އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 34 ސިކުންތު
އަޅުގަނޑު ހަނދާން ހުންނަންފެށީންސުރެ އަޅުގަނޑު ގެންގުޅެނީ މަންމައެވެ. ބައްޕަގެ ސިފަ ފެންނަނީ މަންމަ ގެންގުޅޭ އަލްބަމެއްގައި ހުންނަ ފޮޓޯތަކުންނެވެ. މަންމަ އަޅުގަނޑަށް ކިޔަވައިދިނީ ވަރަށް ދަތިޙާލުގައި އުޅެގެންނެވެ. އަޅުގަނޑަށް ކިޔަވައިދީ މޮޅު ކުއްޖަކަށް ހަދަން މަންމަ ކުރަމުން އައި ބުރަ މަސައްކަތްތަކުގެ ސަބަބުން މަންމަ ބަލިވިއެވެ. ބަލިވެ އުޅެމުންވެސް ގޭގެއަށް ގޮސް ނޯކިރީކޮށްދީގެން ފައިސާ ހޯދިއެވެ. އެފައިސާ އަޅުގަނޑަށް ޚަރަދުކުރިއެވެ.
މަންމަގެ ހުވަފެންތައް ޙަޤީޤަތަކަށް ހެދިއެވެ. އަޅުގަނޑަށް ކިޔަވައިދީ އެމްބީއޭ ޙާޞިލްކޮށްދިނެވެ. އެކަމުގެ ސަބަބުން ރަނގަޅު ވަޒީފާއެއްވެސް ލިބުނެވެ. ރަނގަޅު މުސާރައެއްވެސް ލިބެން ފެށިއެވެ. އެހިސާބުން މަންމަ އަޅުގަނޑަށް ކޮށްދިން ކަންކަމުގެ އަގުއަދާކޮށްދެވޭތޯ މަސައްކަތްފެށީމެވެ. މަންމައަށް ހެޔޮކޮށްހިތައި އުފަލުގައި ގެންގުޅެން މަސައްކަތްކުރީމެވެ.
އެހެންނަމަވެސް ކަންކަން ދިމާވީ ވަރަށް ހިތްދަތި ގޮތަކަށެވެ. އުފަލުގައި ބަހައްޓައިގެން މަންމަ ގެންގުޅެވުނީ އަހަރެއްހައި ދުވަހުއެވެ. މިފަނާވަނިވި ދުނިޔެއާއި މަންމައަށް ވަކިވާންޖެހިއްޖެއެވެ. މުޅި ދުނިޔެއަށް އަޅުގަނޑު އެކަނިވީއެވެ.
އެއިރު ޢުމުރުން 23 އަހަރެވެ. އެހައިތަނަށް ހަމަލޮލަކުން ބައްޕައެއް ނުދެކެމެވެ. އެހެންކަމާއިއެކުގައިވެސް ބައްޕަ ދެކެލަން ބޭނުންވިއެވެ. އެއީ އެހައިތަނަށް ބައްޕަގެ އެއްވެސް އެހީތެރިކަމެއް ނުލިބި އޮތްނަމަވެސް ބައްޕަ ވާނީ ބައްޕައަށް ކަމުގައިވާތީއެވެ. ކައިވެންޏެއް ކުރާނަމަ ވަލީހޯދަންވެސް ބައްޕައާއި ބައްދަލުކުރަން ޖެހޭނެތީއެވެ.
އެހެންވެ ބައްޕަގެ ފޯނު ނަންބަރު ހޯދައިގެން ޢުމުރުގައި ފުރަތަމަ ފަހަރަށް ބައްޕައަށް ފޯނުކޮށްލީމެވެ. ވަރަށް ފަސޭހައިން ފޯނު ނެގިއެވެ. ފޯނުނެގުމުން "އައްސަލާމް ޢަލައިކުމް" ބުނެފައި އަޅުގަނޑު ތަޢާރްފްވާއިރަށް ފެށީ އެއްޗެތި ގޮވާށެވެ! ފުރަތަމަވެސް އެއްޗެތިގޮވަންފެށީ މަންމައަށެވެ. މަންމަ އަޅުގަނޑު ހޯދީ ބައްޕަގެ މުދައުތަކުގެ ދަހިވެތިކަމުގައިކަމަށްވެސް ބުންޏެވެ. އަދި އަޅުގަނޑުވެސް ގުޅީ ބައްޕަގެ މުދަލާއި ފައިސާގެ ބޭނުމުގައި ކަމަށް ބުނެފައި ދެން ދުވަހަކުވެސް ނުގުޅަން ބުނެފައި ފޯނުކަނޑައިލީއެވެ.
ލިބުނު މާޔޫސްކަން ކިތަންމެހައިވެސް ބޮޑެވެ. ނަމަވެސް އެއިގެ ފަހަކުން އަޅުގަނޑެއް ނުގުޅަމެވެ. ނުގުޅި ސަބަބަކީ މަންމައާއިމެދު ދެއްކި ވާހަކަތަކަށް ހިތްހަމަނުޖެހުނު ވަރުންނެވެ. މަންމައަކީ ބައްޕަގެ މުދަލާއި ފައިސާގެ ދަހިވެތިކަމުގައި އުޅުނު މީހަކު ނަމަ އެހައި ބުރަމަސައްކަތްކޮށްގެން އަޅުގަނޑަށް ކިޔަވައިދިންއިރު ބައްޕަގެ އެހީތެރިކަން ހޯދަން މަސައްކަތްނުކޮށް ނުހުންނާނެކަން އަޅުގަނޑަށް ޔަޤީންކުރެވެއެވެ. އަދި ބައްޕަ އެގޮތަށް ކަންތައް ކުރުމުން ބައްޕަ އާއިމެދު ދުވަހަކުވެސް ނުބައި ބަހެއްވެސް ބުނެފައި ނެތުމުން ބައްޕަ ހެދީ ބޮޑެތި ދޮގުތަކެއްކަންވެސް ޔަޤީންކުރެވުނެވެ.
ކޮންމެއަކަސް ކުޑަވަރެއްގެ ނަމަވެސް މަންމަގެ ބިންކޮޅެއް އޮތުމުން ދިރިއުޅުމަކީ އުނދަގޫކަމަކަށް ނުވިއެވެ. ޢަޒުމް ކަނޑައެޅީ މަންމަ ފަދަ ހިތްވަރުގަދަ އަންހެނަކަށްވުމަށެވެ. އެހެންވެ ވަރަށް ސާބިތުކަމާއިއެކު ކުރިއަށްދާން މަސައްކަތްކުރީމެވެ. 25 އަހަރުގައި ކައިވެނިކުރީމެވެ. ކައިވެނީގެ މަޖިލީހަކަށްވެސް ބައްޕައެއް ނުދެއެވެ. ވަޅީ ޙަވާލުކުރީ ޤާޟީ އާއިއެވެ.
ފިރިމީހާވީ ވަރަށް ރަނގަޅު ފިރިއަކަށެވެ. ދެމަފިރިން އެކުގައި ކުރި މަސައްކަތުން އަމިއްލަ ވިޔަފާރިއެއް ފަށައި އެވިޔަފާރީގައި ކުރިއަށް ދެވުނެވެ. ކައިވެންޏަށް 10 އަހަރުވީއިރު އަތުގައި ފުދޭވަރަކަށް ފައިސާ ހުއްޓެވެ.
އެއް ދުވަހަކު ފިރިމީހާ ބުނީ ބަނގުރޫޓުވެގެން އުޅޭ މީހެއްގެ ގެ ބޭންކުން އެބަ ނީލަންކިޔާ ކަމަށާއި އެގެ ގަންނަން ވިސްނާކަމަށެވެ. ރަނގަޅު އަގަކަށް ލިބޭނަމަ ގަންނަން ބުނީމެވެ. އިތުރަކަށް އެވާހަކައެއް ނުދައްކަމެވެ. ފިރިމީހާގެ އިޚްތިޔާރަށް ދޫކޮށްލީއެވެ.
އެއިގެ ހައަކަމަސްދުވަސް ފަހުން މީހަކު ބައްދަލުކުރަން އައިސް އިން ވާހަކަ ބުނީމާ އޮފީހަށް ގެނުވީމެވެ. އެއިރު ފިރިމީހާވެސް އިނެވެ. އޭނާ ވައްދައި ގޮނޑީގައި ބެއިންދިތަނުން ފިރިމީހާ ބުންޏެވެ. "އަހަރެމެންނާއި ތިއަކަމުގައި އިތުރަށް ދައްކާނެ އެއްވެސް ވާހަކައެއް ނެތެވެ. އެއްވެސް ބިމެއް ގަންނާކަށް އަހަރެމެން ދެމަފިރިންކުރެ އެކަކުވެސް ކަލޭގެ ގާތަކަށް ނުދަމެވެ. އަހަރެމެން ގަތީ ބޭންކުން ވިއްކި ބިމެކެވެ. އެކަމުގައި އެއްވެސް މައްސަލައެއް އޮތްނަމަ ބޭންކާއި ވާހަކަދައްކާށެވެ. އަދި ބިމާއި ގެ އަހަރެމެންނާއި ޙަވާލުކުރަން ބޭންކުން އަޅާ އެއްވެސް ފިޔަވަޅަކާއި ބެހޭކަށްވެސް ނެތީމެވެ. އެހެންވީމާ އެކަންކަމާއި ވާހަކަދައްކަން ބޭންކަށްދާށެވެ."
ފިރިމީހާ އެހެން ބުނާއިރަށް އެމިހާ ބުންޏެވެ. "ތިއަ ހުރިހާ ކަމެއްވެސް އެނގެއެވެ. މިއައީ އެންމެ ބޭނުމަކުއެވެ. އެއީ ދައްކަން ފަސޭހަ ވާހަކައެއްވެސް ނޫނެވެ. ސަބަބަކީ ހަމަލޮލުން ދަރިފުޅު މިފެނުނީ ބައްޕަގެ ޢުމުރުން 65 އަހަރުވީފަހުންނެވެ. ދަރިފުޅާއެވެ! ދަރިފުޅާއިމެދު ކިތަންމެ ގޯސްކޮށް ކަންކަން ކުރެވިފައި އޮތް ނަމަވެސް މިއީ ދަރިފުޅުގެ ބައްޕައެވެ. ގަނެގެން ތިއަ އުޅެނީ ބައްޕަގެ ގެއެވެ. މިހާރުވެސް 18 އަހަރު ނުފުރޭ 3 ދަރިން އެބަ ތިއްބެވެ. ގެއިން ނެރެލައިފިނަމަ ވަންނާނެ އެއްވެސް ތަނެއް ނެތެވެ. އެހެންވެ މިއައީ ބައްޕައަށް ރަޙުމްކުރޭތޯ އާދޭސްކުރާށެވެ!"
ބައްޕަ ދެއްކި ވާހަކަތަކުން ވަރަށް އަސަރުވެސް ކުރިއެވެ. ނަމަވެސް ދެވުނީ ވަރަށް ރުންކުރު ޖަވާބެކެވެ. "އަހަރެން ބައްޕަ ކިޔަން ބޭނުންވެގެން ގުޅި ދުވަހު ބުނިބަސްތައް ހަނދާން އެބަހުރި ނޫންހެއްޔެވެ؟ އެބަސްތަކަށް މާފުވެސްކޮށްފީމެވެ. އެކަމަކު ތިއަ މީހާއާއި ގުޅުން ބާއްވާކަށް ބޭނުމެއް ނޫނެވެ. ތިއަ މީހާ އަހަރެންގެ މަންމައަށް ބުނި ބަސްތަކަށް މަންމަ މާފުކޮށްފިކަން އެނގުނު ދުވަހަކުން ނޫނީ ތިއަ މީހާ އާއި ވާހަކަވެސް ދައްކާކަށް ބޭނުމެއް ނޫނެވެ.
އެކަމަކު ތިމަންނާއަކީ ބައްޕަ ކަމަށް ބުނާތީ ތިއަ މީހާ ބޭނުންނަމަ ފިރިމީހާގެ ރަށުގައި އަޅާފައި ހުރި އެއް ގެ ތިއަމީހާ އުޅެން ދީފާނަމެވެ. އަދި ދުނިޔޭގައި ހުރިހާ ދުވަހަކު ކާންބޯންވެސް ދޭނަމެވެ. އެކަމަކު ދަރިފުޅުވެގެން ވާހަކަދައްކަން ނުއުޅޭށެވެ!" އެހެން ބުނާއިރަށް ނުކުމެގެން ހިނގައްޖެއެވެ. އެއިގެ ހަފްތާއެއްހައި ދުވަސްފަހުން އެނގުނީ ދޮންމަންމަގެ ރަށަށް ހިނގައްޖެ ކަމެވެ.
ކުރާނެ ކަމެއް ނެތެވެ. ކުށަކަށްވީނަމަވެސް އަޅުގަނޑަށް ބައްޕައަކާއި ވާހަކައެއް ނުދެއްކެއެވެ. ވާހަކަދައްކަން ހަމަ އުނދަގުލީއެވެ. އެއީ އަޅުގަނޑު ނުބެލީތީއެއް ނޫނެވެ. އަޅުގަނޑުގެ މަންމައަށް ބުނި ނުބައި ބަސްތަކުގެ ހަނދާންވާތީއެވެ. އެކަމަކު ބައްޕަގެ އެކައުންޓަށް ކޮންމެ މަހަކުވެސް ފައިސާކޮޅެއް ޖަމާކޮށްދެމެވެ. އެބިންވެސް ބޭނުން ނުކުރަންވެގެން އެހެން މީހަކަށް ވިއްކައިލީއެވެ. އެއީ އެތަނުގައި ދިރިއުޅެން ހިތްހަމަނުޖެހޭތީއެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން ބޭނުންވަނީ އަޅުގަނޑުގެ ބައްޕަ ފަދައިން ދަރިން އުކައިލާ ބައްޕައިންނަށް އަޅުގަނޑުގެ މިވާހަކަކޮޅުން ފިލާވަޅެއް ލިބޭނެ ކަމަށް އުންމީދުކުރާ ވާހަކައެވެ. ދަރިން ނިކަމެތިކުރުވާފައި ތަނަވަސްކަމުގައި އުޅޭއިރު ތިމާއަށް ތަނަވަސްކަން ދެއްވެވީ ﷲ ކަމާއި އެތަންވަސްކަމުގައި ތިމާގެ ދަރިންގެ ޙިއްބާއެއްވާނެކަން ޤަބޫލު ނުކުރާ ބައްޕައިންނަށް ޢިބްރަތަކަށްވާނެކަމަށްވެސް އުންމީދުކުރަމެވެ.
- ރަޙީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
2 މެއި 2023