އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިޒްބުﷲ ދެކެ ބިރުން އިސްރާއީލު އުޅޭ ސަބަބުތައް: ޣައްޒާއަށް އަރަންވެސް ފަސްޖެހިފައި

ހިޒްބުﷲ ދެކެ ބިރުން އިސްރާއީލު އުޅޭ ސަބަބުތައް: ޣައްޒާއަށް އަރަންވެސް ފަސްޖެހިފައި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 51 ސިކުންތު

އިސްރާއީލުން ތަކުރާރުކޮށް ގެންދަނީ، އިސްރާއީލާއި ހަމާސްއާ ދެމެދު ކުރަމުންދާ ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ ނުވަނުމަށެވެ. އިސްރާއީލުގެ އެކި މަސްއޫލުވެރިން ވޭތުވެދިޔަ 4 ދުވަސްމަތިންވަނީ އެކަން ނުކުރުމަށް ހިޒްބުﷲއަށް ގޮވާލާފައެވެ.

އެންމެފަހުން އިސްރާއީލުގެ ޑިފެންސް މިނިސްޓަރުވެސް މިވަނީ އެކަމަށް ގޮވާލާފައެވެ.

ނޫސްވެރިންނާ ވާހަކަ ދައްކަމުން އިސްރާއީލުގެ ޑިފެންސް މިނިސްޓަރު ޔޮއާވް ގަލަންޓް މިއަދު ބުނީ، އިސްރާއީލުގެ އުތުރުފަޅިން ހިޒްބުﷲއާއެކު ހަނގުރާމައެއް ކުރުމުގެ ޝައުގުވެރިކަމެއް ނެތްކަމަށެވެ. މަސްރަހް އިތުރަށް ގޯސްވެގެންދާން އިސްރާއީލުން ބޭނުން ނުވާ ކަމަށާއި، އިސްރާއީލުން މަސައްކަތް ކުރާނީ ހާލަތު މިހާރު އޮތްގޮތަށް ދެމެހެއްޓުމަށް ކަމަށްވެސް އޭނާ ބުނެފައި ވެއެވެ.

އެކަމަކު، ހިޒްބުﷲއިން ހަނގުރާމަ ކުރަން އިޚްތިޔާރު ކޮށްފިނަމަ، ހިޒްބުﷲއިން އަދާކުރަންޖެހޭނެ އަގު ވަރަށް ބޮޑުވާނެ ކަމަށް އޭނާ އިންޒާރުކޮށްފައި ވެއެވެ.

ހިޒްބުﷲއާ ކުރިމަތިލާން އިސްރާއީލު ބިރުންއުޅޭ ކަމަށް މިހާރު ވަރަށް ބޮޑަށް ގަބޫލުކުރެވެން ފަށާފައި ވެއެވެ.

ހިޒްބުﷲއާއެކު ހަނގުރާމައަކަށްދާން ބޭނުން ނުވާކަމަށް ތަކުރާރުކޮށް އިސްރާއީލުން ބުނަމުންދާއިރު، ހިޒްބުﷲއިން ހަނގުރާމައިގެ ތެރެއަށް ވަދެގެންފާނެތީ އެމެރިކާއިންވެސް މިއަދުވަނީ ކަންބޮޑުވާކަން ހާމަކޮށްފައެވެ.

އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުޝީރު ޖޭކް ސުލިވަން ވިދާޅުވީ، ހަނގުރާމައިގެ ތެރެއަށް ހިޒްބުﷲ އާއި، އީރާނު ވަދެފާނެތީ އެމެރިކާ ކަންބޮޑުވާ ކަމަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި، އިސްރާއީލަށް ތާއީދުއޮތްކަން ހާމަކުރަން އެމެރިކާއިން އިސްރާއީލާ ގާތަށް ފޮނުވި ކަނޑުގެ ބިޔަ ވަރުގަދަ ލަޝްކަމުގެ މައިގަނޑު މަސައްކަތަކަށްވާނީ، އީރާނު، ސޫރިޔާ އަދި ހިޒްބުﷲގެ ފަރާތުން އިސްރާއީލަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތް ކޮށްދިނުމެވެ. އެގޮތުން، އެމެރިކާގެ ކަނޑުގެ ލަޝްކަރުން ހަމަލާތައް ދޭން ފަށާނެ ކަމަށް ރޭގައި ރިޕޯޓްތައް ފެތުރިފައި ވެއެވެ.

އެމެރިކާއިން އިސްރާއީލާ ގާތަށް ކަނޑުގެ ލަޝްކަރެއް ފޮނުވި ނަމަވެސް، އެ ލަޝްކަރުން އަމަލީގޮތުން ހަނގުރާމައިގައި ބައިވެރިވާތަނެއް އަދި ނުފެނެއެވެ.

މިކަމުގައި ވަރަށް ގިނަ ސަބަބުތަކެއް އޮވެދާނެ ކަމަށް، މަސްރަހް ދިރާސާކުރާ މުހައްލިލުން ފާހަގަކުރައްވައެވެ.

އެއްކަމަކީ، އެމެރިކާއިން އިސްރާއީލަށް މަދަދު ދިނުމުގެގޮތުން ހަނގުރާމައިގައި ބައިވެރިވެ ހަމަލާދޭން ފަށައިފިނަމަ، ސީދާ ހަނގުރާމައިގެ ތެރެއަށް ވަދެގަންނާނެ ކަމަށް ސަރަހައްދުގެ ހަނގުރާމަވެރި ބޮޑެތި ޖަމާއަތްތަކުން އިއުލާންކޮށްފައި ވުމެވެ.

އަނެއްކަމަކީ، އިސްރާއީލުގެ އުދުވާނީ ސިފައިން އެއްގަމު މަގުން ޣައްޒާއަށް ވަދެގެންފި ނަމަވެސް، ހަނގުރާމައިގެ ތެރެއަށް ވަދެގަންނާނެ ކަމަށް ސަރަހައްދުގެ ހަނގުރާމަވެރި ޖަމާއަތްތަކުން ބުނެ އަންގާފައިވުމެވެ.

ޔަމަނުގައި ވެރިކަންކުރާ ހޫޘީން ލަޝްކަރު، ޔޫކްރެއިން ހަނގުރާމައިގެ ފްރަންޓްލައިންގައި ރަޝިޔާއަށް ހަނގުރާމަކޮށްދޭ ޗެޗްނިޔާ މުޖާހިދުންގެ ވަރުގަދަ ލަޝްކަރު، އީރާގުގެ ހަތިޔާރުއެޅި ވަރުގަދަ ގްރޫޕްތައް، ސޫރިޔާގައި ހަނގުރާމަ ކުރަމުންދާ ހަތިޔަރުއެޅި އެތައް ގްރޫޕެއް، ހިޒްބުﷲ ޖަމާއަތުގެ މުޖާހިދުންގެ އިތުރުން، އީރާނުންވެސް ހަނގުރާމައިގެ ތެރެއަށް ވަދެގެންފާނެކަމުގެ ބިރު އުފެދިފައި ވެއެވެ.

އިސްރާއީލުން މެދުނުކެނޑި ޣައްޒާއަށް ބޮންއަޅައި މިސައިލުން ހަމަލާދެމުން ގެންދާއިރު، ހަމާސްއަށް ގެއްލުމެއް ނުދެވި، އެމީހުންގެ މަގްސަދު ހާސިލްނުވެ އެއްގަމު މަގުން ޣައްޒާއަށް އަރަން އުޅެނީވެސް ހަމާސްގެ ތަންތަނަށް ވާސިލްވުމުގެ ބޭނުމުގައެވެ.

އެކަމަކު، އިސްރާއީލުގެ އުތުރުން ހިޒްބުﷲއިން ހަމަލާދޭން ފެށުމުން އެދިމާއަށް ސިފައިން ފޮނުވައި ދިފާއަށް ކުޅޭންޖެހުމުން އިސްރާއީލުގެ ފޯކަސް ގެއްލެމުންދާ ކަމަށް ބެލެވިފައި ވެއެވެ.

އެމެރިކާއާއި އިނގިރޭސީން ކިތަންމެ ވަރަކަށް އިސްރާއީލަށް ހަތިޔާރުދީ، ހިތްވަރު ދިންނަމަވެސް އިސްރާއީލު ވަށައިގެން ހުރި ބިރުވެރި ކަންކަމާއި، ލިބެމުންދާ އިންޒާރުތަކާ ގުޅިގެން އިސްރާއީލު ބޭނުންވާ ގޮތަކަށް ކަންކަން ނުދާނޭކަމަށް އެމީހުންނަށްވެސް މިހާރު ގަބޫލުކުރެވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް