އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ނޭފަތުން ލޭ އަންނަނީ ކީއްވެ؟ ކުރެވިދާނެ ފަރުވާއަކީ ކޮބާ؟

ނޭފަތުން ލޭ އަންނަނީ ކީއްވެ؟ ކުރެވިދާނެ ފަރުވާއަކީ ކޮބާ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 7 މިނެޓް, 33 ސިކުންތު

ޢަލީ އިޙްޞާން ފިރާޤް

 

އެޕިސްޓެކްސިސް (epistaxis) ނުވަތަ ނޭފަތުން ލޭ އައުމަކީ ނޭފަތުގެ އެތެރޭގައި ހުންނަ ކުދިކުދި ލޭހޮޅިތައް ނުވަތަ ކެޕިލަރީތައް ހަލާކުވެ ނުވަތަ ފަޅައިގެން ދިޔުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ. މިގޮތަށް ލޭ އަންނަ އިރު އާންމުކޮށް އަންނަނީ ނޭފަތުގެ އެއް ފަރާތުންނެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި ނޭފަތުގެ ދެ ފަރާތުންވެސް ލޭ އަތުވެދާނެއެވެ. 

އާންމު ގޮތެއްގައި ނޭފަތުން ލޭ އައުމުގެ މައްސަލައާ ކުރިމަތިލާން ޖެހެނީ ކުޑަކުދީންނަށާއި މުސްކުޅިންނަށެވެ. ނަމަވެސް މެދު އުމުރުގެ މީހަކަށްވެސް މި މައްސަލައާ ކުރިމަތިލާން ޖެހިދާނެއެވެ. ނޭފަތުން ލޭ އައުމަކީ ގިނަ ފަހަރު މާބޮޑު ނުރައްކަލެއް އޮތްކަމެއް ނޫނެވެ. މާބޮޑަށް ހާސްވެކަންބޮޑުވާން ޖެހޭ ވަރުކަމެއް ނޫނެވެ. 

ނޭފަތުން ލޭ އައުމަށް މެދުވެރިވާ ސަބަބު

ނޭފަތުގެ އެތެރޭގެ، އެތެރެ ފަށަލަ ނުވަތަ ލައިނިންގގައި ވަރަށް ގިނަ އަދަދަކަށް ކުދި ލޭ ހޮޅިތައް އެކުލެވިގެންވެއެވެ. އެ ލޭހޮޅިތަކުގެ ތެރެއިން ބޭރާ ކައިރީގައި ހުންނަ ލޭހޮޅިތައް ހަލާކުވެ ފަޅައިގެން ދިޔުމުގެ ސަބަބުން ލޭ އަންނަ ގޮތް މެދުވެރިވެއެވެ. 

ނޭފަތުން ލޭ އައުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ނޭފަތުގެ އެތެރެ މާބޮޑަށް ހިކުމާއި، ގިނަ ގިނައިން ނޭފަތްފޮޅުމާއި ނޭފަތްކޮއްޓާ ހެދުން ހިމެނެއެވެ. އެލާޖީއެއްގެ ސަބަބުންނާއި، ސައިނަސް މައްސަލައެއް އުޅުމާއި، ނޭފަތަށް އެއްޗެއް ވަދެގެންނާއި، އަނިޔާއެއްގެ ސަބަބުންވެސް ނޭފަތުން ލޭ އަތުވެދާނެއެވެ. ހަމައެހެންމެ ނޭފަތުން ދަމައިގެން ބޭނުން ކުރާ ބައެއް މަސްތުވާތަކެތި ބޭނުންކުރުމާއި، ބޭހުގެ ގޮތުގައި ނޭފަތަށް ޖަހާ ބައެއް ސްޕްރޭ ޖެހުން ފަދަ ކަންތައްތަކުގެ ސަބަބުންވެސް ނޭފަތުން ލޭ އަތުވެދާނެއެވެ. ލޭގެ ބައެއް ބަލިތައް މިސާލަކަށް ހީމޯފީލިއާ ފަދަ ބަލިތައް ހުންނަ ފަރާތްތަކަށްވެސް ނޭފަތުން ލޭ އައުމުގެ މައްސަލައާ ކުރިމަތިލާން ޖެހެއެވެ. 

ކުރިންވެސް ދަންނަވައިފައި ވާނެ ފަދައިން ނޭފަތުން ލޭ އައުމަކީ މާ ކަންބޮޑުވާން ޖެހޭ ކަމެއް ނޫނެވެ. އެއީ އޭގެ ޒާތުގައި އަމިއްލަށްވެސް ރަނގަޅުވާ ކަމެކެވެ. އަދި ގޭގައި ދެވޭ ބައެއް ފަރުވާތަކުގެ ސަބަބުންވެސް ރަނގަޅު ކުރެވިދާނެ ކަމެކެވެ. ނަމަވެސް މިދަންނަވާ ހާލަތްތަކުގައި ޑޮކްޓަރެއްގެ އިރުޝާދު ހޯދަންވާނެއެވެ. 

 -  އަނިޔާއެއްގެ ސަބަބުން ނޭފަތުން ލޭ އަންނަނަމަ ނުވަތަ އެކްސިޑެންޓްއެއްގެ ސަބަބުން ލިބޭ ގެއްލުމަކުން ނޭފަތުން ލޭ އައުން. 

 -  ނޭފަތުން މާގިނައިން މެދުކެނޑުމެއްނެތި ލޭ އައުން 

 -  ނޭފަތުން ލޭ އައުމުގެ ސަބަބުން ނޭވާލާން އުނދަގޫވުން ނުވަތަ ނޭވާލާން ދަތިވުން

  - 30 މިނެޓަށް ވުރެ ގިނައިރު ވަންދެން ނޭފަތުން އަންނަ ލޭ މަނާ ނުވުން 

  - 2 އަހަރަށް ވުރެ ދަށުގެ ކުއްޖެއްގެ ނޭފަތުން ލޭ އައުން 

ގޭގައި ދެވިދާނެ ފަރުވާ: 

ނޭފަތުން ލޭ އަންނަނަމަ ގޭގައި ކުރެވިދާނެ ފަރުވާތައް ހުރެއެވެ. ނޭފަތުން ލޭ އަންނަން ފަށައިފިނަމަ ތަނެއްގައި ހަމަޖެހިލައިގެން އިށީންދެ، އިސްޖަހައިލާށެއެވެ. އޭރުން ނޭފަތުގައި ހުންނަ ލޭތަށް ދިރުވިގެން ދިޔުމުން ދުރުކޮށްދޭނެއެވެ. ލޭ ދިރުވިއްޖެނަމަ ބައެއް ފަހަރު ބަނޑުގެ މައްސަލައެއް ދިމާވުނަކީ އެކަށީގެންވާ ކަމެކެވެ. 

ދެން އެއަށްފަހު ނޭފަތް ފޮޅާލާށެވެ. އެއީ ނޭފަތުގެ އެތެރޭގައި ގަނޑުވެފައި ލޭ ހުރިނަމަ އެތަކެތި ބޭރުކޮށްލުމަށްޓަކައެވެ. އެއަށްފަހު ނޭސަލް ޑިކޮންޖެސްޓެންޓެއް (nasal decongestant) ސްޕްރޭ ކުރެވިދާނެއެވެ. 

ދެން ބޮޑުވައި އިނގިއްޔާއި ޝަހާދަތް އިނގިލި ބޭނުންކޮށްގެން ނޭފަތުގެ ތިރީގައި ހިފާ ފިއްތައިލާށެވެ. ދެން އަނގައިން ނޭވާލަމުން ގެންދާށެވެ. މިގޮތަށް ނޭފަތުގައި ހިފައި ފިއްތައިލައިގެން 15 ނުވަތަ 20 މިނެޓް ވަންދެން މަޑުކުރާށެވެ. މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ނޭފަތުން ލޭ އަންނަތަނަށް ޕްރެޝަރު ދެވި ލޭ އައުން މަނާވާނެއެވެ. ނަމަވެސް ލޭ އަންނަނީ ނޭފަތުގެ ތަންކޮޅެއް މަތިންކަމުގައިވާނަމަ މިގޮތަށް ހެދުމުންވެސް ލޭ މަނާ ނުވެ ހުރެދާނެއެވެ. އެފަދަ ހާލަތުގައި ޑަކްޓަރުގެ އިރްޝާދާ އެއްގޮތަށް ފަރުވާ ކުރިއަށް ގެންދާށެވެ. 

މިދެންނެވި ގޮތަށް ކަންތައް ކުރުމުން ލޭ މަނާ ނުވެއްޖެނަމަ އަލުން މި ޕްރޮސިޖާ ރިޕީޓް ކޮށްލާށެވެ. ލޭ މަނާވެއްޖެނަމަ ނޭފަތަށް އެއްޗެހި ކޮށްޕުމުންނާއި، ނޭފަތްފޮޅުމުން ދުރުވެގެން ހުންނަންވާނެއެވެ. 

ނޭފަތުން ލޭ އައުމުން ރައްކާތެރުވުމަށްޓަކައި ނޭފަތުގެ އެތެރެ ހިކުނަ ނުދީ ބެހެއްޓުން ވަރަށް މުހިންމެވެ. އެގޮތުން ނޭފަތުގެ އެތެރޭގައި ޕެޓްރޯލިއަމް ޖެލް (ވެސަލިން) ކޮޅެއް ހާކައިލެވިދާނެއެވެ. ކަފަބުރެއް ބޭނުންކޮށްގެން ކޮންމެ ދުވަހު ތިން ފަހަރު މިގޮތަށް ޕެޓްރޯލިއަމް ޖެލް ހޭކިދާނެއެވެ. 

ޅަކުދީންގެ އިނގިލީގެ ނިޔަފަތިތައް ކަނޑައިފައި ބެހެއްޓުން ވަރަށް މުހިންމެވެ. އެއީ ނިޔަފަތި ދިގުނަމަ ނޭފަތަށް އިނގިލި ލައި ނޭފަތުގެ އެތެރެ ހަލާކުވެގެން ލޭ އަތުވެދާނެތީއެވެ. 

ހަމައެހެންމެ، ކޮޓަރީގައި ހިޔުމިޑިފަރ ބެހެއްޓުމަކީވެސް މުހިންމު ކަމެކެވެ. އެއީ ވައިގެ ތެއްކަން އިތުރުކޮށްދޭ އެއްޗަކަށްވާތީއެވެ. މީގެ އިތުރަށް ގިނަގިނައިން ނޭފަތްކޮށްޓާ ނުހެދުމާއި، އެއާކޯން ކޮށްފައި ހުންނަ ތަންތަނުގައި ގިނަ ވަގުތު ހޭދަ ނުކުރުމަކީވެސް ވެސް ނޭފަތުން ލޭ އައުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމެކެވެ. 

މި ލިޔުމަށް މައުލޫމާތު ނެގީ www.health.harvard.edu އަދި https://www.mayoclinic.org މި ދެ ވެބްސައިޓުންނެވެ. 

(ޢަލީ އިޙްޞާން ފިރާޤަކީ މެޑިސިންގެ ދާއިރާއިން ކިޔަވަމުން އަންނަ މިއަދުނޫހުގެ ލިޔުންތެރިއެކެވެ.)

އާރޓިކަލް ރޭޓްކުރައްވާ


16%
ވ.ރަނގަޅު
16%
ރަނގަޅު
25%
އޯކޭ
41%
ކަމަކުނުދޭ

Advertisement

ކޮމެންޓް ކުރެއްވުމަށް