އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފިޠުރު ޢީދާ އަޟްޙާ ޢީދުނަމާދުވެސް ހެނދުނު 7 ޖަހާއިރު ފަށަން ނިންމައިފި

ފިޠުރު ޢީދާ އަޟްޙާ ޢީދުނަމާދުވެސް ހެނދުނު 7 ޖަހާއިރު ފަށަން ނިންމައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 25 ސިކުންތު

ރާއްޖޭގައި ފިޠުރު ޢީދާ އަޟްޙާ ޢީދުނަމާދުވެސް ހެނދުނު 7 ޖަހާއިރު ފަށަން އިސްލާމިކް މިނިސްޓްރީން ނިންމައިފިއެވެ. 

މިކަމަކީ ނިމިގެންދިއަ ވެރިކަމުގައިވެސް އޭޕީގެ އިސް ބައެއް ދީނީ ޢިލްމުވެރިން ވަރަށް ގިނަ ފަހަރުމަތިން އެއިރުގެ (އޭޕީން ހިންގި) އިސްލާމިކް މިނިސްޓްރީއަށް އިލްތިމާސް ކޮށްފައިވާ ކަމެކެވެ. އިލްތިމާސްކުރެއްވީވެސް 6.30 ގައި ފަށަންކަން ފާހަގަކުރެވެއެވެ. 

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރައީސްކަމުގައި އިސްލާމީ ވަޒީރު، ޑރ. މުޙައްމަދު ޝަހީމްގެ ވަޒީރުކަމުގައި ސުންނަތާއި ކުރިއަށްވުރެ ގާތްކުރާ ގޮތަކަށް ޢީދުނަމާދުކުރުމުގެ ކަންކަންވެސް ހަމަޖެއްސިވިކަމަށްޓަކައި ގިނަބައަކު އުފާކުރެއެވެ! 

ސުންނަތާއި ގާތަށް ޖެހެން އަޅާ ފިޔަވަޅެއްގައި ބަރަކާތް ލައްވަވާށި! އާމީން 

ދިވެހިރާއްޖޭގައި ޢީދު ނަމާދު ޖަމާޢަތްފަށާ ވަގުތު ބަދަލުކުރުމާ ބެހޭ ނިންމުން

اَلْحَمْدُ لِلّٰهِ الَّذِيْ شَرَعَ الْعِيْدَيْنِ اَلْفِطْرَ وَالْأَضْحَى عَلَى عِبَادِهِ الْمُؤْمِنِيْنَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ، اَلْمَبْعُوْثِ رَحْمَةً لِّلْعَالَمِيْنَ، وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْنَ.

ދިވެހިރާއްޖޭގައި ޒަމާނުއްސުރެ ޢީދު ނަމާދު ކުރަމުން އައިސްފައިވަނީ ހެނދުނު 07:30 ގައި މިސްކިތްތަކުގައި ކަމުގައިވިޔަސް، 

އެވަގުތަކީ އިރުއަރައި އިރުގެ ހޫނުކަން ގަދަވަމުން އަންނަ ވަގުތަކަށް ވެފައި، މިހާރަކަށް އައިސް ދިވެހިރާއްޖޭގައި މައިދާންތަކާއި ހުސްބިންތަކުގައި ޢީދު ނަމާދު ކުރަމުން ގެންދާތީއާއި، ޢީދު ނަމާދުގެ ޖަމާޢަތަށް ޙާޟިރުވާ ފަރާތްތަކުގެ ތެރޭގައި ތުއްތު ކުދީންނާއި، އަންހެނުންނާއި، މުސްކުޅިންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތައް ވެސް ހިމެނޭތީއާއި، ހޫނުގަދަވުމުގެ ސަބަބުން ތަކުލީފުތަކެއް އުފުލަންޖެހޭތީއާއި، ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުން ސާބިތުވާގޮތުން ވެސް އެކަލޭގެފާނު ޢީދު ނަމާދު ކުރައްވާފައިވަނީ އިރުގެ ހޫނުކަން ގަދަވުމުގެ ކުރިން ޟުޙާ ވަގުތުގައިކަން ފެންނަން އޮތުމާއެކު،

ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ސުންނަތާއި އެކަލޭގެފާނުގެ އަޞްޙާބު ބޭކަލުންގެ ޢަމަލުފުޅުގައިވާ ގޮތަށް ތަބަޢަވުމަކީ މޮޅު އިތުރުގޮތް ކަމަށްވާތީއާއި، ޢާންމު މަޞްލަޙަތަށް ރިޢާޔަތްކުރުމަށް ޝަރުޢުގައި ކަނޑައަޅުއްވާފައިވާ ޤަވާޢިދުތަކަށް ރިޢާޔަތްކޮށް، ހިޖުރީ ސަނަތުން 1445، މީލާދީ ސަނަތުން 2024 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ފިޠުރު ޢީދު ނަމާދާއި އަޟްޙާ ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތަކީ ހެނދުނު 07:00 ކަމުގައި ކަނޑައަޅައިފީމެވެ. 

ޢީދު ނަމާދުގެ ޖަމާޢަތް ފަށާ ވަގުތު އަވަސްކުރުމަށް ނިންމާފައިވަނީ ރާއްޖޭގެ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހާއި، ދީނީ ޢިލްމުވެރިންނާއި، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ފަލަކީ ހިސާބުތަކާބެހޭ ކޮމެޓީއާއި މަޝްވަރާކުރުމަށް ފަހުގައެވެ. 

މިނިންމުން ނިންމާފައިވަނީ، ހިޖުރީ ސަނަތުން 1445 ވަނައަހަރުގެ ރަމަޟާންމަހުގެ 10، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 20 ވީ ބުދަ ދުވަހުއެވެ. 

وَصَـلَّى اللهُ وَسَـلَّمَ عَلَى خَـيْرِ خَلْـقِهِ سَـيِّدِنَا مُحَمَّـدٍ وَعَلَى آلِهِ وَصَـحْبِهِ أَجْمَـعِينَ، وَآخِـرُ دَعْـوَانَا أَنِ الْحَـمْدُ لِلّٰهِ رَبِّ الْعَالَمِـينَ.

10 رَمَضَان 1445ﻫ .

20 މާރިޗު 2024މ.

 

މުޙައްމަދު ޝަހީމް ޢަލީ ސަޢީދު 

އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު

 

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު