އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 4 ސިކުންތު
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް 60 އިމާމުންނަށް ރާއްޖެއިން ބޭރުން ތަމްރީންވުމުގެ ފުރުސަތު ހޯދައިދެވިފައިވާ ކަމަށެވެ. އޭގެ ތެރެއިން 40 އިމާމުން ސަޢުދީ އަރަބިއްޔާއިން އަދި 20 އިމާމުން ބުރޫނާޢީއިން އިތުރު ތަމްރީން ހޯދާފައިވާކަމަށް ވަޒީރު ހާމަކުރެއްވިއެވެ.
ޑރ. ޝަހީމް އިތުރަށް ވިދާޅުވީ، އިމާމުންނަށް ރަނގަޅު ތަމްރީން ދިނުމަކީ މި ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. އެގޮތުން މިހާތަނަށް 402 އިމާމުން ތާޒާކުރުމުގެ ޕްރޮގުރާމު ފުރިހަމަކޮށްފައިވާކަމަށާއި، މިއަހަރުގެ ނިޔަލަށް ރާއްޖޭގައި ތިބި ހުރިހާ އިމާމުން ތާޒާކުރުމުގެ މަސައްކަތް ނިންމަވާލެއްވޭނެކަމަށް ވަޒީރު އުންމީދު ފާޅުކުރެއްވިއެވެ.
މި މަސައްކަތްތަކަކީ އިމާމުންގެ ޢިލްމީ ފެންވަރު މަތިކޮށް، އިސްލާމްދީނުގެ ޙަޤީޤީ މަޢުލޫމާތު މުޖުތަމަޢުއަށް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއްކަން ފާހަގަކުރެވެއެވެ. މިކަމުގެ ސަބަބުން ރާއްޖޭގެ މިސްކިތްތަކުގައި ޚިދުމަތް ދެއްވާ އިމާމުންގެ ފެންވަރު މަތިވެ، މުޖުތަމަޢުއަށް ފައިދާކުރަނިވި ގޮތެއްގައި އިސްލާމްދީނުގެ ތަޢުލީމު ފެތުރުމަށް މަގުފަހިވެގެންދާނެކަމަށް ބެލެވެއެވެ.
Advertisement
18 ސެޕްޓެމްބަރ 2024