އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 15 ސިކުންތު
މުސްލިމުންނަށް ލިބޭ އެންމެ ބޮޑު އުފާވެރިކަމަކީ ﷲ ތަޢާލާގެ އޯގާތެރިވަންތަކަމާއި ދީލަތިވަންތަކަމެވެ. ﷲ ތަޢާލާއީ ތިބާ ހެޔޮ ނިޔަތުގައި ﷲ ތަޢާލާގެ މަގުގައި ކުރާ ކަންކަމަށް ޖަޒާދެއްވެވުމުގައި ދީލަތިވަންތަ އިލާހްއެވެ. އެހެންވެ ތިބާގެފުށުން ކިތަންމެ ގިނަ ފާފަތަކެއް ކުރެވިފައިވީނަމަވެސް ތައުބާވެއްޖެނަމަ ވަޤުތުން އެކަންކަމަށް ޢަފޫކުރައްވަވައެވެ. ބޭނުންފުޅުވެވޮޑިގަންނަވަނީ ސުވަރުގެ ވެއްދެވުމަށެވެ.
މީހަކަށް ހެޔޮކަމެއް ކޮށްދިނުމުންނާއި ކުއްތާއަކަށް ފެންދިނުމުންނާއި ﷲ ތަޢާލާގެ މަގުގައި ޞަދަޤާތް ދިނުމުންވެސް ސުވަރުގެ ވައްދަވާކަން ޙަދީޘްފުޅުތަކުން އެނގެން އެބަހުއްޓެވެ. ވީމާ އަހުރެމެންނަށް އޮތީ ޝަރީކުނުކުރުމާއި ނަމާދުކުރުމާއި އެހެންވެސް ވީހައި ގިނަ ހެޔޮ ޢަމަލުތައް ކުރުމެވެ.
އެހެންވީމާ ކިތަންމެ ކުޑަ ކަމެއްވިޔަސް އެއީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ، ޘަވާބު ދެއްވަވާނެ ޢަމަލެއް ނުކޮށް ދޫކޮށްނުލާށެވެ! އެކުޑަކުޑަ ޢަމަލަކީ ތިބާ ސުވަރުގެ ވައްދަވާ ޢަމަލުކަމުގައިވެދާނެއެވެ. މިހެން ބުނީމާ އެކަން ޤަބޫލުކުރަން އުނދަގޫވާނެ ބައަކުވެސް ތިބޭނެތީ އެކަން މެދުވެރިވާނެ ގޮތުގެ މިޘާލެއްވެސް ބުނެދޭނަމެވެ.
ތިބާގެ ޢަމަލުތައް މީޒާނުގައި ކިރިގެންދަނީއެވެ. ނުބައި ޢަމަލުތަކުގެ ކޮޅަށްވެސް ބުރަވަމުންދަނީއެވެ. ސުވަރުގެ ވަދެވެން އޮތީ ވަރަށް ކުޑަކުޑަ މިންވަރަކުން ނަމަވެސް ހެޔޮކަމުގެ ކޮޅަށް ބުރަވެލައިގެންނެވެ. އެޙާލަތުގައި މީޒާން ތިބާގެ ކޮޅަށް ބުރަކޮށްލައިދޭ ކަމަކީ ތިބާ ކުރި ވަރަށް ކުޑަކުޑަ ޢަމަލުކަމުގައިވެސް ވެގެން ހިނގައިދާނެއެވެ. އެއިރުން ފެނިގެން އެދަނީ މިބުނިބަހުގެ ތެދުކަމެވެ.
ހެޔޮ ޢަމަލެއް ކުރަން ފުޞަތު ލިބިއްޖެނަމަ ކިތަންމެ ކުޑަކުޑަ ޢަމަލެއްވެސް ނުކޮށް ދޫކޮށްނުލަންވީ އެ ސަބަބަށްޓަކައެވެ. އަދި ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ އެއީ ކިތަންމެ ކުޑަކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ޤަވާޢިދުން ކުރެވޭ ޢަމަލުކަންވެސް އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ! ﷲ ތަޢާލާގެ ދީލަތިވަންތަކަމުން ސުވަރުގެ ވައްދަވާ އަޅުކަމުގައިވުމަށް މަސައްކަތްކުރުމަކީ އެއީއެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
18 މާޗް 2023