އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 30 ސިކުންތު
މިއީވެސް ބޮޑު އިޖުތިމާޢީ މައްސަލައެކެވެ. ދޮންމަންމައިންނާއި ދޮން ބައްޕައިންގެ މައްސަލައެވެ. އެމީހުންގެ ތެރޭގައި ނުބައި މީހުންވެސް އޫޅޭނެއެވެ. ގިނަވެސްވެދާނެއެވެ. ނަމަވެސް ކޮންމެ ދޮންމަންމަ އަކީ ނުވަތަ ކޮންމެ ދޮންބައްޕައަކީ ނުބައި މީހެއް ކަމަށް ބަލައިގެން ނުވާނެއެވެ.
ދެން ބުނަން އޮތީ މަމްނައިންނާއި ބައްޕައިންގެ ތެޜޭގައިވެސް ދަރިންނަށް އަޅައިނުލާ މީހުން އުޅުއެވެ. ނުބައި މީހުންވެސް އުޅެއެވެ. ޚަރަދުނުކުރާ ބައްޕައިންވެސް ބައިވަރެވެ. ނަމަވެސް އެންމެންނާއި މެދު އެއްގޮތަކަށް ވިސްނައިގެން ނުވާނެއެވެ.
ތިރީގައި އެވަނީވެސް ރަނގަޅު ފިލާވަޅެއް ލިބިގެންދާނެ ވާހަކައެކެވެ. އިން ޝާ ﷲ
ދޮންމަންމައިންނާއި ދޮންބައްޕައިންނާއިމެދު ވަރަށް ތަފާތު ވާހަކަތައް ދެކެވެއެވެ. އަޅުގަނޑަށް ކުރަންޖެހުނު ތަޖުރިބާއަކީ ދޮން ކުރިއަށް ލައިގެން ކިޔަންޖެހުމަކީ އެމީހަކީ ނުބައި މީހަކަށްވާންޖެހޭ ކަމެއް ނޫންކަމެވެ. އެއިގެ ތެރޭގައި ދޮން ކުރިއަށްލާން ނުޖެހޭ މީހުންނަށްވުރެ މާރަނގަޅު މީހުންވެސް ތިބޭކަމެވެ.
އަޅުގަނޑުގެ މަންމަ ނިޔާވީ އުމުރުން އެންމެ 5 އަހަރުގައެވެ. އެހެންކަމުން މަންމަގެ މާގިނަ ކަންތައްތަކެއް ހަނދާނަކު ނުހުރެއެވެ. ހަނދާންހުންނަނީ ބައްޕަ އަޅުގަނޑު ގެންގުޅުނު ގޮތެވެ. ލޯބިދިންކަމެވެ. ވަރަށް ފަރުވާތެރިކަމާއިއެކު ލޯބިން ބަލައި ބޮޑުކުރިކަމެވެ. ކިޔަވައިދިންކަމެވެ.
މިކަންކަން ބޮޑު އޮޅުންގަނޑަކަށްވީ އަޅުގަނޑަށް 15 އަހަރުފުރުނު ދުވަހު ބައްޕަ ދިން ސިޓީއަކުންނެވެ. އެއީ އަޅުގަނޑަށް 15 އަހަރު ފުރޭ ދުވަހު ދޭން މަންމަ ޙަވާލުކޮށްފައިވާ ސިޓީއެއް ކަމަށްބުނެ ބައްޕަ ދިން ސިޓީން އެނގުނީ މިއީ، އަޅުގަނޑަށް ލޯބިދީ ކިޔަވައިދީ ގެންގުޅެ ބޮޑުކުރީ އަޅުގަނޑުގެ ބައްޕަ ނޫންކަމެވެ. ދޮންބައްޕަކަމެވެ.
ދޮން ބައްޕަ ކިތަންމެ ރަނގަޅު ނަމަވެސް އަޞްލު ބައްޕަ އެނގެން ބޭނުންވިއެވެ. އެހެންވެ މަންމަ ދީފައިވާ މައުލޫމާތު ބޭނުންކޮށްގެން ބައްޕަ ހޯދީމެވެ. ބައްޕަ ބުނީ އަޅުގަނޑު ދެކެ ވަރަށް ބޮޑަށް ލޯބިވާ ކަމަށެވެ. އަދި މަންމަ ދެކެވެސް ވަރަށް ލޯބިވާކަމެވެ. ބައްޕަ ބުނީ މަންމައާއިއެކު ވަރަށް ލޯބިން އުޅެނިކޮށް ދޮންބައްޕަ އެދެމެދަށް ވަދެގެން ދިރިއުޅުން ހަލާކުކޮށްލީ ކަމަށާއި މަންމަ މަރުވީ އެކަމުގެ ހިތާމައިގައި ކަމަށެވެ.
ނަމަވެސް ބައްޕަ އަޅުގަނޑު ގެންގުޅެން އެއްބަހެއް ނުވިއެވެ. ބުނީ ބައްޕައަކީ ފަޤީރެއް ކަމަށާއި ރަނގަޅުވާނީ މުއްސަނދި ދޮންބައްޕަގެ ގާތުގައި ހުރުމުން ކަމަށެވެ. ނަމަވެސް އަޅުގަނޑާއި ބައްދަލުކުރަން ބޭނުންވާ ކަމަށާއި ގުޅުން ބާއްވަން ބޭނުންވާ ކަމަށެވެ.
ބައްޕަގެ ވާހަކަތައް ޤަބޫލުކުރެވުނެވެ. ބައްދަލުކުރަމުން ގެންދިއައިމެވެ. ދުވަސްކޮޅެއްފަހުން ބައްޕަ ބުނީ މީހަކަށް ދަރައިގެން ސަލާމަތް ނުވެގެން 20000 ރުފިޔާ ބޭނުންވާ ކަމަށެވެ. އަޅުގަނޑުގެ އަތުގައި އެއްވެސް ފައިސާއެއް ނެތް ކަމަށާއި އަޅުގަނޑުގެ އަތަށް ދޮންބައްޕަ ފައިސާ ނުދޭކަމަށް ބުނުމުން ބުނީ ތިޖޫރީން ވަގަށް ނަގައިގެން ނަމަވެސް ގެންގޮސް ދިނުމަށެވެ.
އެހިސާބުން އަޅުގަނޑު ބިރުގަތެވެ. ބައްޕައަކު ދަރިފުޅުގާތު ވައްކަން ކުރަން ބުނުމަކީ ބަލައިނުގަނެވުނު ކަމެކެވެ. އެހެންވެ ގެއަށް ގޮސް އެވާހަކަ ދޮންބައްޕައަށް ކިޔައިދިނީމެވެ. އަދި ބައްޕަ އާއި ގުޅުން ބޭއްވުނުކަމަޓަކައި މާފަށްވެސް އެދުނީމެވެ.
"ދަރިފުޅާއެވެ. ކުށްވެރިއަކީ ބައްޕައެވެ. އެއީ މިހައިތަނަށް މިފަދަ އެއްވެސް ވާހަކައެއް ކިޔައިނުދީ ހުރެވުނީތީއެވެ. ނަމަވެސް މިހާރު މިކިޔައިދެނީ ކަންތައްވީގޮތެވެ. މަންމަ އާއި ބައްޕައަށް ފުރަތަމަ ބައްދަލުވެވުނީ ކާރު މަޑުކޮށްލައިގެން އިންދާ އައިސް ކާރުގެ ކުރީގައި މީހަކު ޖެހިގަތުމުންނެވެ. ބަލައިލިއިރު މާބަނޑު އަންހެނެކެވެ. ފައިބައިގެން ގޮސް އަތްލިތަނުން ހޭނެތިއްޖެއެވެ. އެހިސާބުގަ ތިބި މީހުންގެ އެހީތެރިކަމާއިއެކު ގެންދިއައީ ހޮސްޕިޓަލަށެވެ. ޑޮކްޓަރުން ބުނީ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާ ކަމަށެވެ.
ހޮސްޕިޓަލުގައި ބާއްވައިގެން ނޯކަރުން ލައްވައި ބަލައި ގަދަވުމުން މަންމަ ބޭނުންވީ މިގެއަށް އަންނާށެވެ. އެއިރު މަންމައަށް ބައްޕަ ހަމައެކަނި ފެންނާނެ ކަމެވެ. މާގިނަ ވާހަކަތަކެއްވެސް ނުދެއްކެއެވެ. ކޮންމެއަކަސް މަންމަ ބޭނުންވީތީ މިގެއަށް ގެނެސް ބެއިންދީއެވެ. އެއިރު ބައްޕަގެ އަނބިމީހާ ވަނީ މަރުވެފައެވެ. ވިހައި ގަދަވެގެން މަންމަގެ އެދުމަށް ކައިވެނިކުރީއެވެ. އެހެންވީމާ ދެމަފިރިންގެ ދެމެދަށް ބައްޕަ ވަންކަމަށް އެބައްޕަ އެބުނަނީ ކީއްވެގެންކަމެއް ނޭނގެއެވެ.
މަންމައަށް ކުރަންޖެހުނު ބޭސްފަރުވާގެ ރިޕޯޓްތައް ފައިލްގައި އެހެރީއެވެ. ބަލައިލާށެވެ."
ފަހުން އަޅުގަނޑަށް އެނގުނީ ބައްޕައަކީ މަސްތުވާ ތަކެތި ބޭނުންކޮށް އެއިގެ ވިޔަފާރިކުރާ މީހެއްކަމެވެ. ވީމާ މިއަދުނޫހުގެ ކިޔުންތެރިންނަށް ދަންނަވާލަން ބޭނުންވަނީ ނަމުގެ ކުރިއަށް ދޮން އައުމަކީ އެމީހަކު ނުބައިވާންޖެހޭ ކަމެއް ނޫން ކަމަށެވެ. އަޅުގަނޑަށް ލިބުނު ދޮންބައްޕައަކީ އަޚްލާޤާއި އެހެން ގޮތްގޮތުންވެސް ވަރަށް ފުރިހަމަ ވަރަށް ފުރިހަމަ އަދި ވަރަށް ރީތި ދޮންބައްޕައެއްކަމަށެވެ.
މިވާހަކަކޮޅު ހިއްޞާ މިކުރީ ދޮންމަންމަ ނުވަތަ ދޮންބައްޕަ ކިޔައިފިނަމަ ގިނަ ބައަކު ނަފްރަތުކުރާތީއެވެ. އެބަދުނާމުން އަޅުގަނޑުގެ ދޮން ބައްޕަ ސަލާމަތްކުރުމަށެވެ. މަންމަ މަރުވިފަހުން ދޮންބައްޕަ އިތުރު ކައިވެންޏެއްވެސް ނުކުރެއެވެ. އަޅުގަނޑު ބަލައި ބޮޑުކުރީ އަމިއްލަ ދަރިއަކު ފަދައިންނެވެ.
ދޮންބައްޕަ މިހާރުވަނީ ނިޔާވެފައެވެ. ނިޔާވުމުގެ ކުރިން އަޅުގަނޑަށްވަނީ މުދަލުންވެސް މިންވަރެއް ދީފައެވެ. ދުޢާއަކީ އެބައްޕަގެ ފުރާނައަށް ﷲ ހެޔޮ ރަޙްމަތް ލެއްވެވުމެވެ.
- އަޒްލިފާ ސަޢީދު / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
1 ޑިސެމްބަރ 2023