އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު
ރާއްޖެއަށް ވޭޕް އެތެރެކޮށް، ބޭނުންކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މަރުޙަބާ ކިޔައިފިއެވެ. މި ނިންމެވުމަކީ ސިއްޙަތު ރަނގަޅު، ދުޅަހެޔޮ ދަރިވަރުންތަކެއް ބިނާކުރުމަށްޓަކައި ރައީސް ނިންމެވި މުހިންމު ނިންމެވުމެއް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
އިއްޔެ އެޑިޔުކޭޝަން މިނިސްޓްރީން ކުރި ޕޯސްޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، ވޭޕް މަނާކުރުމަށް 215 ސްކޫލެއްގެ ޕީޓީއޭއިން މިނިސްޓްރީގައި ވަނީ އެދިފައެވެ. މީގެ އިތުރުން، ވޭޕްކުރުމުގެ ނުރަނގަޅު އާދައަށް ހޭލުންތެރި ކުރުވުމަށްޓަކައި ސެޕްޓެންބަރު މަހުން ފެށިގެން މިނިސްޓްރީއިން ދިޔައީ ސްކޫލުތަކުގެ އިސްވެރިންނާއި ޕީޓީއޭގެ މެންބަރުންނާއެކު ސިލްސިލާ ބައްދަލުވުންތަކެއް ބާއްވަމުންނެވެ.
ރައީސްގެ މި ނިންމެވުމަށް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންނާއި، ދަރިވަރުންގެ ބެލެނިވެރިންގެ ނަމުގައި ޝުކުރާއެކު މަރުޙަބާ ދަންނަވާ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން 2019 ވަނަ އަހަރު ހެދި ސާވޭގައި ދައްކާ ގޮތުން، ރާއްޖޭގެ 13 އަހަރާއި 15 އަހަރުގެ އުމުރުފުރާގެ ކުދިންގެ ތެރެއިން 17.1 ޕަސެންޓު ކުދިން އީ-ސިނގިރޭޓް ނުވަތަ ވޭޕް ބޭނުންކުރެއެވެ. އަދި 2019 ވަނަ އަހަރުގެ ގްލޯބަލް ޔޫތު ޓޮބޭކޯ ސާވޭއިން ދައްކާ ގޮތުން ސްކޫލް އުމުރުފުރައިގެ ކުދިންގެ މެދުގައި އީ-ސިނގިރޭޓް ބޭނުންކުރަމުންދާ މިންވަރު އަންނަނީ ހަލުއިކަމާއެކު އިތުރުވަމުންނެވެ.
މި ތަފާސްހިސާބުތަކުން ވެސް ވޭޕް މަނާކުރުމުގެ މުހިންމުކަން ހާމަވެގެންދާއިރު، ރައީސްގެ މި ނިންމެވުމަކީ ދަރިވަރުންގެ ސިއްޙަތާއި ދުޅަހެޔޮކަން ރައްކާތެރިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ދެކޭކަން އެނގެއެވެ.
Advertisement
15 އޮކްޓޯބަރ 2024