އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދަރިންނަކީ ނަމާދުކުރަން ޝައުޤުވެރިވެ، ނަމާދުކުރާ ހިތުން ނަމާދުކުރާ ކުދިންނަށް ހަދަން ނިކަން މިޢިބާރާތްތަކުން ނަޞޭޙަތްދީބަލަ! ކާމިޔާބުވާނެ! އިން ޝާ ﷲ

ދަރިންނަކީ ނަމާދުކުރަން ޝައުޤުވެރިވެ، ނަމާދުކުރާ ހިތުން ނަމާދުކުރާ ކުދިންނަށް ހަދަން ނިކަން މިޢިބާރާތްތަކުން ނަޞޭޙަތްދީބަލަ! ކާމިޔާބުވާނެ! އިން ޝާ ﷲ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 34 ސިކުންތު

މިހާރަކަށް އައިސް ދަރިން ލައްވައި ނަމާދުކުރުވުމަކީ ކުރަން ފަސޭހަކަމަކަށް ނުވެއެވެ. އެހެންވެ ގަދަ ބާރުން، ނުވަތަ ބިރުދައްކައި އިންޒާރުދީގެން ކުރުވަންޖެހޭ ކަމަކަށް މިއޮންނަނީވެފައެވެ. އެޙާލަތުގައި އެކުދިން ކުރަނީ ނަމާދެއް ނޫނެވެ. މައިންބަފައިންނަށް ބިރުން ޙަރަކާތްތަކެއް ކުރަނީއެވެ. ވީމާ މިޙާލަތުން ކުދިން ސަލާމަތްކުރަން އެބަޖެހެއެވެ.  

އެކުދިންނަކީ ކުރާހިތުން ނަމާދުކުރާ ބައަކަށް ހެދުމަށްޓަކައި ފުރަތަމަ ކަމަކަށްވެސް ﷲ ތަޢާލާއަކީ ކޮބައިކަމާއި ﷲ ތަޢާލާގެ މަތިވެރިވަންތަކަމާއި ޙާޞިލްކުރަން ބޭނުންވާ ކޮންމެ ކަމެއްވެސް ޙާޞިލްކުރެވޭނީ ﷲ ތަޢާލާގެ މިންވަރުފުޅުންކަން ވިސްނައިދޭށެވެ! މޮޅުކުއްޖަކަށްވެވި ރަންވަނަތައް ލިބެން އޮތީވެސް ﷲ ތަޢާލާގެ ރަޙްމަތްފުޅުންކަން ވިސްނައިދޭށެވެ! އެކަންކަން ކުރެވޭނީ ޙިކުމަތްތެރިކަމާއިއެކުގައެވެ.  

ބުއްދިވެރި މައަކު އޭނާގެ ދަރިފުޅަށް ބުންޏެވެ. "ދަރިފުޅާއެވެ! ހެނދުނު ސްކޫލަށްގޮސް ކިޔަވަން ފެށުމުގެ ކުރިން އެސެމްބްލީ ބާވައެއް ނޫންހެއްޔެވެ؟ ހުރިހާ މުސްލިމުން އެއިގެ ކުރިން ބާއްވަންޖެހޭ އެސެމްބްލީއެއް އެބައޮތެވެ. އެއީ ފަތިސްނަމާދުކުރުމެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެން ނަމަވެސް މީހުން ކުރާ ހުރިހާ ކަންކަން ﷲ ތަޢާލާ ބައްލަވައި ވޮޑިގެންވެއެވެ. ވީމާ ފަތިސްނަމާދުނުކޮށް ސްކޫލަށްގޮސް ސްކޫލުގެ އެސެމްބްލީގައި ހުއްޓިހުރިނަމަވެސް އެހުރެވެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ކުށްވެރިވެގެންނެވެ. އެއީ ފަތިސްނަމާދުނުކުރީތީއެވެ. ކުށްވެރިވީމާ ފިލާވަޅުދަސްކުރަން ފަސޭހައެއް ނުވާނެއެވެ. ފިލާވަޅުތައް ދަސްކުރަން ފަސޭހަވާނީވެސް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމުންނެވެ. ފިލާވަޅު ދަސްނުކުރެވުނީމާ މޮޅުކުއްޖަކަށް ނުވެވޭނެ ނޫންހެއްޔެވެ؟ އެހެންވީމާ ފަތިސްނަމާދުކުރާނެ ވަޤުތު އޮއްވައި ހޭލަންވާނެއެވެ. މަންމަ ގޮވީމާ އަވަހަށް ތެދުވެ ފަތިސްނަމާދުކުރަންވާނެއެވެ."  

މިބަޔާންކުރީ އެންމެ މަންމައެއްގެ ވާހަކައެވެ. މިފަދަ ނަސޭޙަތްތައް މައިންބަފައިންގެ ޤާބިލުކަން ހުރިވަރަކުން އެކި ޢިބާރާތުން ދެވިދާނެއެވެ.  

"ދަރިފުޅާއެވެ! ކޮންމެ މުސްލިމަކަށްވެސް ލިބޭ އެންމެ ބޮޑު ފަޚުރަކީ ދުވާލަކު 5 ފަހަރު ﷲ ތަޢާލާގެ ޙަޟްރަތުގައި ހުއްޓިހުރުމެވެ. އެކަން ޙާޞިލްމިކުރެވެނީ ނަމާދުކުރުމުންނެވެ. ނަމާދުގައި އަހަރެމެން ކިޔާ ތަކެއްޗަކީ ސީދާ ﷲ ތަޢާލާ އާއި ކުރެވޭ މުޢާމަލާތުތަކެކެވެ. އަޅެ ދަރިފުޅު ﷲ ތަޢާލާ އާއި މުޢާމަލާތުކުރަން ބޭނުމެއް ނޫންހެއްޔެވެ؟"  

މިފަދަ ޢިބާރާތްތަކުން ވިސްނައި ދިނުމުން ނަމާދުކުރަން ކުދިންގެ ޝައުޤުވެރިކަން އިތުރުވެގެންދާނެއެވެ. އެއިރުން ގަދަކަމުން ނަމާދުކުރުވާކަށް ނުޖެހޭނެއެވެ. ނަމާދުކުރުމަކީ ކުދިން ކުރަން ޝައުޤުވެރިވާކަމަކަށްވާނެއެވެ. އިންޝާ ﷲ  

ﷲ ތަޢާލާގެ ވަޙީބަސްފުޅުގައިވަނީ މިފަދައިންނެވެ.  

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސްތަކާއި، ތިޔަބައިމީހުންގެ އަހުލުވެރިން، ނަރަކައިން ސަލާމަތްކުރާށެވެ! އެ ނަރަކައިގެ ދަރަކީ، މީހުންނާއި ހިލައެވެ. އެ ނަރަކައިގެ މައްޗަށް (ބަނޑޭރިންކަމުގައި) ހަރުކަށި، އަދި ގަދަފަދަ މަލާއިކަތުންވެއެވެ. ﷲ، އެބޭކަލުންނަށް ކުރައްވާ އަމުރަކަށް އެބޭކަލުން ނުއުރެދޭނެތެވެ. އަދި އެބޭކަލުންނަށް އަމުރުކުރައްވާ ކަންތައް އެބޭކަލުން ކުރައްވާނެތެވެ." (އައްތަޙްރީމް: 6) 

އަހަރެމެންގެ ދަރިން ނަރަކައިން ސަލާމަތްކުރަން ކުރަން އޮތް ފުރަތަމަ ކަމަކީވެސް ދަރިންގެ ހިތުގައި ނަމާދުކުރުމަށް ލޯބި ޖެއްސުވުމެވެ. ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ހެދުމެވެ. އެކަންކުރެވޭނީ އެންމެ ތުއްތުއިރުންސުރެ އެކަމަށް މަސައްކަތްކޮށްގެންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

 

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް