އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މާލޭގެ ބޮޑު ކުލި - އަތޮޅުތެރެއިން އަންނަ މީހުންނަށް ބޮޑު ބޮލުގަ ރިހުމެއް

މާލޭގެ ބޮޑު ކުލި - އަތޮޅުތެރެއިން އަންނަ މީހުންނަށް ބޮޑު ބޮލުގަ ރިހުމެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 37 ސިކުންތު

އަތޮޅު ތެރެއިން މާލެއަށް ދިރިއުޅުން ބަދަލު ކުރަމުން އަންނަ މީހުން މިދަނީ ދުވަހުން ދުވަހަކަށް އިތުރުވަމުންނެވެ. ރަށްފުށުގެ އަރާމު ހިތް ފަސޭހަ މާހައުލު ދޫކޮށްލާފައި އޭގެ ތެރެއިން ގިނަ މީހުން މާލެއަށް އަންނަނީ ސަބަބު ތަކެއް ނެތިއެއް ނޫނެވެ.

އެއް ކަމަކީ، އިންތިހާއަށް ރާއްޖެ ތަރައްޤީވެފައި މިވާ ޒަމާނެއްގައި، އަދިވެސް އަތޮޅުތެރޭގެ ރަށްރަށުގެ ހާލަތު ގޯސްވެފައިވުމެވެ. ރަނގަޅު ތައުލީމީ ފެންވަރެއް ނުލިބުމުގެ އިތުރުން ބޭސް ފަރުވާވެސް ރަނގަަޅަށް ނުކުރެވުމެވެ. އެހެންކަމުން އެކަންކަން ހާސިލު ކުރަން ބޭނުންނަމަ، އެމީހުންނަށް މިޖެހެނީ ފޮށިތަންމަތި ބަނދެގެން މާލެ އަންނާށެވެ.

މާލެ އައުމަށްފަހު ކުރިމަތިލާން ޖެހޭ ތަކުލީފުތައް ވަކި މަދެއް ނޫނެވެ. އޭގެ ތެރެއިން އެންމެ ބޮޑު އެއްކަމަކީ މާލޭގައި ދިރިއުޅުމަށް ތަނެއް ހިފާއިރު، އެތަނަކަށް ދައްކަން ޖެހޭ "ބޮޑު" ކުއްޔެވެ.

ރަށްފުށުގެ ހިތްގައިމު މާހައުލު ދޫކޮށްލާފައި، އަތޮޅު ތެރެއިން މީހުން މާލެ އަންނަނީ ފާގަތި މުސްތަގުބަލެއް ހޯދުމަށެވެ. ނަމަވެސް ހިތާމަކީ، އެމީހުންނަށް އައިސް އެންމެ ފުރަތަމަވެސް މިވަންނަން ޖެހެނީ އަލިފާން ފޮށްޓެއްހާވަރުގެ ކުޑަ ތަންކޮޅަކަށެވެ.

ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑެވެފައިވާއިރު، އެތަނަށް ނަގާ ކުލިވެސް އެހާމެ ބޮޑެވެ. އާއިލާއާއެކު ދިރިއުޅުމަށް އެއް ކޮޓަރީގެ އެޕާޓްމެންޓެއް ކުއްޔަށް ހިފާއިރު، ބައެއް ތަންތަނަށް މަހެއްގެ މައްޗަށް 15000 ރުފިޔާ ދައްކަންޖެހެއެވެ. އަދި ދެ ކޮޓަރީގެ އެޕާޓްމެންޓެއްނަމަ 18000 ރުފިޔާ ނުވަތަ 20000 ރުފިޔާ ވެސް ދައްކަން ބުނާ ގޭގެ އެބަތިއްބެވެ.

މާލޭގައި ގެދޮރު ތިބި މީހުން މިހާ ބޮޑު ކުއްޔެއް ނަގަނީ، އަތޮޅު ތެރެއިން އަންނަނީ މަހުޖަނުން ކަމަށް ހީކޮށްހެއްޔެވެ؟ މިފަދައިން ކުލީގެ ދަތިކަން ތަޙައްމަލު ކުރަމުންދާ އެކަކު ބުނެފައިވެއެވެ.

"ރަށުގައި ހުންނަ ގެ އިމާރާތް ކުރަން ލޯނެއް ވެސް ލިބުން ވަރަށް ދައްޗެވެ. އެކަމަކު މާލޭގެ މުއްސަނދިންގެ ގޭގެ ފަސޭހަ ކަމާއެކު ބުރިބުރިއަށް ނަގަން ލޯނު ވެސް ލިބިފައި ހުންނަތަން ފެނެއެވެ. ލޯނު ލިބުނަސް މާލެ މީހުން އެމީހުންގެ ގެ ކުއްޔަށް މިދެނީ ދުބާއީގައި ހުންނަ ހަތަރު ތަރި ނުވަތަ ފަސް ތަރީގެ ހޮޓަލަކާއި އެއް އަގެއްގައެވެ. މާލޭ މީހުންނަށް ރާއްޖެތެރޭ މީހުން ފެންނަނީ ބިލް ގޭޓް ގޮތަށް ހެއްޔެވެ؟" މިއީ މާލޭ ގެއަކުން ނަގާ ބޮޑު ކުލީގެ ޝިކާރައަކަށް ވެފައިވާ ޒުވާނެއްގެ ޝަކުވާއެވެ.

މިތަކުލީފާއި ކުރިމަތިލާ މިފަދަ ވަރަށް ގިނަ ފަރާތްތައް ވާނެކަން ޔަގީނެވެ. މާލޭއިން ކޮޓަރިއާއި އެޕާޓްމެންޓްތައް ކުއްޔަށް ދޭއިރު، ކަނޑައަޅަންވީ ވަކި އަގުތަކެއް ހެދުމަކީ ހަމަޔަގީނުން ވެސް ވަރަށް ގިނަ ބަޔަކަށް އެކަމުން ފައިދާވާނެ ކަމެއްކަމާމެދު އެއްވެސް ޝައްކެއް ނެތެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ