އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 13 ސިކުންތު
ފަލަސްތީނަށް ވެރިވެގަނެގެން އުޅޭ ޔަހޫދީން ރަފަޙްގައި ހިންގަމުންދާ ލާ އިންސާނީ އަމަލުތަކާއި ދެކޮޅަށް ބައިނަލްއަޤްވާމީ މުޖްތަމަޢު މަޑު އޮވެގެން ނުވާނެކަމަށާއި، މިއީ އިޒްރޭލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސް (އައިސީޖޭ) އިން ފިޔަވަޅު އަޅަންވީ ވަގުތު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަމާގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާރު ޣައްޒާގައި، އަދި ހާއްސަކޮށް ރަފާގައި ފެންނަމުންދާ މަންޒަރަކީ މަރުތައް އިތުރުވެ، ގިނަ ބަޔަކު ގެދޮރު ދޫކޮށްދާ މަންޒަރު ކަމަށާއި އެ މަންޒަރު ބަލަން ބައިނަލްއަގްވާމީ މުޖުތަމައު ހިމޭނުން ނުތިބޭނެ ކަމަށެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހައްދު ފަހަނަ އަޅާފައިވާ ޔަހޫދީން ހިންގާ ލާއިންސާނީ ޖަރީމާތައް ހުއްޓާލާއި، ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވާންޖެހޭކަމަށެވެ. އަދި އެކަމާއި ދެކޮޅަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއިން މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ދެކުނު އެފްރިކާއިން ބައިނަލްއަގްވާމީ ޖިނާއީ ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެކަމަށެވެ.
ރާއްޖެ އާއި ދިވެހިން އަބަދުވެސް ދެމި ތިބޭނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކަމަށާއި 1967 ވަނަ އަހަރުގެ ބޯޑަރާ އެއްގޮތަށް މިނިވަން ދައުލަތެއް ހޯދުމަށް ފަލަސްތީނުގެ ރައްޔިތުންގެ ކުރަމުންދާ މަސައްކަތުގައި ފުރިހަމައަށް ރާއްޖޭން އެއްބާރުލުން ދޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ
Advertisement
13 މެއި 2024