އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއްގަމު މަގުން ޣައްޒާއަށް އަރައިފިނަމަ "ޗިސްޗިސް" ކޮށްލާނަން، އެކަމަށް މިތިބީ ތައްޔާރަށް: ހަމާސް

އެއްގަމު މަގުން ޣައްޒާއަށް އަރައިފިނަމަ "ޗިސްޗިސް" ކޮށްލާނަން، އެކަމަށް މިތިބީ ތައްޔާރަށް: ހަމާސް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 44 ސިކުންތު

މިހާރު ކުރިއަށްދާ ހަނގުރާމައިގެ ކޮންޓްރޯލް އޮތީ ހަމާސްގެ އަތްމަތީގައި ކަމަށާއި، ޣައްޒާއާއި ހަމާސްގެ ދިފާއަށްވެސް ހަމާސް އޮތީ ފުރިހަމައަށް ތައްޔާރުވެގެން ކަމަށް، ހަމާސްގެ ސިޔާސީ ފިޔައިގެ ނައިބް އަދި ހަމާސްގެ ދެވަނައަށް އެންމެ އިސް ލީޑަރު ސާލިހް އަލް-އަރޫރީ ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ދެއްވި އިންޓަރވިއުއެއްގައި ސާލިހް އަލް-އަރޫރީ ވިދާޅުވީ، ހަމާސްއޮތީ ހުރިހާ ހާލަތަށްވެސް ތައްޔާރުވެގެން ކަމަށާއި، ދުޝްމަނުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުން ވެގެންދާނީ އެންމެ ފަހި ފުރުސަތަށް ކަމަށެވެ.

އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިނަމަ ދުޝްމަނުންނަށް ވެގެންދާނެގޮތް ހިތަށް އަރުވާލަންވެސް ދަތި ކަމަށް ސާލިހް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ދުޝްމަނުން ޣައްޒާއަށް އެއްގަމު މަގުން އަރައިގެންފިނަމަ، ޣައްޒާ ދިފާއުކުރަން އަމަލުކުރާނެ ޕްލޭނެއް، "އަލްއަގްސާ ފްލަޑް" އޮޕަރޭޝަން ފެށުމުގެ ކުރިންވެސް ހަމާސްއިން އޮތީ އެކަށައަޅާފައި ކަމަށެވެ.

އެގޮތުން، ދުޝްމަން ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިނަމަ "ޗިސްޗިސް" ކޮށްލައްވާނެ ކަމަށްވެސް ސާލިހް ވިދާޅުވިއެވެ.

ސާލިހް އަލް-އަރޫރީ ވިދާޅުވީ، އިސްރާއީލުން ހިންގަފާނެ ހުރިހާ ޖަރީމާއަކަށް ހަމާސްއޮތީ ޕްލޭންތައް ހަދައިގެން ކަމަށާއި، ކުރިއަށް އޮތް ތާނގައި ހަމާސްއިން އިސްރާއީލާ ދެކޮޅަށް އަމަލުކުރާނެ ޕްލޭންތަކުން އެންމެނަށް ހައިރާންކަން ލިބިގެންދާނެ ކަމަށެވެ.

ސާލިހް ވިދާޅުވީ، އިސްރާއީލުގެ ޓެރަރިސްޓު ފައުޖުން ގެންދަނީ ޣައްޒާގެ ހުރިހާ ތާކަށް ހަމަލާތައް އަމާޒުކުރަމުން ކަމަށާއި، އެހެން ނަމަވެސް، މިހާތަނަށް ދިން އެއްވެސް ހަމަލާއެއްގައި ހަމާސްގެ އަސްކަރީ ތާކަށް ގެއްލުމެއް ނުލިބޭ ކަމަށެވެ.

އިސްތިއުމާރީ ބާރުން ޣައްޒާއަށް ހަމަލާތައް ދެމުންގެންދާ އެއް ބޭނުމެއް ކަމަށް ސާލިހް ވިދާޅުވީ، ހަމާސްއިން އަސީރުކޮށްފައިވާ އިސްރާއީލު ސިފައިންނާއި، އަންމުންވެސް މަރާލުމެވެ. މިހާތަނަށް ދިން ހަމަލާތަކުގައި ބައެއް އަސީރުން މަރުވެފައިވާކަން އޭނާ ކަށަވަރުކޮށްދެއްވިއެވެ.

ހަމާސްގެ ބޮލުގައި ހުޅަނގުގެ ވެރިންނާއި، ހުޅަނގުގެ މީޑިއާއިން އަޅުވަމުންދާ އިލްޒާމުތަކާ ގުޅޭގޮތުން ސާލިހް ވިދާޅުވީ، ހަމާސްއިން އިސްރާއީލުގެ އާންމުންނަށް ހަމަލާއެއް ނުދޭ ކަމަށެވެ. އަދި އިސްރާއީލުގެ އާންމުން ރޭޕްކޮށް، އަންދައި، އަދި ކުޑަކުދިންގެ ބޯ ބުރިކުރާ ކަމަށް ދައްކަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ކަމެއް ހަމާސްއިން ކުރިކަމުގެ ހެއްކެއްވެސް ނުދެއްކޭނެ ކަމަށެވެ.

ސާލިހް ވިދާޅުވީ، އިސްރާއީލުގެ ތެރެއަށް ވަދެގަތީ އެންމެ 1،200 މުޖާހިދުން ކަމަށެވެ. މީގެ މައިގަނޑު ބޭނުމަކީ އިސްރާއީލު ސިފައިންގެ ޣައްޒާ ޑިވިޜަން ފުނޑާލުން ކަމަށާއި، އެކަން އެންމެ 3 ގަޑިއިރުގެ ތެޜޭގައި ކޮށްލެވުނު ކަމަށް އޭނާ ވިދާޅުވިއެވެ.

އެހާ އަވަހަށް އިސްރާއީލު ސިފައިން ބަލިކޮށްލެވުނީމާ ހަމާސްވެސް ހައިރާންވި ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމާސްގެ މުޖާހިދުން އިސްރާއީލުގެ ތެރެއަށް ވަދެގަތީ 15 ދިމާއަކުން ހަމަލާތައް ދެމުން ކަމަށާއި، އިސްރާއީލު ސިފައިންގެ ޣައްޒާ ޑިވިޜަންގެ ތަންތަނުގެ އިތުރުން، އިސްރާއީލު ސިފައިންގެ އިތުރު 10 މަގާމަކަށް ހަމަލާތައް އަމާޒުކުރި ކަމަށް ސާލިހް ވިދާޅުވިއެވެ.

ހަމާސްއިން އިސްރާއީލުގެ ތެރެއަށް ވަދެގަތީ ވަރަށް ރަނގަޅަށް ރޭވުންތައް ރާވައިގެން ކަމަށާއި، އެގޮތަށް ވަދެ ހަމަލާތައް ދޭން ނިންމި އެއް ކަމަކީ، އިސްރާއީލުގައި މިހާރު ކުރިއަށްދާ ޗުއްޓީއަށްފަހު ޣައްޒާއަށް ހަމަލާދޭން އިސްރާއީލުން ތައްޔާރީތައް ވަމުންދާތީ އޭގެކުރިން އިސްރާއީލަށް ހަމަލާދިނުން ކަމަށެވެ.

އިސްރާއީލު ސިފައިންގެ ޣައްޒާ ޑިވިޜަނަކީ ޣައްޒާގައި ހިންގާ ހުރިހާ ޖަރީމާތަކެއްގެ ޒިންމާ އުފުލަންޖެހޭ ފަރާތް ކަމަށް، ސާލިހް އަލް-އަރޫރީ ވިދާޅުވިއެވެ.

ސާލިހް އަލް-އަރޫރީ ވިދާޅުވީ، މިހާރު ކުރިއަށް މިދަނީ، ފަލަސްތީނުގެ ބިންތައް އިސްތިއުމާރު ކޮށްގެންއޮތް ދުޝްމަނާ ދެކޮޅަށް ކުރާ ދިގުލައިގެންދާނެ ހަނގުރާމައެއްގެ އެންމެ އެޑްވާންސް މަރްހަލާ ކަމަށާއި، ފަލަސްތީނުގެ ބިންތަކާއި، ފަލަސްތީނުގެ ރައްޔިތުން މިނިވަން ކުރެވެންދެން މި ހަނގުރާމަ ކުރިއަށްދާނެ ކަމަށެވެ.

މިހާރު ކުރިއަށްދަނީ ހަނގުރާމައިގެ ފެށުމެއް ކަމަށްވެސް ސާލިހް އަލް-އަރޫރީ ވިދާޅުވިއެވެ.

"އަލްއަގްސާ ފްލަޑް" އޮޕަރޭޝަނަށް 3،000 މެމްބަރުންގެ ފައުޖެއް ތައްޔާރުކުރި ކަމަށާއި، ސަޕޯޓް ޓީމާއި ބެކަޕްގެ ގޮތުގައި 1،500 މެމްބަރުންގެ ފައުޖެއް ތައްޔާރުކުރި ކަމަށާއި، އޮޕަރޭޝަނަށް ހަމާސްއިން ތައްޔާރުވާން ފެށީ 2022 ވަނަ އަހަރުން ފެށިގެން ކަމަށްވެސް ސާލިހް އަލް-އަރޫރީ ވިދާޅުވިއެވެ.

އިސްރާއީލާއެކު ކުރިން ހިނގި ބައެއް ކުރިމަތިލުންތަކަށް ނެރެނީ ޣައްޒާގެ ހަތިޔާރުއެޅި އެހެން ގްރޫޕްތައް ކަމަށާއި، އޭގެ ބޭނުމަކީ މިފަހަރުގެ ހަނގުރާމައަށް ތައްޔާރުވާން ވަގުތު ހޯދުން ކަމަށް އޭނާ ވިދާޅުވިއެވެ.

އަގްސާ މިސްތަށް ހަމަލާދިނުމާއި، ފަލަސްތީނުގެ އަސީރުންނަށް އިސްރާއީލުން ކުރާ އަނިޔާތައް އަހަރެމެން ތަހައްމަލެއް ނުކުރައްވާނެ ކަމަށް ސާލިހް ވިދާޅުވިއެވެ.

ހަމާސްއިން އެމެރިކާއާއި ހުޅަނގުގެ ބައެއް ގައުމުތަކުގެ ރައްޔިތުން އަސީރުކޮށްފައިވާ ކަމަށް ބުނެ އެ ގައުމުތަކުން ނެރެމުންދާ ބަޔާންތަކާ ގުޅިގެން ހަމާސްގެ ސިޔާސީ ފިޔައިގެ ނައިބް ސާލިހް އަލް-އަރޫރީ ވަނީ، ހަމާސްއިން އަސީރުންގެ ގޮތުގައި ހައްޔަރުކޮށްފައިވާ އިސްރާއީލު ސިފައިންގެ ތެރޭގައި، އިސްރާއީލު ސިފައިންގެ ޔުނިފޯރމް ލައިގެން އެމެރިކާ މީހުންނާއި، ފަރަންސޭސި އަދި ކެނެޑާ މީހުން ތިބީ ކީއްވެގެންތޯވެސް ސުވާލު ކުރައްވާފައެވެ.

ސާލިހް ދެއްކެވި ބައެއް ވާހަކަތައް ދޮގުކުރަން އިސްރާއީލާއި ހުޅަނގުގެ މީޑިއާއިން މަސައްކަތް ކުރާއިރު، އިސްރާއީލާ ޚިލާފަށް ހަމާސްއިން ތެދުބަހުން ވާހަކަ ދައްކަން މަސައްކަތް ކުރިކަން ގިނަ މުހައްލިލުން ފާހަގަ ކުރައްވައެވެ.

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު