އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: ދަރިއަކު ލިބިފަވަނިކޮށް ދެމަފިރިންގެ ދެމެދަށް ވަން އަންހެނާ ނިކަމެތިވެ ޙާލުގަ ޖެހުމުން ރަނގަޅު ފިރިއަކު ހަދިޔާކޮށް އުޚުތަކަށް ހެދި އަންހެނެއްގެ ވާހަކަ-

ޢިބްރަތްތެރި ވާހަކަ: ދަރިއަކު ލިބިފަވަނިކޮށް ދެމަފިރިންގެ ދެމެދަށް ވަން އަންހެނާ ނިކަމެތިވެ ޙާލުގަ ޖެހުމުން ރަނގަޅު ފިރިއަކު ހަދިޔާކޮށް އުޚުތަކަށް ހެދި އަންހެނެއްގެ ވާހަކަ-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 6 މިނެޓް, 15 ސިކުންތު

ތިރީގައިވާ ވާހަކައަށް ބުނެވެން އޮތީ މިއީ މިޒަމާނުގައި ހަމަ ހާހަކުން ފަހަރަކު ނޫނީ ހިނގާނެ ކަމެއްކަމަށް ޤަބޫލުނުކުރެވޭ ހާދިސާއެއްގެ ވާހަކަ ކަމަށެވެ. ދަރިއަކު ލިބުނު ފަހުން ކައިވެނި ރޫޅެން މެދުވެރިވީ އޭނާއެވެ. ގޭގައި ގެންގުޅޭ އަންހެނެއްގެ ނަމުގައި ގެއަށް އައިސް ފިރިމީހާއާއި ގުޅިގެން އުޅެ އެމަންޒަރުވެސް ލޮލަށް ދެއްކިއެވެ. 

އެފަދަ އަނިޔާއެއް ދިން އަންހެނަކު ނިކަމެތިވެ ޙާލުގައި ޖެހުމުން އޭނާއަށް އެހީތެރިވެ ކައިވެނިކުރާނެ ބައިވެރިއަކުވެސް ހޯދައިދިނުމުގެ ހިތްވަރު ލިބިގަނެވޭނީ ހަމަ ހާހަކުން އަންހެނަކަށެވެ. 

އޭނާގެ ހިތްވަރަށް ރަންމެޑެލްދެމުންވެސް ބުނެލަން އޮތީ ދެމަފިރިންގެ ދެމެދަށް ވަންނަ އަންހެނުންނަށް މިއީ ވަރަށް ޢިބްރަތްތެރި ވާހަކައެއް ކަމަށެވެ. ވާހަކަ ވިދާޅުވެލެއްވުމުން ޔަޤީންކުރެއްވޭނެއެވެ. 

ރަށު ސްކޫލްގައި ކިޔަވައިދެނީ ގްރޭޑް 10 އާއި ހަމައަށެވެ. އެހެންވެ އަޅުގަނޑު 10 ނިންމުމުން މަތީ ތައުލީމް ދިނުމުގެ ބޭނުމުގައި އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު މާލެ ގެނެސް ކުދިން ބައިތިއްބާ ގެއެއްގައި ބަހައްޓައިގެން ކިޔަވައިދިނެވެ. ފުރަތަމަ ޑިގްރީ އާއި ހަމައަށް ކިޔަވައިދިނީ މައިންބަފައިންނެވެ. 

އެހިސާބުން ވަޒީފާއެއް ހޯދައިގެން މަސައްކަތްކުރަންފެށީމެވެ. އަދި ކިޔެވުމުގެ ކަންކަން ލިބޭ އާމްދަނީން ކުރިއަށް ގެންދަން ފެށީމެވެ. އަޅުގަނޑަށް ވަޒީފާއަދާކުރަންޖެހުނީ ޒުވާނެއްގެ ދަށުންނެވެ. އެހެންކަމުން މަސައްކަތް ކުރުމުގެތެރެއިން އުފެދުނު ގުޅުމުގެ ތެރެއިން ދެމީހުންގެ ހިތުގައި ލޯބި އުފެދި ކައިވެނިކުރީއެވެ. 

ކައިވެންޏަށް ދެވަނަ އަހަރު ދަރިއަކު ލިބުނެވެ. ދަރިފުޅަށް ބަލިވެއިނީންސުރެ އުޅެންޖެހުނީ ބަލިވެއެވެ. އަދި ވިހެއުމަށްފަހުވެސް އުޅެންޖެހުނީ ބަލިވެއެވެ. އެހެންވެ ޑައަޓެއްވެސް ކަސަރަތެއްވެސް ނުކުރެވެއެވެ. އެގޮތަށް ދިމާވުމުން ފަލަވެ ހަށިގަނޑަށް ބަދަލުތަކެއް އައެވެ. 

އެއްދުވަހަކު ފިރިމީހާ ވަރަށް ލޯބިން ބުންޏެވެ. "ތިއަހާވަރަށް ބަލިވެއުޅެންޖެހޭތީ ދަރިފުޅު ބަލާނެ އަންހެނަކު ގެންނަން އެބަވިސްނަމެވެ. އެކަމަށް ޤަބޫލުހެއްޔެވެ؟" ޖަވާބުގައި އަޅުގަނޑު ބުނީމެވެ. "ދުނިޔޭގައި އުޅެން ލިބޭ މަދު ދުވަސްކޮޅުގައި ދާނީ ގަދަ ދުވަހާއި ބަލި ދުވަހެވެ. އެންމެ ރަނގަޅު ގޮތަކަށްވާނީ ދަރިފުޅުގެ ކަންކަން އަމިއްލައަށް ކުރުމެވެ. މިޙާލުގައިވެސް އުޅެވޭނަމަ ދަރިފުޅުގެ ކަންކަން ކުރަންބޭނުމީ އަމިއްލައަށެވެ." 

ނަމަވެސް ފިރިމީހާ އެގޮތް ޤަބޫލެއް ނުކުރިއެވެ. ކައްކައި ގޭތެރެ ސާފުކުރުން ފަދަ ކަންކަންވެސް އެމީހާ ލައްވައި ކުރުވާނީކަމަށްބުނެ އަންހެނަކު ގެއަށް ގެނެސްފިއެވެ. އަޅުގަނޑާއި ދާދި އެއް އުމުރުގެ ޒުވާން އަންހެން ކުއްޖެކެވެ. ދެކޮޅު ހަދަން ވަރަށް ބޮޑަށް ބޭނުންވިއެވެ. ނަމަވެސް ދެކޮޅު ހަދައިގެން ލިބޭނެ ކުރިއެރުމެއް ނޯންނާނެތީ ކެތްތެރިވީމެވެ. 

ބަރާބަރު 3 މަސްފަހެވެ. ދަރިފުޅުގޮވައިގެން ތިރީބައިގާ އުޅުމަށްފަހު މައްޗަށް އަރައި ކޮޓަރިއަށް ވަންއިރު ދެމީހުން ތިބީ އަހަރެމެން ނިދާ އެނދުގައި އޮށޯވެލައިގެންނެވެ. އަޅުގަނޑު ބުނީމެވެ. "ދެން ރަނގަޅުވާނީ އަޅުގަނޑު މިގެއިން ދިއުމެވެ. ހިތްހަމަޖެހިގެން ދިރިއުޅެވޭތޯ ބަލާށެވެ!" ފިރިމީހާ ބުނީ "އެކަމަށް ގޮތެއް ނިންމުމަކީ އަޅުގަނޑުގެ ކަމެއް ކަމަށެވެ." 

ހަމަ އެދުވަހު މެންދުރު ފުރި ފެރީލޯންޗަކަށް އަރައިގެން އަޅުގަނޑު ރަށަށް އައީއެވެ. ދަރިފުޅުވެސް ގޮވައިގެންނެވެ. ރަށުގެ ސްކޫލުން ވަޒީފާވެސް ލިބުނެވެ. ވީމާ ފިރިމީހާ އަޅާނުލިނަމަވެސް ދަރިފުޅު ގޮވައިގެން އުޅުމަކީ އުނދަގޫކަމަކަށް ނުވިއެވެ. އަދި ސްކޫލުން ބައްދަލުވި ޓީޗަރަކު އަޅުގަނޑާއި ކައިވެނިކުރަން ހުށަހެޅުމުން އެކަން ޤަބޫލުކޮށް ކައިވެނިކުރީއެވެ. 

އެއިގެ 3 އަހަރުފަހެވެ. ފިރިމީހާގެ ފައިގަ ގަނޑެއްލައިގެން އޮޕަރޭޝޝަންކުރަން އުނގޫފާރަށް ދިއަ ދުވަހެވެ. ހޮސްޕިޓަލުން ފެނުނީ ދޮޅު އަހަރުވަރުގެ ކުޑަކުއްޖެއް ގޮވައިގެން އެ (އަޅުގަނޑުގެ ދިރިއުޅުން ހަލާކުކޮށްލި) އަންހެން މީހާ އުޅޭތަނެވެ. އަޅުގަނޑުގެ ދަރިފުޅާ ވަރަށް ވައްތަރެވެ. އެހެންވެ ގާތަށް ގޮސް ދަރިފުޅު ގާތު "މިހުރީ ކޮއްކޮ" ކަމަށްބުނީމެވެ. 

އެއަންހެން މީހާ ފެށީ ރޯށެވެ! "އަހަރެންނަށް މާފުކުރާށެވެ! އަހަރެންނަށް ކުރެވުނީ ވަރަށް ބޮޑު ކުށެއްކަން މިއަދު ޤަބޫލުކުރަމެވެ. އަހަރެންނަށްވެސް ދަރިއަކު ލިބުމުން ކަންތައްކުރީ ހަމަ ކަލެއާއިމެދުގައިވެސް ކަންތައް ކުރިގޮތަށެވެ. ތަފާތަކީ ކަލޭ ގެއިން ނުކުމެގެން އައީ އަމިއްލައަށް ކަމަށްވެފައި ދަރިފުޅާއިއެކު އަހަރެން ގެއިން ނެރެލީ ކޮއްޕައިކަމެވެ. ތިއަރަށުގެ މީހުންގެ ކިބައިން ކަލެއަކީ މިހާރު ޓީޗަރެއް ކަމާއި އުޅެނީ ތަނަވަހުގައިކަން އޮތީ އެނގިފައެވެ. އަހަރެން މިހިރީ ކިޔަވައިގެން ނޫންވީމަ އަހަރެންނަށް އުޅެންޖެހިފައިވަނީ ވަރަށް ދަތިޙާލުގައެވެ." 

އަޅުގަނޑު ބުނީމެވެ. "ވީކަމެއް ނުވާކަމަކަށް ނުހެދޭނެއެވެ. ތިބާއަށް މާފުކޮށްފީމެވެ. އުފަލުގައި ދުނިޔޭގައި އުޅެވޭނެ ކަމަށް ބަލައިގެން އެހެން މީހުންގެ ދިރިއުޅުމަށް ހުރަސްއަޅާ ގިނަ މީހުންނަށް ކުރިމަތިވަނީ ތިއަފަދަ ގޮތެކެވެ. ދެންވެސް އެކަމަށް ބަލައިގެން އުޅެވޭތޯ ބެލުން ރަނގަޅުވާނެއެވެ." 

އެހެންބުނެފައި 1000 ރުފިޔާ ދަރިފުޅު އަތައްދީގެން އެނާގެ ކޮއްކައަތަށް ލައްވައިދިނީމެވެ. އަދި އަހަރެމެންގެ ރަށަށް ދިއަނަމަ ބައްދަލުކުރަންވެސް ބުނީމެވެ. ފޯނު ނަމްބަރުވެސް ދިނީމެވެ. 

ދުވަސްކޮޅެއްފަހުން ގުޅާފައި ބުނީ ދަރިން ތިބިނަމަވެސް އުމުރުން ދުވަސްވެފައިހުރިނަމަވެސް އޭނާ އާއި ކއަިވެނިކުރާނެ މީހަކު ފެނިއްޖެނަމަ އަންގާލަދިނުމަށެވެ. އަޅުގަނޑު އޭނާ އާއި ހަމަ އެއް އުމުރުގެ ޒުވާނަކުވެސް ހޯދައިދިނީމެވެ. ކައިވެނިކޮށްގެން މިހާރު އުޅެނީ އަޅުގަނޑުމެންގެ ރަށުގައެވެ. ދެމީހުން މިއުޅެނީ އުޚުތުން ފަދައިންނެވެ. 

މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ހަމަ ކުރިންވެސް ބުނިވާހަކައެވެ. ދެމަފިރިންގެ ދެމެދަށްވަދެ ދިރިއުޅުން ހަލާކުނުކުރާށެވެ. ގިން ފަހަރު އެކަން ދުނިޔޭގައިވެސް ވަރަށް ހިތިކޮށް ބައްދަލުކުރެއެވެ. ތަނަވަސްކަމަށް އުންމީދުކޮށްގެން މީހެއްގެ ފިރިއެއް އަތުލައި ނުގަތް ނަމަވެސް ތަނަވަސް ދިރިއުޅުންވެސް ދެއްވަވާނެއެވެ. އިން ޝާ ﷲ 

- ޢަޒީޒާ ޝަފީޤް / މިއަދުނޫހުގެ ކިޔުންތެރިއެއް

 

 

 

 

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް