އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 18 ސިކުންތު
ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގަންނަވަނީ ކޮން އަމަލަކަށްކަމާއިމެދު ގިނަ ބައަކު ސުވާލު ކުރެއެވެ. އަދި އެ އަމަލު ހޯދަން ވެސް ގިނަ ބައަކު މަސައްކަތްވެސް ކުރެއެވެ. ޙަޤީޤަތުގައި އެއީ ހޯދަން މާގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ޢަމަލުތަކެއް ނޫނެވެ. އެންމެންނަށްވެސް ވަރަށް ފަސޭހައިން އެނގެން ހުރި ޢަމަލުތަކެކެވެ.
މީސްތަކުންނޭވެ! ﷲ ތަޢާލާ އެންމެ ބޮޑަށް ލޯބިފުޅުވެ ވޮޑިގަންނަވާ އަމަލުތައް މިހިރީ ވަރަށް ފަސޭހައިން ފެންނާށެވެ! އެއީ ﷲ ތަޢާލާ އަހަރެމެންގެ މައްޗަށް ފަރުޟު ކުރައްވަވާފައިވާ އަމަލުތަކެވެ. އެކަންކަން ފަރުޟު ކުރައްވަވާފައި މިވަނީ އެ ކަންކަމަކީ ﷲ ތައާލާ އެންމެ ބޮޑަށް ލޯބިފުޅުވެވޮޑިގަންނަވާ އަމަލުތައް ކަމުގައި ވުމުންނެވެ.
މިގޮތަށް ވިސްނާށެވެ! ފަރުޟު ކުރައްވަވާފައިވާ އެއްވެސް ކަމެއް ނުކޮށްފިނަމަ، ޚާއްޞަކޮށް ފަރުޟު ފަސް ނަމާދު ނުކުރާނަމަ އެމީހަކު ކުށްވެރިވެއެވެ. ޢަޛާބު ދެއްވަވައެވެ. އެއީ ކީއްވެގެންކަން އެނގޭ ހެއްޔެވެ؟ އެއީ އެގޮތުންވެސް މީސްތަކުން ﷲ ތަޢާލާ އާއި ދުރުވިއަ ނުދެއްވެވުމަށްޓަކައެވެ. އެކަންކަން ކުރުންމަތީގައި ދެމިތިބުމަށް ބާރު އެޅުއްވެވުމުގެ ގޮތުންނެވެ.
ﷲ ތައާލާގެ ރުހިވޮޑިގަތުން ހޯދަން ބޭނުންވާ މީހާ އެންމެ ފުރަތަމަ ސަމާލުކަން ދޭންވީ ފަރުޟުތައް ފުރިހައަށް އަދާކުރުމަށެވެ. ނަމަވެސް ބައެއް މީހުން ފަރުޟުތަކަށް އިހްމާލުވެފައި ސުންނަތް ކަންކަން އެބަ ގިނަކުރެއެވެ. އެއީ އެކަން ކުރަން އޮތް ގޮތެއް ނޫނެވެ. ފުރަތަމަ އަދާކުރަންޖެހޭނީ ފަރުޟުތަކެވެ. ކުރާ އެހެނިހެން އަޅުކަމުގެ ސަވާބު ވެސް ލިބެމުންދާނީ ފަރުޟު އަދާކުރުމާއިއެކު އެކަންކަން ކުރުމުންނެވެ.
--ބިލާލް އައްސަދުގެ ދަރުސަކުން
Advertisement
10 ޑިސެމްބަރ 2023