އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު
ފަލަސްޠީނުގެ މައްސަލައިގައި ފާއިތުވެދިޔަ 10 މަސް ދުވަހުގެ ތެރޭގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރައްވާކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ބައިނަލްއަޤުވާމީ އެކިއެކި މަޙްފިލްތަކާއި ބައްދަލުވުންތަކުގައި ރައީސް އަމިއްލަފުޅަށް އަދި ކެބިނެޓުގެ މެންބަރުން ފަލަސްޠީނުގެ ޙައްޤުގައި އަޑުއުފުއްލަވަމުން ގެންދަވާކަމަށެވެ. އަދި ދެކުނު އެފްރިކާއިން ހުށަހެޅުއްވި މައްސަލައަށް އެންމެ ފުރަތަމަ ތަދައްޚުލުވި ޤައުމަކަށް ރާއްޖެ ވެގެންދިއުމުންވެސް މިކަން ސާބިތުވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ފަލަސްޠީނުގެ ކަންތައްތަކަކީ ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އަސާސީ އެއްކަމެއް. ރައީސް ޑރ. މުޢިއްޒުގެ ޒަޢާމަތުގައި ފަލަސްޠީނުގެ ޙައްޤުގައި އަޑުހަރުކޮށް ވަކާލާތުކުރައްވަމުން ގެންދަވާކަމީ އިސްލާމީ ދާއިރާގައި އުޅުއްވާ ބޭފުޅުންނާއި ދިވެހި ރައްޔިތުންވެސް އުފާކުރައްވާކަމެއް،" ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން، ޣައްޒާގެ ރައްޔިތުންނަށް ޒަކާތު ފަންޑުން ހަދިޔާކުރުމަށް ނިންމާފައިވާ 100,000 ޑޮލަރު ފޮނުވުމުގެ މަސައްކަތް ކުރިއަށްދާގޮތްވެސް ވަޒީރު ހާމަކުރެއްވިއެވެ. އެގޮތުން، މިކަމަށްޓަކައި ޤަތަރުގެ ރެޑް ކްރެސެންޓާއެކު އެއްބަސްވުމަކާ ހަމައަށް އާދެވިފައިވާކަމަށާއި، އެ ފައިސާ ފޮނުވުމުގެ މަގު މިހާރު ފަހިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ވަރަށް ކައިރި މުސްތަޤުބަލެއްގައި އެ ފައިސާ ފޮނުވުމުގެ ކަންކަން ކުރިއަށްދާނެކަމަށްވެސް ވަޒީރު އިތުރަށް ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ވަޒީރު ދެއްކެވި ވާހަކަފުޅުން، ފަލަސްޠީނުގެ މައްސަލައިގައި ރާއްޖެއިން ދެމުންގެންދާ އެހީތެރިކަމާއި، ބައިނަލްއަޤުވާމީ މައިދާނުގައި ކުރަމުންދާ މަސައްކަތްތަކުގެ މުހިންމުކަން ފާހަގަކުރެވިގެންދިޔައެވެ.
Advertisement
18 ސެޕްޓެމްބަރ 2024