އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަގުތަކުގެ އަމާންކަން ބެލެހެއްޓުމާއި ކަށަވަރު ކުރުމަކީ ރައީސް ޑރ.މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް: ތަރުޖަމާނު

މަގުތަކުގެ އަމާންކަން ބެލެހެއްޓުމާއި ކަށަވަރު ކުރުމަކީ ރައީސް ޑރ.މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް: ތަރުޖަމާނު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 30 ސިކުންތު

މާލެ ހިމެނޭހެން ދިވެހިރާއްޖޭގެ މަގުތަކުގެ އަމާންކަން ބެލެހެއްޓުމާއި މަގުތަކުގެ އަމާންކަން ކަށަވަރު ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.

ހީނާ ވަލީދު މިހެން ވިދާޅުވީ މިއަދު މެންދުރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ. ހީނާ ވަލީދުގެ އިތުރުން މި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދުވެސް ބައިވެރިވެވަޑައިގެން މަޢުލޫމާތު ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް ދެއްވާ ޚާއްޞަ އިސްކަން ހާމަކުރައްވަމުން ހީނާ ވަނީ ރައީސުލްޖުމްހޫރިއްޔާ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައިވެސް އެކަން ވަރަށް ބޮޑަށް ފާހަގަކުރައްވާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން މަގުތަކުގެ އަމާންކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމު ކަމެއްކަން އަދި ސަމާލުކަން ދެއްވާ ކަމެއްކަން ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި ވަރަށް ބޮޑަށް ފާހަގަކޮށްދެއްވައި، އެކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވާކަމުގައި ހީނާ ވިދާޅުވިއެވެ. އަދި މިފަދަ ކަންތައްތަކާއި ގުޅިގެން، ކަމާބެހޭ އިދާރާތަކަށް 8 ކަމެއް ތަންފީޒުކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މިހާރު އަންގަވާފައިވާ ކަމުގައި ހީނާ ވިދާޅުވިއެވެ. އެއާއެކު ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާ އެއްގޮތަށް މުއައްސަސާތަކުން މިހާރު މަސައްކަތްތައް ފައްޓަވައިގެން ކުރިއަށްގެންދަވާ ކަމަށާއި އެގޮތުން މަގުމަތީގައި ހަރަކާތްތެރިވާ ފުލުހުންގެ ޢަދަދު އިތުރުކުރެވި، މޮނިޓަރިންގެ މަސައްކަތްތައް ފުޅާކުރެވި، މާލޭގެ އިތުރުން ރަށްރަށުގައިވެސް މިކަންކަމަށް ސަމާލުކަންދެވިގެން މަސައްކަތްތައް ހިނގަމުންދާކަމުގައި ހީނާ ވިދާޅުވިއެވެ. އަދި މަގުމަތީގެ އަމާންކަމާއި ރައްކާތެރިކަމަށް މިހާރުވެސް ޤާނޫނުތަކާއި ޤަވާއިދުތައް ހެދިފައި އެބަހުރި ކަމަށާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް ހުރިހާ އެންމެންވެސް އަހުލުވެރިވެ، ސަމާލުކަންދެއްވައިގެން ފަރުދީ ޒިންމާ އަދާކުރުމަށް ހީނާ އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ އެމިނިސްޓްރީން މިހާތަނަށް ކުރިޔަށް ގެންގޮސްފައިވާ މަސައްކަތްތަކާއި އަދި މިހާރު ކުރިޔަށްދާ މަސައްކަތްތަކަށް ތަފްސީލީގޮތެއްގައި އަލިއަޅުވާލައްވާފައެވެ. އެގޮތުން ސަރުކާރުގެ މެނިފެސްޓޯގައި ހިމެނިގެން އެ މިނިސްޓްރީން ކުރަމުން އަންނަ މުހިންމު ބައެއް މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން މިނިސްޓަރ ވަނީ ދިވެހިރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކޮށް، ދީނީ ވަޙްދަތު ދެމެހެއްޓުމަށްޓަކައި މުހިންމު ކަމެއް ކަމުގައި ދެކިވަޑައިގެން އިމާމުންނާއި ޚަޠީބުން ތާޒާކުރުމާއި ތަމްރީނު ކުރުމާއި، މަހާސިއްތާތައް ބޭއްވުމާއި، ޚުތުބާ ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމާއި، އިސްލާމީ ވަޤްފް ލައިބްރަރީތައް ޤާއިމުކުރުމާއި، އިސްލާމިކް ސެންޓަރުތައް ޤާއިމުކުރުމާއި، މިސްކިތްތައް ބިނާކޮށް ބެލެހެއްޓުމާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ތަރައްޤީކުރުމާއި، ވަޤްފް މަޝްރޫޢުތަކުގެ އިތުރު މަސައްކަތްތަކުގެ މަޢުލޫމާތު ދެއްވާފައެވެ. މީގެއިތުރުން އިސްލާމީ ޢިލްމުގެ ފޮތްތައް ތަރުޖަމާ ކުރުމާއި، ދިވެހިރާއްޖޭގެ ޒަކާތު ހައުސް ޤާއިމުކުރެވި އެތަނުން އިންތިޒާމުކުރެވިގެން ޒަކާތުގެ މަޢުލޫމާތު އުނގަންނައިދިނުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުންފަދަ ކަންކަމުގެ ކާމިޔާބީ ފާހަގަކުރައްވާ އެކަންކަމުގެ މަޢުލޫމާތު ވެސް މިނިސްޓަރ ޑޮކްޓަރ މުޙައްމަދު ޝަހީމް ޙިއްޞާކުރެއްވިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އިސް ތަރުޖަމާނާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް، ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވާފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މިއަދު