އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޢިބްރަތްތެރި ވާހަކަ: "އަނބިމީހާ އިޚްލާޞްތެރިކަމާއިއެކު ލޯބިން ފިރިމީހާ އާއިއެކު އުޅެނިކޮށް ޚިޔާނާތްތެރިވާ ފިރިންނަށް މާފުކުރުމަކީ ދުވަހަކުވެސް ކޮށްނިމޭނެ ކަމެއް ނޫން!

ޢިބްރަތްތެރި ވާހަކަ: "އަނބިމީހާ އިޚްލާޞްތެރިކަމާއިއެކު ލޯބިން ފިރިމީހާ އާއިއެކު އުޅެނިކޮށް ޚިޔާނާތްތެރިވާ ފިރިންނަށް މާފުކުރުމަކީ ދުވަހަކުވެސް ކޮށްނިމޭނެ ކަމެއް ނޫން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 5 މިނެޓް, 21 ސިކުންތު

އަޅުގަނޑަކީވެސް އަދި ފިރިމީހާއަކީވެސް ކިޔަވައިގެން ތިބި ހޭލުންތެރި ދެމީހުންނެވެ. އަޅުގަނޑުމެން ކައިވެނިކޮށްގެން ދެމަފިރިންވެސް ވަޒީފާއަދާކުރީ އަޅުގަނޑުގެ ބައްޕަގެ ގާތުގައެވެ. އަޅުގަނޑުގެ ބައްޕައަކީ ހުރިހާ ދަރިންވެސް އަމިއްލަ މަސައްކަތުން ދިރިއުޅުން ކުރިއަރުވަން ވަރަށް ބޮޑަށް ބާރުއަޅުއްވާ ބޭކަލެކެވެ.  

އެހެންވެ ކައިވެނީގެ 3 ވަނަ އަހަރު ކުޑަ ކެޕިޓަލެއް ދެއްވާފައި ބުނުއްވީ ދެމަފިރިންގެ ނަމުގައި ކުންފުންޏެއް އުފައްދައިގެން އަމިއްލައަށް ވިޔަފާރި ކުރުމަށެވެ. އެކަމަކު ފިރިމީހާއަށް ދޭ ޙިއްޞާ އޮންނަންވާނީ ދަރިފުޅަށް އަނބުރާ ދައްކަން ޖެހޭ ދަރަންޏެއްގެ ގޮތުގައެވެ. އޭނާއަށް ޖެހޭނީ މަސައްކަތުން ފައިދާ ހޯދައިގެން ދަރިފުޅުގެ އަތުން ޙިއްޞާ އަނބުރާ ގަންނާށެވެ.  

ބައްޕަ އެހެން ބުނުއްވުމުން ވަރަށް ޙައިރާންވެސްވިއެވެ. ނަމަވެސް ބައްޕަ އެހެން ބުނުއްވާނީ އެކަމުގައި ކޮންމެވެސް ޙިކުމަތެއް އޮތުމުން ކަމަށް ޤަބޫލުކުރެވޭތީ އެއްވެސް ސުވާލެއް ނުކޮށް ދެމީހުންގެ ޙިއްޞާ އެއްވަރުވާ ގޮތަށް ކުންފުންޏެއް އުފައްދައިގެން މަސައްކަތްފެށީއެވެ. ބައްޕަ ބުނުއްވި ފަދައިން ފިރިމީހާގެ ޙިއްޞާ ބޭއްވީ އޭނާއަދާކުރަންޖެހޭ ދަރަންޏެއްގެ ގޮތުގައެވެ.  

ފުރަތަމަ ދަރިފުޅު ލިބުމުން އަޅުގަނޑު ކުންފުނީގައި ޢަމަލީގޮތުން މަސައްކަތެއް ނުކުރަމެވެ. ކުންފުނި ހިންގުން ފިރިމީހާގެ އަތްމައްޗަށް ދޫކޮށްލީއެވެ. އޭނާގެ ދަށުން މަސައްކަތްކުރަން އޭނާގެ ކޮއްކޮއަކާއި އަޅުގަނޑުގެ ދެބެންގެ ދެދަރި ކޮއްކޮއަކުވެސް ހަމަޖެއްސީމެވެ.  

އެއިގެ އަހަރެއްހައި ދުވަސްފަހުން އަޅުގަނޑަށް އެނގުނީ ފިރިމީހާ ލޯބިވެރިއަކު ގެންގުޅޭކަމެވެ. އެކަން އެނގުމުން އެކަން ހުއްޓާލަން ނޫނީ އަޅުގަނޑު ދޫކޮށްލަން އެދުމުން ފިރިމީހާ ބުނީ އެއީ އެހެން ކުރިކަމެއް ނޫންކަމަށާއި މިހާރުވެސް އެކަން ހުއްޓާލައިފިން ކަމަށެވެ. އެހެންވެ އިތުރަށް ޝަކުވާއެއް ނުކުރަމެވެ.  

އެއިގެ ދުވަސްކޮޅެއް ފަހުން އެނގުނީ އެ އަންހެންކުއްޖާ ފިރިމީހާ އާއިއެކު ކުންފުނީގައި މަސައްކަތްކުރާކަމެވެ. އެކަމަށް ޤަބޫލުނުވެވިގެން އެއްދުވަހު އޮފީހަށް ގޮސް ކަންކަން އަމިއްލައަށް ބެލުމަށްފަހު އޭނާ ވަޒީފާއިން ވަކިކުރަން ފިރިމީހާގެ ގާތުގައި ބުނުމުން ބުނީ އޭނާ އާއި އެއްވެސް ގުޅުމެއް މިހާރު ނެތްކަމަށާއި އެއީ ވަރަށް ރަނގަޅަށް މަސައްކަތްކުރާ މުވައްޒިފެއް ކަމަށެވެ.  

އެހެންކަމަށްވީނަމަވެސް އަޅުގަނޑުގެ ޙިއްޞާ އޮތް ކުންފުންޏެއްގައި އޭނާ ގެންގުޅެން ބޭނުން ނުވާ ކަމަށް ބުނުމުންވެސް ވަޒީފާއިން ވަކިކުރަން އެއްބަހެއް ނުވިއެވެ. ފިރިމީހާ އެކަމަށް އެއްބަސްނުވުމުން ގޮސް އޭނާގެ ކޮއްކޮ އާއި އަޅުގަނޑުގެ ކޮއްކޮގެ ގާތުގައި އެވާހަކަ ދެއްކުމުންވެސް އެއްވެސް ޖަވާބެއް ނުދީ މަޑުން ތިބީއެވެ.  

އެހިސާބުން އަޅުގަނޑު އެނބުރި ދިއައީ މިކަމުގައި ފޮރުވިފައިވާ ސިއްރު ހޯދަން ޢަޒުމް ކަނޑައަޅައިގެންނެވެ. ގެއަށް ގޮސް އަޅުގަނޑަށް އިތުބާރުކުރެވޭ 2 މުވައްޒިފަކަށް ގުޅައި އެއަންހެންކުއްޖާގެ ޢަމަލުތަކަށް ފާރަވެރިވާން ބުނީމެވެ.

އެއިގެ މަހެއްހައި ދުވަސްފަހުން އެނގުނީ އެ އަންހެންކުއްޖާ އަޅުގަނޑުގެ ފިރިމީހާގެ އިތުރުން ދެކޮއްކޮ އާއިވެސް ލޯބީގެ ގުޅުން ހިންގާ ކަމެވެ. އެކަމަކު އެކަން އޮންނަނީ ވަރަށް ބޮޑަށް ސިއްރުކުރެވި އަނެކާއަށް ޝައްކުވެސް ނުކުރެވޭނެ ގޮތަށް ކަންކަން އިންތިޒާމުކޮށްފައި ކަމެވެ. އެކަމުގެ ހެކިވެސް އަޅުގަނޑަށް ފޮނުވައިދިނެވެ.  

ހެކިތައް ލިބުމުން އެއްދުވަހު އޮފީހަށް ގޮސް ފިރިމީހާ އާއި ދެކޮއްކޮއާއި އޭނާވެސް ބައިވެރިކޮށްގެން މީޓިންގއެއް ބޭއްވީމެވެ. އަދި ހުރިހާ ހެކިތަކެއް ދައްކާފައި ބުނީމެވެ. "މިވަގުތުން ފެށިގެން 3 މީހުންވެސް ވަޒީފާއިން ވަކިކުރީއެވެ. ގެއަށްދާށެވެ. ފިރިމީހާ ދާނީ އޭނާގެ ގެއަށެވެ. އަހަރެންގެ ގެއަކަށް ނޫނެވެ."  

ފިރިމީހާ ބުނީ އޭނާއަކީ ކުންފުނީގައި އަޅުގަނޑާއި އެއްވަރުގެ ޙިއްޞާދާރެއް ކަމަށާއި ވަޒީފާއިން ވަކިނުކުރެވޭނެ ކަމަށެވެ. ޖަވާބުގައި ބުނީމެވެ. "ކަލޭގެ ޙިއްޞާއަކީ ދަރަންޏެކެވެ. އެފައިސާ ހިފައިގެން އައުމުން ކަލޭގެ ޙިއްޞާ ކަލެއަށް ދޭނަމެވެ. އަޅުގަނޑަށް ނުވިސްނުނު ނަމަވެސް ބައްޕަ އެގޮތަށް ކަންތައް ކުރައްވާފައި އެއޮތީ މިހާރު ދުނިޔޭގައި ގިނައީ ކަލޭ ކަހަލަ ނުބައި ނުލަފާ މަކަރުވެރި ފިރިންކަން ބައްޕައަށް ވިސްނިލައްވާތީކަން މިވިސްނުނީ އަދިކިރިޔާއެވެ! ކުންފުނި އުފައްދަން ދެމީހުން އެއްބަސްވެ ރަޖިސްޓްރީކުރި ލިޔުން ރަނގަޅަށް ބަލައިލާށެވެ. ދަރަނި އަދާނުކުރާނަމަ ކޮންމެ ވަގުތަކުވެސް ކަލޭ ވަކިކުރެވިދާނެކަން ވަރަށް ރަނގަޅަށް އެނގޭނެއެވެ."  

ފިރިމީހާއަށް ލޯހުޅުވުނީ އެހިސާބުންނެވެ. ދެރަވެ މާފަށް އެދި ވަރަށް އާދޭސްކުރިއެވެ. ނަމަވެސް އަޅުގަނޑު ބުނީ ވަރަށް މަޝްހޫރު ހަރު ބަހެކެވެ. "އަނބިމީހާ އިޚްލާޞްތެރިކަމާއިއެކު ލޯބިން ފިރިމީހާ އާއިއެކު ދިރިއުޅެމުން ދަނިކޮށް ފިރިމީހާ ޚިޔާނާތްތެރިވެގެން މާފުކުރުމަކީ ދުވަހަކުވެސް ކޮށްނިމޭނެ ކަމެއް ނޫނެވެ."  

އެހިސާބުން 3 މީހުން އޮފީހުން ނެރެފައި ދެން އެންމެ އިސްކޮށް ހުރި މުވައްޒިފާއި މަސައްކަތް ޙަވާލުކުރީއެވެ. އަޅުގަނޑު ބުނާ ގޮތަކަށް އަޅުގަނޑުގެ ލަފާގެމަތިން މަސައްކަތް ކުރުމަށެވެ. އަޅުގަނޑަށް ދެވަނަ ފިރިއަކު ލިބެންދެން ހިންގީ އެގޮތަށެވެ. ދެވަނަ ކައިވެންޏަށްފަހު މިހާރު ހިންގަނީ ދެމަފިރިން ގުޅިގެންނެވެ. ދެމީހުން ކުރަންޖެހޭ ކަންކަން ކުރަނީ ގޭގައި ތިބެގެންނެވެ.  

މިއަދުނޫހުގެ ކިޔުންތެރިންނަށް މިވާހަކަ ޙިއްޞާ މިކުރީ މިއަދުގެ ބައެއް އަނހެންކުދިންގެ ސްމާޓްކަން ހާމަކޮށްލާށެވެ! އެ އަންހެންކުއްޖާ ކައިވެނި ނުކޮށް 3 "ފިރިން" އެއް އޮފީހެއްގެ ތެރޭގައި އެގެންގުޅެވީ އެއިން މީހަކަށް ދޮންކަޅުވެސް އަންގައި ނުލައެވެ. ސްމާޓް ވެވޭނީ މިހާވަރަށް ނޫން ހެއްޔެވެ؟  

- ނިޝާ / މިއަދުނޫހުގެ ކިޔުންތެރިއެއް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް