އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 2 ސިކުންތު
ޣައްޒާގެ އުތުރުގައި ދިރިއުޅޭ އާންމު ހުރިހާ ރައްޔިތުން ޣައްޒާގެ ދެކުނަށް ދިއުމަށް އިސްރާއީލުން މުހުލަތު ދިން ނަމަވެސް، އެ އެންގުމަށް ބޯނުލެނބުމަށް ހަމާސްއިންވަނީ އާންމުންނަށް އިލްތިމާސް ކޮށްފައެވެ.
ހަމާސްއިން ބުނެފައިވަނީ، އިސްރާއީލުން ފަތުރަނީ ފޭކް ޕްރޮޕަގެންޑާ ކަމަށާއި، އެއީ ބިރުދެއްކުމުގެ ގޮތުން ކުރާ ކަމެއް ކަމަށެވެ.
އިސްރާއީލުގެ މަތިންދާ ބޯޓުތަކުންވަނީ ޣައްޒާގެ އުތުރުގެ ހުރިހާ ހިސާބަކަށް އިންޒާރުގެ ލިޔުން ހިމެނޭ ކަރުދާސް އަޅާފައެވެ.
އޭގައި ލިޔެފައިވަނީ، 24 ގަޑިއިރުގެ ތެރޭގައި ޣައްޒާގެ އުތުރު ހުސްކުރުމަށެވެ. ސަބަބެއް ބުނެފައެއް ނުވެއެވެ.
އެހެންކަމުން، ބެލެވިފައިވަނީ، އިސްރާއީލުން އުޅެނީ އެއްގަމު މަގުން ޣައްޒާއަށް އަރައިގަތުމަށް ކަމެވެ.
އިސްރާއީލުންވަނީ ޣައްޒާ – އިސްރާއީލު ވަކިކުރާ އިމަށް ތިންލައްކައަށްވުރެ ގިނަ ސިފައިންނާއި، އެތައްސަތޭކަ ޓޭންކާއި، ބަރު ހަތިޔާރު ޖަމާކޮށްފައެވެ.
އިސްރާއީލުން އެއްގަމު މަގުން ޣައްޒާއަށް އަރައިގަންނަން މި އުޅެނީ، ހަމާސްއިން މިހާރު ފަށާފައިވާ އޮޕަރޭޝަން ނުހުއްޓުވި، އަދި މުޖާހިދުން އިސްރާއީލަށް ދެމުންގެންދާ ހަމަލާތައްވެސް ހުއްޓުވުމުގައި ނުކުޅެދިފައި ވަނިކޮށެވެ.
ހަމާސްގެ ސިޔާސީ ފިޔައިގެ ނައިބް ސާލިހް އިއްޔެ ވިދާޅުވެފައިވަނީ، އިސްރާއީލުން ޣައްޒާއަށް ދެމުންގެންދާ އުދުވާނީ ހަމަލާތަކުގައި ހަމާސްގެ އަސްކަރީ އެއްވެސް ތާކަށް ގެއްލުމެއް ނުދެވޭ ކަމަށެވެ. އެހެންވެ، އާންމުންގެ ބޮލަށް ބޮންއަޅަނީ ކަމަށެވެ.
އިސްރާއީލުން އުންމީދުކުރަނީ، އެއްގަމު މަގުން ޣައްޒާއަށް އަރައި، ހަމާސްގެ މުޅި ވިއުގަ ފުނޑާލެވޭނެ ކަމަށެވެ. އަދި ހަމާސް ދުނިޔެއިންވެސް އެއްކޮށް ނައްތައިލެވޭނެ ކަމަށެވެ.
އެހެން ނަމަވެސް، ހަމާސްގެ ނައިބް އިއްޔެ ވިދާޅުވީ، އިސްތިއުމާރީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް އަރައިގެންފިނަމަ ހަމަލާދޭން ހަމާސްއަށް މާ ފަސޭހަވާނެ ކަމަށާއި، ޣައްޒާއަށް އަރާ ދުޝްމަނުން ޗިސްޗިސްކޮށްލާނެ ކަމަށެވެ.
އެއްގަމުން ޣައްޒާއަށް އަރައިގަތުމަށް މަގުފަހި ކުރުމުގެ ގޮތުން އިސްރާއީލުން ޣައްޒާގެ އުތުރުގެ އާންމުންނަށް ދިން މުހުލަތާ ގުޅިގެން އދއިން ބުނެފައިވަނީ، އެއީ މުސްތަހީލު ކަމެއް ކަމަށެވެ.
ޣައްޒާގެ އުތުރުގައި 1.1 މިލިއަން އާންމުން ދިރިއުޅެއެވެ. އެ ހުރިހާ އެންމެން 24 ގަޑިއިރުގެ ތެރޭގައި ރަށުން ފައިބައިގެން ދިއުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް، އދއިން ބުނެފައިވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ބުނެފައިވަނީ، އިސްރާއީލުގެ އެންގުން ތަންފީޒުކުރި ނަމަވެސް، ހަމަލާތަކުގައި ޒަޚަމްވެ، ޣައްޒާގެ އުތުރުގެ ހޮސްޕިޓަލްތަކުގައި ފަރުވާދެމުން ގެންދާ މީހުން އެހެންތާނަކަށް ގެންދިއުމަކީ ނާދިރުކަމެއް ކަމެއް ކަމަށެވެ.
ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ، ޒަޚަމްވެ ފަރުވާދެމުންގެންދާ މީހުން އެހެންތާކަށް ގެންދިއުމަށް އެންގުމަކީ "މަރުގެ ހުކުމް" އިއްވުން ކަމަށެވެ.
ޣައްޒާގެ އެންމެ ބޮޑު ހޮސްޕިޓަލް ކަމަށްވާ އައްޝިފާ ހޮސްޕިޓަލާއި، ޣައްޒާގެ އިތުރު 6 ހޮސްޕިޓަލެއްގެ ޑޮކްޓަރުން ބުނަނީ، ޒަޚަމްވެ ނާޒުކު ހާލަތުގައި ތިބި އެތައްބަޔަކަށް ފަރުވާ ދެމުންގެންދާއިރު، ހޮސްޕިޓަލްތައް ދޫކޮށް ދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ޣައްޒާގެ އުތުރުގެ އާންމުންނަށް އިސްރާއީލުން ދިން މުހުލަތާ ގުޅިގެން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވީ، ޣައްޒާގެ އުތުރުގައި ދިރިއުޅޭ އާންމުން ގަދަބާރުން ބިރުދައްކައިގެން ދެކުނަށް ބަދަލުކުރުމަކީ ޣައިރުގާނޫނީ އަމަލެއް ކަމަށެވެ.
މަހްމޫދު އައްބާސް ސިފަކުރެއްވީ، އެކަން ވެގެންދާނީ ދެވަނަ ނަކްބާއަށް ކަމަށެވެ. އިސްރާއީލު އުފައްދަންވެގެން 1948 ވަނަ އަހަރުވެސް ފަލަސްތީނުގެ ބިމުން އާންމުން ގަދަބާރުން ނެރެލީ، އާންމުންގެ ބޮލަށް ބެރުބޮން އަޅައިގެންނެވެ.
މިއަދު ޓެރަރިސްޓު އިސްރާއީލުން އެކަން ތަކުރާރުކުރަމުން އެ ގެންދަނީ މުޅި ދުނިޔޭގެ އެންމެންގެ ލޮލުގެ ކުރިމަތިގައި އަދި ކެމެރާތަކުގެ ކުރިމަތީގައެވެ.
އަރަބި ލީގުން ބުނެފައިވަނީ، ގަދަބާރުން އާންމުން ގެދޮރުން ބޭރުކުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއް ކަމަށެވެ. އަދި އިސްރާއީލުގެ އިންޒާރު ކުށްވެރި ކޮށްފައި ވެއެވެ.
ތުރުކީން ވަނީ، ޣައްޒާގެ އާންމުން ގެދޮރު ދޫކޮށް ދިއުމަށް އިސްރާއީލުން އެންގި އެންގުމާ ދެކޮޅު ހަދާފައެވެ. ތުރުކީގެ ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުގެ އެންގުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެއީ ބައިނަލްއަގްވާމީ ގާނޫނުތަކާ ޚިލާފް ކަމެއް ކަމަށެވެ.
އަދި އިސްރާއީލުން އެންގި އެންގުން އަނބުރާ ނެގުމަށާއި، ޣައްޒާއާ ދެކޮޅަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތައް ވަގުތުން ހުއްޓާލުމަށްވެސް ތުރުކީން ގޮވާލާފައި ވެއެވެ.
އިސްރާއީލުގެ އިންޒާރާއެކު ޣައްޒާގެ އުތުރުން ބައެއް އާއިލާތަށް ވެހިކަލްތަކާއި، ފައިމަގުގައި ދެކުނަށް ދަތުރުފެށި ނަމަވެސް، ގިނަ ބަޔަކު ނުދާކަމަށް ޣައްޒާގައި ތިބި ބޭރުގެ މުރާސިލުން ބުނެއެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވަނީ، އިސްރާއީލުން އިންޒާރުކުރި ނަމަވެސް، ޣައްޒާގެ އުތުރު ދޫކޮށް ނުދާނޭ ކަމަށެވެ.
Advertisement
13 އޮކްޓޯބަރ 2023