އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 26 ސިކުންތު
إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ هُمْ خَيْرُ الْبَرِيَّةِ
"ހަމަކަށަވަރުން، އީމާންވެ ޞާލިޙް ޢަމަލުތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ."
(އަލްބައްޔިނަ: 7)
އަހުރެމެން ކޮންމެ މީހަކުވެސް ކުރާ ކޮންމެ ޢަމަލަކީވެސް ﷲ ތަޢާލާގެ ޙަޟްރަތުގައި އެމީހަކަށް ރުހިވޮޑިގަތުން އިތުރުވެގެންދާނެ ޢަމަލަކަށް ހަދަން މަސައްކަތްކުރާށެވެ! ކިތަންމެ ބޮޑު މަންފާއެއް ދުނިޔެއިން ލިބެން އޮތް ނަމަވެސް ﷲ ތަޢާލާ ރުހިވޮޑިނުގަންނަވާނެ ކިތަންމެ ކުޑަ ޢަމަލެއްވެސް ނުކުރާށެވެ!
ﷲ ތަޢާލާއަށް އީމާންވުމަކީ ކޮންމެ މީހެއްގެ މައްޗަށްވެސް އޮތް އެންމެ ފުރަތަމަ ވާޖިބެވެ. ދެން މިއޮތީ ޞާލިޙް ހެޔޮ ޢަމަލުތައް ކުރުމެވެ. ﷲ ތަޢާލާ އަންގަވާފައިވާ އަޅުކަމަކީ އެންމެ ޞާލިޙް ޢަމަލުތަކެވެ. ހަމައެއާއިއެކު ކުރާ ކޮންމެ ޢަމަލަކީވެސް ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ޢަމަލަކަށް ހަދައި ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ މަގުން އެ ޢަމަލެއް ކުރުމުން އެކަން ވެގެންދާނީ ޞާލިޙް ޢަމަލަކަށެވެ.
އަނބިދަރިންނަށް ހެޔޮކޮށް ހިތުމާއި ކަންކަން ކޮށްދިނުމަކީ ޞަދަޤާތުގެތެރެއިންވާ ހެޔޮ ޢަމަލެކެވެ. އެހެނެއްކަމަކު ކަންކަން ކޮށްދެމުން އެމީހުންގެ ހިތުގައި ޖެހޭނެ ފަދަ ބަސްތައް ބުނާނަމަ އެ ހެޔޮ ޢަމަލު އެކުރެވެނީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަކަށް ނޫނެވެ.
ނަމާދުކުރުމަކީ އެންމެ ހެޔޮ އަޅުކަމެވެ. އެހެނަސް ފޫހިކަންމަތީގައި ހުރެ ނަމާދަކަށް ނަމާދެއްކުރާ އުޞޫލުން ނަމާދުކުރުމަކުން ޞާލިޙް ގޮތުގައި ހެޔޮ ޢަމަލެއް ކުރެވުނު ކަމަކަށް ނުވާނެއެވެ. ހިތުން ނުރުހި ހުރެ ޞަދަޤާތް ދިނުންވެސް ހަމަ މިފަދައެވެ.
ވީމާ ތިމާކުރާ ހެޔޮ ޢަމަލުތައްކުރާއިރު ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނެ ޢަމަލުތަކުގެ ގޮތުގައި ކުރާށެވެ! ޞާލިޙް ގޮތުގައި ހެޔޮ ޢަމަލެއް ކުރެވުނުކަމަށްވާނީ އެއިރުންނެވެ. މިއާޔަތުގައިވާ ފަދައިން އެންމެ ހެޔޮ މީހުންގެ ތެރޭގައި ހިމެނިގެންދާނީ އެއިރުންނެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
Advertisement
26 މެއި 2023