އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 8 ސިކުންތު
ކުށް ކުރެވޭނީ އިންސާނުންނަށެވެ. އަދި ކުށެއް ނުކުރެވޭނެ އިންސާނަކުވެސް ނުހުންނާނެއެވެ. އެކަންކަން ޤަބޫލުކުރާ ޙާލު ވަރަށް ހިތާމައާއިއެކު ބުނަމެވެ. އަހުރެންނަށް ކުރެވުނު ކުށަކީ އިންސާނަކަށް ކުރެވޭނެ އެންމެ ބޮޑު ކުށެވެ. އެއީ އަނބިމީހާއަށް އިތުބާރުކުރެވުނުކަމެވެ.
އަޅުގަނޑުމެންގެ ތިބެނީ ދެބެއިންނެވެ. އެއީ އަޅުގަނޑާއި އަޅުގަނދަށްވުރެ ހަގު ފިރިހެން ކޮއްކޮއެވެ. އޭނާއަކީ އަތުންފައިން ދުވަހަކުވެސް މަސައްކަތެއް ކުރި މީހެއް ނޫނެވެ. ބައްޕަ މަރުވީންސުރެ މަންމަ ޢާއި އޭނާވެސް ބަލަހައްޓަމުން އައީ އަހަރެނެނެވެ.
އަހަރެންގެ މަސައްކަތުން ފެށި ކުޑަކުޑަ ވިޔަފާރިއެއް ކުރިއަރައި ތަނަވަސްކަން ވެސް ލިބުނެވެ. އަދި މިހާރުވެސް އަހަރެންނަކީ ފުދިގެން އުޅޭ މީހަކީމެވެ. އަހަރެންގެ މަސައްކަތުގައި ބައިވެރިކޮށްގެންވެސް ކޮއްކޮ ލައްވައި މަސައްކަތެއް ކުރުވޭތޯ ވަރަށް ގިނަ މަސައްކަތްކުރީމެވެ. ހުރި އެންމެ ކޮއްކޮއަށްވީތީ ލޯބިވާވަރުންނެވެ.
އެހެންނަމަވެސް އެއްވެސް މަސައްކަތެއް ކުރަން އޭނާ ބޭނުންނުވީއެވެ. އޭނާ ކުރަން ބޭނުންވި ކަމަކީ މިޔުޒިކް އަޑުއެހުމާއި ކެއުމެވެ. އެނޫން އެހެން އެއްވެސް ކަމެއް ކުރަން އޭނާ ބޭނުމެއް ނުވިއެވެ. އެންމެފަހުން ޖެހުނީ އޭނާގެ ގޮތުގައި އޭނާ ދޫކޮށްލާށެވެ.
އަހަރެންދެކެ ވަރަށް ލޯބިވާކަމަށްބުނެ 3 އަހަރު ހޭދަކުރި އަންހެނަކާއި ކައިވެނިކުރީމެވެ. ކައިވެނިކޮށްގެން ގެނައީ ގެއަށެވެ. އޭނާއަށް ހެޔޮކޮށް ހިތީމެވެ. އޭނާއަށް އެހީތެރިވެދޭން ނޯކަރުން ލައިދިނީމެވެ. އޮފީހަށް ގެންގޮސް ގާތުގައި ގެންގުޅުނީމެވެ. އިތުބާރުގެ ފައިސާގެ ކަންކަން ބަލަހައްޓަންވެސް ޙަވާލުކުރީމެވެ.
ކައިވެނީގެ ފުރަތަމަ އަހަރީ ދުވަސް ފާހަގަކުރަން 2 ރެއަށް ކައިރިވެފައިވަނިކޮށް ނޯކަރަކަށް ގެންގުޅުނު އަންހެން ކުއްޖަކު އަހަރެންގެ ފޯނަށް ވީޑިއޯއެއް ފޮނުވިއެވެ. ބަލައިލިއިރު ކަމަކު ދާކަށް ނެތެވެ. އެރެއަކީ އަހަރެންނަށް ޒަހަރުދޭން ރާވާފައި އޮތް ރެއެވެ. އަނބިމީހާ އާއި ކޮއްކޮ އާއި ދެމީހުން ގުޅިގެންނެވެ. ރާވާފައި އޮތީ އަހަރެން މަޜާލާފައި އެދެމީހުން ކައިވެނިކޮށްގެން އަހަރެންގެ ތަނަވަސްކަމުގައި އުފަލުގައި އުޅޭށެވެ.
އެއްވެސް ކަމެއް އެނގުނު ކަމަކަށްވެސް ނުހަދަމެވެ. އެރޭ ކާން ހެދީ އަނބިމީހާއެވެ. ރޭގަނޑު ކާން އެރީ އެންމެން އެކުގައެވެ. ކާތަކެތި މޭޒުމަތީގައި ބަހައްޓައި ނިމި ކާންފަށަންވުމުން އަހަރެންނަސް ގެނެސްފައި ތަށި އަނބިމީހާއަށް ދީފައި އޭނާގެ ތަށި އަހަރެން ނެގީމެވެ. އަދި އެއީ ލޯބިން ކުރިކަމެއް ކަމަށް ބުނެ އެތަށިން ކާން ބުނީމެވެ.
އަނބިމީހާ ފުރަތަމަވެސް އުޅުނީ ތަށި ހިފައިގެން ތެދުވެގެންދާށެވެ. އެކަން މަނާކޮށް ހުއްޓުވީމެވެ. އަދި ކައިގެން ނޫނީ ނުތެދުވެވޭނެ ކަމަށް ބުނީމެވެ. އެހިސާބުން މަންމަ އެކަމުގެ ތެރެއަށް ވަދެ ޖެހިގެން އުޅެނީ ކޮން މައްސަލައެއްތޯ ސުވާލުކުރުމުން ބުނީމެވެ. އެއްވެސް މައްސަލައެއް ނުޖެހެއެވެ. ލޯބިން ކުރިކަމެކެވެ. އެކަމަކު މިހާރު ކަމަކަށް ޝައްކުވެއްޖެއެވެ.
އެހެން ބުނެފައި އަނބިމީހާ އާއި ކޮއްކޮ ދައްކާފައިހުރި ވާހަކައިގެ ވީޑިފޯނުން ޓީވީއަށް އެޅުވީމެވެ. އަނބިމީހާ ރޯންފަށައިފިއެވެ. ކޮއްކޮ އުޅުނީ ތެދުވެގެންދާށެވެ. ބުނީމެވެ. "މިއީ ފުލުހުންނާ ޙަވާލުކުރަންޖެހޭ ކަމެކެވެ. އެކަމަކު ކޮއްކޮ ޖަލަށް ފޮނުވާލައިފިނަމަ މަންމަ ހިތާމަކުރާނެތީ އެކަން ކުރެވޭކަށް ނެތެވެ. ވީމާ ކޮއްކޮއަށް އޮތް ގޮތަކީ މިގެ ނޫންތަނަކަށް ބަދަލުވުމެވެ. ހުންނާނެ ފްލެޓެއްވެސް ދޭނަމެވެ. ޒުބައިދާ ތިއައިނީ ވަރިކޮށްފައެވެ. ދެމީހުން އެކުގައި މިގެއިން ނުކުންނާށެވެ. އެކަމަކު ކޮއްކޮއަސް ދޭ ފްލެޓަކަށް ނުދެވޭނެއެވެ. ދެމީހުން އެކުގައި ދާން ބޭނުންނަމަ ބޭނުންތަނަކަށް ދާށެވެ. އެކަމުގަ އެއްވެސް މައްސަލައެއް ނެތެވެ."
އެހިސާބުން ރޮމުން ރޮމުން މަންމަ ތެދުވެގެން ދާން އުޅެން ފެށުމުން ހުއްޓުވީމެވެ. އަނބިމީހާއަށް ސިއްރުން އެވަފާތެރި ނޯކަރު ލައްވައި ކައްކުވާފައި ހުރި ތަކެތި ގެނުވައި އަހަރެމެން ދެމައިން ކެއީ އެއެއްޗެއްސެވެ. އެދެމީހުން އެކައްޗެއްވެސް ނުކައެވެ. ކައި ނިމިގެން ދެމީހުން އެކުގަ ގެއިން ބޭރުކޮށްލީމެވެ.
ދިރިއުޅުމުގައި ދިމާވި ކަންތަކާއި ގުޅިގެން މަސައްކަތްކުރަންވެސް ނުގޮސް ހަފްތާއެއް ވަންދެން ހުރީމެވެ. ބުއްދިއަށް ކަންކަން ވިސްނެން ފެށީ 2 މަސްދުވަސްފަހުންނެވެ. ވިސްނެން ފެށުމުން ދެވަނަ ކައިވެންޏަކާއިމެދު ފިކުރުކުރެވެން ފެށިއެވެ. އެންމެ ރަނގަޅު ވިސްނުމަކަށް ވިސްނުނީ އަޅުގަނޑުގެ ފުރާނަ ސަލާމަތްކޮށްދިން ނޯކަރަށް ހަދިޔާއެއްގެ ގޮތުން އޭނާ އާއި ކައިވެނިކުރުމެވެ. އެހެންވެ ޢޭނާ ޢާއި ކައިވެނިކޮށް ދިރިއުޅެމުން މިއަންނަނީ ހިތްހަމަޖެހިގެންނެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް އަޅުގަނޑުގެ ޙަޔާތުގައި ދިމާވި މިކަންކަން މިކިޔައިދިނީ ރަނގަޅު ފިލާވަލަކަސްވާނެ ކަމުގެ އުންމީދުގައެވެ. ހުރިހާ އަންހެނުން އެއްވަރުކުރާކަށް ނެތީމެވެ. މިހާރުގެ އަނބިމީހާއަކީ ވަރަށް ރަނގަޅު އަންހެނެކެވެ. އެހެންވީމާ ކަމެއް ދިމާވިނަމަވެސް އެއީ ހުރިހާ އަންހެނުންގެ ގޮތް ކަމަށް ނުދެކޭށެވެ.
ބުނެލަން ބޭނުމީ އިންސާނުންގެ ހިތް ބަދަލުވާނެ ގޮތެއް އަދި ބަދަލުވާނެ އިރެއް ނުއެނގޭނެއެވެ. ސަމާލުވެގެން ދިރިއުޅޭށެވެ. އަދި ނަމާދުކޮށް ޛިކުރުކުރަމުން ގެންދާށެވެ. ހަމަގައިމުވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި އަޅުކަނޑު ސަލާމަތްވީ އެކަންކަން ކުރާތީއެވެ.
- ވަލީދު / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
27 ޖުލައި 2023