އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: އަނބިމީހާ އާ ދަރިފުޅު ނިކަމެތިކޮށްލާފަ އަނބިމީހާ މަރުވެއްޖެ ކަމަށްބުނެ ތަނަވަސް އަންހެނަކާ ގުޅެން މަސައްކަތްކުރި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: އަނބިމީހާ އާ ދަރިފުޅު ނިކަމެތިކޮށްލާފަ އަނބިމީހާ މަރުވެއްޖެ ކަމަށްބުނެ ތަނަވަސް އަންހެނަކާ ގުޅެން މަސައްކަތްކުރި މީހަކަށް ޖެހުނު ޙާލުގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 44 ސިކުންތު

އަޅުގަނޑު ކައިވެނިކުރީ ޢުމުރުން 24 އަހަރުގައެވެ. ކައިވެންޏަށް 3 ވަނަ އަހަރު ދަރިއަކު ލިބިއްޖެއެވެ. ދަރިއަކު ލިބުނުތަނާހެން ފިރިމީހާއަށް ބަދަލުތަކެއް އަންނަން ފަށައިފިއެވެ. އަޅުގަނޑާއި ދަރިފުޅު ދެކެ ފޫހިވާން ފަށައިފިއެވެ. އެކަން އެނގެން ފެށީ އޭނާގެ ޢަމަލުތަކުންނެވެ. 

ކުރިން ކަމަކު ބުނެފިނަމަ އެކަމެއް ވަރަށް އަވަހަށް ކޮށްދެއެވެ. އަތުގައި ފައިސާ ދަތިނަމަ އެވާހަކަވެސް ބުނާނެއެވެ. ނަމަވެސް ފަހުން ކިތަންމެ ކުޑަކުޑަ ކަމަކު ބުނި ނަމަވެސް ކޮށްދޭނީ އެތައް ފަހަރަކު އާދޭސްކުރުމުންނެވެ. ދަރިފުޅަށް ކޮންމެހެން ކޮށްދޭންޖެހޭނެ ކަންކަންވެސް ކޮށްދެނީ އެފަދަ ގޮތަކަށެވެ. 

އެހެންކަމާއިއެކުގައިވެސް އައީ ކެތްކުރަމުންނެވެ. ޝަކުވާއެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑުގެ ކުށަކީ ކޮބައިތޯ، ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ކުރެވެނީތޯ ސުވާލުކުރަމެވެ. ޖަވާބުގައި ބުނަނީ އެފަދަ އެއްވެސް ކަމެއް މެދުވެރިނުވާކަމަށެވެ. 

ދަރިފުޅަށް 4 އަހަރު ފުރުނުތަނާ އެއްދުވަހަކު ގެއަށް އައިސް ފުރަތަމަވެސް ބުނީ އަޅުގަނޑު ވަރިކޮށްފިން ކަމަށާއި އެނބުރި ގެއަށް ދިއުމަށެވެ. އެހެން ބުނުމުން ޢިއްދައިގެ މުއްދަތު ނިމެންދެން ބޯހިޔާވަހިކަން ދޭން އެދުމުންވެސް ބުނީ އިތުރަށް ގެންގުޅެވެން ނެތް ކަމަށެވެ. ވަރިކުރި ސަބަބަކީ ކޮބައިތޯ ބުނުމުން ބުނީ ތަނަވަސް ދިރިއުޅުމެއް ލިބެން އޮތީ ވަރިކޮށްގެން ކަމަށްވުމުން ވަރިކުރީ ކަމަށެވެ. 

ޝަކުވާކުރާކަށް ނުހަދަމެވެ. ދަރިފުޅު ގޮވައިގެން ނުކުތީއެވެ. ދާނެ އެހެންތަނެއް ނެތުމުން ދިއައީ މަންމަމެން ކުއްޔަށް ހިފައިގެން އުޅޭ އެޕާޓްމަންޓަކަށެވެ. ނަޞީބަކުން ދޮން ބައްޕަ އަޅުގަނޑަށް ބޯހިޔާވަހިކަން ފޯރުކޮށްދިނެވެ. 

މަންމަގެ ރުހުން ހޯދައިގެން ވަޒީފާއެއް ހޯދަން މަސައްކަތް ފެށީމެވެ. އެކިތަންތަނަށް ސިޓީލަމުން ދަނިކޮށް އިންޓަރވިޔުއެއް ލިބުމުން ދިއައިރު އިނީ ދޮށީ ޢުމުރުގެ އަންހެނެކެވެ. އޭނާ ކުރި ސުވާލުތަކަށް ޖަވާބު ދިނުމުން އަމިއްލަ ދިރިއުޅުމާއި ބެހޭ ގޮތުން ސުވާލުކުރަން ފެށިއެވެ. ސުވާލުކުރަމުންގޮސް ޙާލަތު އެނގުމުން ކުރީގެ ފިރިމީހާގެ ވާހަކައިން ސުވާލުކުރީމާވެސް ތެދަށް ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. 

އޭނާ އަޅުގަނޑަށް ވަޒީފާ ދިނެވެ. ވަރަށް ހެޔޮކޮށް ކަންކަންކުރިއެވެ. 3 މަސް ހަމަވީތަނާ އޭނާގެ އެހީތެރިއަކަށް ބަދަލުކޮށްދީ މުސާރަވެސް ބޮޑުކޮށްދިނެވެ. 6 މަސްވީތަނާ ދިރިއުޅެން އޭނާގެ ފްލެޓެއްވެސް ދިނެވެ. އެފްލެޓަކީ މެޑަމް ދިރިއުޅޭ ގޭގެ ފްލެޓެކެވެ. 

އެތަނުގައި އުޅޭތާ އަހަރުވެސްވީފަހުން ހުކުރު ދުވަހެއްގެ ރޭ ކެއުމަކަށް ދަރިފުޅު ގޮވައިގެން ދާން ދަޢުވަތު ދިނުމުން ދިއައިމެވެ. ކައި ނިމިގެން އިރުކޮޅެއްވީތަނާ މީހަކު ބެލްޖެހުމުން ދޮރުހުޅުވިއިރު ކުރީގެ ފިރިމީހާއެވެ. އޭނާއަށް އަހަރެމެން ދެމައިން ފެނުމުން ދިއައީ ސިއްސައިގެންނެވެ. 

އޭނާ އައިސް ގޮނޑިއެއްގައި އިށީނުމުން އަޅުގަނޑާއި ދަރިފުޅު ދައްކާފައި މިއީ ކޮންބައެއްތޯ ސުވާލުކުރުމުން އަނގައިން ނުބުނެ އިސްދަށަށް ޖަހައިގެން އިންނަން ފެށުމުން މެޑަމް ބުންޏެވެ. "ކަލޭ ޖަވާބު ނުދިނީމަ މިބުނަނީއެވެ. މިއީ ޖަވާހިރެކެވެ. އަދި ބައްދަލުވި އެންމެ އާދައާއި ޚިލާފް އަންހެންމީހާއެވެ. އޭނާގެ ކުރީގެ ފިރިމީހާ މިވަޤުތާއި ހަމައަށްވެސް އަހރެންގެ ގާތުގައި ބުނަމުން އައީ އޭނާގެ އަނބިމީހާ މަރުވެފައިވާ ކަމަށެވެ. މަރުވެފައިވާ އަންހެނުން ދުނިޔޭގައި އުޅޭކަމެއް މީގެ ކުރިއަކުން ނުދެނެހުރީމެވެ. އެކަމަކު މިއެނގުނީތާއެވެ. ދެން ނިކަން ބުނެބަލާށެވެ! މިއީ ކިހިނަކުން ހިނގާކަމެއް ހެއްޔެވެ؟" 

ދެންވެސް އޭނާ އަނގައިން ނުބުނެ އިންނަން ފެށުމުން މެޑަމް ބުންޏެވެ. "މަކަރުވެރިން އުޅެއެވެ. ފައިސާގެ ދަހިވެތިކަމުގައި ދޮގުހަދާ މީހުންވެސް އުޅެއެވެ. އެކަމަކު ކަލޭ ހެދިވަރުގެ ބޮޑު ދޮގެއް ހެދި މީހަކާ އަދި މިހައިތަނަށް ދުވަހަކުވެސް ބައްދަލުވެފައެއް ނެތެވެ. އަދި ބުނަން ހެއްޔެވެ؟ ތަނަވަސްކަން އިތުރުކުރަން އަނބިމިހާ އާއި ދަރިފުޅު ނިކަމެތިކޮށްލައި އެއީ މަރުވެފައިވާ ބައަކަށް ހަދަން ކެރުނު މީހަކަށް އަހަރެން ފަދަ ޢުމުރުން ދުވަސްވީ މީހަކު މަރާލަން ނުކެރެންވީ ކީއްވެގެން ހެއްޔެވެ؟" 

އަދިވެސް ބުންޏެވެ. "ފާއިތުވި ދޮޅު އަހަރެއްހައި ދުވަހު ކަލެއަށް އެހީތެރިވީ ނުއެނގި ހުރެއެއް ނޫނެވެ. އަހަރެންނަށް ދަރިއަކު ލިބިފައި ނެތުމަކީ އަންހެންދަރިންގެ އިޙްޞާޞްތައް ދެނެ ނުގަނެވެންވީ ސަބަބެއް ނޫނެވެ. އަހަރެން މަޑުކޮށްގެން ހުރީ ނުޒޫގެ ގޮތް ރަނގަޅަށް ދަސްވަންދެންނެވެ. އަހަރެން ފްލެޓެއްދީގެން ވަކިން މިގެންގުޅުނީވެސް ނުޒޫ ދަސްކުރަންވެގެންނެވެ. އެގެއަށް ވަންނަ މީހުންނާއި އެގޭގައި ހިނގާ ހުރިހާ ކަމެއް އަހަރުވަންދެން ބަލައިފީމެވެ. ނުޒޫގެ ދިރިއުޅުމަށް 100 އަކުން 100 ދޭންޖެހެއެވެ. މިހާރު ނުޒޫއަކީ ހަމައެކަނި މުވައްޒިފެއްވެސް ނޫނެވެ. މިރެއިން ފެށިގެން ނުޒޫއަކީ އަހަރެންގެ ދަރިއެކެވެ. ދެން ދިރިއުޅޭނީވެސް މިގޭގައެވެ. އަހަރެން ކުރާ މަސައްކަތްވެސް މާދަމާ އޭނާ އާއި ޙަވާލުކުރާނަމެވެ. އަހަރެން ދެން ބޭނުމީ ވަރަށް ލުއިކޮށްލައިގެން އުޅޭށެވެ.

އިރާދަކުރެއްވިއްޔާ ނުޒޫ ވަރަށް އަވަހަށް ކައިވެނިކުރާނެއެވެ. އަހަރެންވެސް ކައިވެނިކުރާނަމެވެ. ނަމަވެސް ކަލޭކަހަލަ މަކަރުވެރިއަކާއެއް ނޫނެވެ." 

އެހިސާބަށް މެޑަމް ބުނާއިރަށް އޭނާ ބުންޏެވެ. "އެކަމަކު ކަލޭ އަހރެންނާއި ކައިވެނިކޮށް ކުންފުނީގެ ވެރިއަކަށް ހަދާނެކަމަށް ބުނީމާ މައިންބަފައިންގެ ގެއިން ލިބުނު ތަންކޮޅުވެސް ވިއްކާލައިފީމެވެ. ފައިސާކޮޅުވެސް ބޭނުންކޮށް ހުސްކޮށްލެވިއްޖެއެވެ. އަހަރެންނަށް މިލިބުނީ ކިހައި ބޮޑު ދެރައެއް ހެއްޔެވެ؟"

މެޑަމް ޖަވާބު ދިނެވެ. "އަހަރެން އެހެން ބުނީ ތެދުބަހުން ވާހަކަ ދައްކާކަމަށްބުނެ ހުވާކުރަމުން އައި މީހެއްގެ ގާތުގައެވެ. އއޭނާއަކީ ދުނިޔޭގައި ވަރަށް މަދުވާނެވަރުގެ ބޮޑު މަކަރުވެރިއެއްކަން އެނގުނީމާ އެކަމަށް އަހަރެންނަށް ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ އެހެންވީމާ ދެން އަވަހަށް މިގެއިން ނުކުމެގެންދާށެވެ." 

މެޑަމް އަޅުގަނޑާއި އޭނާގެ ހަގު ކޮއްކޮއާ ކައިވެނި ހަމަޖައްސައިދިނެވެ. އޭނާގެ ތަނަވަސްކަން ބަލަހައްޓައިމ ކުރިއަށް ގެންދަން ޙަވާލުކުރީ ދެމަފިރިންނާއިއެވެ. މެޑަމްވެސް ކައިވެނިކޮށް، ކައިވެންޏަށްފަހު ގިނަވަޤުތު ހޭދަކުރަންފެށީ އަޅުކަމުގައެވެ. އެންމެން އުޅެމުން މިއަންނަނީ އެކުގައެވެ. މެދަމްގެ ގޭގައެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް މިކިޔައިދިނީ އަޅުގަނޑުގެ ޙަޔާތުގައި ކަންކަން ދިމާވި ގޮތެވެ. މިބާވަތުގެ މަކަރުވެރި ފިރިހެނުން އަންނަނީ ގިނަވަމުންނެވެ. އެހެންކަމުން ބުނެލަން ބޭނުން ހަމައެކަނި ވާހަކައަކީ އޮތް ހަމައެކަނި ޙައްލަކީ އަހަރެމެން އަންހެނުން ހޭލުންތެރިވާން މަސައްކަތްކުރުމެވެ. ޚާއްޞަ ގޮތެއްގައި އަންހެނުން، އަންހެނުން ކަތިލުމުގެ ބަދަލުގައި އަންހެނުން އަންހެނުން ދެކެ ލޯބިވެ އެހީތެރިވެގެންކަމަށް ބުނަމެވެ. 

- ނުޒޫ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް