  

ކައިވެންޏަށް 8 އަހަރުވެއްޖެއެވެ. ހުރިހާ ގޮތަކަށް ބެލިނަމަވެސް ކައިވެނިކުރެވިގެން މިއުޅެނީ ޒުވާނަކާއި ނޫންކަން އިޙްޞާޞްކުރާކަށް ނުޖެހެއެވެ. އެއީ އޭނާގެ ހެޔޮކަމުންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް ވަކިއެއްޗެއް ބުނާކަށް ނެތީމެވެ. ހަމައެކަނި ބުނެލަން ބޭނުންވަނީ ނުކުޅެދުންތެރިކަން ހުރި މީހަކު ނަމަވެސް ހެޔޮވެފައި އަޚްލާޤް ރަނގަޅުނަމަ ކައިވެނިކުރާށެވެ. ދެން އޮތްބައި ވަކީލްކުރާށެވެ. ރަނގަޅު ގޮތްތައް މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  

މަރްޔަމް މަނިކެ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް