އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރައީސް ޑރ. މުޢިއްޒަށް! އިޤްޠިޞާދު ރަނގަޅުކުރައްވަން ބޭނުންފުޅުވާނަމަ ފުރަތަމަ ކަމަކަށް މީރާއަށް ނަގާ ޓެކްސްތަކުގެ ކުރިއަށް މުދަލުޒަކާތް "އަތުލުން" އިސްކުރައްވާށެވެ!

ރައީސް ޑރ. މުޢިއްޒަށް! އިޤްޠިޞާދު ރަނގަޅުކުރައްވަން ބޭނުންފުޅުވާނަމަ ފުރަތަމަ ކަމަކަށް މީރާއަށް ނަގާ ޓެކްސްތަކުގެ ކުރިއަށް މުދަލުޒަކާތް "އަތުލުން" އިސްކުރައްވާށެވެ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 20 ސިކުންތު

ރައްޔިތުންގެ އަތުން ޓެކްސްއެއް ނަގަން މަޖިލީހުން ފާސްކޮށްފިނަމަ އެޓެކްސް އެއް ދައްކަން މަޖުބޫރުކުރުވައެވެ. ނުދައްކައިފިނަމަ ފިޔަވަޅުއަޅަމުންގޮސް އޭނާގެ ވިޔަފާރިތައް ބަނގުރޫޓުވާ މިންވަރަށް ފިޔަވަޅުއަޅައެވެ. އެނޫން އަދަބުތައްވެސް ދެއެވެ.

ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެކެވެ. ﷲ ތައާލާ ފަރުޟް ކުރެއްވެވި މުދަލު ޒަކާތް ދެއްކުން އަދިވެސް އޮތީ އިޚްތިޔާރީ ކަމެއްގެ ގޮތުގައެވެ. ބުނާކަހަލައެވެ. "ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށްވުރެ އަހުރެމެންނަށް އިޤްޠިޞާދީ ސިޔާސަތު މާބޮޑަށް އެނގެއެވެ. ރައްޔިތުންފައިދާކުރާނެ ކަންތައްތަކާއި ތަނަވަސްކަން އިތުރުވާނެ ގޮތްތައް އަހުރެމެންނަށް މާބޮޑަށް އެނގެއެވެ."

އިސްލާމީ އުންމަތަށް އެންމެ ބޮޑު މުއްސަނދިކަމެއް ލިބި ރައްޔިތުން އެންމެ ބޮޑު ތަނަވަސްކަމުގައި އުޅެފައިވަނީ މުދަލުޒަކާތް ﷲ ތަޢާލާ އަންގަވާފައިވާ ގޮތަށް ނެގުނު ޒަމާނުގައިކަން އިސްލާމީ ތާރީޚުން އެނގެން އެބައޮތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ދަންނަވާލަން އޮތީ ﷲ ތަޢާލާ ފަރުޟު ކުރެއްވެވި މުދަލު ޒަކާތް ދައްކަންޖެހޭ ފަރާތްތަކުން ނަންގަވައި އެއިގެ ޙައްޤުވެރިންނަށް ރައްދުކޮށްދެއްވެވުމަކީ މަނިކުފާނުގެ މައްޗަށް މިއަދު ﷲ ތައާލާ ވާޖިބުކުރައްވަވާފައިވާ ޒިންމާއެކެވެ. މަސްއޫލިއްޔަތެކެވެ. ފުންވަޅުގަނޑަކަށް ވެއްޓިފައިމިވާ އަޅުގަނޑުމެންގެ އިޤްޠިޞާދު އެޙާލަތުން ސަލާމަތްކޮށް ކުރިއަރުވަން ފުރަތަމަ ކަމަކަށް ކުރައްވަންވީ އެކަމެވެ.

ޔަޤީންކުރައްވާށެވެ! މުދަލު ޒަކާތަކީ ދައްކަން ޖެހޭ އެއްޗެއް ނަމަވެސް ނުދައްކާ މީހުންގެ އަތުން އަތުލުމަކީ ސަރުކާރުން ކުރަންޖެހޭނެ ކަމެކެވެ.  

ތިރީގައި އެވަނީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ، ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވެވުމުން މަރުޙަބާ ވިދާޅުވެ ޝައިޚް މުޙައްމަދު އަފްޒަލް ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. އެލިޔުމުގައި ހިމަނުއްވާފައި އެވަނީވެސް ވަރަށް އަގުހުރި ނަޞޭޙަތް ކޮޅެކެވެ.  

ޑރ. މުޙައްމަދު މުޢިއްޒަށް މަރުޙަބާ!

މިއަދު 17 ނޮވެމްބަރު 2023ގައި ވެރިކަމުގެ ހުވާކުރެއްވި ޑރ. މުޙައްމަދު މުޢިއްޒަށް އަޅުގަނޑުގެ އަމިއްލަ ނަމުގައްޔާއި [ދީނުގެމަގު]ގެ ނަމުގައި މަރުޙަބާއާއި ތަހުނިޔާ އަރިސްކުރަމެވެ. އަދި ހަމަ މި ނޭވާގައި އަދަބު އިޙްތިރާމުގެ އެންމެ މަތީ ދަރަޖައިން ސިފަ ލިބިހުރެ މި ނިކަމެތި އަޅު އެ މަނިކުފާނަށް ދަންނަވަން އޮތީ ވެރިކަމަކީ އަމާނާތެއް ކަމެވެ. އެއީ އާދައިގެ މީހަކު އެހެން މީހަކަށް ހަވާލުކުރާ ފަދަ އަމާނާތެއް ނޫނެވެ. އަދި އެއީ ތިޔަ މަނިކުފާނު ވަޒީރުންގެ ގޮތުގައި ނަންގަވާ އެކިއެކި ބޭބޭފުޅުންނަށް ހަވާލުކުރައްވާނޭ ފަދަ އަމާނާތެއް ވެސް ނުމެނޫންމެވެ. އެހެނެއްކަމަކު އެއީ މާލިކުލް-މުލްކުގެ އިލާހީ ދަރުބާރުން ހަމަ ސީދާ މަނިކުފާނާ ހަވާލުކުރައްވާ އަމާނާތެކެވެ.

މާތް ﷲއަށް ތަޤުވާވެރިވެ، ރައްޔިތުންގެ ކަންކަން ޢަދުލުވެރިކަމާ އެކު ކުރައްވާ ވެރިން މަޙްޝަރުދުވަހު އެންމެ ބޮޑު ކާމިޔާބުން ކާމިޔާބުވާ ހުއްޓެވެ. އެއީ ޢަރުޝީގެ ހިޔާ ނޫން އެހެން އެއްވެސް ހިޔަލެއް ނުވާ ދުވަހު އެ ހިޔަލުގެ ހިޔާ ލިބުމެވެ. ކީރިތި ރަސޫލާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [މާތް ﷲގެ ހިޔާ ނޫން (އެބަހީ އެ އިލާހުގެ ޢަރުޝީގެ ހިޔާ ނޫން) އެހެން އެއްވެސް، ހިޔަލެއް ނުވާ ދުވަހު އެ ހިޔަލުން ހިޔާ ލިބޭނޭ ހަތް މީހަކު ވެއެވެ. އެއީ ޢަދުލުވެރި ވެރިޔާ އާއި ...] (متفق عليه)

ވެރިކަމަކީ އަމާނާތެކެވެ. އެކަމާ މެދު ސުވާލު ވެވޭނެއެވެ. ރަސޫލުﷲ صَلَّىٰ اللهُ عَلَيْهِ وَسَلَّم  ޙަދީޘްކުރެއްވިއެވެ. «إِنَّ اللهَ سَائِلٌ كُلَّ رَاعٍ عَمَّا اسْتَرْعَاهُ، أَحَفِظَ ذَلِكَ أَمْ ضَيَّعَ؟ ...» (رواه ابن حبان) މާނައީ: [ހަމަކަށަވަރުން ކޮންމެ ބެލެހެއްޓުންތެރިޔަކާ ހަވާލުވެފައިވާ ކަންކަމާ މެދު އޭނާއާ ސުވާލު ވެވޭ ހުއްޓެވެ. އެ ޒިންމާތަކާ މެދު ރައްކައުތެރިވިތޯ؟ ނުވަތަ އިޙްމާލުވިތޯ؟އެވެ ...]

ދިވެހި ރައްޔިތުންގެ ލޮބުވެތި ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާއެވެ. މާތް ﷲގެ ޙައްޤުތަކަށް ރައްކައުތެރިވެވަޑައިގަންނަވައްޗެވެ. އެ އިލާހުގެ ދީން ބިންމަތީ ޤާއިމުކުރައްވައްޗެވެ. މާތް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّمގެ ނަމޫނާގައި ހިތްޕަވައްޗެވެ. ނަމާދު ޤާއިމުކުރައްވައްޗެވެ. ޒަކާތް ދެއްވައި ރޯދަހިތްޕަވައި ދުޢާކުރެއްވުން ގިނަކުރައްވައްޗެވެ. ނިކަމެތިންނަށް ބައްލަވައި އެހީތެރިވެދެއްވައްޗެވެ. ހެޔޮކަންކަމަށް އަމުރުކުރައްވައި ނުބައިކަންކަން ނަހީކުރައްވައްޗެވެ. ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. [އެއުރެންނީ، ބިމުގައި ތިމަންރަސްކަލާނގެ އެއުރެން ބާރުވެރިކުރައްވައިފި ނަމަ، ނަމާދު ޤާއިމުކޮށް، ޒަކާތްދީ، ހެޔޮކަންތަކަށް އަމުރުކޮށް، ނުބައިކަންތައް ނަހީކޮށްއުޅޭ މީހުންނެވެ. ...] (އަލް-ޙައްޖު: 41)

އަޅަމެންނާ މެދު ރަޙުމުކުރައްވާ، އިބަ އިލާހަށް ބިރުވެތިވެލައްވާ ވެރިއަކުކަމުގައި ޑރ. މުޙައްމަދު މުޢިއްޒު ލައްވާށިއެވެ! آمين!

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް