އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 3 ސިކުންތު
ހުޅުމާލޭގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ޙައްލެއް ހޯދުމަށްޓަކައި 15 ޕާކިން ޢިމާރާތް ތަރައްޤީކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުވާލައިފައެވެ.
މިކަމާ ގުޅޭގޮތުން އެޗްޑީސީން މަޢުލޫމާތު ދެއްވަމުން ވިދާޅުވީ، މި ޕާކިން ބިލްޑިންގތަކަކީ ހުޅުމާލޭގައި އޮތް ޕާކިންގ މައްސަލައަށް ޙައްލު ހޯދުމަށާއި، އުޅަނދުތައް ރައްކާތެރިކޮށް ޕާކުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރިއަށްގެންދާ މަޝްރޫޢުއެއް ކަމަށެވެ.
އެޗްޑީސީން އިތުރަށް ވިދާޅުވީ، މި ޕާކިން ޢިމާރާތްތަކުގައި ވިޔަފާރި އުސޫލުން ދޫކުރާ ޔުނިޓުތައްވެސް ހިމެނޭނެ ކަމަށާއި، އެހެނިހެން މޮޑެލްތަކަށްވެސް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ނަމަވެސް މަޝްރޫޢު ދޫކުރުމުގައި އިސްކަންދޭނީ އިންޖިނިއަރިންގ، ޕްރޮކިއުމަންޓް، ކޮންސްޓްރަކްޝަން އަދި ފައިނޭންސް މޮޑެލަށް ކަމަށް އެޗްޑީސީން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެއް ފަރާތަށްވުރެ ގިނަ ފަރާތުން ޝައުޤުވެރިކަން ފާޅުކޮށްފައިވާނަމަ މަޝްރޫޢު ދިނުމުގައި އިސްކަންދޭނީ އެންމެ ރަނގަޅު ޕްރޮޕޯސަލް ބެލުމަށްފަހު ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.
މި މަޝްރޫޢަށް ކުރިމަތިލުމުގެ ފުރުސަތު ސެޕްޓެމްބަރު މަހުގެ 16 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ދިމާވެފައިވާ ޕާކިންގ މައްސަލައަށް ޙައްލެއް ލިބި، އުޅަނދުތައް ރައްކާތެރިކަމާއެކު ބޭއްވޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް ބެލެވެއެވެ.
Advertisement
30 އޮގަސްޓް 2024