އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ފަލަކަމުން ލޯބިވެރިޔާ ދޫކޮށްލި ފިރިހެނަކަށް ހަމަވިސްނިގެން އެނބުރި އައިސް ކަރުނައަޅަން ޖެހުނު ގޮތުގެ ވާހަކަ..

ޢިބްރަތްތެރި ވާހަކަ: ފަލަކަމުން ލޯބިވެރިޔާ ދޫކޮށްލި ފިރިހެނަކަށް ހަމަވިސްނިގެން އެނބުރި އައިސް ކަރުނައަޅަން ޖެހުނު ގޮތުގެ ވާހަކަ..


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 58 ސިކުންތު

އަޅުގަނޑަށް 2 ލޯބިވެރިން ގެއްލިއްޖެއެވެ. ސަބަބެއް ކަމަށް ވަނީ އަޅިގަނޑުގެ ބޭރުފުށުގެ ސިފައެވެ. ތަންކޮޅެއް ފަލައީއެވެ. އަޅުގަނޑުގެ ސުވާލަކީ ފަލަވުމަކީ ލޯބިން ދިރިއުޅެން ހުރަސް އެޅޭކަމެއްތޯއެވެ؟ 

ކިޔުންތެރިޔާގެ ސުވާލަށް ޖަވާބެއް ދިނުމުގެ ކުރިން ވާހަކައެއް ބުނެލާނަމެވެ. އެއީ ހަމަ މިމާލޭގައި އެންމެ ލޯބިން، އެކުގައި ދިރިއުޅެމުން ކޮންމެ ރެއަކުހެން މާލެވަށާދުއްވައި، ބުރުޖަހައި އުޅުނު ގިނަ ބައަކު ވަރަށް ރަނގަޅަށް ދަންނަ ދެމަފިރިއަކު ވަރަށް މަޝްހޫރުވިއެވެ. ފިރިމީހާ އަކީ ވަރަށް ހިކިމީހެކެވެ. އަނބިމީހާއަކީ ފަލަ އަންހެނެކެވެ. ލަފާކުރެވޭ ގޮތުން އެދެމީހުންގެ ކައިވެންޏަށް މިހާރު 30 އަހަރު ނުފުރުނަސް ގާތްގަނޑަކަށް އެހައި ދުވަސްވެދާނެއެވެ. އަދިވެސް އެދެމަފިރިން ދިރިއުލެމުން އަންނަނީ ވަރަށް ލޯބިންނެވެ.

ވީމާ ފަލަވުމާއި ލޯބިން ދިރިއުޅުމާއި އަޅުވާ ކިޔުން އެއީ ޤަބޫލުކުރެވޭ ކަމެއް ނޫނެވެ. ތިރީގައި އެވާ ލިޔުމަކީވެސް އެކަމުގެ ޙަޤީޤަތް އެނގިގެންދާ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.

އަހަރެންނަކީ ތަންކޮޅެއް ފަލަ އަންހެންކުއްޖަކީމެވެ. ފަލަނަމަވެސް އެކަމުގެ އެއްވެސް އިޙްޞާޞެއް ނުކުރެވޭތީ އެކަމާއިމެދު ނުވެސް ވިސްނަމެވެ. އަދި އެއީ އެހެން މީހުން ކަންބޮޑުވާނެ ކަމެއް ކަމަކަށްވެސް ނުވިސްނަމެވެ. 

މިހެން ހުއްޓާ އަހަރެންނާއި އެއް އުމުރުގެ ފިރިހެން ކުއްޖަކު އަހަރެންނާއި ކައިވެނިކުރަން ބޭނުންކަމަށް ބުނުމުން އަހަރެން ވެސް އެކަމަށް ކުރިމަތިލީމެވެ. އޭނާ އަހަރެމެންގެ ގެއަށް އައިސް އުޅެއެވެ. ސިޓިންގރޫމްގައި އެންމެން އެކުގައި ވާހަކަދައްކަންވެސް ތިބެމެވެ. އޭނާ ބުނަމުން އައީ ހަދަމުންދާ ކޯސް ނިމި ވަޒީފާ ލިބުމުން ކައިވެނިކުރާނެ ކަމަށެވެ. އެކަން އަހަރެންގެ މައިންބަފައިންވެސް ޤަބޫލުކުރިއެވެ. 

އެއް ދުވަހެއްގެ ހަވީރުގެ ވަގުތެކެވެ. އަހަރެމެން ސިޓީންގ ރޫމްގައި ތިއްބައި ފޯނުކޯލެއް އައުމުން ވާހަކަދައްކަމުން ފާޚާނާއަށް ކަމަށްބުނެ އޭނާ ހިނގައި ގަންނަން އުޅުމުގެ ތެރޭގައި ފޯނުގެ ސްޕީކަރަށް ފިތައިލެވުމުން އަޑު އިވުނެވެ. "ކަލޭ އަދިވެސް ތިއުޅެނީ އެފަލަ އަންހެން ކުއްޖާ އާ މޮޔަވެގެންތަ؟" ޖަވާބުގައި ބުނާއަޑު އިވުނެވެ. "އެކަން ހުއްޓާލައިފީމޭ ބުނެފީމެއްނު؟" 

އެއްވެސް އަޑެއް އިވުނު ކަމަކަށް ނުހަދަމެވެ. އެނބުރި އައިސް އިށީނުމުން ގާތަށް ޖެހިލާފައި ވަރަށް ސިއްރުން ބުނީމެވެ. "ތިބާ 2 ކުށްކޮށްފީމުއެވެ. ފުރަތަމަ ކުށަކީ ފަލަކުއްޖާ ދެކެ ލޯބިނުވާއިރު ލޯބިވާކަމަށް ހެދިގެން އުޅުމެވެ. ދެވަނަ ކުށަކީ ގުޅުން ކަނޑާލައިފިންކަމަށް ބުނެ އެހެން ކުއްޖަކަށް އޮޅުވައިލުމެވެ. ދެން ރަނގަޅުވާނީ ދުވަސްކޮޅަކު ދުރުގައި ތިބުމެވެ. ގެއްލުނު އިތުބާރު އަލުން އުފެދިއްޖެ ނަމަ އަލުން ވާހަކަދައްކާނީއެވެ. އިހަށް ފޯނުވެސް ނުކުރާށެވެ! މިގެއަށްވެސް ނާންނާށެވެ! ހިތްބުރައެއް ނޫނެވެ!"

އޭނާ ވަރަށް ލަދުންހުރެ އަނގައިންވެސް ނުބުނެ ނުކުމެގެން ދިއައީއެވެ. ވަރަށް ދެރަވިއެވެ. އަދި އެއީ އަހަރެންގެ ފަލަކަން އަހަރެންނަށް އިޙްޞާޞްކުރެވުނު ފުރަތަމަ ދުވަހެވެ. ކޮންމެއަކަސް ހިކެން މަސައްކަތްފެށީމެވެ. ކަސްރަތުކުރަން ފެށީމެވެ. ކެއުމަށްވެސް ބަދަލުގެނައީމެވެ. 3،4 މަސްތެރޭ "ލޫޅާފަތި"ވެސް ވެވިއްޖެއެވެ. 

އެއިގެ އަހަރެއްހައި ދުވަސްފަހުން އޭނާ އަހަރެންނާއި ބައްދަލުކުރަން އެދުމުން ގެއަށް އަންނަންބުނީމެވެ. އޭނާ އައުމުން މަރްޙަބާވެސް ކީމެވެ. އޭނާއަށް އަހަރެން ފެނުމުން ފުރަތަމަ ނުވެސް އެނގުނެވެ. ހިކިފައިހުރިވަރުންނެވެ. 

"ވަރަށް ބޮޑަށް މާފުކުޜާށެވެ! މިބުނަނީ ތެދަށެވެ! ފާއިތުވި ދުވަސްކޮޅު 3،4 އަންހެންކުދިންނާއި ވާހަކަވެސް ދެއްކިއްޖެއެވެ. ނަމަވެސް ކަލާވަރުގެ އަޚްލާޤް ރަނގަޅު ކުއްޖަކާއި ބައްދަލެއް ނުވިއެވެ. މިހާރު ކިޔެވުންވެސް ނިމިއްޖެއެވެ. ރަނގަޅު ވަޒީފާއެއްވެސް ލިބިއްޖެއެވެ. އެހެންވެ މިއައީ ކަލާއާއި ކައިވެނިކުރުމުގެ ޤަޞްދުގައެވެ. އަހަރެންނަށް ކުޜެވުނު ކުށްތަކަށް މާފުކޮށް އަހަރެންގެ ހުށަހެޅުން ޤަބޫލުކުރާނެކަމަށް އުންމީދުކުރަމެވެ." 

އަހަރެން ބުނީމެވެ. "އަހަރެންގެ އަޚްލާޤާއިމެދު ހެޔޮބަހެއް ބުނީތީ ޝުކުރުވެރިވަމެވެ. ނަމަވެސް އަހަރެން އެއިރު ހުރި ސިފައިގައި އަހަރެން ބަލައިގަތް މީހަކާ ކައިވެނިކޮށްފީމެވެ. އޮފީސް ނިމިގެން މިހާރު ގެއަށް އަންނާނެއެވެ. ވަގުތު އޮތިއްޔާ މަޑުކޮށްލާށެވެ! ބައްދަލުކުރުވައި ތަޢާރަފްވެސްކޮށްދޭނަމެވެ." 

އޭނާގެ މޫނުމަތި މިލައިގެންދިއައެވެ. "ހުރިހާ ކުށެއްވެސް ކުރެވުނީ އަހަރެންނަށް" ކަމަށް ބުނެފައި އަވަސް އަވަހަށް ނުކުމެގެން ދިއައީއެވެ. 

ލޮބުވެތި އުޚުތުންނޭވެ! ކިތަންމެ ލޯބިވީ ނަމަވެސް ސިފަ އާއި ކައިވެނިކުރަން ބޭނުންވާ މީހުންނާއި ކައިވެނިނުކުރާށެވެ! އަންހެނުންގެ ބުރުސޫރަ އާއި ބައްޓަމަކީ ތަފާތު ސަބަބުތަކާއިހުރެ ކިތަންމެ އަވަހަކަށްވެސް ބަދަލުވެދާނެ އެއްޗެކެވެ. ރީތިކުރަންވީ ބޭރުފުށުގެ ސިފައެއް ނޫނެވެ. އަޚްލާޤެވެ. އެއީ އެމީހަކު ބަދަލުކުރުމުން ނޫނީ ބަދަލުވާނެ އެއްޗެއް ނޫނެވެ! އަހަރެންނަށް މިދިމާވި ކަންތަކުންވެސް އެނގިގެން މިދަނީ ހުރިހާ ކާމިޔާބީއެއްވެސް ގުޅިފައިވަނީ އަޚްލާޤާއިކަމެވެ.

 

- މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް