އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރިވާހަކަ: ފަހަރި ހެއްދުވި ސިޙުރަކުން ފުލުފުލުގައި 4 ކައިވެނި ރޫޅުނު އަންހެނެއްގެ ވޭނީ އިޙްޞާޞްތައް-

ޢިބްރަތްތެރިވާހަކަ: ފަހަރި ހެއްދުވި ސިޙުރަކުން ފުލުފުލުގައި 4 ކައިވެނި ރޫޅުނު އަންހެނެއްގެ ވޭނީ އިޙްޞާޞްތައް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 29 ސިކުންތު

އަޅުގަނޑު ކައިވެނިކުރީ ޢުމުރުން 23 އަހަރުގައެވެ. ކައިވެނިކުރީ ދުބވަހަކުވެސް ކައިވެނި ނުރޫޅޭނެކަމަށް ބަލައިގެން ވަރަށް ފޮނި އުންމީދުތަކަކާއިއެކުގައެވެ. ކައިވެނިކުރީވެސް ވަރަށް ރަނގަޅު މީހަކާއެވެ! ނަމަވެސް އަހަރެއްވެސް ނުވަނީސް އަޅުގަނޑުގެމަތީން ފޫހިވެ އަޅުގަނޑު ދޫކޮށްލައިފިއެވެ.  

އެއިގެ އަހަރެއްހައި ދުވަސްފަހުން 2 ވަނަ ކައިވެނި ކުރީމެވެ. އެކައިވެނީގައިވެސްވީ ހަމަ އަހަރެއްހައި ދުވަހެވެ. ކުރުކޮށްލާނަމެވެ. އަލަތު ކައިވެނިކުރީ ދެވަނަ ފިރިހެނަކަށް އަޅުގަނޑުގެ ހަށިގަނޑު ނުވެސް ދެއްކުމުގެ ޢަޒުމުގައެވެ. އެކަމަކު 7 އަހަރުވީއިރު 4 ކައިވެނި ރޫޅި މިހާރު ދިރިއުޅެމުން މިއަންނަނީ 5 ވަނަ ކައިވެނިމަތީގައެވެ. މި ކައިވެނީގައި މިހާރު 5 އަހަރުވެއްޖެއެވެ.  

ދެން މިކިޔައިދެނީ ދެން އޮތް ބައެވެ. ކުރީގެ 4 ކައިވެނިވެސް ރޫޅެންޖެހުނީ ސިޙުރަކުންކަން ވަނީ އެނގިފައެވެ. ސިޙުރު ހެއްދުވި މީހާވެސް އެނގެއެވެ. އެއީ ފަހަރިއެކެވެ. އެކަމަށް އޭނާ ވަނީ ދާދިފަހުން އެއްބަސްވެފައެވެ. މާފަށްވެސް އެދިފައެވެ. މިހާރުގެ ކައިވެނި ނުރޫޅި ސަލާމަތްކުރެވުނީ ފިރިމީހާ ރުޤްޔާކުރާ އެތައް ބައެއްގެ ގާތަށް ގޮސް އެތައް ހާސް ރުފިޔާއެއް ޚަރަދުކޮށްގެން ކުރި މަސައްކަތުގައި ބަރަކާތް ލެއްވެވުމުންނެވެ.  

އަޅުގަނޑުގެ ސުވާލަކީ އަޅުގަނޑަށް އެހާބޮޑު އަނިޔާއެއް ދިން އެފަހަރިއަށް މާފުކުރަން ޖެހޭނެތޯއެވެ؟  

ކިޔުންތެރިޔާއަށް ބުނެލަން އޮތީ މާފުކުރުމުން ﷲ ތިބާއަށް ލައްވަވާނެ ރަޙްމަތް މާބޮޑުވާނެއެވެ. ބޭނުންވަނީ އާޚިރަތް ނޫންހެއްޔެވެ؟ އާޚިރަތް އެދިގެން ކުރަން ހުރި އެންމެ ހެޔޮ ޢަމަލުތަކުގެ ތެރޭގައި މީސްތަކުންނަށް މާފުކުރުން ހިމެނެއެވެ. ކޮންމެ ރެއަކު ނިދުމުގެ ކުރިން އެންމެންނަށް މާފުކުރި ޞަޙާބީ ބޭކަލަކަށް ދިރިހުންނަވަނިކޮށް ސުވަރުގެ ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު ލިބުނުކަން ހަނދާންކުރާށެވެ!  

އޭނާކުރި ކުށުގެ ކުޑަބޮޑުމިނަށް ނުބަލާށެވެ! ލިބުނު ގެއްލުމާއި އަނިޔާތަކަށްވެސް ނުބަލާށެވެ! ﷲ ގެ ރަޙްމަތަށް އެދޭށެވެ. ދެން ވިސްނައިލާށެވެ! އޭނާ އެކުރާކަމެއް ކުރަމުން ދަނިކޮށްވެސް ތިއަވަނީ ނުލާހިކު ރަނގަޅު، ލޯބިވާ ފިރިއަކު ލިބިފައި ނޫންހެއްޔެވެ؟ ވީމާ ﷲ ދެއްވެވި ނިޢްމަތަށް ޝުކުރުވެރިވެ ކުރިން ލިބުނު ހިތްދަތިކަން އަވަހަށް ހަނދާން ނައްތައުލާށެވެ.  

ތިއަބާވަތުގެ ކަންކަން އަބަދުވެސް ހިނގައެވެ. ތިރީގައި އެވަނީ ހަމަ ތިއަފަދަ ކަމެއްގެ ވަރަށް ޢިބްރަތްތެރި ވާހަކައެކެވެ.     

އަހަރެންގެ ކޮއްކޮއަށްވުރެ އަހަރެން 5 އަހަރު ދޮށި ނަމަވެސް ކައިވެނިކުރީ ކޮއްކޮއަށްވުރެ 2 އަހަރު ފަހުންނެވެ. ވަރަށް އުފަލުގައި ހައަކަމަސް ދުވަސް ފާއިތުވުމަށްފަހު ފިރިމީހާ އަހަރެންނާއި ވާހަކަ ދެއްކުން މަދުކުރަން ފެށިއެވެ. މޫނުމަތީގެ ކުލަވަރު ބަދަލުވާން ފެށިއެވެ.  

އެއްވެސް ޝަކުވާއެއް ނުކުރަމެވެ. ކޮންމެވެސް ހިތްހަމަނުޖެހުމެއް ކުރިމަތިވީ ކަމަށް ބަލައި އަހަރެން މަސައްކަތްކުރީ އަހަރެންގެ ކިބައިން އެފަދަ އެއްވެސް ކަމެއް ފެނުނަ ނުދިނުމަށެވެ. އަންތބަކަށް ފިރިއަކަށް ކޮށްދެވޭނެ ހުރިހާ ޚިދުމަތެއް ދިއައީކޮށްދެމުންނެވެ. އުމުރުން ދުވަސްވީ މީހުންގެ ގާތުން މައުލޫމާތު ހޯދައިގެންވެސް ފިރިމީހާގެ ހިތްހަމަޖައްސަން ކަންކަން ކޮށްދިނީމެވެ.  

ނަމަވެސް ކުރި މަސައްކަތްތަކުން އެއްވެސް ނަތީޖާއެއް ނުނުކުތެވެ! އެއް ދުވަހު އޮފީހުން އައިއިރު ކޮޓަރި ޑްރެސިންގ ޓޭބަލްމަތީގައި ބާއްވާފައި އޮތް ކަރުދާސްކޮޅެއް ނަގައި ބަލައިލުމުން ލިބުނީ ހިތް ފޮތިފޮތިވެ ކުދިކުދިވެގެން ދިއަ މެސެޖެކެވެ. "--- ކިތަންމެހައިވެސް ރަނގަޅެވެ. ތިއަވަރުގެ ރަނގަޅު އަންތބަކު ނުވެސް ލިބޭނެއެވެ. ނަމަވެސް އަހަރެން ދެން އނބުރި މިގެއަކަށް ނުވަންނާނަމެވެ. މިގެ ފެނުނަސް ބިރުގަންނަނީއެވެ. ކޮޓަރީގައި އުޅޭއިރު އަބަދުވެސް ހުންނަން ޖެހެނީ ބިރުން ތުރުތުރުއަޅައަޅައެވެ. ހީވަނީ މީހަކު އައިސް ކަރުގައި ހިފަން އުޅޭހެންނެވެ. ވަރީގެ ކަންކަން ހަމަޖައްސައިދޭނަމެވެ."

އެހިސާބުން ކައިވެނި ރޫޅުނީއެވެ. ވަރަށް ގިނަ ދުވަސްވަންދެން ރުއިމެވެ. އެފަދަ ރަނގަޅު ފިރިއަކު ލިބޭނީ މަދު އަންހެނަކަށެވެ. ހުރިހާ ގޮތަކުން ބެލިނަމަވެސް އެއީ ހަމަ ޖަވާހިރެއް ފަދަ ފިރިއެކެވެ. ލިބުނު ހިތާމަ ކިތަންމެ ބޮޑު ނަމަވެސް ގޭގެ އެއްވެސް މީހެއްގެ ގާތުގައިވެސް ކަންކަން މެދުވެރިވި ގޮތުގެ އެއްވެސް ވާހަކައެއް ކިޔައިނުދެމެވެ.  

ވޭންތަކަށް ކެތްތެރިވީމެވެ. ނަމަވެސް އަލުން ކައިވެންޏެއް ކުރާނެ ހިތްވަރެއްވެސް ނުލިބި 2،3 އަހަރު ފާއިތުވީފަހުން ބައްދަލުވި ފިރިހެނަކު އަހަރެންނާއި ކައިވެނިކުރަން ބޭނުންވެ އިސްނަގައި ކުރި މަސައްކަތުން ކޮންމެވެސް މިންވަރެއްގެ ހިތްހަމަޖެހުމެއް ލިބި ކައިވެނިކުރީމެވެ.  

އެކައިވެނީގައިވެސް މެދުވެރިވީ ހަމަ އެފަދަ ގޮތެކެވެ. އުފަލުގައި ދެ ތިން މަސް ފާއިތުވިތަނާ ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފެށިއެވެ. އެތަން ފެންނަން ފެށުމުން ކުރީ ކައިވެނިން ލިބުނު ތަޖުރިބާއަށް ބަލައި ރުޤްޔާކުރާ މީހެއްގެ އެހީތެރިކަން ހޯދީމެވެ.  

މެދުކެނޑުމެއް ނެތި ކުރަމުން ގެންދިއަ ދުޢާ އާއި އޭނާގެ އެހީތެރިކަމާއިއެކު ކުރި މަސައްކަތުން މަހެއްހައި ދުވަހުގެ ތެރޭގައި ވަރަށް ބޮޑު ހަމަޖެހުމެއް ލިބުނެވެ. ކަންކަން ބަދަލުވެގެންދިއައެވެ. ފިރިމީހާގެ ކިބައިން ހެޔޮ ބަދަލުތައް ފެންނަން ފެށިއެވެ. 

އެމީހާ އާއި ސުވާލުކުރީމެވެ! "މިއީ ކިހިނެއް ކިހިނަކުން މެދުވެރިވާ ކަމެއް ހެއްޔެވެ؟ ކޮންމެވެސް ސަބަބެއް އޮންނަންވާނެ ނޫންހެއްޔެވެ؟ އަހަރެންނަކީ އެއްވެސް މީހެއްގެ ދިރިއުޅުމާއި ބެހި އެންމެ ކުޑަމިނުން ބަހެއްވެސް ބުނާ މީހެއް ނޫނެވެ. އެއްވެސް މީހަކަށް އެއްވެސް އުނދަގުލެއް ވެސް ކުރާ މީހެއް ނޫނެވެ. އެއްވެސް މީހަކުގެ ކިބައިން ކަމަކަށްވެސް އެދެމީހެއް ނޫނެވެ! ވީމާ އަހަރެންނަށް މިފަދަ ކަމެއް ކުރިމަތިވާންވީ ކީއްވެގެން ހެއްޔެވެ؟"

ސުވާލުކުރުމުން އޭނާ ބުނީ "ކޮންމެވެސް މީހެއްގެ ހަސަދައިގެ ސަބަބުންނެވެ. ހަސަދަ ނުބައި ޖިންނިއެއް ގައިގައި އަވަލީއެވެ. އެޖިންނި ތިބާ އާއި އަވަލީއެވެ. މިހާރު ތިއަ ވަނީ ﷲ ވާގިފުޅާއިއެކު ސަލާމަތްވެވިފައެވެ. ވީމާ އެމީހާ ހޯދަން ނުއެޅޭށެވެ! ނުބައި މީހަކަށް ޝައްކެއް ކުރެވިއްޖެ ނަމަ އެކަންވެސް ވާނީ ބޮޑުފާފައަކަށެވެ!"  

އެހެންވެ އަހަރެން އެމީހަކު ހޯދަން އެއްވެސް ވަރަކަށް މަސައްކަތެއް ނުކުރަމެވެ. އެއީ ކާކުކަމާއިމެދު ނުވެސް ވިސްނަމެވެ. މަސައްކަތްކުރީ ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށެވެ. ވީހައި ގިނައިން އަޅުކަންކުރެވޭތޯއެވެ! ފިރިމީހާއަށް އަދާކުރަންޖެހޭ ޙައްޤުތައް އަދާކޮށް އުފާވެރި ދިރިއުޅުމެއް އުޅެވޭތޯއެވެ.

އެއިގެ ކުޑަ ދުވަސްކޮޅެއް ފަހުން ކުއްލި ގޮތަކަށް ކޮއްކޮގެ ފިރިމީހާ ދެވަނަ ކައިވެންޏެއް ކުރިއެވެ. ކުޑަދުވަސްކޮޅެއް ފަހުން ކޮއްކޮ ވަރިވެސް ކުރިއެވެ. ވަރިކުރިތާ ހަފްތާއެއްހައި ދުވަސްވީފަހުން ކޮއްކޮއަށް ބުނެވުނެވެ. "ދޮންތާއެވެ.! އަހަރެންނަށް ވަރަށް ބޮޑަށް މާފުކުރާށެވެ! ދޮންތަ ފުރަތަމަ މީހާ އާއި ކައިވެނިކުރުމުން އަހަރެންގެ ހިތުގައި ވަރަށް ބޮޑަށް ހަސަދަ އުފެދުނެވެ. ޙަސަދަވެރިވެވުނެވެ. ދޮންތަމެން ލޯބިން އުޅޭތަން ފެންނަ ކޮންމެ ފަހަރަކު ރުޅިގަދަވެއެވެ. ވަރިކުރީމާ ވަރަށް އުފާވެސްވިއެވެ. މިއަދު އަހަރެންނަށް ކުރަންޖެހިފައި މިވަނީ މާބޮޑު ހިތާމައެކެވެ. މިވެސް ހަމަ ތަޤްދީރެވެ!"

ﷲ އަށްޓަކައި ކޮއްކޮއަށް މާފުކުރީމެވެ! އޭނާގެ ސަބަބުން ކަންކަން މެދުވެރިވިގޮތުގެ ވާހަކަ ކިޔައެއް ނުދެމެވެ. އެއީ ކޮއްކޮ އާއި ގުޅުންހުރި ކަމަކަށް ވެސް ނުހަދައެވެ.  

ކިޔުންތެރިންނޭވެ! ކޮއްކޮ އަހަރެންނަށް އެވަރުގެ ހަސަދައެއްލި ސަބަބަކަށްވީ އޭނާގެ ފިރިމީހާއަށްވުރެ އޭނާއަށް އަހަރެންގެ ފިރިމީހާ ރީތިވުމެވެ. އަހަރެންގެ އާދޭހަކީ އެއްވެސް މީހަކު އަނެކަކަށް މިފަދަ އަނިޔާއެއް ނުކުރުމެވެ. ޢާއިލާގެ މީހަކަށް އެކަންޏެއް ނޫނެވެ. ހަމަ އެއްވެސް މީހަކަށެވެ. އަހަރެން މިހާރު ވެސް ދިރިއުޅެނީ ކިތަންމެ ހިތްހަމަޖެހިގެން ނަމަވެސް ފުރަތަމަ ފިރިމީހާ އާއިއެކު ލިބުނު ހިތްހަމަޖެހުމާއި ގާތަކަށްވެސް ހިތްހަމަޖެހުމެއް ނުލިބެއެވެ. ވީމާ އަހަރެން މިވަނީ ދިރި ހުއްޓައި މަރާލެވިފައެވެ.  

- މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް