އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 6 ސިކުންތު
މިއަދަކީ ދިވެހިރާއްޖޭގެ ތާރީޚުގައި މިހާތަނަށް، ފަލަސްޠީނުގެ ރައްޔިތުންނަށް އެންމެ ބޮޑު އެހީއެއް ދިވެހި ރައްޔިތުންގެ ފަރާތުން ވެދެއްވާ ދުވަސްކަމުގައި ހެއްދެވުމަށާއި، މިއަދު މި އެއްކުރެވޭ ފައިސާއިން މާނަހުރި ބަދަލެއް ފަލަސްޠީނުގެ ރައްޔިތުންގެ ދިރިއުޅުމަށް ގެނެސްދެވޭނެކަމަށް އުންމީދުކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި ޤައުމީ ފެންވަރުގައި ބާއްވާ ޚާއްޞަ ޓެލެތޯން 'ފަލަސްޠީނާއެކު ދިވެހީން' ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިހާރު ކުރިއަށްވުރެ ބޮޑަށް ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާކަމުގައެވެ. އެގޮތުން މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ޙައްޤެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްޠީނުގެ ރައްޔިތުންނަށްޓަކައި ކޮންދެވެން އޮތް ހުރިހާ މަސައްކަތަކާއި ހުރިހާ ކަމެއް ކޮށްދިނުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ. ހަމައެއާއެކު "މިއީ ދީލަތިކަމުގައި އިންތިހާއަށް ދާންޖެހޭކަމެއް" ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ ދިވެހި ރައްޔިތުން ތިބީ ފަލަސްޠީނުގެ ރައްޔިތުންނާއެކުގައިކަން ވަރަށް ފުރިހަމައަށް މިއަދު ސާބިތުކޮށްދެއްވާނެކަމާމެދު އެމަނިކުފާނު އެއްވެސް ޝައްކެއްނުކުރައްވާކަމުގައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުންނަށް އަބަދުވެސް އެހީތެރިވަމުން ދިއުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އިލްތިމާސް ކުރެއްވިއެވެ.
Advertisement
12 ޖޫން 2024