އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 58 ސިކުންތު
ޒަވާޖީ ޙަޔާތަކީ އެންމެންނަށް އެއްގޮތަކަށް ކަންކަން މެދުވެރިޔާ ކަމެއް ނޫނެވެ. އެކިމީހުންނަށް މެދުވެރިވާނީ އެކިގޮތަށެވެ. ކޮންމެ މީހަކަށްވެސް އެނގޭނީ އެމީހަކަށް ކުރަން ޖެހޭ ތަޖުރިބާތަކެވެ. އެކަމަކުން އެމީހަކަށް މެދުވެރިވި ކަންކަމެވެ.
ތިރީގައިވާ ވާހައިގައިވާ ނީޢްމާގެ ޙަޔާތުގެ ކަންކަމަކީވެސް މިބާވަތުގެ މައްސަލަތައް ޙައްލުކުރަން ދެމަފިރިންވެސް ޢަމަލުކުރަން ވަރަށް ރަނގަޅު ގޮތެއްކަން ފާހަގަކުރެވެއެވެ. ވާހަކަ ވިދާޅުވެލައްވާށެވެ!
އަޅުގަނޑުމެންގެ ކައިވެންޏަށް 7 އަހަރުފުރުނުއިރު 4 ދަރިން ވަނީ ލިބިފައެވެ. ފިރިމީހާ އަބަދުހެން އުޅެނީ މަސައްކަތުގައެވެ. ދަރިންކޮޅު ބަލަމުން ގޭގެ ހުރިހާ މަސައްކަތެއް އެކަނި ކުރަން ޖެހުމުން އަމިއްލަ ހަށިގަނޑާއިމެދު ވަރަށް ބޮޑަށް ފަރުވާކުޑަކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން ފަލަވެސްވިއެވެ.
ހަމައެއާއިއެކު ފިރިމީހާ ގެއަށް އައުމުން، ޚާއްޞަކޮށް ރޭގަނޑު ދަންވަރު ގެއަށް އައުމުން ދޭންޖެހޭ ސަމާލުކަންވެސް ކުޑަކުރެވުނެވެ. ވަރުބަލިވެގެން ނިދޭތީއެވެ. އެކަން ފިރިމީހާއަށްވީ ވަރަށް ބޮޑު ކަމަކަށެވެ.
އަޅުގަނޑު ކުރަންޖެހޭ މަސައްކަތަށް ވިސްނަން ބޭނުމެއް ނުވިއެވެ. ވާނެ ވަރުބައްޔާއިމެދު ހަމްދަރުދީވުމެއް ނެތެވެ. އެންމެ ފަހުން ބޭނުންވީ ޞުލްޙައިގައި ވަރިކުރަންކަމަށް ބުންޏެވެ. "ތިބާ މިހާރު އެއްވެސް ވަރަކަށް އަހަރެންނާ އަޅައެއް ނުލާ. އެހެންވެ އަހަރެންނާ އަޅައިލާނެ އަހަރެންދެކެ ވަރަށް ލޯބިވާ އަންހެނަކު ހޯދައިފިން."
އެކަމަށް އަޅުގަނޑުގެ ފަރާތުން ޝަރުޠެއް ހުށަހެޅީމެވެ. އެއީ އެންމެ 1 މަސްދުވަހަށް އަޅުގަނޑު އެކަނި ރަށަށް ފޮނުވައިދިނުމަށެވެ. މަސްދުވަސްވުމުގެ ކުރިން އެނބުރި އައިސް ވަރިވެ، ކުދިން ގޮވައިގެން އެނބުރި ރަށަށްދާނެ ކަމަށްވެސް ބުނީމެވެ.
ފިރިމީހާ ބުނީ ވަޒީފާއަދާކުރަންޖެހޭ ކަމަށެވެ. އަޅުގަނޑު އެދުނީ ޗުއްޓީ ނެގުމަށެވެ. "ދަރިން ލިބެންފެށިތާ މިވީ 6 އަހަރު. 6 އަހަރު ވަންދެން ދަރިން މިބެލީ އެކަނި. ތިބާގެ އެއްވެސް އެހީތެރިކަމެއް ނެތި. ވީމާ ވަރިވުމުގެ ކުރިން އެންމެ އެއްމަސްދުވަހު ކުދިން ބަލައިލަން ތިއަ ދެކޮޅު ހަދަނީ ކީއްވެ؟"ތޯ ސުވާލުކުރުމުން ފިރިމީހާ އެކަމަށް އެއްބަސްވިއެވެ.
އަޅުގަނޑު ދެލޯމަރާލާފައި ފުރައިގެން އައީ ރަށަށެވެ. އަޅުގަނޑު ނިޞްބަތްވާ ފުވައްމުލަކަށެވެ. ރަށުގައި ހުރެ ދެއިރު ހިނގާލަންގޮސް ހެދުމަށްފަހު މަސްދުވަސް ހަމަވުމުގެ 1 ދުވަސްކުރިން މާލެގޮސް ގެއަށް ދިއައީމެވެ. ބެލްޖަހައިލުމުން ދޮރުހުޅުވީ ފިރިމީހާއެވެ. އެއިރު އުރުގައި އިން އެންމެ ކުޑަދަރިފުޅު ސޯފާގައި ބައިންދާފައި އައިސް އަޅުގަނޑުގެ ގައިގާ ބައްދައިގަތެވެ.
ފުރަތަމަވެސް ކުރި ސުވާލަކީ ތިއައައީ ކައިވެނިކުރާނެ މީހަކު ހަމަޖައްސާފައިތޯއެވެ؟ ޖަވާބުގައި ބުނީމެވެ. އެކަމަށް ވިސްނާނީ ޢިއްދަ ހަމަވީމައެވެ.
ފިރިމީހާ ވާހަކަދައްކަން ފެށިއެވެ. "ކުރެވުނީ ވަރަށް މޮޔަ ޚިޔާލެކެވެ. ދުވަހަކުވެސް ވަރިއެއް ނުކުރާނަމެވެ. އަހަރެން ދިރިއުޅެން މިކުރި މަސައްކަތް އެއީ ވަރަށް ބުރަކަމެއްކަމަށް ކުރިން ޤަބޫލުކުރެވިފައި އޮތްނަމަވެސް އެއީ ރަނގަޅު ވިސްނުމެއް ނޫންކަން ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ޙަޤީޤަތުގައި މަސްދުވަހު އަހަރެން މިކުރާ މަސައްކަތާއި އެންމެ ދުވަހަކު 4 ދަރިން ބެލުމާއި ނުބައްދަލުކަން ޤަބޫލުކުރެވިއްޖެއެވެ."
އަޅުގަނޑު ބުނީމެވެ. "އެކަމަކު ދެން ކަންކަން ބަދަލުކުރަންވާނެއެވެ! އޮފީހުން އައިސް އަހަރެންނަށް އެހީތެރިވާންވާނެއެވެ. ހެނދުނު ކަސްރަތަށް ހިނގަން ތިބާދާށެވެ. އަހަރެން ހަވީރުދާނަމެވެ. ބޭނުންނަނަމަ އަހަރެންވެސް ފަތިހު ހިނގައިދާނަމެވެ. ތިބާއަށް ފަސޭހަ ގޮތެކެވެ."
އެކަންކަމަށް އެއްބަސްވެ އެކުގައި ދިރިއުޅެން ފެށިފަހުން ދެމީހުންގެ މެދުގައި އެއްވެސް މައްސަލައެއް ނުޖެހެއެވެ. މިހާރު ވަނީ އިތުރު 3 ކުދިންވެސް ލިބިފައެވެ. ދެމީހުން ގުޅިގެން މަސައްކަތްކުރަން ފެށުމުން (ކުދިންގެ ކަންކަން ކުރަން ފެށުމުން) 7 ކުދިން ގެންގުޅެންވެސް ބޮޑުކަމަކަށް ނުވިއެވެ.
ލިބެން އުޅޭ އެންމެ އުފާވެރި ޚަބަރަކީ ޖަނަވަރީ 1 ގައި ފުރަތަމަ ފަހަރަށް މާމަ/ކާފައިންނަށް ވާނެ ކަމުގެ އުންމީދެވެ.
މިއަދުނޫހުގެ ކިޔުންތެރިންނަށް ބުނެލަން އޮތީ ދިރިއުޅުމުގައި ކަންކަން މިހާރު ކުރިމަތިވަމުން މިއަންނަ ގޮތުން ދަރިއަކު ހޯދުމުގެ ކުރިން ލިޔެ ސޮއިކުރަންޖެހޭ އެއްބަސްވުމެއް އެބައޮތެވެ. އެއީ ދަރިފުޅު ބެލުން ދެމަފިރިން އެކުގައި ޙިއްޞާކުރާނެ ކަމުގެ އެއްބަސްވުމެވެ. ފިރިން މަހަށްގޮސް ދުވާލު ހަތަރުދަމު ކަނޑުމަތީގައި އުޅެފައި މަހުން އައިސް ވަރުބަލިވެގެން ނިދާހެން، އެއާކޯންކުރި އޮފީހުގައި އިނދެލާފައި ގެއަށް އައިސް ދަރިން ބެލުމުގެ ކަންކަން ނުކޮށް ދޫކޮށްލައި ބޭނުންހައި އެހެން ކަންކަމަށް ވަގުތު ހޭދަކުރަން ފުރުޞަތުދީގެން ދެކޮޅު ޖެއްސޭކަށް ނެތެވެ. ލުއިކޮށްދިން ވަރަކަށް އިތުރުކުރަނީ އަނިޔާވެރިކަމެވެ. ވަގުތު ހޭދަކުރަނީ ލޯބިވެރިން ހޯދާށެވެ.
- ނިޢްމާ / މިއަދުނޫހުގެ ކިޔުންތެރިއެއް
Advertisement
15 މެއި 2024