އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގައިގަ ބާރުހުރި ދުވަހު، ބާރުތައް ތިމާއަށް ގެއްލިގެންދާނެ ދުވަހު އުޅެން އެމީހަކު ބޭނުންވާ ފެންވަރުގައި "ގެ" އެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ﷲ ދެއްވަވާ!

ގައިގަ ބާރުހުރި ދުވަހު، ބާރުތައް ތިމާއަށް ގެއްލިގެންދާނެ ދުވަހު އުޅެން އެމީހަކު ބޭނުންވާ ފެންވަރުގައި "ގެ" އެޅުމުގެ ފުރުޞަތު ކޮންމެ މީހަކަށްވެސް ﷲ ދެއްވަވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 36 ސިކުންތު

ގިނަ ބައެއްގެ މުޅި ޢުމުރުހެން ހޭދަކޮށްލަނީ ދުނިޔޭގައި އުޅޭނެ ރީތި ބޮޑު ގެއެއް ވީހާ ފުރިހަމައަށް އެޅުމަށެވެ. ލިބޭގައި ފައިސާއެއް އެކަމަށް ޚަރަދުކުރުމުގެ އިތުރުން ދަރަނިވެރިވެގެންވެސް އެކަންކުރާ މީހުން ވަރަށް ގިނައެވެ. 

އެހެނަސް އެމީހާއަށް އަޅަން ﷲ ތަޢާލާ އަންގަވާފައިވާ "ގެ" އަޅަން ސަމާލުކަން ދެވެނީ ވަރަށް މަދު މީހަކަށެވެ. އެ "ގެ" އަޅަން އެއްވެސް ފައިސާއެއް ޚަރަދުކުރަން ނުވެސްޖެހޭނެއިރުވެސްމެއެވެ. 

އެއީ ކޮން "ގެއެއް" ކަން ވިސްނިއްޖެހެއްޔެވެ؟ ނުވިސްނޭނަމަ މިބުނެދެނީއެވެ. މިދައްކަނީ ތިބާގެ ދާއިމީ މަންޒިލުކަމުގައިވުމަށް ތިއަ އުންމީދުކުރާ ސުވަރުގޭގައި ގަނޑުވަރުތައް އެޅުމުގެ ޥާހަކައެވެ. މިޘާލަކަށް ރަވާތިބް ސުންނަތުގެ 12 ރަކްޢަތް ޤަވާއިދުން ކުރާ މީހާއަށް ސުވަރުގެއިން ގަނޑުވަރެއް ދެއްވަވަތެވެ. އެކަންކުރާކަށް އެއްވެސް ޚަރަދެއްވެސް ކުރާކަށް ނުޖެހޭނެއެވެ. ކޮށްލަންޖެހޭނީ ކުޑަކުޑަ ހިތްވަރެކެވެ. 

ދެން ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!    

ވަޑިއެއްގެ ވާހަކައިން ލިބޭ ޢިބްރަތް!: ޝަފީޢު ޢަބްދުﷲ  

އެއްޒަމާނެއްގައި އުޅުނު ވަރަށް މޮޅު ވަޑިއެކެވެ. މުޅި އުމުރު ވަޑާން ކުރުމުގައި އޭނަ ހޭދަކުރިއެވެ. މިގޮތުގައި ދިގު މުއްދަތެއް ފާއިތު ވުމަށް ފަހު، ޤުދުރަތީ ޤާނޫނުގައި އޮންނަ ގޮތުން މާވަޑިޔާއަށް ވެސް މުސްކުޅި ޢުމުރުގެ ހަރުފަތްތަކަށް އަރާން ޖެހުނެވެ. މުސްކުޅިކަމާ އެކު، މަސައްކަތުގައި ލިބިހުރި ތޫނުފިލިކަމުގެ މައްޗަށް ލޯބޯ ކޮށިވުމުގެ އުނިކަން މަތި ވެގެން ދިޔުމުން، މަސައްކަތާ ދުރަށް ގޮސް، ޙަޔާތުގައި ބާކީ އޮތް ދުވަސްތައް އަނބިދަރިންނާ އެކު ހޭދަކުރަން އޭނަ ނިންމިއެވެ. 

މަސައްކަތް ހުއްޓައިލުމަށް ނިންމުމަށް ފަހު، މާވަޑިޔާ މަސައްކަތް ކުރަމުން ދިޔަ ކުންފުނީގެ ވެރިޔާއަށް މި ވާހަކަ ނަންގަތެވެ. ލިބެމުން ދިޔަ މުސާރަ ދެން ނުލިބޭނެތީ އެކަމާ ދެރަވާ ކަމަށާއި، އެހެން ނަމަވެސް އުމުރުން ދުވަސްވުމުގެ ސަބަބުން، ދެން އިތުރަށް ވަޑާން ކުރުމުގެ މަސައްކަތުގައި ނޫޅެވޭނެ ކަމަށް ވެސް ނަންގަތެވެ. 

މާވަޑިޔާގެ ވާހަކަތައް އަޑު އަހާފައި، ކުންފުނީގެ ވެރިޔާ އެދިލެއްވީ، ވަޑިކަމުގެ އާލަތްތަކާއި ހަތިޔާރުތައް އަތުން ދޫކޮށްލުމުގެ ކުރީން، އަދި އެއް ގެ އަޅައިދިނުމަށެވެ. މާވަޑިޔާ އެކަމަށް އެއްބަސް ވިއެވެ. އެއީ އޭނާގެ ވެރިޔާއަށް ކޮށްދޭ އެންމެ ފަހު މަސައްކަތުގެ ގޮތުގައި ދެކިގެންނެވެ. ނަމަވެސް، ވަޑާން ކުރުމުގެ މަސައްކަތަށް އަލްވަދާއު ކިޔުމަށް ފަހު އަނބިދަރިންނާ އެކު ހަޔާތުގައި ދެން އޮތް ދުވަސްތަކުގައި އުޅެން ބޭނުންވެފައި ހުރެވުނު ލެއް ބޮޑުކަމުން، ހަވާލު ވެވުނު އެންމެ ފަހުގެ މަސައްކަތަށް އެހާ ބޮޑު އަހައްމިއްޔަތެއް ދެވޭ ގޮތެއް ނުވިއެވެ. ގެ އަޅަމުން ދިޔައީ މާވަޑިޔާގެ ހަގީގީ ފެންވަރާ ނިސްބަތް ކުރާ ނަމަ، ފަރުވާ ކުޑަ ގޮތަކަށެވެ. ގެ އެޅުމުގައި ބޭނުން ކުރަމުން ދިޔައީ އަވަހަށް އަތުޖެހުނު އެއްޗެއް ހޯދާ އުސޫލުން، ފެންވަރު ދަށް ތަކެއްޗެވެ. މާވަޑިޔާގެ މަސައްކަތުގައި އޭގެ ކުރީން ބޭނުން ނުކުރާނޭހައި ނޭކަ ތަކެއްޗެވެ. މިކަހަލަ ގޮތަކަށް ގޭގެ މަސައްކަތްކޮށް ނިންމުމަށް ފަހު، ކުންފުނީގެ ވެރިޔާއާ ގެ ހަވާލު ކޮށްފިއެވެ. 

ގޭގެ މަސައްކަތް ނިންމައި، ވެރިޔާއަށް އެކަން އެންގި ދުވަހު، ވެރިޔާ މާވަޑިޔާގެ ގާތަށް ދުރުވެ، އައު ގޭގެ ތަޅުދަނޑި މާވަޑިޔާގެ އަތަށް ދެއްވިއެވެ. އަދި ބުނުއްވިއެވެ. "މިއީ އަހުރެންގެ ގާތުގައި ދިގު މުއްދަތެއްގައި، އިޚްލާޞްތެރިކަމާ އެކު މަސައްކަތް ކުރި ކަމަށްޓަކައި، އަހަރެން ދޭ ހަދިޔާއެކެވެ."  

ދަންނާށެވެ! އިންސާނާއަކީ ވެސް މި ވާހަކައިގައި އުޅުނު މާވަޑިޔާގެ މަގާމުގައި ހުރި މީހެކެވެ. ﷲ ސުބުޙާނަހޫ ވަ ތަޢާލާ އިންސާނާ ދުނިޔެއަށް ފޮނުއްވައި، ހެޔޮ ޢަމަލުތަކާއި ހެޔޮ ދިރިއުޅުމެއްގެ "ގެއެއް" ބިނާ ކުރާން އެންގެވިއެވެ. އެ މަސައްކަތް ފުރިހަމަޔަށް ކޮށްފި ނަމަ، އެ ގޭގެ ތަޅުދަނޑި އިންސާނާގެ ކަނާއަތަށް ލިބޭނީ އުޚްރަވީ ޙަޔާތުގައި، މަޙްޝަރުގެ މައިދާނުގައި، ލިބޭނެއެވެ. އެ ތަޅުދަނޑީން ހުޅުވައިލެވޭނީ ރިވެތި އަދި ފުރިހަމަ ގަނޑުވަރެއްގެ ދޮރޯށްޓެވެ. މާބަގީޗާތަކުގެ ބުސްތާނެއްގެ ދޮރޯށްޓެވެ. ހިނގަހިނގައި ހުންނަ ފެންއާރުތަކާއި ރީތި ރާގުރާގަށް ލަވަ ކިޔާ ދޫނިތަކާއި، ހެޔޮ އެކުވެރީންގެ ސުހުބަތުން ފަޅު ފިލައިފައި ވާ ގަނޑުވަރެއްގެ ދޮރޯށްޓެވެ. އެކަމަކު، މިއަދު އިންސާނާ ބިނާ ކުރާން ޖެހޭ ގޭގެ މަސައްކަތުގައި ފަރުވާ ކުޑަ ކޮށްފި ނަމަ، އެ ދުވަހަކުން އޭނާގެ ވައަތަށް ލިބޭނީ ޖިފުޓިގަނޑަކަށް ވެސް ނުފުދޭ ފަދަ، ފަޅު، އަނދިރި، ކަނު ތަނެއްގެ ތަޅުދަނޑިއެވެ. އެތާނގައި އުފާވެރިކަމެއް، ބާއްޖަވެރިކަމެއް، އަލިކަމެއް، ލޯތްބެއް ނޯންނާނެއެވެ.

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް